ad_banner
އިސްވާރީ ޢަމަލުތަކަށް ހިތްވަރުދޭ ޢުލަމާއީ ނަމޫނާތަކުގެ ތެރެއިން . . . ޢުމަރު ބުނުލްޚައްޠާބު (5)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

27 ޖަނަވަރީ 2025

އަލްފާރޫޤަކީ ޢުމަރުގެފާނުގެ އެންމެ މަޝްހޫރު ލަޤަބެވެ.

(2025 ޖަނަވަރީ 20ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ފުތޫޙާތުތައް

ޢުމަރުގެފާނުގެ ޒަމާނުގައި އިސްލާމީ ފުތޫޙާތުތައް ވަރަށް ގިނަވެގެންދިޔައެވެ. އެއް ވަގުތެއްގައި އެތައް މައިދާންތަކެއްގައި އިސްލާމީ ލަޝްކަރުތައް ހަނގުރާމަކުރިއެވެ. ފާރިސްކަރައިގެ ތަފާތު މައިދާންތަކުގައި މުސްލިމުން ފާރިސްކަރައިގެ ތަފާތު ރަށްތައް ފަތަޙަކުރިއެވެ. މުސްލިމުން ފަތަޙަކުރި ރަށްތަކުގެ ތެރޭގައި ޚުރާސާނާއި ނައިސާބޫރާއި ކަރްމާނާއި ޝިރާޒު ފާހަގަކުރެވެއެވެ. މުސްލިމުން ފާރިސްކަރައިގައި ކުރި އެންމެ ބޮޑު ދެ ހަނގުރާމައަކީ ނިހާވަންދު ހަނގުރާމައާއި ޤާދްސިއްޔާ ހަނގުރާމައެވެ. މި ދެ ހަނގުރާމައިގައި ފާރިސީ ލަޝްކަރުތައް ބަލިވެ ކިސްރާގެ ވެރިކަން ހަލާކުވެ ނެތިވެ ގޮސް އިސްލާމީ ވެރިކަން މި ބިންތަކުގައި ޤާއިމުވެގެން ދިޔައެވެ. 

އިރުމަތީގެ އެންމެ ބޮޑު ބާރުކަމުގައިވާ ފާރިސީންނާ ހަނގުރާމަކޮށް ފާރިސްކަރައިގެ ރަށްތަކުގައި އިސްލާންދީން ފެތުރުއްވި ގޮތަށް، ހުޅަނގު ފަރާތުގެ ބޮޑު ބާރުކަމުގައި އޮތް ރޯމަނުންނާ ހަނގުރާމަކުރައްވައި އަރަބި ދުނިޔޭގެ ރަށްތައް މިޞްރާއި ޝާމާއި ފަލަސްތީނާއި އިރާޤު ފަދަ ރަށްތައް ރޯމަނުންގެ އިސްތިޢުމާރުގެ ދަށުން މިނިވަންކުރެއްވިއެވެ. ޚާލިދު ބުނުލްވަލީދާއި އަބޫ ޢުބައިދަތުގެފާނުގެ ވެރިކަމުގައި ޔަރްމޫކު ހަނގުރާމައިގައި ރޯމަނުންގެ ބިޔަ ލަޝްކަރު ބަލިކުރެއްވިއެވެ. ޢަމްރު ބުނުލްޢާޞުގެ ވެރިކަމުގައި އިސްލާމީ ލަޝްކަރު މިޞްރު ފަތަޙަކުރީ ޞުލްޙަވެރިކަމާ އެކުގައި ލެއޮހޮރުވުމެއް ނެތިއެވެ. ޢަމްރު ބުނުލްޢާޞް މިޞްރުގައި މުސްލިމުންގެ ސަހަރެއްގެ ގޮތުގައި ފުސްޠާޠު ބިނާކުރެއްވިއެވެ. ޢުމަރުގެފާނު ލަޝްކަރުތައް ޖިހާދަށް ނެރުއްވާ އިރު، އެ މީހުންނަށް މާތް ﷲއަށް ތަޤްވާވެރިވުމަށް އަމުރުކުރެއްވިއެވެ. މާތް ﷲއަށް އުރެދުން ނުވުމަށް އަމުރުކުރެއްވިއެވެ. މާތްﷲ މުސްލިމުންނަށް ނަޞްރާއި ފަތަޙަދެއްވީ މާތް ﷲ އެންގެވި ގޮތަށް އިސްލާންދީނަށް ޓަކައި ޖިހާދުކުރެއްވީތީއެވެ.

ޢުމަރުގެފާނުގެ ޢަދާލަތްތެރިކަމާއި ރައްޔިތުންނަށް އަޅައިލެއްވުން

ޢުމަރުގެފާނަކީ ރައްޔިތުންނަށް އަޅައިލެއްވި އެ މީހުންގެ ޙާލުއަޙުވާލު އަމިއްލަފުޅަށް ވެސް ބެއްލެވި ވެރިއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((މާތްﷲ ގަންދީ ބުނަމެވެ. އަހުރެން ވާކަން ކަށަވަރީ ވޮށެއް ކަމުގައެވެ. އަހުރެންގެ ނަފުސު އަންދައިގެން މީސްތަކުންނަށް އަލިކޮށްދިނުމަށެވެ.))

އެކަލޭގެފާނު ޚަލީފާކަމަށް އިސްކުރުމުން ދެއްވި ޚުޠުބާގައި ވިދާޅުވިއެވެ. ((އޭ  މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް އަހުރެން އިސްކުރެވިއްޖެއެވެ. ތިޔަބައިމީހުން ކުރެ އެންމެ ރަނގަޅު މީހާކަމުގައި ވުމަށް އެދޭ މީހަކަށް ވާތީ މެނުވީ، އަދި ތިޔަބައިމީހުންގެ މައްޗަށް އެންމެ ޢަދުލުވެރި މީހާކަމަށް ވުމަށް އެދޭ މީހާ ކަމުގައި ވާތީ މެނުވީ، އަދި ކުރާންޖެހޭ ކަންތައްތައް ރަނގަޅަށް ބަލައި ކުރާން ބޭނުންވާހިތްވާ މީހަކަށް ވާތީ މެނުވީ މި ކަމާ އަހުރެން ޙަވާލެއްނުވީމުހެވެ.)) އެ ކަލޭގެފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((ހަމަކަށަވަރުން ﷲ މި ވަނީ އަހުރެން މެދުވެރިކުރައްވައި ތިޔަބައިމީހުން، އަދި ތިޔަބައިމީހުން މެދުވެރިކުރައްވައި އަހުރެން އިމްތިޙާނުކުރައްވައިފައެވެ. އަހުރެންގެ އެކުވެރިޔާއަށް ފަހު އަހުރެން ދަމަހައްޓަވައިފިއެވެ. މާތްﷲ ގަންދީ ބުނަމެވެ. އަހުރެންގެ ގާތަށް އަންނަ ތިޔަބައިމީހުންގެ އެއްވެސް ކަމެއް އެހެން މީހަކު ލައްވައެއް ނުކުރުވާނަމެވެ. މަށާ ޙަވާލުކުރާ އަމާނަތްތައް ގެއްލިގެންނެއް ނުދާނެތެވެ. ތިޔަބައިމީހުން ރަނގަޅަށް ކަންތައްކުރާ ނަމަ، އަހުރެން ވެސް ރަނގަޅަށް ކަންތައް ކުރާނަމެވެ. ތިޔަބައިމީހުން ނުބައިކޮށް ކަންތައް   ކުރާ ނަމަ އަހުރެން ތިޔަބައިމީހުންނަށް އަދަބުދޭނަމެވެ.))

1-            ޢުމަރުގެފާނަކީ އާދައިގެ ރައްޔިތުންނާއި މާތް ރައްޔިތުން، ނިކަމެތީންނާއި ބާރުވެރީން، ގާތް މީހުންނާއި ދުރު މީހުންގެ ޙާލުއަޙުވާލު ބެއްލެވި ވެރިއެކެވެ. މަދީނާއާ ދުރުގައި ވާ ރަށްތަކުގެ ރައްޔިތުންގެ ޙަލުއަޙްވާލު ވެސް ބެއްލެވިއެވެ. އެ މީހުންގެ މުހުތާދުތައް ފުއްދަވައިދެއްވިއެވެ. އެ މީހުންގެ ޝަކުވާތަކުގެ އަޑުއެއްސެވިއެވެ. ޢިރާޤުގެ ވާލީއަށް ލިޔުއްވައި އެ ރަށުގެ ޙާލުއަޙުވާލު ބެއްލެވުމަށް ޓަކައި ޢިރާޤުން ރަނގަޅު ދެ ބޭކަލަކު ފޮނުއްވުމަށް އެންގެވިއެވެ. އެ ހިނދު ޢަދިއްޔު ބުނު ޙާތިމާއި ލަބީދު ބުނު ރަބީޢަތު މަދީނާއަށް ފޮނުއްވިއެވެ. މުސްލިމުންގެ ހުރިހައި ރަށްތަކަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ޙާލު ބެއްލެވުމަށް ޢުމަރުގެފާނު ބޭނުންފުޅުވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ((މާތްﷲ ތިމަންކަލޭގެފާނު ސަލާމަތުން ބަހައްޓަވައިފި ނަމަ، ޢިރާޤުގެ ހުވަފަތް އަންހެނުން ތިމަންކަލޭގެފާނަށް ފަހު އެހެން މީހެއްގެ އެހީއަށް ބޭނުންނުވާ ފަދަ ޙާލަތެއްގައި ބައިތިއްބަވާނަމެވެ.))

2-             އެއްދުވަހަކު ޢުމަރުގެފާނު އަސްލަމާ އެކު، ރައްޔިތުންގެ ޙާލު ބައްލަވައިލައްވާން ނުކުމެވަޑައިގެން އުޅުއްވަނިކޮށް އަންހެނަކާއި އޭނާގެ ދަރީންތައް ރޯން ތިއްބައި ފެނިވަޑައިގަތެވެ. އެ މީހުންގެ ކުޑަ ފޭލިގެއެއްގެ ތެރޭގައި ފެންފޮދެއް އަޅައިފައި ހުރި ތެއްޔެއް ހުށްޓެވެ. އެމީހުންނަށް އެއީ ޢުމަރުގެފާނު ކަމެއް ނޭނގެއެވެ. އެމީހުން ތިބީ އެކަލޭގެފާނުގެ މައްޗަށް ބަދުދުޢާކުރާށެވެ. މި ކުދީން ރޮނީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން މި އަންހެނާ ދެންނެވިއެވެ. އެއީ ހާންތިވެ ނިވައްތައިގަނެގެންނެވެ. ތެއްޔަށް ފެން އަޅައިފައި އެ ހުރީ މި ކުދީން މައިތިރިކުރާންވެގެންނެވެ. އެ ވަގުތު ޢުމަރުގެފާނު ފުށް ގުދަނަށް ވަޑައިގެން ފުށް ހިއްޕަވައިގެން އެ ތަނަށް ވަޑައިގަތެވެ. ފުށް ބަސްތާ އަސްލަމަށް ދެއްވަން އަސްލަމު ދެންނެވުމުން ވިދާޅުވިއެވެ. ((ތިބާ ޤިޔާމަތްދުވަހުން މަގޭ ފާފަތައް އުފުއްލައިދޭނަންހެއްޔެވެ؟)) މިހެން ވިދާޅުވެ އެ ފޭލިގެއަށް ވަދެޑައިގެން އެ އަންހެން މީހާއަށް ކާއެއްޗެހި ތައްޔާރުކޮށްދެއްވިއެވެ. މި އަންހެން މީހާ އެ ކަލޭގެފާނަށް ހެޔޮ ދުޢާކޮށްދިނެވެ. އެ ތަނުން ނުކުމެވަޑައިގެން ކުދީން އުޅޭ ގޮތް ބައްލަވާން ފިއްލަވައި ދުރުގައި ހުންނެވިއެވެ. މި ކުދީން ކައިގެން ހީހީފައި ނިދައިފިއެވެ.

3-             އެއް ފަހަރަކު މަދީނާއަށް ވިޔަފާރިވެރީންތަކެއް އައެވެ. އެ ހިނދު އެކަލޭގެފާނު ޢަބްދުއްރަޙްމާނާ އެކު، އެ ވިޔަފާރިވެރީންގެ މުދާތައް ބެލެހެއްޓެވުމަށް ފޯރިއަށް ހުންނެވިއެވެ. އެހިނދު ކުޑަ ކުއްޖަކު ރޯ އަޑު އިވިވަޑައިގަތެވެ. މި ކުއްޖާގެ މަންމަ ގާތަށް ވަޑައިގެން އެ ކުއްޖާ ރޮނީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. މި އަންހެނާ ދެންނެވިއެވެ. އަމީރުލްމުއުމިނީން ކާއެއްޗެހި ދެއްވަނީ ކިރުތުބުންވީއްލުމުންނެވެ. ކިރުބޯ ކުދީންނަށް އެއްޗެއް ނުދެއްވައެވެ. އެ ރޭ ފަތިސްނަމާދުކުރެއްވި އިރު އެ ކަލޭގެފާނު ކީރިތިފުޅު ކުރެއްވިލެއް ބޮޑު ކަމުން އެކަލޭގެފާނު ކިޔަވައިވިދާޅުވި އެއްޗެއް މީހުންނަށް ނުވެސް އެނގުނެވެ. ފަތިސްނަމާދުކުރައްވައި ނިމިވަޑައިގެން ވިދާޅުވިއެވެ." ޢުމަރަށް ހަލާކުހުށްޓެވެ! މުސްލިމުންގެ ދަރީންގެ ތެރެއިން ކިތައް ކުދީން އޭނާ މަރައިފިހެއްޔެވެ؟" އެއަށް ފަހު ގޮވާ މީހަކު ރަށު ތެރެއަށް ފޮނުއްވައި ދަރީންނަށް ގާތުން ކިރުދިނުން ހުއްޓައިލުން އަވަސްނުކުރުމަށް ގޮވައިލެއްވިއެވެ. އަދި އެކަލޭގެފާނު އުފަންވާ ހުރިހާ ކުދީންނަށް ބައިތުލްމާލުން ކާއެއްޗެހި ދެއްވުމަށް ހަމަޖެއްސެވިއެވެ.

4-            މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވާ ގޮތުގައި ޢުމަރުގެފާނު ފަތިސްނަމާދަށް ފަހު އިރުއަރައްޖައުމަށް ދާންދެން މިސްކިތުގައި ރައްޔިތުންގެ ކަންތައްތައް ބެއްލެވުމަށް އިންނަވަތެވެ.

ޢުމަރުގެފާނުގެ ޢަދްލުވެރިކަން

ޢުމަރުގެފާނަކީ ޢަދުލުވެރިކަމުގައި މަޝްހޫރު ވެރިއެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ اللهَ جعَل الحقَّ على لسانِ عُمَرَ وقلبِه[1]  - ހަމަކަށަވަރުން ﷲ ޢުމަރުގެފާނުގެ ހިތްޕުޅާއި ދޫފުޅު މަތީގައި ޙައްޤު ބަސް ލެއްވިއެވެ.))

1-            މިޞްރުގައި ވާލީއަކަށް ޢަމްރު ބުނުލްޢާޞް ހުންނެވި އިރު އެކަލޭގެފާނުގެ ދަރިކަލުންނާއި މިޞްރު މީހަކާ ދެމެދުގައި އަސް ރޭހެއް ބޭއްވުނެވެ. މި ރޭހުގައި މިޞްރުމީހާ މޮޅުވުމުން ޢަމްރުބުނުލްއާޞުގެ ދަރިކަލުން ކޯފާވެ "މަށަކީ މާތް ދެމީހުންގެ ދަރިއެކޭ" ވިދާޅުވެ އޭނާގެ ގައިގައި ޖެއްސެވިއެވެ. އޭނާ މި ކަމުގެ ޝަކުވާ ޢުމަރުގެފާނަށް ދެންނެވުމުން ޢަމްރު ބުނުލްޢާޞާއި އެކަލޭގެފާނުގެ ދަރިކަލުން މުޙައްމަދު ބުނު ޢަމްރު މަދީނާއަށް ގެންނަވައި އެ މައްސަލަ ބެއްލެވިއެވެ. ޢުމަރުގެފާނު ވަރަށް ކޯފާވެފައި މިޞްރު މީހާ އަތަށް ޗާބޫކު ދެއްވައިފައި ޢަމްރުގެ ދަރިކަލުންގެ ގައިގައި ޖަހާން ވިދާޅުވިއެވެ. މިޞްރު މީހާ ދަރިކަލުންގެ ގައިގައި ޖެހުމުން ޢަމްރުގެ ގައިކޮޅުގައި ޖެހުމަށް ވެސް ވިދާޅުވިއެވެ. އެ ހިނދު މިޞްރުމީހާ ދެންނެވިއެވެ. އަޅުގަނޑުގެ ގައިގައި ޖެހީ ދަރިކަލުންނެވެ. އެ ކަމަށް ބަދަލުހިފިއްޖެއެވެ. އޭނާގެ ބަފައިކަލުންގެ ގައިކޮޅުގައި ޖަހާކަށް ނުޖެހޭނެއެވެ. އެ އަށް ފަހު ޢުމަރުގެފާނު ޢަމްރުގެފާނަށް ވިދާޅުވިއެވެ.((ކަލޭގެފާނު މީސްތަކުން އަޅުވެތިކުރައްވާނީ ކިހިނަކުންތޯއެވެ؟ ހަމަކަށަވަރު އެމީހުންގެ މައިން އެމީހުން ވިހާފައިވަނީ މިނިވަނުންގެ ގޮތުގައެވެ.[2]))

2-            އެއް ދުވަހަކު ރޯމަން ދުޝްމަނުންގެ ފަރާތުން މަންދޫބަކު މަދީނާއަށް އައިސް ޢުމަރުގެފާނުގެ ގަނޑުވަރު ކޮބައިތޯ ސުވާލުކުރިއެވެ. އެ ހިނދު މީސްތަކުން ޢުމަރުގެފާނު އޮންނެވި ތަން އޭނާއަށް ދެއްކިއެވެ. އެ ވަގުތު އެކަލޭގެފާނު އޮންނެވީ ގަހެއްގެ ހިޔަލުގައި އަވަހާރަފުޅުލައްޕަވައިފައެވެ. އެ ހިނދު އޭނާ ދެންނެވިއެވެ. ((އޭ ޢުމަރުގެފާނޭވެ! ވެރިކަންކުރައްވައި ޢަދުލުވެރިވެވަޑައިގެންފީމުއެވެ. ފަހެ އަމާންކަން ލިބިވަޑައިގެން އަވަހާރަފުޅުލައްޕަވައިފީމުއެވެ. [3]))

3-            ޣަސާސިނުންގެ ރަސްކަލެއްކަމުގައިވާ ޖިބިއްލަތުލްއައިހަމު އިސްލާންވެގެން ޢުމަރުގެފާނާ ބައްދަލުކުރައްވާން މަދީނާއަށް އައުމުގެ ހުއްދައަށް އެދުނެވެ. އޭނާ އިސްލާންވީތީ ޢުމަރުގެފާނު ވަރަށް އުފާފުޅުވިއެވެ. އޭނާ މަދީނާއަށް އައުމުން ޢުމަރުގެފާނު އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އެއަށް ފަހު، ޖިބިއްލާ ޢުމުރާއެއް އަދާކުރުމަށް މައްކާއަށް ދިޔައެވެ. ގެފުޅުގެ ވަށައިގެން އޭނާ ޠަވާފުކުރަނިކޮށް ފަޒާރީ ވަންހައިގެ މީހަކަށް ޖިބިއްލާގެ ފޮށައަށް އެރުނެވެ. ޖިބިއްލާ ރުޅިއައިސްގެން މި މީހާގެ މޫނުމަތީގައި ޖަހައި ނޭފަތް ޗިސްކޮށްލިއެވެ. މި މީހާ މަދީނާއަށް ގޮސް މި މަސްއަލަ ޢުމަރުގެފާނަށް ހުށައެޅިއެވެ. ޢުމަރުގެފާނު ޖިބިއްލާ ގެންނަވައި އެ ކަމާ ސުވާލުކުރެއްވުމުން ޖިބިއްލާ އެ ކަމަށް އިޢުތިރާފުވިއެވެ. އެ ގޮތަށް ޢަމަލުކުރީ ކީއްވެގެންތޯ ޢުމަރުގެފާނު ސުވާލުކުރެއްވުމުން ޖިބިއްލާ ދެންނެވިއެވެ. އޭނާ އެ ކަމަށް ވަރަށް ބޮޑަށް މާފަށް ވެސް އެދުނެވެ. ގެފުޅުގެ ޙުރްމަތަށް ޓަކައި ނޫންނަމަ އަހުރެން އޭނާގެ ކަނދުރާ ކަނޑައިލީމުހެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ މިހާރު ކުށަށް އިޢުތިރާފުވެއްޖައީމުއެވެ. ތިބާ އޭނާގެ ރުހުން ހޯދާށެވެ! ނޫނީ ތިމަންކަލޭގެފާނަށް ޖެހިވަޑައިގަންނަވާނީ ތިބާގެ ކިބައިން ޤިޞާޞްހިއްޕަވާށެވެ! )) އޭނާ ދެންނެވިއެވެ. "އަޅުގަނޑަކީ ރަސްކަލެކެވެ. އެއީ އާދައިގެ ރައްޔިތެކެވެ.)) ޢުމަރުގެފާނު ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. ((ހަމަކަށަވަރުން އިސްލާންދީން ވަނީ ޢަދުލުއިންސާފުގެ ކުރިމަތީގައި ތިޔަ ދެ މީހުން ހަމަހަމަކޮށްފައެވެ.)) އެ ކަމާ މެދު ވިސްނައިލުމަށް ވަގުތުކޮޅެއް ދެއްވުމަށް ޖިބިއްލާ ޢުމަރުގެފާނުގެ އަރިހުން އެދުނެވެ. ޢުމަރުގެފާނު، ޖިބިއްލާއަށް ވަގުތު ދެއްވުމުން މުރުތައްދުވެ ފިލައިގެން މަދީނާއިން ނުކުމެގެން ދިޔައެވެ.

ޢުމަރުގެފާނު އަވަހާރަވުން  

ޢުމަރުގެފާނު އަވަހާރަވީ ޝަހީދެއްގެ ގޮތުގައެވެ. އެކަލޭގެފާނު އަވަހާރަކޮށްލީ އަބޫ ލުއުލުއާ ނަމަކަށް ކިޔާ  މަޖޫސީއެކެވެ. ޢުމަރުގެފާނު 10 އަހަރާއި 6 މަސް ދުވަހު ޚަލީފާކަމުގެ މަޤާމުގައި ހުންނެވިއެވެ. އަވަހާރަވުމުގެ ކުރީން އުންމަތުގެ ވެރިކަމަށް އިސްކުރައްވާނެ ބޭކަލަކު ޢައްޔަން ކުރެއްވުމަށް ޓަކައި 6 ބޭކަލުންގެ ކޮމެޓީއެއް އެކުލަވައިލެއްވިއެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަތީ: ޢުޘްމާނުގެފާނާއި، ޢަލީގެފާނާއި، ޠަލްޙަތުގެފާނާއި، ސަޢުދު ބިން އަބީ ވައްޤާޞުގެފާނާއި، ޢަބްދުއްރަޙްމާނު ބިން ޢައުފުގެފާނާއި، އައްޒުބައިރު ބުނުލްޢައްވާމުގެފާނެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 23ވަނަ އަހަރުގެ މުޙައްރަމު މަހުގައެވެ. ފަސްދާނު ލެވުނީ ރަސޫލާއާއި އަބޫބަކުރުގެފާނުގެ އަރިހުގައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. އެކަލޭގެފާނު ފަސްދާނުލުމުގެ ކަންތައްތަކުގައި އިސްވެ އުޅުއްވީ ދަރިކަލުން ޢަބްދުﷲގެފާނެވެ. (މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލައްވާށިއެވެ!)

(ނިމުނީ)

މަރުޖާ:

[1]  -  أخرجه أحمد (٩٢١٣)، وابن أبي شيبة (٣٢٦٤٩)، والبزار (٧٦٢١)  و الترمذي (٣٦٨٢)

[2]  - (فتوح مصر) للإمام أبي القاسم عبد الرحمن بن عبد الله بن عبد الحكم القرشي المصري المتوفى سنة 257 هـ
والثاني (مناقب عمر) لابن الجوزي المتوفى سنة (597) هـ ذكره عنه ابن عبد الهادي في كتابه: (إيضاح طرق الاستقامة في بيان أحكام الولاية والإمامة) (ص: 176) وذكره عن ابن عبد الحكم: السيوطي (المتوفى: 902هـ) في ( حسن المحاضرة في أخبار مصر و القاهرة) ص192

[3]  - علي محمد الصلابي (2005)، سيرة أمير المؤمنين عُمر بن الخطاب رضي الله عنه (الطبعة الأولى)، القاهرة: مؤسسة اقرأ للنشر والتوزيع والترجمة، صفحة 88

 

ކޮމެންޓު