ad_banner
މެދުއިރުމަތީގެ ސުވިޒަލޭންޑަކީ ކޮބާ؟

އަބާ މުޙަންމަދު

23 ޖަނަވަރީ 2025

މިއީ މެދުއިރުމަތީގެ ސުވިޒަލޭންޑެވެ.

ދުނިޔޭގައި 195 ގައުމެއް އިންކަނޑައެޅި ބަޔާންވެގެންވެއެވެ. މީގެ ތެރެއިން 193 ގައުމަކީ އދ.ގެ މެންބަރު ގައުމުތަކެވެ. މީގެ ތެރެއިން 54 ގައުމަކީ އެފުރިކާ ބައްރުގެ ގައުމުތަކެވެ. އަދި އޭސިއާ ބައްރުގައި 48 ގައުމު ހިމެނޭ އިރު، ބާކީ ހުރި ގައުމުތަކަކީ ދުނިޔޭގެ އެހެނިގެން ބައްރުގެ ގައުމުތަކެވެ.

ކޮންމެ ގައުމަކީ ވެސް އެ ގައުމެއްގެ އަމިއްލަ ސަގާފަތަކާއި ޚާއްޞިއްޔަތަކާއި ސިންދަފާތެއް އޮންނަ ގައުމެކެވެ. ބައެއް ގައުމުތައް މީހުންނަށް އެނގެނީ އެ ގައުމުތަކުގެ ރީތިކަމާއި އެ ގައުމަށް މީހުން ހިތްދަމައިގަންނަ ފަދަ މަންޒަރުތަކުގެ ސަބަބުންނެވެ. މި ފަދަ އެއް ގައުމަކީ ސުވިޒަލޭންޑްކަމަށް މީހުން ބުނެއެޅެއެވެ. އެ ގައުމުގައި ހުންނަ ހާމަ ވާދީތަކާއި ޠަބީޢީ ރީތިކަމުގެ ސަބަބުންނެވެ. މި ސިޔާގުގައި ވާހަކަދައްކާ އިރު، މެދުއިރުމަތީގެ ސުވިޒަލޭންޑޭ ކިޔަނީ ކޮން ގައުމަކަށްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވައިތޯއެވެ؟

ކީއްވެ ވަނަމެއް ކިޔަނީ؟

މިހާރު ތިޔަ ކުރައްވާ ސުވާލަކީ ބައެއް ގައުމުތަކަށް ވަނަމެއް ކިޔައިފައި ހުންނަނީ ކީއްވެތޯ ތިޔަ ކުރައްވާ ސުވާލެވެ. އާންމު ގޮތެއްގައި މި ބާވަތުގެ ވަނަން ކިޔައިފައި ހުންނަނީ ފަތުރުވެރިކަން އިޝްތިހާރުކުރާށެވެ. މި ކަމުގެ ސަބަބުން އެ ގައުމެއްގެ އިގުތިސާދީ އަދި ސަގާފީ ތަރައްގީއަށް އެހީވެދޭތީއެވެ.

މެދުއިރުމަތީގެ ސުވިޒަލޭންޑޭ ކިޔަނީ ކޮން ގައުމަކަށް؟

މިހާރު ތިޔަ ކުރައްވާ ސުވާލަކީ ދެން ތިޔަ ބުނާ މެދުއިރުމަތީގެ ސުވިޒަލޭންޑަކީ ކޮބައިހެއްޔެވެ؟  ތިޔަ ސުވާލުގެ ޖަވާބު ވަރަށް ސާދާއެވެ. އެއީ ލުބުނާނެވެ. މެދުތެރޭކަނޑު އިރުމަތީ ފަރާތުން ނިމޭ ހިސާބުގައި އޮންނަ ލުބުނާނަށް ކިޔަނީ މެދުއިރުމަތީގެ ސުވިޒަލޭންޑުކަމަށެވެ.

ލުބުނާނަށް މެދުއިރުމަތީގެ ސުވިޒަލޭންޑޭ ކިޔަނީ ކީއްވެ؟

ދާދި ފަހުން އިސްރާއީލުން ޙަމަލާދީ ސުންނާފަތިކޮށްލައިފައިވާ ލުބުނާނަށް މެދުއިރުމަތީގެ ސުވިޒަލޭންޑޭ ކިޔަނީ ކީއްވެގެންކަމާ މެދު ތިޔަބޭފުޅުން ހައިރަންފުޅުވެވަޑައިގެންފާނެއެވެ. ފުރަތަމަކަމަކީ އެ ގައުމުގައި ހުންނަ ރީތި ފަރުބަދަތަކެވެ. ފިނި މޫސުމުގައި ކުޅޭ ކުޅިވަރުތައް (ވިންޓަރ ސްޕޯޓުސް) (އެންމެ އާންމުކޮށް) ބާއްވަނީ މި ގައުމުގައެވެ. މިއީ މެދުއިރުމަތީގެ ސުވިޒަލޭންޑޭ ކިޔަނީ މި ފަދަ އެތައް ސަބަބުތަކާ ހުރެއެވެ. މި ގައުމުގައި ހުންނަ ހިތްގައިމު ފަރުބަދަތަކުގެ ރީތި މަންޒަރުތައް ދެކެލައި ހިތްއުފާކޮށްލުމަށް ޓަކައި މި ގައުމަށް ކޮންމެ އަހަރަކު ވެސް ފަތުރުވެރީން ޒިޔާރަތްކުރެއެވެ.

ބޭންކުގެ ޚިދުމަތްތަކުގައި ވެސް ލުބުނާނު މަޝްހޫރެވެ.

ލުބުނާނުގެ ބޭންކު ޚިދުމަތުގެ ނިޒާމުގެ ހަރުދަނާ ސިޔާސަތަކީ ވެސް މީހުންނަށް ވަރަށް ކަމުދާ ކަމެކެވެ. މެދުއިރުމަތީގެ ގައުމުތަކުގެ ވަރަށް ގިނަ މީހުން ލުބުނާނުގެ ބޭންކްތަކުގައި އެ މީހުންގެ ފައިސާގެ އެކައުންޓުތައް ހުޅުވައެވެ. މި ސަބަބަށް ޓަކައި އެއީ ބޭންކުތަކުގެ ހަބޭ ވެސް ކިޔައެވެ.

ޗޮކްލެޓުގެ ސިނާޢަތުގައި ވެސް ލުބުނާނު މަޝްހޫރެވެ.

ލުބުނާނުން އުފައްދާ މީރު ޗޮކްލެޓުގެ ސަބަބުން ވެސް އެއީ މަޝްހޫރު ގައުމެކެވެ. ޗޮކްލޮޓުގެ ސިނާޢާތަކީ މި ގައުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާ ސިނާއަތެކެވެ. ވަރަށް ބައިވަރު، ތަފާތު ބާވަތްބާވަތުގެ މީރު ޗޮކުލެޓު މި ގައުމުގައި އުފައްދައެވެ.

ލުބުނާނުގެ ތާރީޚު:

ލުބުނާނަކީ މިނިވަން ސިޔާދަތީ ގައުމެއްގެ ގޮތުގައި އެމެރިކާއިން ގަބޫލުކުރީ 1944 ސެޕްޓެންބަރު 8ގައެވެ.  15ވަނަ ގަރުނުގައި އެ ގައުމު އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގައެވެ. އޭގެ ފަހުން އުސްމާނީ ޚިލާފަތު އުވުމުން ފަރަންސޭސި ބާރުގެ ދަށަށް ދިޔައެވެ. އެހެންކަމުން ލުބުނާނުގައި އޮންނަނީ ހުޅަނގުގެ ނުފޫޒު އޮންނަ ޢަރަބި ސަގާފަތެކެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ހަބު        ނ.    (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި.

ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.

ސިޔާގު     ނ.    ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ކޮމެންޓު