ad_banner
އަލިފާނުގެ ކާރިސާއިން އެމެރިކާއަކަށް އަދި މިންޖެއް ނެތް!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

24 ޖަނަވަރީ 2025

އަލިފާން ނުނިއްވި އުޅެނިކޮށް އިތުރު ސަރަހައްދެއްގައި އަލިފާން ރޯވެ ފެތުރެނީ!

އެމެރިކާގެ ކެލިފޯނިއާ އިސްޓޭޓްގެ ލޮސްއެންޖެލަސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ކިތަންމެ ބަޔަކަށް ގެއްލުން ލިބުނަސް އަދި އެތައް ހާސް ބަޔެއްގެ ގެދޮރު ފަނާވެފައި ވިޔަސް އެ މީހުން އެ ކަމުން ޢިބުރަތް ލިބިގަންނަހެނެއް ހިޔެއް ނުވެއެވެ. އަދިވެސް ދުނިޔޭގެ އެކި ގައުމުތަކަށް ކުރަނީ އިންޒާރެވެ. ތިމާމެންނާ ކުރިމަތިވެފައިވާ މި ބޮޑު ކާރިސާގެ ސަބަބުން ބިރުވެތިވެ އިސްލާޙުވާކަށް ނުވެސް ވިސްނާ ކަހަލައެވެ.

މި މަހު ހަތްވަނަ ދުވަހު ލޮސް އެންޖެލަސްގައި ރޯވި އަލިފާނުގެ ތެރެއިން ޕެލިސޭޑްސާއި އީޓާންގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައިކަމަށް އެމެރިކާގެ އަލިފާން ނިއްވާ އިދާރާތަކުން ބުނެއެވެ. އީޓަން އަލިފާންގަނޑުގެ 91 އިންސައްތައާއި ޕެލިސޭޑްސްގެ އަލިފާންގަނޑުގެ 68 އިންސައްތަ ވަނީ ކޮންޓްރޯލުކުރެވިފައިކަމަށް ވެސް އެ މީހުން ބުނެއެވެ.

ލޮސް އެންޖެލަސްގެ ޖަންގަލިތަކުގައި ރޯވި އަލިފާނުން ސަލާމަތްނުވެވި އުޅެނިކޮށް އަނެއްކާ ވެސް އެ ސަރަޙައްދާ ކައިރި ހިސާބެއްގައި އެހެން އަލިފާންގަނޑެއް ރޯވެ ފެތުރޭން ފަށައިފައިވާކަމަށް އިއްޔެ ވަނީ ޚަބަރު ލިބިފައެވެ. ފަހުން މި ރޯވި ހިއޫސްގެ ނަން ދީފައިވާ އައު އަލިފާންގަނޑު ފެތުރެމުން ދަނީ ލޮސް އެންޖެލަސް ސިޓީއާ 50 މޭލު އުތުރުގައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަލިފާންގަނޑު ވަނީ 38 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. އެއީ ގާތްގަނޑަކަށް ޖަނަވަރީ ހަތްވަނަ ދުވަހު ފެތުރޭން ފެށި އަލިފާނުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަލިފާންގަނޑުކަމުގައިވާ އީޓަން އަލިފާންގަނޑުގެ ބޮޑުމިނާ އެއްވަރުގެ ބޮޑުމިނެކެވެ. ގަދަ ވައިގެ ސަބަބުންނާއި ވައިގެ ތެތްކަން އިންތިހާއަށް ދަށްވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރެމުންދަނީ ރަތް ސަމާލުގެ ދަރަޖައިގައެވެ.

އެ ސަރަޙައްދުގައި ޖެހޭ ގަދަ ވައިގެ ސަބަބުން އެ އަލިފާންގަނޑު ހަލުވިކަމާއެކު އެހެން ސަރަޙައްދުތަކަށް ފެތުރިގެން ދިޔުމުގެ ހިރާސް ވަރަށް ބޮޑުކަމަށް ވެސް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ޖަނަވަރީ ހަތްވަނަ ދުވަހުން ފެށިގެން އެމެރިކާގައި އަނދަމުން މިދާ އަލިފާނުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ކެލިފޯނިޔާގެ ރަސްމީ އިދާރާތަކުން ވަނީ 31 ހާހަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން ޢަމުރުކޮށްފައެވެ. އިތުރު 23 ހާސް މީހުންނަށް ގެދޮރު ދޫކޮށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އަލިފާން ނިވުމުގެ މަސައްކަތުގައި 4،000އަށް ވުރެ ގިނަ މީހުން ގެންދަނީ ޙަރަކާތްތެރިވަމުންނެވެ. އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަ ތަޖުރިބާކާރުންގެ ތެރޭގައި އެމެރިކާގެ އެހެނިހެން އިސްޓޭޓުތަކުގެ އަލިފާންނިއްވީންނާއި ބޭރު ބައެއް ގައުމުތަކުގެ އަލިފާން ނިއްވީން ވެސް އެބަ ޙަރަކާތްތެރިވެއެވެ. އެންމެ ޒަމާނީ އާލާތްތަކާއި މަތީންދާބޯޓާއި ހެލިކޮޕުޓަރު ވެސް ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް ފޮއި ދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ އަލިފާނުގެ މި ކާރިސާގައި އެމެރިކާގެ ވޮޝިންޓަނާ އެއް ވަރުގެ ސަރަޙައްދެއް މިހާރު ވަނީ އަނދައިފައެވެ. މި އަލިފާނުގެ ސަބަބުން މިހާތަނަށް 28 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ އެކި ވަރުގެ ހާނީއްކަތައް ލިބިފައެވެ. ޖަނަވަރީ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް 180,000އަށް ވުރެ ގިނަ މީހުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން ރަސްމީ އިދާރާތަކުން ވަނީ އަންގައިފައެވެ.

ލޮސް އެންޖެލީސްގައި ފެތުރެމުންދާ އަލިފާންގަނޑުތަކަކީ އެމެރިކާގެ ތާރީޚުގައި ވެސް ކުރިމަތިވެފައިވާ އެންމެ ގެއްލުން ބޮޑު އަދި ނުރައްކާތެރި ޤުދުރަތީ ކާރިސާއެވެ. އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ އަގު 250 ބިލިއަނާއި 270 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ގެއްލުން ހިސާބުކުރާ ތަޖުރިބާކާރުން ވަނީ އަންދާޒާ ކޮށްފައެވެ.

ހިތާމަހުއްޓެވެ! މި ވަރު ވެގެންދާ އިރު ވެސް އެއީ ﷲގެ ކޯފާކަމަށް ގަބޫލުކުރާކަށް އެ މީހުންގެ ވިސްނުމަކަށް ނާދެއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މި އަލިފާން ރޯވުމުގެ ސަބަބަކީ ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ވައިގެ ތެތްކަން ދަށްވުމާއި ޖަންގަލިތަކުގެ ގަސްތައް ހިކުމެވެ. ކޮންމެއަކަސް އަލިފާނުގެ މި އަލިފާނުގެ ކާރިސާއިން އެމެރިކާއަށް ސަލާމަތްވެވޭނެ ދުވަހެއް ވެސް ލަފާކުރާކަށް ނޭނގެއެވެ. ނަމަވެސް ޢިބްރަތް ލިބޭނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ.

____________________________________________________

ލަފުޒެއްގެ މާނަ:

ހިރާސް   ނ.   (1) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. (3) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް.

ކޮމެންޓު