ad_banner
ޙަމަލާތައް ހުއްޓުމުގެ ސުންގަޑި ޖެހޭންވާ އިރަށް ފަލަސްޠީނުގެ މީހުން ޝަހީދުކުރުމުގައި އިސްރާއީލުން މެކުހަށް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

17 ޖަނަވަރީ 2025

ިއސަރާއީލުން މިއަދު ޝަހީދު ކުރި ފަލަސްތީނީންގެ ބައެއް ގަބުރުތައް

އިސްރާއީލުގެ މަސްދަރުތަކާ ޙަވާލާދީ ދުނިޔޭގެ މީޑީއާތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ވީހައި ގިނަ ބަޔަކު ޝަހީދުކުރުމުގައި އިސްރާއީލުގެ ލަޝްކަރުތަކުން އުޅެނީ ވަރަށް އަވަދިނެތިއެވެ. އާދީއްތަ ދުވަހުން ފެށިގެން އަސަރުވެރިވާ ގޮތަށް އެއްބަސްވެވިފައިވާ އެއްބަސްވުން އިޢުލާނުކުރި ފަހުން، މިހާތަނަށް މަދުވެގެން ފަލަސްތީނުގެ 113 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި 28 ކުޑަކުއްޖަކާއި 31 އަންހެނުން ހިމެނެއެވެ. ޙަމަލާތައް ހުއްޓުމުގެ އެއްބަސްވުން އަސަރުވެރިވާނީ އާދީއްތަ ދުވަހުން ފެށިގެންކަމަށް އެއްބަސްވުމުގައި ވެއެވެ.

ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނާ ގޮތުގައި ހަމާސާ އެކު ހަދައިފައިވާ ޑީލު އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން މިހާރު ވަނީ ފާސްވެސްކޮށްފައެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް ޢަމަލުކުރާން ވެސް އިސްރާއީލުން ތައްޔާރެވެ. ނަމަވެސް އޭގެ ކުރީން ފަލަސްތީނުން ވީހައި ގިނަ ބަޔަކު ޝަހީދުކުރުމަކީ އިސްރާއީލުގެ އަމާޒެކެވެ.

އިސްރާއީލުގެ ހަގީގީ އަމާޒަކީ ފަލަސްޠީނު ރައްޔިތުންގެ އާބާދީ، އިސްރާއީލުގެ އާބާދީގެ ފަސްބައިކުޅައެއްބަޔަށް ކުޑަކުރުމަށް ފަހު، ފަލަސްތީނުގެ ރައްޔިތުންނަށް ޖެއްސުންކޮށް ދުއްތުރާކޮށް އެ މީހުން އެ ބިމުން މުޅީން ފައްސައިލުމެވެ. އެއީ ދާދި ފަހުން އިސްރާއީލުން ޝާއިޢުކުރި "ގްރޭޓަރ އިސްރާއީލު"ގެ ސަރަހައްދަށް ޣައްޒާގެ ބިން އިތުރުކުރުމަށް ޓަކައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން މި ކުރިއަށް ގެންދާ ޢުދުވާނުގެ ސަބަބުން ޝަހީދުވާ މީހުންގެ އިތުރަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 15 ވަރަކަށް ކުޑަކުދީން، ދާއިމީ ނުކުޅެދުންތެރީންނަށް ވާވަރަށް ޒަޚަމުވެއެވެ. މި ޢަދަދު މިހާރުވަނީ 110642 (އެއް ލައްކަ ދިހަ ހާސް ހަ ސަތޭކަ ބަޔާޅީސް)އަށް ވުރެ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ބުނާ ގޮތުގައި އިސްރާއީލުން މި ކުރިއަށް ގެންދާ ޢުދުވާނުގައި މިހައި ތަނަށް 46876 (ސަޔާޅީސް ހާސް އަށް ސަތޭކަ ސަހަތްތަރި) މީހުންނަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މި މުއްދަތުގައި އިސްރާއީލުން މަރުވެފައިވަނީ އެންމެ 1139 ވަރަކަށް މީހުންނެވެ.

__________________________________________________

ބައެއް ލަފުޒުގެ މާނަ:

އަސަރުވެރި     ނއ.     (1) ކަމަކުން ހާސިލުކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ނަތީޖާ ނުކުންނަ. (2) ކަމެއްގެ އަސަރު ފޯރަނިވި.

ސުންގަޑި      ނ.      (1) ކަމަކަށް ކަނޑައެޅިފައިވާ ގަޑި ހަމަވާ ވަގުތު. (2) ސައުވީސް ގަޑި ފުރިހަމަވާ ވަގުތު. (3) ރޭގަނޑުގެ ބާރަ ހަމަ ޖަހާ ވަގުތު.

ކޮމެންޓު
ކޮމެންޓުތައް
ރާއިދު
18 ޖަނަވަރީ 2025 12:17
އިސްރާއީލުން ވާ އަޙުދުތަކަކީ އެއްވެސް ހާލެއްގައި އިތުބާރުކުރެވޭނެ އެއްޗެއް ނޫން. އެއީ މަކަރާއި ހީލަތުގެ އެދުރުން. އިޔަހޫދި ގިރިޓީއޭ ކިޔަނީ ގައިމު ކަމެއް ވެގެންތާ!