އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 ޖަނަވަރީ 2025
މި ހިނގާ ޖަނަވަރީ މަހު 20ވަނަ ދުވަހު ވައިޓްހައުސަށް ދެވަނަ ފަހަރަށް ވަދެވަޑައިގަތް ރައީސް ޓްރަމްޕް ދުނިޔޭގައި އެމެރިކާއިން ރޯކޮށްފައި ހުރި، ހަނގުރާމައިގެ ހުޅުތައް ނިއްވައިލެއްވުމަށް މަސައްކަތްކުރައްވާނެކަމާ މެދު، ޝައްކުތައް އިތުރުވާން ފަށައިފިއެވެ. މި މަހުގެ 21ވަނަ ދުވަހު ރޫސީ ރައީސް ޕޫޓިނަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ. "ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ރަޝިޔާއިން ޔުކްރޭނާ އެކު ވާހަކަދެއްކުންތައް ފެށުމަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ދެކޮޅުހައްދަވައިފި ނަމަ، ރަޝިޔާއަށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އެޅުމާ މެދު، ވިސްނާނަމެވެ."
ރައީސް ޓްރަމްޕް ރައީސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިންނާއި ފަހުން ދެއްވި "ފުށުއަރާ" ބަޔާންތަކަށް ބަލައިލުމުން އޭނާގެ ވިސްނުންފުޅު "ހޭޖެހޭ" މިންވަރާ މެދު، ދާރިސުން ސުވާލުއުފައްދަވައެވެ. ވައިޓްހައުސަށް ވަދެވަޑައިގަތުމުގެ ކުރީން ރައީސް ޓްރަމްޕް ވަނީ ރައީސް ޕޫޓިނަށް ވަރަށް "ތާރީފު"ކުރައްވައިފައެވެ. ޕޫޓިނަކީ ވަރަށް ވިސްނުންފުޅު ތޫނު ވަރަށް ސާބިތު ޝަޚުޞިއްޔަތެއްކަމަށް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ވެރިކަމުގައި ހުންނެވި ނަމަ، ޔުކްރޭން ހަނގުރާމަ ނުފެށޭނެކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގަތުމުން އެ މަސްއަލަ ވަރަށް އަވަހަށް ޙައްލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އޭނާގެ މި ވާހަކަފުޅާއި އޭނާގެ ޢަމަލުފުޅުތައް އެއްގަލަކަށް ނާރާކަން ފާހަގަކުރެވެއެވެ. ޓްރަމްޕްގެ އެންމެ ފަހު ބަޔާނަކީ އެމެރިކާގެ "ބޮޑާކަމާއި ކިބުރުވެރިކަން" ފާޅުކޮށްދޭ ބަޔާނެކެވެ. މި ބަޔާނުގެ ސަބަބުން ވަރަށް ތައުގީދީ މަސްއަލައެއްކަމުގައިވާ ޔުކްރޭން މަސްއަލަ އިތުރަށް ތައުގީދުވެއްޖެކަން ކަށަވަރެވެ. ޔުކްރޭންގެ ރައީސް ޒިލެންސްކީ އޭނާގެ ވެރިކަމުގެ ޤާނޫނީ މުއްދަތުގެ ތެރޭގައި ނެރުއްވައިފައިވާ ރިޔާސީ ޤަރާރެއްގައި ވަނީ ރަޝިޔާއާ އެކު، ވާހަކަދެއްކުން މަނާކުރައްވައިފައެވެ. ވީމާ ރައީސް ޓްރަމްޕް ރަޝިޔާ ކޮޅަށް ބޯޅަ މި ޖެއްސެވީ ކީއްވެގެންބާވައެވެ؟
ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ވަރުގަދަކަމަށާއި އެ ކަމުގެ ސަބަބުން ރޫސީ އިޤްތިޞާދު ކަފާސްވަމުންދާކަމަށާއި ކިޔީފަށް ހަތިޔާރުދެއްވާނެކަމަށް ޓްރަމްޕް ވިދާޅުވުމާ ވިދިގެން މޮސްކޯއަށް ވާހަކަދައްކާން ގޮވައިލެއްވުމުން މޮސްކޯއަށް އެއިން ދުވީ ވަރަށް ނުބައި "ކުނި" ވަހެކެވެ. އެއީ އަމާންދިނުމަށް މޮސްކޯއަށް ގޮވައިލާ މަކަރުވެރި ދަންތުރައެއްކަމަށް މޮސްކޯއަށް ތަޞައްވުރުވެގެން ދިޔައެވެ. އެހެނަސް ޓްރަމްޕަށް އެންމެ ބޮޑަށް ވާގިވެރިވެވަޑައިގަންނަވާ އިލަން މަސްކު ސިފަކުރައްވާ ގޮތުގައި ޒިލެންސްކީއަކީ "ސައްތައިގެ އެންމެ ބޮޑު ވަގު"އެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާ "ގަދަބާރުން ޞުލްޙަ ޤާއިމުކުރައްވާން" މަސައްކަތްކުރައްވާނެއެވެ. މި ބަސްފުޅުން އެނގެނީ ޓްރަމްޕަކީ ޞުލްޙައިގެ އިސްވާރެއްނޫންކަމެވެ. މުޙައްލިލުންގެ ސުވާލަކީ ގަދަބާރުން ޤާއިމުކުރައްވާން މި އުޅުއްވާ ޞުލްޙައަކީ ކޮބައިހެއްޔެވެ؟ އެއީ ހަތިޔާރުން ޤާއިމުކުރައްވާން އުޅުއްވާ ޞުލްޙައެއްހެއްޔެވެ؟
އެއީ އިސްރާއީލަށް ޓަކައި މެދުއިރުމަތީގައި ޤާއިމުކުރައްވާން ބޭނުންފުޅުވާ ޞިހްޔޫނީ ޞުލްޙައެއް ނޫންބާވައެވެ. މި ކަންކަން ކުރެއްވުމަށް ޓަކައި ޓްރަމްޕް އިސްކުރައްވައިފައިވާ ޚާރިޖީ ވަޒީރު މާކޯ ރުބިއޯއަކީ "ރަތްލާޖެހި" ޞިހްޔޫނީއެކެވެ. ޣައްޒާގެ ބިމުން ފަލަސްޠީނު މީހުން ހުސްކުރުމުގެ ނުބައި މުއާމަރާއެއް ތަންފީޒުކުރުމުގެ މަސައްކަތް އެމެރިކާއިން ވަނީ ފަށައިފައެވެ. ޣައްޒާގައި މީހުން ތިބެގެން އެ ބިން އަލުން އާރާސްތުކުރާން ދަތިވާނެއޭ ކިޔައިގެން އެމެރިކާއިން މިހާރު ދަނީ ޣައްޒާއިން ފަލަސްޠީނު މީހުން ހުސްކުރުމާ ބެހޭ ގޮތުން މިޞްރާއި އުރުދުނާ އެކު، ވާހަކަދައްކަމުންނެވެ. ޣައްޒާގެ މީހުން ވަގުތީ ގޮތުން ވަޒަނުން ބޭލުމަށެވެ. އިސްރާއީލު - އެމެރިކާ މުއާމަރާގެ ދަށުން ޣައްޒާ މީހުން އިންޑޮނޭޝިޔާގައި ވަޒަންވެރިކުރުވުމުގެ ނުބައި ރޭވުމެއް ރޭވިފައިވާކަމަށް ވެސް މިހާރު ދަނީ ފާޅުވަމުންނެވެ. އެމެރިކާއިން މި ކަމާ ބެހޭ ގޮތުން ޖަކާޓާއާ އެކު، މުޢާމަލާތުތަކެއްކުރަމުންދާކަމަށް ވެސް ޚަބަރުފަތުރާ ވަސީލަތްތަކުން ދަނީ ބުނަމުންނެވެ.
އެމެރިކާއިން ބުނަނީ ދިގު މުއްދަތަކަށް ޣައްޒާއިން މީހުން ބާލައި ހުސްކޮށްގެން ނޫނީ ހަލާކުވެ ޚަރާބުވެފައިވާ ޣައްޒާ އާރާސްތެއް ނުކުރެވޭނެއެވެ. އިސްރާއީލުގެ ހައްދުފަހަނަޅައިވާ މާލީ ވަޒީރު ސުމޫތުރިޗް ޓްރަމްޕުގެ މި ނުބައި ރޭވުމަށް ވަނީ މަރްޙަބާ ކިޔައިފައެވެ. އެއީ ވަރަށް މޮޅު ވިސްނުމެއް ކަމަށް މި ވަޒީރު ބުންޏެވެ.
ޙަމާސުން އިއްޔެ (26 ޖަނަވަރީގައި) ވަނީ އެމެރިކާގެ މި މުއާމަރާއަށް ނޫނެކޭ ބުނެފައެވެ. އެ ޖަމާޢަތުން ބުނިގޮތުގައި ޣައްޒާ ހަނގުރާމަ ދިގުލައިގެން ދިޔަ އެއް ސަބަބަކީ ރައީސް ބައިޑެން ޣައްޒާއިން މީހުން ބާލައި ހުސްކުރާން އުޅުއްވުމެވެ. ޙަމާސުން ބުނާ ގޮތުގައި އެ މީހުން ޣައްޒާއަކުން ނުފައިބާނެއެވެ. އެމީހުން ދިރި ތިބޭނީ ޣައްޒާގައެވެ. މަރުވެދާނީ ވެސް ޣައްޒާގައެވެ.
ރައީސް ބައިޑެންގެ ވެރިކަމުގެ ފަހުކޮޅުގައި އިސްރާއީލަށް ދިނުން ހުއްޓައިލައިފައިވާ 2000 ރާތަލުގެ ބިޔަ ބޮން އަލުން ދިނުމަށް ޓްރަމްޕް ވަނީ އަމުރުކުރައްވައިފައެވެ. އަދި އިސްރާއީލުން ބޭނުންވެގެން ހޯދާން އެދިފައިވާ ހުރިހައި ބާވަތެއްގެ ހަތިޔާރުތައް އިސްރާއީލަށް ވިއްކުމަށް ވެސް ވަނީ އަމުރު ނެރުއްވައިފައެވެ.
ޓްރަމްޕްގެ ދަންތުރަތައް ވަރަށް ގިނައެވެ. ޔުކްރޭނުގެ ޞުލްޙައަކީ ޓްރަމްޕުގެ ވަރަށް ބޮޑު އުންމީދެކެވެ. މި ކަމުގެ ސަބަބުން ޞުލްޙައިގެ ނޮބެލް އިނާމު ހޯއްދަވާންވެގެންނެވެ. ޔުކްރޭން ހަނގުރާމައަކީ ވަރަށް ބޮޑަށް ލާމެހި އޮޅުންބޮޅުންވެފައިވާ މަސްއަލައެކެވެ.
ޗައިނާއާއެކު "ހުޅުވައިލުމަށް" ޓްރަމްޕް ގެންގުޅުއްވާ ނަޒަރިއްޔާއަކީ "މީޑިޔާ ބެލޫން"އަކަށް ވެދާނެއެވެ. ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގާ ގުޅުއްވައި ޢާލަމީ ތަރައްޤީގެ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ މެދު، ދެ ރައީސުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ޢަދާވަތްތެރިކަން ބިނާކޮށްފައިވަނީ ޘިޔުސިޑީޑްސް (Thucydides) އަނދަވަޅުގެ މަތީގައެވެ. މި ކަމުގެ ސަބަބުން ބޮޑު ދެ ބާރުގެ ދެމެދުގައި، "ކުރިއަރަމުންދާ" ޗައިނާއާއި "އަތްގަދަކޮށްފައިވާ" އެމެރިކާއާ ދެމެދުގައި ކުރިމަތިލުން ނުހިނގައެއް ނުދާނެއެވެ.
ބޭޖިންގާ އެކު، ޞުލްޙައެއް ނޯންނާނެއެވެ. ޗައިނާއިން އެތެރެކުރާ މުދަލުން 10 %ގެ ޑިޔުޓީއެއް ނަގާން ޓްރަމްޕް ހުށައަޅުއްވައިފައިވާ ހުށައެޅުއްވުން ދަލީލަކަށް ފުދެއެވެ. އެމެރިކާގެ ބާޒާރުގައި ޗައިނާގެ ޓިކްޓޮކް މަންސަ ދަމަހައްޓާން ބޭނުންވާ ނަމަ، އެއިގެ މިލްކިއްޔާތުން 50 % އެމެރިކާއަށް ލިބޭން ޖެހޭނެކަމަށް ވިދާޅުވާ ވިދާޅުވުން މި ދަލީލަށް އިތުރަށް ބާރު ލިބިދެއެވެ. އެމެރިކާގެ ކޯޓު އަމުރަކުން މި މަންސަ އެމެރިކާގައި މަނާކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިއިން އެނގެނީ ޢަލާމީ ނިޒާމުގެ މައްޗަށް އޮތް އެމެރިކާގެ ނުފޫޒު ދަމަހައްޓަވާން ޓްރަމްޕް ބޭނުންފުޅުވާ ކަމެވެ. ހުރިހާ ވަސީލަތްތަކަކުންނެވެ. ޚާޢްޞަކޮށް މީސްމީޑިޔާގެ ތެރެއިންނެވެ. އެމެރިކާއަށް ކައިވަތެއްގެ މިންވަރު ވެސް ގެއްލިގެން ގޮސްގެން ނުވާނެއެވެ.
ޓްރަމްޕުގެ ޝިޢާރު "އެންމެ ފުރަތަމަ އެމެރިކާ" ގެ މާނައަކީ ދުނިޔޭގެ ކަންތައްތަކާ ބެހުން ވަކި އިމެއްގައި ބާއްވައިފައި އެމެރިކާގެ ދާޚިލީ ކަންތައްތައް އިޞްލާޙުކުރައްވާން ޓްރަމްޕް އުޅުއްވާނެ ވާހަކައެއް ނޫނެވެ.
ރައީސް ޓްރަމްޕްގެ ވެރިކަމުގައި އޭނާ މަސައްކަތްކުރައްވާނެކަމަށް ފެންނަނީ "މޮންރޯ ޢަޤީދާ"އާ އެއްގޮތަށް ދުނިޔޭގެ ހުޅަނގު ފަޅީގެ ކަންތައްތަކާ (އެމެރިކާ ދެ ބަރޫދާއި އުތުރު ތަނޑީގެ ސަރަޙައްދާއި ދެކުނު ތަނޑީގެ ސަރަހައްދުގެ ކަންތައްތަކާ) ބިދޭސީ އެއްވެސް ބަޔަކު ބެހިގެން ނުވާނެ ގޮތަށެވެ. ރައީސް ޓްރަމްޕް ވެނެޒުއޭލާއަށް އަހައްމިއްޔަތު ދެއްވަނީ މިހެންވެގެންނެވެ. އެ ޤައުމުގެ ތެލުގެ މުއްސަނދިކަން އެމެރިކާގެ އެއްޗަކަށް ހައްދަވާން ވެގެންނެވެ. އެ ގައުމު ޗައިނާއާއި ރަޝިޔާއާއި އީރާނުގެ ނާރެހުގައި ބުރުޖަހަމުންދާތީއެވެ. އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރާ ވެރިކަމުން ވައްޓައިލައްވާނެކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ. ސޫރިޔާގެ ރައީސް އަސަދަށް ހެދި ގޮތަށް އޭނާއާ މެދު ޢަމަލުކުރާނެކަމަށް ދަނީ ބުނަމުންނެވެ.
އެމެރިކާއާ ވާދަކުރާ ޗައިނާއާއި ރަޝިޔާ ބުރަކި ޖެއްސުވުމަށް ޓަކައި ގްރީންލެންޑް އެމެރިކާއަށް ނަގާން ބޭނުންވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭރުން އެމެރިކާއަށް އުތުރުތަނޑީގައި ރަޝިޔާއާ ކުރިމަތިލުމުގެ ޤާބިލުކަން ލިބޭނެއެވެ.