ad_banner
ޣައްޒާގެ ބިން ފޭރިގަނެ އިސްރާއީލަށް މިލްކުކޮށްދޭން ޓުރަންޕުގެ މަކަރުވެރި މަސައްކަތް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

27 ޖަނަވަރީ 2025

ޙަމާސްގެ ހިތްވަރުގަދަ މުޖާހިދުން:ޣައްޒާގެ ރައްޔިތުން ތިބީ ޙަމާސާއެކުގައެވެ.

އެމެރިކާގެ މުސްލިމުންގެ ބޮލަށް ވަދެގެން މަކަރުވެރިކަމާ އެކު، އެ މީހުންގެ ވޯޓު ހޯދައިގެން ވެރިކަމަށް އައި ޓުރަންޕަށް، ހަމަ ވެރިކަމަށް އާދެވުމާ އެކު، އޭނާގެ ނުބައި ނިޔަތާއި މަކަރުވެރިކަން ފާޅުވާން ފަށައިފިއެވެ. ދާދިފަހުން އިސްރާއީލުން އިޢުލާނުކޮށްފައިވާ "ގްރޭޓަރ އިޒްރޭލު" (ވަރުގަދަ އިސްރާއީލު)ގެސިޔާސަތު ތަންފީޒުކޮށްދިނުމަށް ޓަކައި ބައިޑުނަށް ވެސް ނުކުރެވޭ މަސައްކަތްތައް މީނާ ފަށައިފިއެވެ.

އިސްރާއީލުގެ ފުރަތަމަ އަމާޒަކީ ޣައްޒާގެ ބިން ހުސްކޮށް އެތާގެ ރައްޔިތުން ރެފިޔުޖީންގެ ގޮތުގައި ޢަރަބި ގައުމުތަކަށާއި މުސްލިމު އެހެން ބައެއް ގައުމުތަކަށް ފޮނުވައިލުމަށް ފަހު، ޔަހޫދީންނަށް ޣައްޒާގައި ގެދޮރު ޢިމާރާތްކޮށް އެއީ އިސްރާއީލުގެ ބިމެއްކަމަށް އިޢުލާނުކުރާށެވެ. މި ކަމުގައި ޢަރަބީންގެ އެހީތެރިކަން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ޢަރަބި ގިނަ ގައުމުތަކުގެ ވެރީންނަކީ، އެމެރިކާ ބުނިހައި ކަމެއް ކޮށްދީގެން ވެސް އެ މީހުންނަށް ވެރިކަމުގައި ތިބެވެނިކޮށް ވަރިހަމަ ބަޔެކެވެ. މި ގޮތް ވަރިހަމަ ނުވި އެންމެން އެ ވަނީ ވެރިކަމުން ދުރުކޮށްފައެވެ. ސޫރިއާގެ ރައީސް ބައްޝާރުލްއަސަދުގެ ފުރާނަފުޅު ސަލާމަތް ވިޔަސް މި ފަދަ ހުރިހައި ވެރީން ވަނީ ޝަހީދުކޮށްލައިފައެވެ. ޢިރާޤުގެ ޞައްދާމު ޙުސައިނާއި ލީބިޔާގެ ޤައްޛާފީއެވެ. އެ މީހުންނަށް މި އޮތްހާ ދުވަހު އަތު ނުޖެހި ތިއްބެވި ވެރީންނަކީ ސޫރިއާގެ ރައީސާއި އީރާނުގެ ރައީސެވެ. މިހާރު އެ ވަނީ ސޫރިއާއަކީ އިސްރާއީލާއި އެމެރިކާގެ ތަނަކަށް ހަދައިފައެވެ. ދެން އަމާޒަކީ އީރާނެވެ.

މިހާރު މި ވަނީ މިސްރުގެ ރައީސް އައްސީއީއާއި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ II އަށް ފޯނުން ގުޅައިގެން ފަލަސްތީނުގެ ރައްޔިތުން ރެފިޔުޖީންގެ ގޮތުގައި އެ ދެ ގައުމަށް ފޮނުވުމުގެ މަސައްކަތުގެ މަޝްވަރާތައް ކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ބުނެފައިވަނީ އޭނާ "ހަމައެކަނި ޣައްޒާ ސާފުކޮށްލާން" ބޭނުންވާކަމަށާއި އުރުދުނާއި މިސްރުން ވެސް ޣައްޒާގެ އިތުރު ރައްޔިތުން ރެފިޔުޖީންގެ ގޮތުގައި ބަލައިގަތުމަށް ގޮވައިލާކަމަށެވެ.

މި ދިޔަ ހޮނިހިރު ދުވަހު އެއަރ ފޯސް 1ގެ އަސްކަރީ މަތީންދާބޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ޓުރަންޕު ބުނެފައިވަނީ އެ ދުވަހު ހެނދުނުގެ ވަގުތެއްގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ދެވަނައާ ފޯނުން ވާހަކަދެއްކިކަމަށާއި، އަދި އާދީއްތަ ދުވަހު މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީއާ ވާހަކަދައްކާނެކަމަށެވެ.

"އަހަރެން ބޭނުންވަނީ މިޞްރުން ވެސް ޣައްޒާގެ މީހުން ގެންދާށެވެ." ޓުރަންޕު ބުންޏެވެ. "އަހަރެން މި ވާހަކަދައްކަނީ ގާތްގަނޑަކަށް އެއް މިލިއަން ފަސް ލައްކަ މީހުންނާ ބެހޭ ގޮތުންނެވެ. އަހަރެން ބޭނުންވަނީ މުޅި ތަން ސާފުކޮށްލާށެވެ!" އަދި އޭނާ ބުނި ގޮތުގައި "މި ކަންތައް މި ނިމުނީއެވެ." އޭގެ މާނައަކީ އެއީ އޭނާގެ ތަދުބީރުގައި އޮތް ކަމެކެވެ.

އުރުދުންގެ ފަރާތުން ފަލަސްތީނުގެ ރެފިޔުޖީން ބަލައިގެންފައިވާތީ، އޭނާ އެ ކަމަށް ތައުރީފުކުރާކަމަށާއި މިހާރު ވެސް މި އެދެނީ އިތުރު ރެފިޔުޖީން ބަލައިގަތުމަށްކަމަށެވެ. "އަހަރެން މި ބަލަނީ މުޅި ޣައްޒާއަށް. އެއީ އިންތިޒާމު ގެއްލިފައިވާ ތަނެއް. އެއީ ހަގީގަތުގައި ވެސް ބޮއްސުންލައިފައިވާ ތަނެއް." ޓުރަންޕު ބުންޏެވެ. ހަގީގަތުގައި މުޅި ތަން ވީރާނާކޮށްލީ އެމެރިކާއިން ހިތްވަރާއި ފައިސާއާއި އެހީ ދީގެންކަމެއް އޭނާ ފާހަގަކުރާކަށް ބޭނުމެއް ނުވާނެތާއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިސްރާއީލުން ޣައްޒާގައި ހިންގި ނަސްލުހޭދުގެ ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުންގެ ގާތްގަނޑަކަށް އެންމެންހެން ރަށުން ބޭރުވާން ޖެހުނެވެ. އޭގެ ތެރެއިން ބައެއް މީހުން އިސްރާއީލުގެ ހަރުކަށި އޯޑަރަށް އެތައް ފަހަރަކު އެކި ތަންތަނަށް ބަދަލުވާން ޖެހުނެވެ. ޓުރަންޕު ބުނީ ޣައްޒާގެ ރައްޔިތުން "ވަގުތީގޮތުން ނުވަތަ ދިގު މުއްދަތަކަށް" އެހެން ތަނަކަށް ބަދަލުކުރެވިދާނެކަމަށެވެ. މީގެ މާނައަކީ ރެފިޔުޖީންގެ ގޮތުގައި ޣައްޒާއިން ބޭރުވާ މީހަކަށް އަލުން އެ ރަށަށް އެނބުރި އަޔަކަ ނުދޭނެވާހަކައެވެ.

އެ ވާހަކަ އޭނާ ހަމާ ސީދަލަށް ބުންޏެވެ. "އެހެންކަމުން، އަހަރެން އިސްކަންދޭނީ އަރަބި ބައެއް ޤައުމުތަކާ އެކު، މަޝަވަރާކޮށް މަސައްކަތްކޮށްގެން، ޣައްޒާގެ ރައްޔިތުންނަށް "އެހެން ތަނެއްގައި" ގެދޮރު އިމާރާތްކުރުމަށެވެ. އެ ތަނުގައި އެ މީހުންނަށް އެހެން ގޮތަކަށް، ފަހަރެއްގައި ސުލްޙަވެރިކަމާ އެކު، ދިރިއުޅެވިދާނެއެވެ." ޓުރަންޕު ސީދާސީދަލަށް މި ބުނަނީ ޣައްޒާ ފިޔަވައި ޢަރަބި އެހެން ގައުމެއްގައި ޣައްޒާގެ ރައްޔިތުންނަށް ގެދޮރުއަޅައިދީގެން އެ ގައުމެއްގައި އެ މީހުންނަށް ދިރިއުޅެވިދާނެ ވާހަކައެވެ. މިއީ ޣައްޒާއިން ފަލަސްތީނުގެ ނަސްލު ސާފުކޮށްލުމަށް ޓަކައި ފާޅުގައި ޓުރަންޕު އިޢުލާނުކުރި ތަދުބީރެއް ނޫންހެއްޔެވެ؟ މި ކަން އެންމެންނަށް ވެސް އެނގޭނެއެވެ. ނަމަވެސް ހަމައެކަނި ވެރިކަން ޙިމާޔަތްކުރުން ނޫން އެހެން ބޭނުމެއް ނެތް ޢަރަބި ބައެއް ގައުމުތަކުގެ ވެރީން އެމެރިކާ ޖަހާ ކޮންމެ ބެރަކަށް ނަށާނެއެވެ. އަދި ފަލަސްޓީނުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިންޑޮނޭޝިއާއަށް ގެންދިޔުމުގެ ސިއްރު މަޝްވަރާތަކެއް ފަށައިފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޓުރަންޕުގެ މި ނުބައި މަކަރުވެރި ހުށަހެޅުން ފަލަސްޠީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) އިން ކުށްވެރިކޮށް، އެއީ "ހަނގުރާމައިގެ ޖަރީމާ" ހިންގުމަށް އިސްރާއީލަށް ހިއްވަރު ދިނުންކަމަށް ބުނެ އެ ކަމަށް ވަނީ ރައްދުދީފައެވެ.

އިސްރާއީލާ އެކު، ހަނގުރާމަކުރި ޙަމާސުން ބުނެފައިވަނީ ޓުރަންޕުގެ އެ ހުށަހެޅުމަކީ އޭނާގެ ނުބައި މަކަރުވެރި ހުށަހެޅުމެއްކަމަށާއި "އޭނާގެ ހުށަހެޅުމަކީ އަހަރެމެންގެ ރައްޔިތުން އެމީހުންގެ ބިމުން ނުކުތުމަށް މަޖުބޫރުކުރުވައިގެން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޢަމަލުތައް ހިންގާން އިސްރާއީލަށް ހިތްވަރުދިނުމުގެ ޢަމަލެއް"ކަމަށެވެ.

"ޙަމާސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓުރަންޕުގެ ބަޔާނަކީ ހައްދުފަހަނަޅައިފައިވާ ޞިހުޔޫނީ ކަނާތުފިޔައިގެ އެޖެންޑާގެ އެންމެ ނުބައި ރޭވުމާ އެއްގޮތަށް ފަލަސްޠީނު ރައްޔިތުންގެ ވުޖޫދާއި އެމީހުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އަޅާ ނުބައި ނުލަފާ މަކަރުވެރި ފިޔަވަޅެއްކަމަށެވެ. އަދި މިސްރާއި އުރުދުނަށް ޙަމާސުން ގޮވައިލައިފައިވަނީ ޓުރަންޕުގެ އެ ނުލަފާ ތަދުބީރު ބަލައިނުގަތުމަށެވެ.

ޤަޠަރުގައި ހުންނަ ޖޯޖުޓައުން ޔުނިވަރސިޓީގެ އެސޯސިއޭޓު ޕްރެފެސަރ ޢަބްދުﷲ އަލްޢާރިއަން ވިދާޅުވެފައިވަނީ "ޓުރަންޕުގެ ބަޔާނާ މެދު ވަރަށް ސީރިއަސްކޮށް ވިސްނާން ޖެހޭނެ"ކަމަށެވެ. ސަބަބަކީ "ވޭތުވެ ދިޔަ ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި އޭނާ ބާރުއަޅަމުން ގެންދިޔަ ކަންތައް އަހަރެމެންނަށް ފެނުނު"ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި "ޣައްޒާ ހަނގުރާމަ"އިގެ ވަރަށް ކުރީކޮޅު އިސްރާއީލުގެ އޮފިޝަލުން ބުނަމުން ގެންދިޔައީ "އެ މީހުންގެ ބޭނުމަކީ ޣައްޒާގެ ބިމުން ވީ އެންމެ ބޮޑަކަށް ފަލަސްޠީނުގެ ނަސްލު ސާފުކޮށް އެ ބިމަށް ވެރިވެގަތުމެވެ. "

ހަގީގަތުގައި ޣައްޒާގެ ހަނގުރާމަ ދިގުލައިގެން ދިޔައީ ވެސް އިސްރާއީލުން ބޭނުންވާ ގޮތަށް ޙަމާސް ނައްތައިލައި ފަލަސްތީނުގެ ރައްޔިތުން އެ ބިމުން އެކީއެކަށް ބޭރުކޮށްނުލެވިގެންނެވެ. ޙަމާސްގެ ހުށިޔާރުކަމާއި ޣައްޒާގެ ރައްޔިތުންގެ ކެތްތެރިކަމާއި އީމާނުގެ ސަބަބުންނެވެ. އަދި ޣައްޒާގެ ރައްޔިތުންނާއި ޙަމާސް ޖަމާޢަތާ ޖައްސާން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ސަބަބުންނެވެ.

ޓުރަންޕުގެ ވާހަކަތަކުގެ ނިޔަތާ މެދު މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ހަގީގަތުގައި އެއީ ސުވާލު އުފައްދާން ޖެހޭ ވަރަށްވުރެ މާ ޞަރީޙާ ނުބައި ނިޔަތެކެވެ. ޣައްޒާއަށް ވެރިވެގަތުމަކީ ޔަހޫދީންގެ މައިގަނޑު އަމާޒެވެ. އަދި، އެ ބިންތައް ފޭރިގަނެ، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ އިސްރާއީލުގެ ސަރުކާރުގެ މަގުސަދެވެ. އެ ކަން ކުރެވޭނީ، ޣައްޒާގެ ރައްޔިތުން ރެފިއުޖީންނަށް ހަދައި، އެ މީހުންގެ ގެދޮރާއި ވަޒަނުން ބޭރުކޮށްގެންނެވެ.

ޙަމާސުން ބުނަނީ އެ މީހުން ދިރިތިބޭނީ ވެސް އަދި މަރުވެދާނީ ވެސް ޣައްޒާގެ ބިމުގައިކަމަށެވެ. ޓުރަންޕުގެ ތަދުބީރާ އެއް ގޮތަށް ޣައްޒާއިން އެކަކު ވެސް ނުފައިބާނެކަމަށެވެ.

އިސްރާއީލުގެ ޣައިރުޤާނޫނީ ދައުލަތް ޤާއިމުކޮށްފައި ވަނީ ވެސް، ފަލަސްޠީނުގެ ރައްޔިތުން ރެފިޔުޖީންގެ ގޮތުގައި ގަދަކަމުން ރަށުން ބޭރުކޮށް މުސްލިމުންގެ ބިންތައް ފޭރިގަނެގެންނެވެ. މިއަދު އިސްރާއީލޭ ކިޔައިގެން އެ އުޅެނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ވިލާތުގެ ގައުމުތަކުގެ އެހީގައި ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމެއްގައި އުފައްދައިފައިވާ ޣައިރުޤާނޫނީ ދައުލަތަކަށެވެ.

_________________________________________________

ބައެއް ލަފުޒުގެ މާނަ:

 

ނަސްލުހޭދު    ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

 

ރެފިއުޖީން    ނ.    ނަސްލީ ނުވަތަ ސިޔާސީ ފިއްތުމެއްގެ ސަބަބުން ނުވަތަ ގުދުރަތީ ކާރިސާއެއް ނުވަތަ ހަނގުރާމައެއްގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކުރާ މީހުން.

 

ވުޖޫދު      ނ.    (1) އުފެދޭ އުފެދުން. (2) ދުނިޔެ.

 

ތަދުބީރު     ނ.    (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.

 

ޖަރީމާ      ނ.    ބޮޑެތި ކުށް.

ކޮމެންޓު