އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
21 ޖަނަވަރީ 2025
ލޮސްއެންޖެލަސްގެ އަލިފާނުގެ ޙާލަތާ ބެހޭ ގޮތުން މިހާރު މާ ބޮޑަށް އަޑު ނީވެނީ އެ އަލިފާން ކޮންޓުރޯލުވީހެއްޔެވެ؟ ނޫނެކެވެ. ކަމެއް އާންމު ވީމާ އެ ކަމުގެ އާކަން ކެނޑޭ ބީދައިން މިހާރު އެ ވާހަކަ ޚަބަރަކަށް ނުވަނީއްޔެވެ. އެމެރިކާގައި އިއްޔެ އެންމެ އާ ވާހަކައަކަށް އޮތީ ޓުރަންޕު ހުވާކުރާ ވާހަކައެވެ. މިއަދު އޮންނާނީ އޭނާގެ ތަގުރީރުގައި ދެއްކި ވާހަކައިގެ އުސް އަލިތަކެވެ. އެހެންވެ، ލޮސްއެންޖެލަސްގައި މިހާރު ވެސް އަލިފާން އަނދަނީއްޔޭ ބުންޏަކަސް ޚަބަރަކަށް ވެސް ނުވަނީއްޔެވެ.
އެހެންނަމަވެސް މިއަދު ހެނދުނު އެމެރިކާގެ މޫސުމާ ބެހޭ އިދާރާއިން މި ވަނީ އަލިފާން އިތުރަށް ފެތުރިދާނެކަމުގެ އިންޒާރުދީފައެވެ. އަލިފާން ނިއްވާން މަސައްކަތްކުރާ މީހުންނަށް މި ދިޔަ ހަފުތާ ބަންދުގައި ހިސާބެއްގެ ކުރިއެރުންތަކެއް ލިބުނު ނަމަވެސް އިއްޔެ މެންދުފަހުން ފެށިގެން މޫސުމާ ބެހޭ އޮފީހުން މި ވަނީ އަލިފާން އިތުރަށް ފެތުރުމުގެ ހިރާސް އޮތްކަމުގެ އިންޒާރުދީފައެވެ. އެއީ އެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައިގަދަވުމުގެ ސަބަބުންނެވެ.
ލޮސްއެންޖެލަސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 27 މީހެއްގެ މަރު ރެކޯޑްކުރެވިފައި ވެއެވެ. ނޭނގި މަރުވެފައިވާ ކިތަންމެ ބަޔަކު ވެސް ވުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ. 60 އަކަމޭލުގެ ސަރަހައްދެއްގައި މި އަލިފާން ފެތުރި 14 ހާހަށް ވުރެ ގިނަ ބިނާތައް ވަނީ އަނދައި ހުލިވެފައެވެ.
އޮފިޝަލުން ބުނާ ގޮތުގައި ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން އެތައް ހާސް ބަޔަކަށް ވަނީ އަދިވެސް އަމުރުކުރެވިފައެވެ. އެންމެ ގަދައަށް އަނދާ ދެ ސަރަހައްދުކަމުގައިވާ ޕެލިސޭޑުސް ސަރަހައްދާއި އީޓަން ސަރަހައްދުގައި ހަވީރު 6:00އިން ހެނދުނު 6:00އަށް ވަނީ ކާފިޔު ހިނގައިފައެވެ.
ލޮސް އެންޖެލަސްގައި އަނދަމުންދާ އަލިފާން ނިއްވުމަށް ޓަކައި އެމެރިކާގެ އެކި އިސްޓޭޓުތަކުންނާއި ބޭރު ދެ ގައުމަކުން 8000އަށް ވުރެ ގިނަ ތަޖުރިބާކާރުން، ހުރިހައި ވަސީލަތެއް ބޭނުންކޮށްގެން އަލިފާން ނިއްވޭތޯ މަސައްކަތްކުރާތާ ފޮއިދުވަހަށް ވުރެ ގިނަ ދުވަސްވީއެވެ.
މިހާރު ހަނގުރާމައިގެ ޙާލަތުގައި އޮތް ޔުކްރޭންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވަނީ ޔޫކްރޭނުގައި ތިބި އެ ގައުމުގެ އަލިފާންނިއްވާ މީހުން ފޮނުވައިގެން އެހީތެރިވާން ހުށަހަޅައިފައެވެ. އޭނާ އެ ކަން ހާމަކޮށްފައިވަނީ އެކުސްގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ލިޔެފައި ވެއެވެ. "ކެލިފޯނިއާގައި އަނދަމުންދާ އަލިފާން ނިއްވުމުގައި އަހަރެމެންގެ އަލިފާން ނިއްވާ މީހުންނަށް ބައިވެރިވުން އެކަށީގެންވާ މިންވަރަކުން އެހިތެރިވާން އެ ތަނަށް ދާން ތައްޔާރަށް ތިބޭން މިއަދު އަހަރެން ޔޫކްރޭނުގެ ދާޚިލީ ވަޒީރާއި ޑިޕްލޮމެޓުންނަށް އަންގައިފީމެވެ." އިތުރަށް އޭނާ ބަޔާންކޮށްފައިވާ ގޮތުގައި "އެތާނގެ ޙާލަތު އާދަޔާ ޚިލާފަށް އުނދަގުލެވެ. އަދި އެމެރިކާނުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ޔޫކްރޭނަށް އެހީތެރިވެވިދާނެއެވެ."
ލަފާކުރެވޭ ގޮތުގައި މިއީ ޑޮނަލްޑް ޓްރަންޕު ވެރިކަމާ ޙަވާލުވެވަޑައިގަތުމުން އޭނާގެ ހަމްދަރުދީ ހޯދާން ޒެލެންސްކީ ޖެއްސި ސްޓަންޓަކަށް ވެސް ވެދާނެއެވެ. އޭނާއަކީ ހަގީގަތުގައި ވެސް އެމރިކާގެ ރައްޔިތުން ދެކެ ލޯބިވާ މިތުރެއްކަން ދައްކައިގެން ވެސް ޓުރަންޕު ސަރުކާރުން އެހީތެރިކަން ހޯދާން އޭނާ ބޭނުންވާނެއެވެ.
ކޮންމެއަކަސް ކެލިފޯނިއާގެ ލޮސްއެންޖެލަސްގައި އަނދަމުންދާ އަލިފާން އަދިވެސް އަނދަމުންދަނީއެވެ. ކުރީން ވެސް ދެންނެވި ފަދައިން 60 އަކަމޭލުގެ ސަރަހައްދެއް މިހާރުވަނީ މުޅީން އަނދައި ހުލިވެފައެވެ. މިހާރު އަލިފާން އިތުރަށް ފެތުރިދާނެކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާއިން ދީފައިވާ އިރު، ހިރަފުހާއި އަޅީން ސަލާމަތްވުމަށް ޓަކައި ވެސް ވަނީ "ސަމާލު" ނެރެފައެވެ.
__________________________________________________
ލަފުޒެއްގެ މާނަ:
ފޮއި ދުވަސް ނ. ފަނަރަ ދުވަސް