ad_banner
ޓުރަމްޕަށް ކުރިމަތިލައްވާން ޖެހިވަޑައިގެންފައިވާ ބޮޑެތި ހުޅުތައް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

18 ޖަނަވަރީ 2025

އެމެރިކާގެ މިހާރުގެ ރައީސް ބައިޑަން (ކ)އާއި ރައީސް މުންތަޚަބު ޓްރަމްޕް (ވ)

އެމެރިކާގެ މުންތަޚަބު ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ދުވަސް ފަހުން ދެވަނަ ފަހަރަށް ވައިޓްހައުސްއަށް ވަދެވަޑައިގަންނަވާނެއެވެ.

ޓްރަމްޕް ވައިޓް ހައުސްއަށް ވަދެވަޑައިގަންނަވާނީ ރައީސް ބައިޑްން ގަސްތުގައި ރޯކުރައްވައިފައިވާ ބޮޑެތި ހުޅުތަކަކާއި އޭގެ ސަބަބުތައް ކަނޑައެޅިގެން ނޭނގޭ ހުޅުތަކެއް ނިއްވައިލެއްވުމަށް އުންމީދުކުރައްވަމުންނެވެ. ރައީސް ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި ރައީސް ބައިޑްންގެ ޚާރިޖީ އާހިތަތަކާ ހެދި އޭނާ ވަނީ ދާޚީލީ މަސްއަލަތައް އިހުމާލުކުރައްވައިފައެވެ.

ރައީސް ޓްރަމްޕް  މި މަހު 20ވަނަ ދުވަހު އެމެރިކާގެ ރިޔާސަތާ ޙަވާލުވެވަޑައިގަންނަވާނީ އެމެރިކާގެ އެންމެ ބޮޑު ސްޓޭޓްކަމުގައިވާ ކެލިފޯނިޔާގައި އަނދަމުންދާ ބޮޑު އަލިފާނުގެ ދުންވަހާ އެކުގައެވެ. ކެނެޑާއާއި މެކްސިކޯ ފަދަ އަވަށްޓެރި ބައެއް ޤައުމުތަކުން އެހީ ލިބެމުން ދިޔަސް މި އަލިފާން އަނދަމުންދާތާ ދެ ހަފުތާއެއްހާ ދުވަސްވެއްޖެއެވެ. މި އަލިފާނުގެ ސަބަބުން ފަންސަވީހަކަށް ތިރީހަކަށް މީހުން މަރުވެ 13 ވަރަކަށް ހާސް ޢިމާރާތް ހަލާކުވެއްޖެއެވެ. ބައެއް ތަންތަން ވަނީ މުޅީން އަނދައި ހުލިވެފައެވެ.

ރައީސް ބައިޑްން ޖަނަވަރީ 9ގައި ލޮސް އޭންޖަލްސްއަށް ވަޑައިގެން މި އަލިފާންގަނޑު ބައްލަވައިލެއްވުމަށް ފަހު ވިދާޅުވި ގޮތުގައި "އެ ސަރަޙައްދުގައި ފެތުރި އަނދަމުންދާ އަލިފާނަކީ އެމެރިކާގެ ތާރީޚު ދެކެފައި ނުވާ ފަދަ ބޮޑު އަލިފާނެކެވެ. އެއީ ހަނގުރާމައިގެ ޙަޤީޤީ މައިދާނެކެވެ."

 މުޅި ދުނިޔެ ވެސް ދަނީ ކެލިފޯނިޔާގެ މި އަލިފާންގަނޑަށް ބަލަމުންނެވެ. ދުނިޔެ ސިފަކުރާ ގޮތުގައި މިއީ "ޖަޙީމު" އެކެވެ. ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި އެއީ  ރައީސް ބައިޑްންގެ އިދާރީ އިހުމާލާއި އެ ސަރުކާރުގެ ތެރޭގައި ފެތުރިފައިވާ ފަސާދައިގެ ސަބަބުން ހިނގި ޠަބީޢީ ކާރިސާއެކެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ޙާދިސާއިން އެނގެނީ ކެލިފޯނިޔާގެ ދީމުޤްރާޠީ މަސްއޫލުވެރީންގެ ނާޤާބިލުކަމެވެ. ހިންގުންތެރިކަން ކުޑަކަމެވެ. ކެލިފޯނިޔާ ސްޓޭޓަކީ ދީމުޤްރާޠީންގެ މަރުކަޒެކެވެ.  އިންތިޚާބީ ބާރަށް ބަލާއިރު އެއީ ބާރުގަދަ ސްޓޭޓެކެވެ. މި ސްޓޭޓަށް  އިންތިޚާބީ 54 ވޯޓު ލިބިފައި ވެއެވެ. އެހެންކަމުން ދާޚިލީ މަސްއަލަތައް ޙައްލުކުރެއްވުމަށް ޓަކައި ރައީސް ޓްރަމްޕަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. މި ކަމަށް ވަގުތަށާއި ކެތްތެރިކަމަށް ބޭނުންވާނެއެވެ.

ބޭރަށް ބަލާ އިރު ރައީސް ޓްރަމްޕް ވަނީ ބޭރުގައި ރޯކޮށްފައިވާ ބޮޑެތި އަލިފާންތައް ނިއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ގޮވައިލައްވައިފައެވެ. ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭންގެ މަސްއަލައާއި ތައިވާނުގެ މަސްއަލައަކީ ވަރަށް މުހިންމު ދެ މަސްއަލައެވެ. ފޮކްސް ނިވްޒްއަށް ޓްރަމްޕް ދެއްވި ބަސްދީގަތުމެއް ބުނާގޮތުގައި "ޔުކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ރޫސީ ރައީސް ޕޫޓިނާ އެކު، ބައްދަލުވުމެއް ބޭއްވުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ." ޔުކްރޭން މަސްއަލަ ޙައްލުކުރުމާ ދިމާއަށް ދަތުރުކުރާން ފަށާނެކަމުގެ ޔަޤީންކަން ޓްރަމްޕަށާއި ރައީސް ޕޫޓީނަށް ވަނީ ލިބިވަޑައިގެންފައެވެ. ޔުކްރޭނުގައި ރަޝިޔާއިން ހިފައިފައިވާ ބިންތަކުން ރަޝިޔާ ބޭރަށްލުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއެވެ. މިއިން އެނގެނީ ރައީސް ޕޫޓިން ވިދާޅުވާ "ޙަޤީޤަތް" އެމެރިކާއިން ޤަބޫކުރާނެކަމެވެ. މި ކަމުގެ ސަބަބުން ޓްރަމްޕް - ޕޫޓިން ބައްދަލުކުރެއްވުން ވަރަށް ކައިރި މުސްތަޤްބަލެއްގައި ބޭއްވިދާނެކަމަށް ފެނެއެވެ. އަދި މި ސަމިޓާ އެކު ޔުކްރޭން ހަނގުރާމަ މޮސްކޯ އެދޭ ގޮތަށް ނިމިގެން ވެސް ދާނެއެވެ. މި އެއްބަސްވުމާ އެއް ގޮތަށް ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް ޢަމަލުކުރައްވާން މަޖުބޫރުވެވަޑައިގަންނަވާނެއެވެ. އަދި މި ހިސާބުން ޒިލެންސްކީގެ ސިޔާސީ ދައުރު ވެސް ނިމުމަކަށް އަންނާނެއެވެ.

ޗައިނާ އެމެރިކާ ގުޅުމަށް ބަލާ އިރު، މިއީ ވަރަށް ތައުގީދީ މަސްއަލައެކެވެ. ރައީސް ޓްރަމްޕްގެ ސަރުކާރުގެ ގިނަ އިސް މަސްއޫލުވެރީންނަކީ ޗައިނާއާ ހަތުރުވެރި ޚިޔާލާތުގެ ބޭފުޅުންތަކެކެވެ. ރައީސް ޓްރަމްޕް ޗައިނާއާ މުޢާމަލާތުކުރައްވާނީ ޗައިނާއާއި ތައިވާން ދެމެދުގައި ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކުރައްވައިގެނެއްނޫނެވެ. ޓްރަމްޕްގެ މިސްރާބު ތަފާތުވާނެއެވެ. އޭނާގެ މިސްރާބަކަށް ވާނީ އެމެރިކާގެ ޚަޒާނާއަށް ލުއި ގޮތެކެވެ.  އިތުރު ފައިދާއާއި ފައިސާ މި ޚަޒާނާއަށް ވަންނާނެ ގޮތަކެވެ. އޭނާ ޗައިނާއާ ހަނގުރާމަކުރައްވާނީ ޗައިނާގެ މުދަލުން ނެގޭ ކަސްޓަމު ޑިޔުޓީ ބޮޑުކުރައްވައިގެންނެވެ. އެމެރިކާގެ ކުންފުނިތަކާ ވާދަވެރި ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް  ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވައިގެންނެވެ. ރައީސް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި ޗައިނާގެ ވާވީ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ގޮތަށް ފިޔަވަޅު އަޅުއްވައިގެންނެވެ.

"އެންމެ ފުރަތަމަ އެމެރިކާ" މި ޝިޢާރުގެ ދަށުން ރައީސް ޓްރަމްޕް ކުރިމަގުގައި ވެސް މަސައްކަތްކުރައްވާނީ 2016ގައި އޭނާ އުފުއްލަވައިފައިވާ ޝިޢާރުގެ ދަށުން އެމެރިކާ އެންމެ މޮޅު ދައުލަތަށް ހައްދަވާށެވެ. 

ޚާރިޖީ އަލިފާންތައް ނިއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި މެދުއިރުމަތީގެ މައްސަލަ ވެއެވެ. ޙަމާސާއި އިސްރާއީލާ ދެމެދުގައި ހިނގަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޙަމާސް - އިސްރާއީލު އެއްބަސްވުމުގައި ޓްރަމްޕްގެ ދައުރު ބޮޑުކަން ފާހަގަކުރެވެއެވެ. އޭނާގެ ޚާއްޞަ މަންދޫބަކު މި ވާހަކަދެއްކުންތަކުގައި ބައިވެރިވެވަޑައިގަތެވެ. ރައީސް އަސަދުގެ ވެރިކަން ވެއްޓުމުން ޓްރަމްޕް ވަނީ އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ސޫރިޔާގެ އަވަށްޓެރި ގައުމުތައް ނުތަނަވަސްކުރުމުގައި ރައީސް އަސަދުގެ އިދާރާއަކީ ވަރަށް  ބޮޑު އަދި ވަރަށް ނުރައްކާތެރި ދައުރެއް ކުޅެފައިވާ ސަރުކާރެކެވެ.

ރައީސް ބައިޑްންގެ ތަރިކައަކީ ވެސް ރައީސް ޓްރަމްޕަށް އުފުއްލާން ޖެހިވަޑައިގެންފައިވާ ވަރަށް ވޭންދެނިވި ތަރިކައެކެވެ. އެމެރިކާގެ ޢާންމު ދަރަނި ވަނީ 36 ޓްރިލިޔަނަށް މައްޗަށް އުފުލިފައެވެ. އެއީ އެމެރިކާގެ ތާރީޚު ދެކެފައިވާ އެންމެ ބޮޑު ދަރަންޏެވެ. ރައީސް ޓްރަމްޕަށް ނިއްވާންޖެހިވަޑައިގެންފައިވާ ދާޚީލީ އަލިފާންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި އޯގާވެރި މެރުމުގެ ދަށުން މީހުން މެރުމުގެ މައްސަލައާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މަސްއަލަ ފަދަ އަޚުލާޤީ އެތައް މަސްއަލަތަކެއް ވެއެވެ. ރައީސް ޓްރަމްޕަކީ މި ކަންކަމަށް ތާއީދުކުރައްވާ ބޭފުޅެއްނޫނެވެ. މި ކަންކަން ހުއްދަކުރާ ޤާނޫނުތައް ބަދަލުކުރައްވާނެކަމަށް ފެނެއެވެ.

___________________________________________________________

ބައެއް ލަފުޒުގެ މާނަ:

އާހިތަ       ނ.     އާދަޔާ ޚިލާފު ތަޖުރިބާ ލިބޭ ހާދިސާ.  

މިސްރާބު     ނ.     (1) ފާހަގަކުރެވޭ ދިމާ. (3) ގަސްތުކުރެވޭ ގޮތް.

ތަރިކަ       ނ.     (2) ކާބަފައިންގެ ފުށުން ޖީލުތަކަށް ވާރުތަވާ އަދި ރައްކާތެރިކަމާއެކު ދަމަހައްޓާންޖެހޭ ސަގާފަތާ އާދަކާދައާއި ގިޔަމުތަކާ ހުނަރުތަކާއި ބަހާއި އަދަބިއްޔާތު ފަދަ މާނަވީ އަދި މާއްދީ އެންމެހާ އެއްޗެހި، ނުވަތަ ތުރާސް. (2) މީހަކު މަރުވާ އިރު، އޭނާ ދޫކޮށްފައިދާ އެންމެހައި މުދަލާއި ފައިސާއާއި ހައްގުތައް. (3) ވާރުތަ.

ތައުގީދީ     ނއ.    (1) އޮޅުންބޮޅުން ބޮޑު. (2) ދޭހަކުރާން ނުވަތަ ދެނެގަންނާން އުނދަގޫ. 

ޖަޙީމް      ނ.      ހަތް ނަރަކައިގެ ތެރެއިން ނަރަކައެއްގެ ނަން.

ކޮމެންޓު
ކޮމެންޓުތައް
ބުރިޓޯ
19 ޖަނަވަރީ 2025 08:11
ޖަހީމަކީ ކޯއްޗެއް؟