އިސްމާޢީލު މުބާރަކު
28 ޖަނަވަރީ 2025
އެއީ އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެން، އިސްލާމް ދީނަށް އެންމެ ފުރަތަމަ ބައިއަތުހިއްޕެވި އެންމެ ފުރަތަމަ އެހީތެރިޔާއެވެ. އަދި މާތް ރަސޫލާ ﷺގެ ޙަޔާތްޕުޅުގެ އެންމެ ފުރަތަމަ ބައިވެރިޔާއެވެ. އެންމެ ފުރަތަމަ ސަޙާބީ ކަމަނާއެވެ. މާތް ރަސޫލާ ﷺ އެ ބޭފުޅެއްގެ ދަށުގައި ވަޒީފާ އަދާކުރެއްވި، އެކަލޭގެފާނުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ "ބޮސް"އެވެ. މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީނަ ޚަދީޖާ ބިންތި ޚުވައިލިދެވެ.
މާތް ﷲ ރުއްސުންލެއްވި، އުއްމުލްމުއުމިނީނަ ޚަދީޖަތުގެފާނަކީ އިސްލާމީ ތާރީޚުގައި އެކަމަނާގެ ނަންފުޅު ރަން އަކުރުން ލިޔެ ފަވައިލާން ޖެހޭ ކަމަނާއެކެވެ. އެކަމަނާގެ އަމުރުފުޅުގެ ދަށުގައި މާތް ރަސޫލާ މަސައްކަތްޕުޅުކުރެއްވިއެވެ. އެ ކަމަނާ ޙަވާލުކުރެއްވި ވަޒީފާއެއްގައި އެ ކަމަނާގެ ވިޔަފާރީގައެވެ. އެއީ މާތް ރަސޫލާ ﷺގެ ރިވެތި ނަމޫނާފުޅުގެ ތެރެއިން ނަމޫނާއެކެވެ.
އެއީ އިސްލާމީ ތާރީޚުގެ މުހިންމު ޞަފުޙާއެކެވެ. އިސްލާމީ ތާރީޚުގެ މި ފަދަ މުހިންމު ސަފުހާއެއް، ދީނީ އަދި ތާރީޚީ އިލްމުވެރީން ފަސްއަޅައި ފޮރުވައިފައި ބާއްވާތީ އެ ކަމާ އަޅުގަނޑު ހިތް ނުތަނަވަސްވެގެން ހިރަފުސް ފޮޅައިލައިފައި ތިޔަ ބޭފުޅުންނާ ހިސާބަށް ގެނެސްދެވޭތޯ ބަލާނަމެވެ.
އާދޭހެވެ! މުސްލިމުންނާ ދެކޮޅަށް އެންމެ ފުރަތަމަ އެޅުނު "ސޭންކްޝަން"އަކީ (އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅަކީ) ކޮބައިތޯއެވެ؟ އެއީ އަބޫ ތާލިބުގެފާނުގެ ޝިޢުބޭ ކިޔާ ތަނެއްގައި މާތް ރަސޫލާ ﷺ އެ ވަންހައަކަށް ނިސްބަތްވެ ވަޑައިގަންނަވާ ހާޝިމް ވަންހައިގެ މީހުންނާއި އޭރު އިސްލާމްވެ ތިބި މަދު މުސްލިމުންކޮޅު ބަންދުކޮށް މައްކާގެ މުޝްރިކުން ވިޔަފާރީގެ ހުރިހައި މުޢާމަލާތެއް ކަނޑައިލި ޙާދިސާއެވެ. އެ ތަނުން ބޭރަކަށް ވެސް އެތެރެއަކަށް ވެސް ނުދެވޭގޮތް ހެދިއެވެ. އުއްމުލްމުއުމިނީނަ ޚަދީޖަތުގެފާނުގެ ވާހަކަ އަބޫތާލިބުގެ ޝިޢުބު ނުއެނގި ނޭނގޭހުއްޓެވެ.
މި ތަނުގައި ބަންދުވެފައި ބަރާބަރު ތިން އަހަރު ތިބޭން ޖެހުނެވެ. އަބޫ ތާލިބުގެ ޝިޢުބަކީ މައްކާގެ އަބޫ ޤުބައިސް ފަރުބަދައާއި ޚަންދަމާއޭ ކިޔުނު ފަރުބަދަޔާ ދެމެދު އޮންނަ ވާދީއަކަށް ކިޔާ ނަމެކެވެ.
އެ ވާދީގެ މިލްކުވެރިއަކީ ޢަބްދުލްމުއްތަލިބްގެފާނެވެ. މާތް ރަސޫލާ ﷺއާއި ޚަދީޖަތުގެފާނު ކައިވެނިފުޅުބައްލަވައިގެން އާއިލާ ދިރިއުޅުއްވި ގެކޮޅު ވެސް ހުންނަނީ މި ތަނުގައެވެ. މާތް ރަސޫލާގެ މަންމާފުޅު އާމިނަތުގެފާނު އެކަލޭގެފާނާއިގެން ރައްކައުވެވަޑައިގަތީ ވެސް މި ވާދީގައެވެ. ރަސޫލާ ﷺގެ ދަރިކަނބަލުން ފާތިމަތުގެފާނު ރައްކައުވެ ވަޑައިގަތީ ވެސް މިވާދީގައެވެ. މިހާރު މި ވާދީ އޮތް ތަން ވަނީ މަސްޖިދުލްޙަރާމް ބޮޑުކުރި އިރު، މިސްކިތުގެ ތެރެއަށް ވަދެފައެވެ .
"އަބޫ ލަހަބު" ފިޔަވައި ރަސޫލާ ﷺގެ ޚާންދާނުގެ އެންމެންގެ މައްޗަށް މި ދަތިކުރުމުގެ ފިޔަވަޅު އެޅީ ކޮންބައެއްތޯއެވެ؟ ޤުރައިޝުވަންހައިގެ ޤަބީލާތަކުންނެވެ. ރަސޫލާ ސުވަރުގެ ވަޑައިގަތް ފަހުން ވެސް ވެރިކަން އޮންނާން ޖެހޭނީ ޤުރައިޝްވަންހަޔަށްކަމަށް އެ ޤަބީލާއަށް ނިސްބަތްވީ މީސްތަކުން ދައުވާކުރިއެވެ. މި ތަނުގައި އެއް ކަމެއް ހަނދުމަފުޅުގައި ބަހައްޓަވާށެވެ! ޙައްޖަތުލްވަދާޢުގެ ޚުތުބާގައި، ހުރިހައި ވަންހަތަކެއްގެ ޚާއްޞިއްޔަތު ވަނީ އެކަލޭގެފާނުގެ ފައިންޕުޅު ދަށުގައި ނެތިކޮށްލައްވައިފައިކަމަށާއި ﷲގެ ޙަޟުރަތުގައި އެންމެ މާތް މީހަކީ އެންމެ تقويވެރި މީހާކަމަށް ރަސޫލާ ﷺ ޙަދީޘްނުކުރައްވައިތޯއެވެ؟ ވީ އިރު އެ ދަޢުވާއާ މެދު، ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯއެވެ؟
ކޮންމެއަކަސް "އެ ބްލޮކޭޑް" (ބަންދުކުރުން)ގެ ސަބަބުން، ނުވަތަ މުސްލިމުންނާއި ހާޝިމް ވަންހައިގެ އެންމެން އެ ތަނުގެ ތެރޭގައި އެ ކުރި ބަންދުގެ ސަބަބުން، ޚަދީޖަތުގެފާނުގެ އަތްޕުޅުގައި ހުރި، ހުރިހައި މުދަލެއްހެން ހުސްވިއެވެ. އެ ބަންދުގެ ސަބަބުން ސިއްރިއްޔާތުގައި އަގުބޮޑުކޮށް ކާއެއްޗިއްސާއި ބޯފެން ހޯދާން ޖެހުނެވެ. ދިރި ތިބެވޭނީ ކައިގެން ބޮއިގެންތާއެވެ. ޣައްޒާއަށް އިންޓަރނޭޝަނަލް ރެޑް ކްރޮސްއިން ކާއެއްޗިހި އެތެރޭ ކުރާހެން އެތެރެކުރާކަށް އެ ޒަމާނަކު ރެޑް ކްރޮހެއް ނެތެވެ. އެ ތަނުގައި ބަންދުވެފައި ތިބި މީހުންނަށް އެ ނޫން ގޮތެއް ނެތެވެ. ފެން ހަމަކަށް އެތައް ދިރުހަމެއްގެ ރަން ދީފައި ޚަދީޖަތުގެފާނު ބައްލަވައިގަތެވެ.
އެ ކަމަނާއަކީ އޭރު މައްކާގައި ހުންނެވި އެންމެ މުއްސަނދި ވިޔަފާރިވެރިޔާއެވެ. ޤާފިލާއާއި ސަވާރީއާއި މުދާ، އިންތިހާ ދަރަޖަޔަށް އެ ކަމަނާގެ އަތްޕުޅުގައި ހުއްޓެވެ. އިސްލާމްދީނާއި މުސްލިމުންނަށް ޓަކައި، ފިރިކަލުންގެ ޙައްޤުގައި، އެ ކަމަނާ އެ ހުރިހާއެއްޗެއް ޤުރުބާންކުރެއްވިއެވެ.
ވަޙީ ބާވައިނުލައްވާ އިރު ވެސް މާތް ރަސޫލާ ﷺ ޙިރާ ފަރުބަދަޔަށް ވަޑައިގެން އެ ތާނގެ ހޮހޮޅައެއްގައި ގިނިކަންޏާ ﷲ އަށް އަޅުކަންކުރެއްވުމުގައި އިންނަވައެވެ. އެ ތަނަށް ވަޑައިގަންނަވަނީ ފަރިއްކުޅުއްވާނެ ކާއެއްޗިއްސާއި ބޯފެން ހިއްޕަވައިގެންނެވެ.
މި ގޮތަށް ވަޑައިގެން އިންނަވަނިކޮށް ބިޔަ މަލާއިކަތަކު ވަޑައިގެން އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕަވައިފައި އެ މަލާއިމަތާގެ އަރިހަށް ދަންމަވައި ފިއްތަވައިލައްވައިފައި "اقرأ" (ކިޔަވައިވިދާޅުވާށޭ!) ދެންނެވިއެވެ. މި ހާދިސާ ތިޔަ ހުރިހައި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެތީ ދިގުކުރާން އެ ވާހަކަ ތަކުރާރުކުރާކަށް ނެތީމެވެ.
މި ހާދިސާގައި އަޅުގަނޑު ފާހަގަކުރާން މި އުޅޭ ނުކުތާއަކީ މި ކަމުގައި ވެސް އުއްމުލްމުއުމިނީނަ ޚަދީޖަތުގެފާނުގެ ދައުރެވެ. މާތް ރަސޫލާ ﷺ، އެ ހާދިސާއަށް ފަހު އެނބުރި ގެކޮޅަށް ވަޑައިގެން ބިރު ފުޅުން އުޅުއްވާން ފެއްޓެވިކަމަށް ތާރީޚުއްތަބާރީއާއި ތަބަޤާތުލްކުބްރާއާއި ސަޙީޙު ބުޚާރީގައި ވެސް ރިވާވެގެން ވެއެވެ. އެ ރިވާތަކުގައި އޮތް ގޮތުން އޭރު އަދި މާތް ރަސޫލާ ﷺއަކަށް އެއީ ޖިބްރީލުގެފާނުކަމެއް އެނގިވަޑައެއްނުގަންނަވައެވެ. އެ ހިނދު އުއްމުލްމުއުމިނީނަ ޚަދީޖަތުގެފާނު، ކަންކުރެއްވި ގޮތް ނިކަން ބައްލަވާށެވެ! ނުހަނު ލޯބިފުޅުން މާތް ރަސޫލާއަށް ހިތްވަރުފުޅުދެއްވިއެވެ. އެއްވެސް ނުބައިކަމެއް އަދި ގެއްލުމެއް ވެސް ރަސޫލާއަށް ލިބިވަޑައިނުގަންނަވާނެކަމަށް ޔަޤީންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ މީސްތަކުންނަށް ހެޔޮފުޅު، ރަނގަޅުފުޅު، ޢަދުލުވެރި އަމާނާތްތެރި ޞާލިޙު ބޭކަލެއްކަން ހަނދުމަފުޅުކޮށްއެރުވިއެވެ. އެހެންކަމުން އެ ފަދަ މާތް ބޭކަލަކަށް މާތްރަސްކަލާނގެ ދެރަ ގޮތެއް މެދުވެރިނުކުރައްވާނޭކަމަށް ވިދާޅުވެ ހިތްވަރުފުޅުދެއްވިއެވެ.
ދެން އެ ކަމަނާ ވަޑައިގަތީ އެ ކަމަނާގެ ދެބޭންގެ ދެދަރި ބޭކަލެއްކަމަށްވާ ނަޞަރާ ދީނުގެ ރާހިބެއްގެ ގާތަށެވެ. ވަރަޤަތު ބުނު ނައުފަލް، އެ ވާހަކަތައް އައްސަވައިފައި، "ޚަދީޖަތުގެފާނު ތިޔަ ވިދާޅުވަނީ ތެދުފުޅެއްކަމުގައި ވަނީ ނަމަ، އެއީ އެހެނިހެން ރަސޫލުބޭކަލުންގެ އަރިހަށް ވެސް ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ ޖިބްރީލުލްއަމީން"ކަމަށް ބަޔާންކުރެއްވިއެވެ.
އެ ކަމަނާއާއި މާތް ރަސޫލާ ﷺ ކައިވެނިފުޅުބައްލަވައިގަތް އިރު، އެ ކަމަނާ ވަނީ އެހެން މީހަކާ ކައިވެނިފުޅުބައްލަވައިގެން، ދެ ބޭފުޅުން އެ ކަމަނާއަށް ލިބިވަޑައިގެންފައެވެ. އެހެންނަމަވެސް ރަސޫލާ ﷺ އެ ކަމަނާއާ ކައިވެނިފުޅުބައްލަވައިގަތީ ހަމަ އަލަށެވެ. ވީ އިރު، މާތް ރަސޫލާގެ މި ނަމޫނާ ސިފަފުޅު ބަޔަކު ފޮރުވައިފައި ނުވަ އަހަރުގެ ކުއްޖަކާ ކައިވެނިފުޅުބައްލަވައިގަތީއްޔޭ ކިޔައިގެން އެ ވާހަކަ މާ އޮފުކުރާން މި އުޅެނީ ކީއްވެކަމެއް އަޅުގަނޑަކަށް ވިސްނައިވިސްނައި ވެސް ނޭނގުނެވެ.
ޚަދީޖަތުގެފާނު އަވަހާރަވަންދެން މާތް ރަސޫލާ ﷺ ކައިވެނިފުޅުބައްލަވައިގެން އުޅުއްވީ ހަމައެކަނި އެ ކަމަނާއާއެވެ. އެހެން އަނބިކަނބަލަކު ޚިޔާރެއްނުކުރައްވައެވެ. އެ ކަމަނާ އަވަހާރަވި ފަހުން ވެސް އެތައް ދުވަހެއް ވަންދެން އެ ކަމަނާގެ ހަނދުމަފުޅުގައި އެ ކަލޭގެފާނު އުޅުއްވިކަމަށް ވެއެވެ. އެ ކަމާ ޢާއިޝަތުގެފާނު ހިތްޕުޅާނުވެގެން ސުވާލުކުރެއްވިކަމަށް ވެސް ސަޙީޙު ބުޚާރީގައި ރިވާވެގެން ވެއެވެ. މާތް ރަސޫލާ ﷺ އެ ކަމަނާއަށް ޙަދީޘްކުރެއްވިކަމަށްވެއެވެ. "ތިމަން ކަލޭގެފާނާ އެކު، ވާނެ އެއްވެސް މީހަކު ނެތް ހިނދު، އެ ކަމަނާ ތިމަންކަލޭގެފާނާ އެކުގައި ވެވަޑައިގަތެވެ. އަދި އެންމެން ތިމަންކަލޭގެފާނަށް އިންކާރުކުރި އިރު، އެ ކަމަނާ ތިމަންކަލޭގެފާނު ޤަބޫލުކުރެއްވިއެވެ. މީހުން އެ މީހުންގެ މުދާ ނުދީ ހިފެހެއްޓި އިރު، އެ ކަމަނާގެ މުދާ ތިމަންކަލޭގެފާނަށް ޓަކައި ޤުރްބާންކުރެއްވިއެވެ. ތިމަންކަލޭގެފާނު ގިނކަންޏާ ވެވަޑައިގަންނަވާ ވަގުތުތަކުގައި އެ ކަމަނާ ބައިވެރިއަކުކަމުގައި ވެވަޑައިގަތެވެ. ހިތްވަރުފުޅުދެރަވި ވަގުތު ތިމަންކަލޭގެފާނަށް ހިތްވަރުފުޅުދެއްވިއެވެ. އެ ކަމަނާއަށް ވުރެ، ހެޔޮ އެހެން އެއްވެސް އިންސާނެއް މާތް ﷲ ތިމަންކަލޭގެފާނަކަށް ނުދެއްވައެވެ."
އަދިވެސް ސަޙީޙު ބުޚާރީގެ އެހެން ޙަދީޘެއެއްގައި ވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ވެއެވެ. މަރްޔަމްގެފާނާއި އާސިޔަތުގެފާނާއި ފާތިމަތުގެފާނާއި ޚަދީޖަތުގެފާނު އެއީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިވަޑާއިގަންނަވާނޭ ހަތަރު އަންހެން ސާހިބުންނެވެ .
ކަން ހުރި މަގީ މިއީއެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއްނުވެ، ސިޔާސަތު ބަދަލުވެއްޖެއެވެ. ވެރިކަމަށް އައީ އެހެން ބަޔެކެވެ. އަނެއްކާ ޤުރައިޝުން، އަބޫ ތާލިބުގެ ޝިޢުބުގައި ފުރަތަމަ ފަހަރު، ބަނޫ ހާޝިމާއި އެ މީހުންނާ އެކު، ވީ މުސްލިމުން ބަންދުކުރި ފަދައިން ދެވަނަ ފަހަރަށް އަނެއްކާ އެ މީހުން ބޯއިކޮޓްކޮށްފިއެވެ. މި ބޯއިކޮޓްގައި މި ފަހަރު ހިމެނުނީ ޚަދީޖަތުގެފާނުގެ ދަރިކަނބަލުންނާއި ދަރިކަނބަލުންގެ ފިރިކަލުން علي ابن ابو طالب رضي الله عنهއާއި އެ ދެމަފިރިކަނބަލުންގެ ދެދަރިކަލުންކަމުގައިވާ ޙުސައިންގެފާނާއި ޙަސަންގެފާނާއި، ބަނޫ ހާޝިމް ވަންހައަށް ތާއީދުކުރާ އެންމެންނެވެ.
މި ފިތުނައިގެ ސަބަބުން، ޚަދީޖަތުގެފާނުގެ ނަންފުޅު ވަނީ މާ ކުރީ ޒަމާނެއްގައި، ހުޅުލެޔާއި މާލެޔާ ދެމެދަށް ފެތުނު އެމްވީ މޯލްޑިވް ސްޓާރޭކިޔާ ބޯޓެއްގެ ނަން ފަނޑުވެ ދިޔަހެން ފަނޑުވެ ގޮސްފައެވެ. މާތް ރަސޫލާގެ ޢުމުރުފުޅުން 50 އަހަރުފުޅު ވަންދެން ކައިވެނިފުޅުބައްލަވައިގެން އުޅުއްވި އެ މާތް ކަމަނާގެ އެއްވެސް ޙަދީޘެއް، ރިވާއެއް، ނަމޫނާއެއް ނެތެވެ. އިސްލާމް ދީނަށް ޓަކައި ވެދެއްވި އެއްވެސް ޤުރްބާނީއެއް ފާހަގަކުރުމެއް ނެތެވެ. އެ ކަމަނާގެ ޢާއިލާއަށް އެއްވެސް ލޯތްބެއް ނެތެވެ. އޭގެ ފަހުން ދީނުގެ ތޮށިގަނޑު ތެރެއަށް ވަނީ ބަނޫ އުމައްޔަތު ވަންހައާއި އެ މީހުންނަށް ތާއީދުކުރާ ބަޔެކެވެ. ކަކުނީގެ ތޮށިގަނޑު ތެރެއަށް ބަރަވެލި ވަންނަ ހެންނެވެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށް މާތް ﷲ ހެޔޮ ވިސްނުން ދެއްވުމެވެ. وبالله التوفيق