ad_banner
އެމެރިކާ ޑޮލަރު އެއް ފަރާތްކޮށް، އައު ފައިސާއެއް އުފައްދައިފި ނަމަ، ބްރިކްސްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެމެރިކާއިން އަޅާނެ - ޓްރަމްޕް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

19 ޖަނަވަރީ 2025

ޓްރަމްޕް ބްރިކްސްއަށް އިންޒާރުދެއްވަނީ: ބްރިކްސް ވަނީ އެމެރިކާއާ ވާދަކުރެވޭ މިންވަރަށް ބާރު ގަދަކޮށްފަ

ބްރިކްސްގެ ގައުމުތަކުގެ މެދުގައި މުޢާމަލާތުކުރުމަށް ޓަކައި އެމެރިކާގެ ޑޮލަރުގެ ބަދަލުގައި އައު ފައިސާއެއް އުފެއްދުމަށް މަސައްކަތްނުކުރުމަށް އެމެރިކާގެ މުންތަޚަބު ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް  ޓްރުތު ސޯޝަލްގައި ލިޔުއްވި މެސެޖެއް ބުނާ ގޮތުގައި ޑޮލަރުގެ ބަދަލުގައި ބްރިކްސް ގައުމުތަކުގެ މެދުގައި އައު ފައިސާއެއް ބޭނުންނުކުރުމަށް އޭނާ އެ ގައުމުތަކަށް އިންޒާރުކުރައްވާނެއެވެ. އަދި އެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 % ޑިޔުޓީ ނަގާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއިން ދެ އަތް އުރައިލައިގެން މަޑަކުން ނޯންނާނެއެވެ. އެމެރިކާގެ " މޮޅު އިޤްތިޞާދު " ހަލާކުކޮށްލުމަށް އޭނާ އެއްވެސް ފަރާތަކަށް ދޫކޮށެއް ނުލައްވާނެއެވެ.އެމެރިކާގެ ޑޮލަރުގެ ބަދަލުގައި މުޢާމަލާތުތަކުގައި ބޭނުންކުރުމަށް އައު ފައިސާއެއް އުފެއްދުމަށް ބްރިކްސް ގައުމުތަކުން ޙަރަކާތްތެރިނުވުމަށް ކަށަވެތިވާން ޖެހޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ އިންތިޚާބީ ޙަމަލާތަކުގެ ތެރޭގައި ވިދާޅުވެފައިވާ ގޮތުގައި ޑޮލަރާ ދުރަށް ދާ ބަޔަކަށް ވަރަށް ބޮޑު ބުރައެއް ތަޙައްމުލުކުރަން ޖެހޭނެއެވެ. މި ގައުމުތަކާ ދެކޮޅަށް ކަސްޓަމު ޑިޔުޓީ 100 %  އަށް ބޮޑުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރުކުރައްވައިފައެވެ.ބްލޫމްބަރގް ބުނާގޮތުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއަކުން ވިޔަފާރީގެ މުޢާމަލާތުތައް ކުރާ ގައުމުތަކާ ދެކޮޅަށް، އެކުވެރި ދައުލަތެއް ހަތުރުވެރި ދައުލަތެއް ތަފާތުނުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޓްރަމްޕް ކުރައްވައިފައިވާ އިންޒާރު ކުރައްވައިފައި ވެއެވެ. މި އިންޒާރު ތަންފީޒުކުރުމާ ބެހޭގޮތުން ރައީސް ޓްރަމްޕާއި އޭނާގެ އިޤްތިޞާދީ ޓީމުން މިހާރުދަނީ މަޝްވަރާތައް ކުރައްވަމުންނެވެ.

ޓްރަމްޕް ބާރުއަޅުއްވައި ވިދާޅުވާ ގޮތުގައި ދުނިޔޭގެ ރިޒަރވް ފައިސާއެއްގެ ގޮތުގައި ޑޮލަރު ދެމިއޮންނަން ޖެހޭނެއެވެ. މި ދިޔަ މާރިޗު މަހު ޓްރަމްޕް ސީއެންއެނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޑޮލަރާ އެކަހެރިވަން އެއްވެސް ގައުމަކަށް ފުރްސަތެއް ނުދެއްވާނެއެވެ. އެފަދަ ޢަމަލެއް ވާނީ "އެމެރިކާގެ ގައިގައި އަޅައިލެވޭ ބޮޑު ތަފާލަކަށް"ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.

އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް އިސްވެވަޑައިގަތް ޓްރަމްޕް 2024ގެ މާރިޗުގައި  ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ގައުމުތައް އެމެރިކާ ޑޮލަރާ ވަކިވާން އޭނާ ދޫކޮށެއްނުލައްވާނެއެވެ. އެ ކަން ވާނީ އެމެރިކާގެ މޫނުމަތީގައި އަޅައި ވިހެލެވޭ ބޮނޑިއަކަށެވެ. ބައިނަލްއަގުވާމީ ސުލްޙައާ ބެހޭ ކާރނެގީ މުއައްސަސާގެ އިސް ބޭފުޅެއްކަމުގައިވާ މައިކަލް ޕެޓްސް ވިދާޅުވާ ގޮތުގައި މި ކަމުގެ ސަބަބުން ބައިނަލްއަގުވާމީ ރައުސްމާލީ ނިޒާމަށާއި ޢާލަމީ ވިޔަފާރިއަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެއެވެ. އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޢާލަމީ ބާޒާރުގައި އޮތް ޑޮލަރުގެ ސިންގާސަނާ ވަރުގަދަކޮށްގެން ނޫނީ އެމެރިކާގެ ދަރަންޏެއް ކުޑައެއްނުކުރެވޭނެއެވެ. މިއަދު މި ދަރަނި ވަނީ 36 ޓްރިޔަން ޑޮލަރަށް އިތުރުވެފައެވެ.

ނުތަނަވަސްކަން ކުޑަކުރުން

ނޭޝަނަލް އިންޓަރެސްޓް ނެޓް ސަފުހާ ބުނާ ގޮތުގައި ބްރިކްސްގެ ގައުމުތަކުން މިހާރު ދަނީ މި ޖަމާޢަތުގެ ދޭދޭ ގައުމުތަކުގެ މެދުގައި ހުރި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރަމުންނެވެ. މި ދަނޑިވަޅަށް ބަލާ އިރު، ދެކުނުގެ ގައުމުތަކުން މިހާރު މަސައްކަތް ފަށައިފައިވަނީ  ވޮޝިންގްޓަނުގެ އެހީއަށް ބަރޯސާވުން ކުޑަކޮށް އެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށެވެ. މި ޖިޔޯސިޔާސީ ބަދަލަކީ އެމެރިކާއަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރާނެކަމެކެވެ. ރޫސީ ރައީސް ޕޫޓިން ކަށަވަރުކޮށްދެއްވާ ގޮތުގައި ޑޮލަރު ބޭނުންކުރުން ހުއްޓައިލުމުން އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން އަމާންކަން ހޯދުމަށް ޓަކައި ބްރިކްސްގެ އުނގަށް ވަދެވޭނެއެވެ. އެހެނަސް ޕޫޓިން ވިދާޅުވި ގޮތުގައި އެމެރިކާގެ ޑޮލަރުގެ ބަދީލެއް މޮސްކޯއަށް އެކަނި ތަނަވަސްކޮށެއް ނުދެވޭނެއެވެ. އެހެންކަމުން ބްރިކްސްގެ އިސްތިރާޖީގެ އަސާސީ ނާރެހަކަށް ވާނީ ދެކުނުގެ ގައުމުތަކާއެކު އެއްބާރުލުމެވެ.

ޕޫޓިން ވިދާޅުވާ ގޮތުގައި ބްރިކްސް ގައުމުތައް މިނިވަންވުމަށް ޓަކައި އޮތް އެންމެ ނަމޫނާ ޙައްލަކަށް ވާނީ ދޭދޭ ގައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތަކުގައި އެ ގައުމުތަކުގެ ގައުމީ ފައިސާ ބޭނުންކުރުމެވެ. މި ކަމުގެ ސަބަބުން އެމެރިކާއަށް މި މުޢާމަލާތުތަކުގެ ތެރެއަކަށް ނުވަދެވޭނެއެވެ.

ދާރިސުންގެ ތަޙްލީލުތައް ބުނާ ގޮތުގައި ބްރިކްސްގެ ދައުލަތްތަކުގެ މެދުގައިވާ ގައުމީ މަޞްލަޙަތުތަކާއި މާލީ ސިޔާސަތުތަކުގެ ތަފާތު ބޮޑުކަމުން ބްރިކްސްއަށް ޚާއްޞަ ފައިސާއެއް ޤާއިމުކުރުމުގެ މައްސަލައަކީ ޙާޞިލުކުރުން ދުރުގައިވާ ލަނޑުދަނޑިއެކެވެ. މިހެންވެ މި ފަދަ ފައިސާއެއް ބޭނުންކުރުމުގެ ޚިޔާލާ މެދު، އެ ގައުމުތަކުން އަދިއެއް ނުވިސްނައެވެ.  

ޑޮލަރުގެ ސްވިޓް ނިޒާމުން މޮސްކޯ ބޭރަށްލުމާ ވިދިގެން މޮސްކޯއަށް ވަނީ، އެ ފަދަ މިނިވަން ނިޒާމަކަށް ބޭނުންވާކަން ހާމަކޮށްދީފައެވެ. ރަޝިޔާއިން ހުޅަނގުގެ މާލީ ނިޒާމާ ދުރަށް ޖެހުމުން އެ ގައުމަށް ވަނީ އިގުތިސާދީ ކުރިއެރުންތަކެއް ހާސިލުކުރެވިފައެވެ. އެހެނަސް ޑޮލަރުގެ ސިންގާސަނާ ނައްތައިލުމަށް ޓަކައި ކުރެވޭ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރެވެއެވެ. ޔުކްރޭން ހަނގުރާމައާ ހުރެ، ހުޅަނގާއި އެމެރިކާއިން މޮސްކޯއާ ދެކޮޅަށް އަޅައިފައިވާ އިގުތިސާދީ ފިޔަވަޅުތަކާ ހެދި ރަޝިޔާއިން  އެ ގައުމުގެ ވިޔާފާރީގައި ރޫބެލާއި ރަން ބޭނުންކުރާން ވަނީ ފަށައިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެވަނަ އިޤްތިޞާދުކަމަށްވާ ޗައިނާއިން ވަނީ އެ ގައުމުގެ ފައިސާ ޔުވާން ބޭނުންކުރާން ފަށައިފައެވެ. ބްރެޒިލާ އެކު، ކުރާ ވިޔަފާރިތައް މިހާރު ބަދަލުކުރެވެމުން ދަނީ ޔުވާނުންނެވެ. މި ކަމުގެ ސަބަބުން ޗައިނާގެ ސުމޭކު ފައިސާ ސީއެންވައިއަށް ވަނީ ޑޮލަރާ ދުރަށް ދިޔުމަށް މަގުހުޅުވިފައެވެ.

ނޭޝްނަލް އިންޓަރެސްޓް ނެޓް ސަފުހާގައި ޝާއިޢުކޮށްފައިވާ ރިޕޯޓު ބުނާ ގޮތުގައި ވޮޝިންގްޓަނަށް ކުރިމަތިލާން ޖެހިފައިވާ ހަމައެކަނި ގޮންޖެހުމަކީ ޑޮލަރުގެ ބާރު، ކަމީނާވަމުން ދިޔުމުގެ މަސްއަލައެއްނޫނެވެ. މީގެ އިތުރަށް އެމެރިކާގެ ބާރުގެ ދަށުން ނުކުންނާން ބޭނުންވާ ގައުމުތައް އަލުން އެމެރިކާ ސަފަށް ގެނައުމަށް ވެސް ވަނީ މަސައްކަތްކުރާން ޖެހިފައެވެ. މިއަދު ބްރިކްސް ޖަމާޢަތް ވަނީ އެމެރިކާއާ ކުރިމަތިލެވޭ ވަރުގެ އިޤްތިޞާދީ މަންސައަކަށް ވެފައެވެ. އެމެރިކާއިން ބެހެމުންދާ މަޝްރޫޢުތަކާ ކުރިމަތިލުމަށް ބޭނުންވާ އެހީ ފޯރުކޮށްދެވޭ ވަރުގެ ޖަމާޢަތަކަށް ބްރިކްސް ވަނީ ވެފައެވެ. ބްރިކްސްގެ ހުރިހާ މެންބަރުންނަކީ އެމެރިކާގެ ދުޝްމަނުންނެއް ނޫނެވެ. އެހެނަސް މި ޖަމާޢަތަށް ބަލާ އިރު، މި ޖަމާޢަތުން މަސައްކަތްކުރަނީ އެމެރިކާއިން މިނިވަންކަން ލިބިފައިވާ އިގުތިސާދީ އައު ނިޒާމެއް އެކުލަވައިލުމަށެވެ.

________________________________________________________

 

ދެ ލަފުޒެއްގެ މާނަ:

ބަދީލު    ނ.  (1) ކުރިމަގުގައި ހިނގައިފާނެކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް ބަލާ ޙާލަތު ނޫން ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާން ރާވާ ރޭވުން. (2) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު.

ބަސްދީގަތުން ނ. (1) ސުވާލުކޮށްގެން އަނެކާގެ ކިބައިން ކަމަކާ ބެހޭ މައުލޫމާތު ހޯދުމަށް ނުވަތަ ސާފުކުރުމަށް ބާއްވާ ބައްދަލުވުން. (2) ބަސްދީބަސްގަތުން.

ކޮމެންޓު