އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
29 ޖަނަވަރީ 2025
އެމެރިކާގެ ކެލިފޯނިއާ އިސްޓޭޓުގެ ލޮސް އެންޖެލަސްގެ އެކި ސަރަހައްދުގައި، މި މަހު ހަތްވަނަ ދުވަހުން ފެށިގެން ރޯވެ އަނދަމުން ދިޔަ އަލިފާނުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ އަދި ޚާއްޞަކޮށް ބޮޑެތި މަހުޖަނުންގެ ގެދޮރު އަނދައި ހުލިވެއްޖެއެވެ. އެތައް ފުރާނައެއް ވެސް ވަނީ ގެއްލިފައެވެ. އެތައް ހާސް އޭކަރެއްގެ ބިމުގައި ހުރި ހުރިހައި އެއްޗެއް ވަނީ އަނދައި ހުލިވެފައެވެ. ނަމަވެސް އަދިވެސް އަލިފާންގަނޑު އެކީއެކަށް ނިއްވައިލެވުނުކަމަކަށް ޚަބަރެއް ނުލިބެއެވެ. މިއީ މުޅި ކެލިފޯނިއާގެ ތާރީޚުގައި ވެސް ކުރިމަތިވި އަލިފާނުގެ އެންމެ ނުރައްކާތެރި ކާރިސާއެވެ.
އެއީ، ބޮޑާކަމާ އެކު، ގަދަ ބަސްބުނަމުން ގެންދާ އެމެރިކާއަށް މާތް ﷲ ފޮނުއްވި ކޯފާއެއްކަމަށް ޚުދު އެމެރިކާގެ ބައެއް ރައްޔިތުން ވެސް ބުނަމުން ގެންދިޔައެވެ. އަލިފާން ރޯވިތާ ތިން ހަފުތާ ވެފައިވާ އިރު، މިހާރު އަލިފާނުގެ ޙާލަތު އޮތް ގޮތުގެ އަދާހަމައެއް "ފަރަގު"ގެ ކިޔުންތެރީން ބޭނުންފުޅު ވެދާނެކަމަށް ފެންނާތީ އެ މަޢުލޫމާތު ޙިއްޞާކޮށްލާނަމެވެ.
ޕެލިސޭޑްސް އަލިފާން
މި އަލިފާންގަނޑުގެ %95 ހޯމަ ދުވަހު އިރުއޮއްސުމާ ހަމައަށް ކޮންޓްރޯލުކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ. މި ހިސާބުގަނޑުން 23400 އޭކަރުގެ ބޮޑު ސަރަހައްދެއް އަނދައި ހުލިވެފައިވެއެވެ. އެ ސަރަހައްދުގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި 6838 ބިނާއެއް އެކީއެކަށް ފަނާވެ، 1017 ބިނާއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
ޕެލިސޭޑްސް އަލިފާނުގައި 12 މީހަކު މަރުވެފައިވާކަމަށް ވެސް މަރުޖާތަކުން ޚަބަރު ލިބެއެވެ.
ރަށް ދޫކޮށް ދާން މީހުންނަށް ދިން އިރުޝާދު މިހާރު ވަނީ ބާޠިލުކޮށްފައެވެ. އެކަމަކު ގިނަ ސަރަހައްދުތަކަށް އަދި ވަދެވެނީ ހަމައެކަނި އެ ސަރަހައްދުގެ ރަށްވެހީންނަށެވެ. އެ ތަނަށް ވަނުމުގެ ހުއްދަ ތަނުގެ ރައްޔިތުން، ހެނދުނު 10:00އާއި ހަވީރު 5:00އާ ދޭތެރޭ ހޯދާން ޖެހެއެވެ. މި ކަމުގެ ހުއްދަ ހޯދާން ވަކި އިދާރާއެއް ގާއިމުކޮށް އިއުލާނުކޮށްފައިވެއެވެ.
ހިޔޫޒް އަލިފާން
މި އަލިފާނުގެ %98 ކޮންޓުރޯލުކުރެވިއްޖެކަމަށް ހޯމަދުވަހު ހަވީރު ޚަބަރު ލިބުނެވެ.
ކެސްތަޓީކް ލޭކުގެ ވަށައިގެން ވަށައިގެން އެ ސަރަހައްދުގައި ދިރިއުޅުނު މީހުން ތަން ދޫކޮށްދާން ނެރުނު އަމުރު ވަނީ ލުއިކޮށްފައެވެ. މި ސަރަހައްދުން އަނދައިފައިވާ ސަރަހައްދާއި މަރުވެފައިވާ މީހުންގެ ފުރިހަމަ ތަފުސީލެއް "ފަރަގު މީޑީއާ"އަށް ލިބިފައެއް ނެތެވެ. މިއީ ތަންކޮޅެއް ފަހުން އަލިފާން ރޯވި ސަރަހައްދެކެވެ.
އީޓަން އަލިފާން
މި އަލިފާނުގެ %99 ކޮންޓުރޯލުކުރެވިއްޖެކަމަށް ބުނެއެވެ. މި އަލިފާނުގެ ސަބަބުން 14000 އޭކަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދައި ހުލިވެފައިވެއެވެ.
ރަސްމީ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި 9418 ބިނާއެއް މުޅިން ވަނީ އެކީއެކަށް ހަލާކުވެފައެވެ. އަދި 1073 ބިނާއަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
މި ސަރަހައްދުގައި އެނދި އަލިފާނުގެ ސަބަބުން 17 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މީހުން ތަން ދޫކޮށް ދާން ކުރި އަމުރު މިހާރުވަނީ އުވައިލައިފައެވެ.
___________________________________________
ބައެއް ލަފުޒުގެ މާނަ:
ކާރިސާ ނ. ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ.
އަދާހަމަ ނ. (1) އެއްޗަކާ ނުވަތަ ކަމަކާބެހޭ އެންމެފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު.
އޭކަރު ނ. ބިމުގެ ބޮޑުމިން ބަލާން ބޭނުންކުރާ މިނެއް. އޭކަރެއްގެ ބޮޑުމިނަކީ ސާޅީސް ތިން ހާސް ފަސް ސަތޭކަ ފަސްދޮޅަސް އަކަފޫޓެވެ.
މަރުޖާ ނ. ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު.