ad_banner
ގައުމުތައް ކުރިއަރައިގެންދާ މައިގަނޑު އެއް ސަބަބު ފެންނަ ހާދިސާއެއް

އަލްއުސްތާޒު އަޙުމަދު މާޖިދު

22 ޖަނަވަރީ 2025

2012 ފެބްރުވަރީ 8ވަނަ ދުވަހު ބަޔަކު އަންދައިލި، އައްޑުއަތޮޅުގެ ކޯޓެއް

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔިއޯލް މިހާރު ވަނީ ޤާނޫނުގެ އަމުރުގެ ދަށުން ހައްޔަރު ކުރެވި، ޤާނޫނު ތަންފީޛު ކުރާ ފުލުހުންގެ އިދާރާގެ ބަންދުގައެވެ. 15 ޖަނަވަރީ 2025 ގައި އޭނާ ހައްޔަރުކޮށްފައި ވަނީ، އެކަމަށް ޓަކައި ކުރީން ކުރެވުނު މަސައްކަތްތައް ޔޫންގެ އަމިއްލަފުޅު ސަލާމަތީ އޮފިސަރުން ހުރަސްއެޅުމުގެ ސަބަބުން ނާކާމިޔާބު ވެފައި ވަނިކޮށް، 3000 ފުލުހުންގެ ފައުޖެއް އޭނާގެ ގެކޮޅު ހުންނަ ސަރަޙައްދަށް ގޮސް ޙަރަކާތްތެރި ވެގެންނެވެ. ދެކުނު ކޮރެޔާގެ "ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޯރ ހައި-ރޭންކިންގ އޮފިޝަލްސް (CIO) ގެ ފަރާތުން ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގާނެއެވެ.

މި ދިޔަ ޑިސެންބަރު މަހުގެ 14ވަނަ ދުވަހު، ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޔޫން އިމްޕީޗު ކޮށް (ޢަޒުލުކޮށް)، މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ. ޤައުމުގެ ދުސްތޫރީ ކޯޓުން މިހާރު ގެންދަނީ އެ އިމްޕީޗްމަންޓް، ދުސްތޫރީ ގޮތުން ޞައްޙަތޯ ކަނޑައެޅުމަށް ޓަކައި ރަޤާބާ ޤަޟާއިއްޔާގެ މައްސަލައެއް ބަލަމުންނެވެ. ޔޫން، އިމްޕީޗްކުރެވުނީ ދުސްތޫރީ ގޮތުން ޞައްޙަކޮށްކަމަށް ދުސްތޫރީ ކޯޓުން ކަނޑައަޅައިފިއްޔާ، އޭނާ ދެކުނު ކޮރެޔާގެ ރައީސްކަމުން ވަކި ވާނެއެވެ.

ޔޫންގެ މައްޗަށް މިހާރު އެޅެމުން ދާ ދުސްތޫރީ ވަރުގަދަ ފިޔަވަޅުތަކުގެ އަޞްލަކީ، މި ދިޔަ އަހަރުގެ ފަހުކޮޅު ދެކުނު ކޮރެޔާގައި ޢަސްކަރީ ޤާނޫނު – މާރުސައްލޯ - (martial law) ހިންގުމަށް އޭނާ ނިންމެވި ނިންމެވުމެވެ. އެ ނިންމެވުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމެވުމަކަށް ވުމުން، އޭގެ ނަތީޖާތަކާ ކުރިމަތިލައްވާން އޭނާއަށް ޖެހިވަޑައިގަތީއެވެ.

މިއީ ކުރިއަރައިގެންދާ ޤައުމުތައް ކުރިއަރައިގެން ދާ މައިގަނޑު އެއް ސަބަބު ފެންނަ ޙާދިސާއެކެވެ. އެ ސަބަބަކީ، ޤާނޫނު ނެގެހެއްޓުމެވެ. ދުސްތޫރަށް ޢަމަލުކޮށް އޭގެ ޙުރުމަތާއި ބާރު ނެގެހެއްޓުމެވެ. ރައީސަކަސް، ޤާނޫނުއަސާސީ މުގުރައިލެއްވީމާ، އޭގެ ހިތިކަން ގަދަ ނަތީޖާއާ ކުރިމަތިލައްވާން ޖެހިވަޑައިގަތީއެވެ. ޔޫންއަށް ދެން ސަލާމަތެއް އޮތީ، ދުސްތޫރީ ކޯޓުގެ ނިޔާގައި، އޭނާ ޢަސްކަރީ ޤާނޫނު ނުވަތަ މާރުސައްލޯ އިޢުލާންކުރެއްވުމުގައި ދުސްތޫރީ އިމުން ބޭރު ވެވަޑައިނުގަންނަވާކަމަށާއި އޭނާ އިމްޕީޗްކުރެވުނީ ޞައްޙަ އަސާސެއްގައި ނޫންކަމަށް ކަނޑައަޅައިގެންނެވެ. ކޯޓުގެ ނިންމުން އޭނާއާ ދެކޮޅަށް އަތުވެއްޖެއްޔާ، އޭނާގެ ސިޔާސީ ކެރިއަރު އެ ހިސާބުން ނިމުނީއެވެ. އިތުރު ޖިނާއީ ދަޢުވާތައް އޭނާގެ މައްޗަށް އުފުލުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.

ޔޫންއާ މެދު، ދެކުނު ކޮރެޔާގެ ޤާނޫނީ އިދާރާތަކުން، ޤާނޫނުއަސާސީގެ ބާރާއި އަމުރު ހިންގީމާ، އޭނާއަށް ތާއީދު ކުރާ، އެ ޤައުމުގެ 40 އިންސައްތަ މީހުން ނުކުމެ "ޝަރީޢަތް ހިންގާކަށް ލާހިކެއް ނޫނޭ، ސިޔާސީ ދަޢުވާއޭ" ކިޔަމުން ތަން ގަޑުބަޑު ކޮށެއްނުހަދައެވެ.

އަޅުގަނޑުމެންގެ ރާއްޖެއާ ކިހައި ތަފާތުތޯއެވެ؟ އަޅުގަނޑުމެންގެ ރައީސަކު ރާއްޖޭގައި ދުސްތޫރާ ޚިލާފަށް ސިފައިން ފޮނުވައިގެން ފަނޑިޔާރަކު ކިޑްނެޕް ކޮށްގެން ފޮރުވައިގެން، ޤާނޫނުއަސާސީ މުގުރައިލީމާ ވެސް، އޭގެ ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ނަތީޖާއެއް ނޯވެއެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުކުމެ ދައުލަތުގެ މުދަލާއި ޢިމާރާތްތަކުގައި ހުޅުޖަހައި އަންދައި ހެދީމާ ވެސް، އެ ޕާޓީ ނަގާން ޖެހޭ އެއްވެސް ޒިންމާއެއް ނޯވެއެވެ. ރައީސް ޤާނޫނުއަސާސީއާ ޚިލާފަށް، ޤައުމުގެ ސަރަޙައްދުތައް، ބޭރުގެ ޤައުމުތަކަށް ހިބަކޮށްދީ ސިޓީތައް ފޮނުވީމާ ވެސް، ވާ އެއްވެސް ކަމެއް ނޯވެއެވެ. މިއިން ކަމަކާ މެދު އިދާރާއަކުން ފިޔަވަޅުއަޅާން ދިމާ ކޮށްފިއްޔާ ވެސް، ޤައުމުގެ ދެބައިކުޅަ އެއްބައި މަގުތަކަށް ނުކުމެ މުޅި ތަނުގައި ހައިޖާނުހަދައެވެ. ވަކި ބަޔެއްގެ މައްޗަށް ޤާނޫނު ހިންގުމަކީ ވެސް ހަމަހިލާ ރާއްޖޭގައި ކުރެވޭ ކަމަކަށް ނުވެއެވެ.

ދިވެހި ދައުލަތަކީ "ފެއިލްޑް ސްޓޭޓް"އަކަށްވި ސަބަބުތަކުގެ ތެރެއިން، މިއީ އެންމެ ބޮޑެތި ސަބަބުތަކެވެ.

_____________________________________________________

ލަފުޒެއްގެ މާނަ

މާރުސައްލޯ  ނ.  ޤައުމުގެ މަދަނީ އިދާރާތަކަށް ސަރުކާރު ހިންގުމަށް ނުކުޅެދި، އަމަން ހިފެހެއްޓުން ދަތިވުމުގެ ސަބަބުން، ޤައުމުގެ އަސްކަރިއްޔާއިން ވެރިކަމާބެހޭ ހުރިހާ ބާރުތަކާ ހަވާލުވެ ވެރިކަން ހިންގާ ހާލަތު

 

ކޮމެންޓު
ކޮމެންޓުތައް
މަރީ
22 ޖަނަވަރީ 2025 06:46
ދިވެހިރާއްޖެ ތަރައްގީވެ ތަހުޒީބުވާނެ ހުރިހައި ގޮތެއް ހުރީ އެމެރިކާގެ މަކަރުވެރިކަމުން ވަނީ ނައްތައިލައިފައެވެ. ޒިންމާއާއި މަސްއޫލިއްޔަތާއި ވާޖިބުތައް ހަނދާން ނައތައިލުމަށް ފަހު ދިވެހިރާއްޖެއަށް ގެނެސްފައި އޮތީ ހަމައެކަނި ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ބޮޑުވެގެން