ޝާއިޢުކުރީ: އަބާ މުޙަންމަދު
22 ޖަނަވަރީ 2025
ޅެންވެރިކަމަކީ، އެހެން ގޮތަކަށް ދަންނަވާ ނަމަ، ޅެން ބަހުރުވައަކީ އަދަބިއްޔާތުގެ ވަރަށް ޚާއްޞަ ފަންނެކެވެ. ދިވެހިރާއްޖޭގައި، ދިވެހި އަދަބުގައި ވަރަށް މޮޅު ޝާޢިރުންނާއި އަދީބުން އުފެދި އެ ބޭފުޅުންގެ ޚިދުމަތްތައް ދިވެހި މުޖުތަމަޢަށް ވަނީ ލިބިފައެވެ. ދިވެހި އަދަބިއްޔާތުގެ މި ޒަމާނުގެ ލިޔުންތެރިކަމަށް ދިވެހި ލިޔުންތެރިކަން ފުރޮޅުއްވައިލެއްވި އަދީބަކީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ މަނިކުފާނު ވަނީ ދިވެހި ލިޔުންތެރިކަމަށް އާ ބަހާރެއް ގެނެސްދެއްވައިފައެވެ. ސިފަކުރެއްވުމުގެ ގޮތުން އެ މަނިކުފާނަކީ އާދަޔާ ޚިލާފު ލިޔުންތެރިއެކެވެ. އެ މަނިކުފާނު ނުލިޔުއްވާ ރޮނގެއް ނެތޭ ދެންނެވުމަކި ދޮގަކަށް ނުވާނެއެވެ. ހަލީސާ ފިޔަވައެވެ. އެ މަނިކުފާނަކީ ކުޅަދާނަ ޝާޢިރެއްވެސްމެއެވެ. "ވަޠަން އެދެ ގޮތަށް ދަމާހެ ހެޔޮ ހިތުން އިޖާބަދޭން" ފަދަ ޅެންތަކުން ކިޔާ މީހުންގެ ހިތްތަކުގައި ގައުމީ ޝުޢޫރު ކައްކުވައިލައެވެ.
މި ފަހަކަށް އައިސް ދިވެހި އަދަބީ ޖައްވުގައި އެންމެ ފުންނާބު އުސް އަދީބަކީ، މުދައްރިސަކީ، އުސްތާޒަކީ އަދި ޝާޢީރަކީ އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ)އޭ ދެންނެވުމުން ދެބަސްވާނޭ ހަމަ އެކަކު ވެސް ހުންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. މި މަހު ފާހަގަކުރެވުނު ޅެންވެރީންގެ ދުވަސް ތަޚުޞީޞްކުރެވުނީ ވެސް މި ކުޅަދާނަ އަދީބަށެވެ. މި ދެންނެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އެ ދުވަސް އެ މަނިކުފާނަށް ތަޚުޞީޞްކުރެވުނީ އެ މަނިކުފާނަކީ ދިވެހި ބަހުގެ އުސްތާޒަކަށް ވާތީއެއް ނޫނެވެ. އެއީ އާދަޔާ ޚިލާފު މޮޅު ޝާޢީރަކަށްވެސްވާތީއެވެ.
މި ފަދަ މޮޅު ޅެންވެރީންގެ އަގުހުރި ޅެން މުތްތައް އެއް ފޮތަކުން ބަލައިލާން ލިބޭނެނަމައޭ ހިތަށް އަރައިގެން އެ ކަމަށް އުންމީދުކޮށްގެން ހުއްޓައި މި އުންމީދު ހަގީގަތަކަށް ވެއްޖެއެވެ.
މި އަހަރުގެ ޅެންވެރީންގެ ދުވަހަށް ޚާއްސަ ދެ ފޮތެއް ދިވެހިބަހުގެ އެކެޑަމީއިން ވިއްކާން ފެށި ވާހަކަ ރައްޓެއްސަކު ބުނުމުން އެއީ ކޮން ދެ ފޮތެއްތޯ ބަލައިލި އިރު، (އަލްހަމްދު ލިﷲއެވެ!) ވިއްކާން މި ފެށި ދެ ފޮތަކީ ޞޯދުގެ ޅެންފޮތަކާއި އަމީންދީގެ ޅެންފޮތެކެވެ. އުފާ ހުއްޓެވެ! އާދޭހެވެ! މި ދެ ފޮތަކީ މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚުޞީޞްކުރައްވައިފައިވާ އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނޢޢވ)ގެ "ޞާދިޤުގެ ޅެންބަހުރުވަ 3"އާއި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (ރަޙިމަހުﷲ)ގެ ޅެންވެރި ގަލަންކޮޅުން އުފަންކުރެއްވި "އަމީންގެ ޅެންތައް" މި ދެފޮތެވެ. ކިހައި ރަނގަޅު އިއްތިފާގެއްތޯއެވެ!
"ޞާދިޤުގެ ޅެންބަހުރުވަ 3" މި ފޮތަކީ ޞާދިޤުގެ އާއިލާއިން އެއްކުރައްވައި، ޓައިޕުކުރައްވައި، ދިވެހިބަހުގެ އެކެޑަމީއިން ޝާއިޢުކުރެއްވުމަށް ޓަކައި ހަދިޔާކުރެއްވި ފޮތެއްކަމަށް އެނގިފައިވެއެވެ. ވަރަށް ވެސް ދީލަތި އެހީފުޅެކެވެ. މި ފޮތުގައި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ޅެމާއި ލަވައާއި ބަނދީގެ ރީތި ސިފަކުރެއްވުންތައް، ލޯތްބާއި ނަސޭހަތާއި ކުލުނާއި ދިވެހި ވެށްޓާއި ކުޑަކުދީންނާއި ޒުވާނުންނަށް ޚާއްސަ އެތައް މެސެޖުތަކެއްގެ ގޮތުގައި ގެނެސްދެއްވައިފައިވެއެވެ.
މިހާރު ދިވެހިބަހުގެ އެކެޑަމީއިން އަލަށް ވިއްކަވާން މި ފެއްޓެވި އަނެއް ޅެންފޮތަކީ "އަމީންގެ ޅެންތައް" މި ފޮތެވެ. މި ފޮތަކީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހައްދަވައި، "ސަރުކާރުގެ ޚަބަރު"ގައި ޝާއިޢުކުރައްވައިފައިވާ ބައެއް ޅެންތަކާއި "އަންޖަމަން އަމީން"ގެ އިދާރާއިން 1958ގައި ނެރުއްވި "ޅެންވެރިކަމުގެ ބަގީޗާގައި..އޯކިޑް" (މި ފޮތު)ގައި ހުރި ބައެއް ޅެންތަކާއި "ޅެންވެރީންގެ ގުލްޒާރުގެ ނޫރާނީ މާ" މި ފޮތުގައި ޝާއިޢުކުރައްވައިފައިވާ ޅެންތައް ހިމެނޭ ފޮތެކެވެ. މި ފޮތުގައި، ޙުއްބުލްވަޠަންގެ ލޯތްބާއި، މަތިވެރިކަމާއި، އިޝްޤީ ލޯބީގެ ދިލައާއި ހުވަފެނުގެ އަސަރު ހިތްތަކުގެ އެންމެ ފުނަށް ފޯރާ ފަދަ އަގުހުރި އެތައް ޅެމެއްވެއެވެ. އެއީ ޅެމުގެ މުތްތަކެކެވެ.
"ޞާދިޤުގެ ޅެންބަހުރުވަ-3" ދިވެހިބަހުގެ އެކެޑަމީއިން ވިއްކަވާ އަގަކީ އެންމެ -/75ރ. (ފަންސަހަތްތަރި ރުފިޔާ)އެވެ. "އަމީންގެ ޅެންތައް" ވިއްކަވަނީ ފޮތެއް އެންމެ -/70ރ. (ހަތްދިހަ ރުފިޔާ)އަށެވެ. މި ދެ ފޮތް ވެސް ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން އަދި ހުސްނުވެ ލިބޭން އެބަ ހުއްޓެވެ. ފޮތް ފިހާރަ ހުޅުވިފައި ހުންނަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00ން މެންދުރުފަހު 13:30އަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ލަސްކުރައްވައިފި ނަމަ، ފަހަރުގައި ލިބިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެކެވެ. ލަސްކުރައްވަނީ ކީއްކުރައްވާންތޯއެވެ!