އަލްއުސްތާޒު އަޙުމަދު މާޖިދު
18 ޖަނަވަރީ 2025
މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރާނެ މެންބަރުނ ކަނޑއަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ދައުލަތުގެ ނިޒާމުގައި މިނިވަން ދުސްތޫރީ މުއައްސަސާތަކެއް ހަދައިފައި ހުރުމުގެ މުޅި މަގުސަދަކީ، ތަންފީޒީ ބާރުގެ ބައެއް ބައެއް މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ބައެއް ކަހަލަ ކަންކަމުގައި ތަހުގީގުތައް ހިންގުން ފަދަ ކަންކަމެވެ. މި ކަންކަން ކުރެވޭނީ، ވަރަށް މަތީ ދަރަޖައެއްގައި ޢިލްމާއި ތަޖުރިބާ ހުރެ، ޙިކުމަތްތެރިކަމާއި ނަޒާހަތްތެރިކަމާއި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ގައުމަށް ޚިދުމަތް ކުރުމުގެ ދިގު ރިކޯޑެއް އޮންނަ މީހުންނަށް ކަމަށް ދުނިޔޭގެ ދުސްތޫރީ އެންމެހައި ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ.
އެހެންކަމުން، ދުސްތޫރީ މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަންކުރުމުގައި ހަރުދަނާ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅިފައި ހުންނަ އަދި ޤައުމީ މަޞްލަޙަތު އިސް ކުރާ ގައުމުތަކުގައި، [އެ ފަދަ މުއައްސަސާތަކަށް] މެންބަރުންގެ ގޮތުގައި ނަގަނީ ފަނޑިޔާރުކަން، ޤާނޫނީ ވަކީލުކަން، ސަލާމަތީ ބާރުތަކުގެ މަތީ ރޭންކުތަކުގެ މެންބަރުކަން [އޮފިސަރުކަން]، މަދަރުސާ/ކޮލެޖު/ޔުނިވަރުސިޓީތަކުގައި ކިޔަވައިދިނުމާއި ޢިލްމު ފެތުރުމުގެ މަސައްކަތް ކުރައްވާ އުސްތާޛުން ޕްރޮފެސަރުން ފަދަ މަޤާމުތަކާއި ޙައިސިއްޔަތުތަކުގައި ގިނަ ޒަމާންތަކެއް ވާންދެން ޤައުމަށް ޚިދުމަތްކުރެއްވުމަށް ފަހު، ރިޓަޔަރކުރައްވައިގެން ތިއްބަވާ ތަޖުރިބާކާރުންނެވެ.
އެ ފަދަ ބޭފުޅުން ނެގުމުގެ ވަރަށް ގިނަ ފައިދާތައް ވެއެވެ. އަދި މި ދަންނަވާ ފަދަ މުއައްސަސާތަކުން އެފަދަ ބޭފުޅުން ބާކީ ކޮށް، ޢިލްމެއް ނެތް، ނުވަތަ ކޮލެޖަކުން ޔުނިވަރުސިޓީއަކުން ފާސްތަކެއް ނަގައިގެން ހުއްޓަސް ތަޖުރިބާއެއް ނެތް، ޤައުމީ ޚިދުމަތުގެ ރިކޯޑެއް ނެތް މީހުން މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ލުމުގެ ވަރަށް ގިނަ ގެއްލުންތައް ވެއެވެ. ބައެއް ކަންކަމަށް ބަލައިލާނަމެވެ.
1. ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤައުމުގެ ކުރީ ސަފުގައި ހިމެނޭ ބޭފުޅުންގެ ޢިލްމާއި ތަޖުރިބާއާއި ޢުމުރުގެ ސީނިއަރިޓީގެ ސަބަބުން، އެ ބޭފުޅުންނަށް ދައުލަތުގެ އެކިއެކި ނިޒާމުތަކާއި މުއައްސަސާތައް، ޙިކުމަތުޢަމަލީއާ އެކު ޖަވާބުދާރީ ކުރުވާނޭ ގޮތް އެނގިވަޑައިގަންނަވައެވެ. އަދި އެކަމަށް ފަސްޖެހިވަޑައިގަތުމެއް އެ ބޭފުޅުންގެ ކިބައިގައެއް ނުހުންނާނެއެވެ.
2. ޢިލްމާއި ފަންނީ ޤާބިލުކަން ހޯދުމަށް ފަހު، ދިގު މުއްދަތަކަށް ނަޒާހަތްތެރިކަމާއި ޤާބިލިއްޔަތާ އެކު ޤައުމަށް ޚިދުމަތް ކުރާ މީހާގެ ކިބައިން އެންމެންނަށް ވެސް އޮންނާނީ އޭނާގެ ރަނގަޅު ސިފަތައް ފެނިފައެވެ. އެ ކަން އޮންނާނީ "ސާބިތު"ކުރެވިފައެވެ. އޭނާއަކީ އެންމެންނަށް ވެސް އިތުބާރުކުރެވޭ "ޤައުމީ ޚިދުމަތްތެރިއަކަށް" ވާނެއެވެ. އެހެންކަމުން، އެ ފަދަ ބޭފުޅުން ދުސްތޫރީ މުއައްސަސާތަކުގެ މެންބަރުކަމަށް - އަދި އެހެން އިސް މަޤާމުތަކަށް ވެސް - ލުމުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އަދި ޢާންމުންނަށް ވެސް އެ ބޭފުޅުންނަށް އިތުބާރުކުރެވޭ ގޮތް ވެއެވެ. ޤަދަރުކުރެވޭ ގޮތް ވެއެވެ. އެޔާއެކު، އެފަދަ ބޭފުޅުން އިސްކޮށް ތިއްބަވާ މުއައްސަސާތަކަށް ވެސް މީހުންގެ ޤަދަރާއި އިޙުތިރާމު ލިބެއެވެ. ޤައުމީ މުއައްސަސާތައް ބިނާ ކުރެވޭނީ މި ގޮތުންނެވެ.
3. ޢިލްމާއި ފަންނީ ޤާބިލިއްޔަތާއި ޤައުމީ ޚިދުމަތުގެ ތަޖުރިބާ ލިބިވަޑައިގެންފައި ވާ ބޭފުޅުން މިނިވަން މުއައްސަސާތަކުގައި ތިއްބެވުމަކީ، އެ މުއައްސަސާތަކާ މެދު ދައުލަތުގެ އިދާރާތަކުގެ ވެރީންނާއި މުއައްޒަފުން ޖެހިލުންވާނޭ ސަބަބެކެވެ. އެ ތަންތަނުން ތިމާމެންގެ މައްސަލަ ބަލާ ޙާލަތު ދެކެ ބިރުގަތުން ބޮޑުވާނޭ ސަބަބެކެވެ.
4. ދުސްތޫރީ މިނިވަން މުއައްސަސާއެއްގައި ވެސް، އަދި އެ ނޫން މުއައްސަސާއެއްގައި ވެސް، ޢިލްމީ/ފަންނީ ޤާބިލިއްޔަތާއި ޤައުމީ ޚިދުމަތުގެ ތަޖުރިބާ ނެތް - ނުވަތަ ޔުނިވަރުސިޓީ ފާހެއް އަދި އޮތަސް ޚިދުމަތުގެ ޢަމަލީ ތަޖުރިބާ ނެތް - މީހުން ތިބުމަކީ، މި ދަންނަވާ ކަންކަން ޙާޞިލުކުރައްވައިގެން ތިއްބަވާ، ޤައުމުގެ ސީނިއަރ ބޭފުޅުންނަށްކުރެވޭ އިންތިހާ ދަރަޖައިގެ ބޮޑު މަލާމާތެއް އަދި އިހާނާތެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މުއައްސަސާތަކާ މެދު، މީހުންގެ ހިތްތަކުގައި ފޫހިކަމާއި ރުޅިވެރިކަމާއި ނަފުރަތާއި މަލާމާތް އުފެދެއެވެ. އަދި މުޅި ނިޒާމަކީ ވަރަށް ބޮޑު ބޭއިންޞާފެއްގެ މައްޗަށް ބިނާކުރެވިފައިވާ ބޮޑު ޖޯކެއްކަމުގެ ވިސްނުން، މުޅި މުޖުތަމަޢުގައި ޢާންމުވެއެވެ.
5. ޤައުމުގައި ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ހަރު ބޭފުޅުން ތިއްބަވަނިކޮށް، އެ ބޭފުޅުން ބާކީކޮށް އެއްފަރާތްކޮށް، މި ކަންކަން، ނެތް މީހުން ޤައުމުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ގެނައުމުން، އެ ދައްކައިދެވެނީ ޢިލްމު ހުރުމާއި، ތަޖުރިބާ ހުރުމާއި، ޤައުމަށް ދިގު މުއްދަތުތަކަށް ޚިދުމަތް ކުރުން މިއީ އެއްވެސް މާނައެއް ބޭނުމެއް ނެތް ކަންކަންކަމެވެ. ޒުވާން ޖީލުތަކަށް އެ ދައްކައިދެވެނީ، ޤައުމުގެ ބޮޑެތި މުއައްސަސާތަކާއި، ޤައުމީ ޒިންމާގެ މަތީ ފަޑީގެ މަސްއޫލިއްޔަތުތަކާ ޙަވާލު ވުމަށް ބޭނުން ވަނީ ޢިލްމެއް، ތަޖުރިބާއެއް، އިޚްލާޞްތެރި ޚިދުމަތެއް، ނަޒާހަތްތެރިކަން ސާބިތު ކޮށްދިނުމެއް ނޫންކަމާއި، ބޭނުންވަނީ ބާރުގައި އޮންނަ ސިޔާސީ ޕާޓީއާއި ބާރުގައި ތިބޭ ބަޔެއްގެ ޢާއިލީ މީހުން، ގާތް ރައްޓެހީން، އެ މީހުންގެ ސިޔާސީ ވާގިވެރީންކަމުގައި ވުންކަމެވެ.
6. ޤާބިލުކަމެއް ނެތް، ތަޖުރިބާއެއް ނެތް މީހުން މުއައްސަސާތަކުގެ ވެރީންނަށް ލުމަކީ، ޚުދު އެ މުއައްސަސާތަކުގައި ދަށަށް ތިބޭ މުއައްޒަފުންގެ ހިތްތަކުން ވެސް އެ މުއައްސަސާތަކުގެ ޤަދަރާއި ހައިބަތު ނެތި ގޮސް، އަމާނާތްތެރިކަމާ އެކު، ފުރިހަމަޔަށް މަސައްކަތް ކުރުމުގެ އިރާދާ އެމީހުންގެ ކިބައިން ނެއްތައިލާ ކަމެކެވެ. މިހެން ވުމުން، މުއައްސަސާތައް ފޭލިވުން ކަށަވަރުވެއެވެ.
7. ޢިލްމީ/ފަންނީ ޤާބިލުކަމާއި ޤައުމީ ޚިދުމަތުގެ ތަޖުރިބާގެ ހަރުގަނޑުން މަތީ ސަފަށް ވާޞިލު ވެވަޑައިގެން ތިއްބަވާ ބޭފުޅުން މުޖުތަމަޢުގައި ތިއްބަވަނިކޮށް، މިއިން ކަމެއް ނެތް މީހަކު މުއައްސަސާއެއްގެ އިސް މަޤާމަށް އަންނަނީ ކޮރަޕްޝަނާއި ފަސާދައިގެ ކޮންމެވެސް ގޮތަކުންނެވެ. އެހެންޏާ، އޭނާއަކީ ބާރުގައި ތިއްބަވާ ބޭފުޅުން ނުވަތަ ވެރިކަމުގައި އޮންނަ ޕާޓީގެ ޕޯޑިއަމުގައި އަޑުގަދަ ނުވަތަ އެ ޕާޓީގެ މަގުމަތީ ޙަރަކާތުގައި އިސް ނަގާ އެކްޓިވިސްޓަކަށް ވަނީއެވެ. ނުވަތަ ބާރުވެރި ބޭފުޅެއްގެ ޢާއިލާގެ މީހެއް ކަމުގައި ވަނީއެވެ. ނުވަތަ އެ ބޭފުޅުންގެ ގާތް ރައްޓެއްސަކަށް ވަނީއެވެ. މިއިން ކޮންމެ ގޮތަކުން އިސް މަޤާމަކަށް އަޔަސް، އެ ކުރެވޭ ކަމަކީ ކޮރަޕްޝަނެވެ. ފަސާދައެވެ. އެ ލިބިގަންނަ މަޤާމަކީ ނުޙައްޤު މަޤާމެކެވެ. އެ މަޤާމުގައި ހުރެގެން ކާ މުސާރަޔަކީ ޙަރާމް ފައިސާއެވެ. ޙަރާމް މުދަލާއި ފައިސާ ހޯދުމަކީ ކޮން ކަހަލަ ކަމެއްކަން މުސްލިމަކަށް އޮޅިފައި އޮވެގެން ނުވާނެއެވެ. (އިއްޔެގެ ހުކުރު ޚުޠުބާގައި މި މައުޟޫޢުގެ މައްޗަށް ދީނީ ނަޒަރަކުން ބައްލަވައިލައްވައި ނަސޭހަތްތެރިވެވަޑައިގެންފައި ވެއެވެ.) ހަމަ އެފަދައިން، މީހަކަށް މި ދަންނަވާ މަގުން ދައުލަތުގެ އިސް މަޤާމުތައް ދޭ މީހާއަކީ ވެސް ކޮރަޕްޝަނާއި ފަސާދަ ހިންގައި، މީސްމީހުންނަށް ރައްޔިތުންގެ މުދަލާއި ޚަޒާނާއިން ނުޙައްޤުން ބައި އަޅައިދީ، މީހުންނަށް ޙަރާމް ފައިސާ އާއި މުދާ ކާން ދޭ މީހެކެވެ. މި ކަންކަމުގެ ނަތީޖާއާ ﷲ ގެ ޙަޟުރަތުގައި ކުރިމަތި ލާން ނުޖެހޭނޭ ކަމަށް ހީކުރާ މީހާއަކީ ވަރަށް ބޮޑު ޣަފުލަތެއްގައި ވާ މޮޔައެކެވެ.
8. މަތީގައި، ހަތްވަނަ ނުކުތާގައި، ދެންނެވި މަގުން ދައުލަތުގެ އިސް މަޤާމަކަށް، މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ވެގެން އިންނަ މީހާއަށް ވެސް، ތިމާ މި މަޤާމަށް އައީ ޚިޔާނާތާއި ފަސާދައިގެ ތެރެއިން، ނުޙައްޤުން، ސިޔާސީ "ރިޝްވަތު" ދީގެން، ނުވަތަ ސިޔާސި "ރަންޑި" ހެދިގެން ނަފުސު ވިއްކައިގެންކަން އެނގޭނެތާއެވެ! އޭނާގެ ބުއްދިއާއި ޟަމީރު އަބަދު ވެސް އެ ކަން އޭނާއަށް ހަނދާން ކޮށްދޭނެއެވެ! ވީމާ، އެ ފަދަ މީހެއްގެ ހިތަކު ދުވަހަކު ވެސް އޭނާ މަސައްކަތްކުރާ މުއައްސަސާއަށް /ރައްޔިތުންނަށް/ ޤައުމަށް ލޯބީން އަދި ފުރިހަމަ ތަޚުޞީޞާ އެކު ޚިދުމަތް ކުރުމުގެ އިރާދާއެއް އަދި ވިސްނުމެއް ނުއުފެދޭނެއެވެ. އޭނާގެ ކިބައިގައި ހުންނާނީ ޚިޔާނާތާއި ރިޝްވަތުގެ މަގުން އެ މަޤާމުތަކަށް އައި ފަދައިން، ޚިޔާނާތާއި ރިޝްވަތުގެ ގޮތުގައި އެ މަޤާމުތަކުން "ނާޖާއިޒު ފައިދާ" ހޯދުމުގެ ވިސްނުމެވެ. އޭނާގެ ހިތުގައި އަބަދުވެސް ހިނގާނީ، ގެއަކަށް ވައްކަން ކުރާން ވަދެގެން އުޅޭ ވަގެއްގެ ހިތުގައި ހިނގާ ފަދަ ޚިޔާލުތަކެކެވެ. ގޭގެ ވެރީން އަންނަންޏާ، ނުވަތަ ފުލުހުން އަންނަންޏާ އަވަހަށް ފިލައި ރައްކާވެގެން ދިޔުމުގެ ނަފުސިއްޔާތުގެ ތެރެއިން އަންނަ ޚިޔާލުތަކެވެ. މި ފަދަ ޙާލަތެއްގައި ހުންނަ މީހަކަށް، އޭނާ ވެރިޔަކަށް ހުންނަ މުއައްސަސާގައި، އޭނާގެ ދަށުން ތިބޭ މުއައްޒަފުން ޖަވާބުދާރީކުރުވައި، މަސައްކަތްނުކުރާ މުއައްޒަފުންނާ މެދު އަޅާން ޖެހޭ އިންޞާފުވެރި ފިޔަވަޅުއެޅުން ފަދަ އެއްވެސް ކަމެއް ވެސް ނުކުރެވޭނެއެވެ. ސަބަބަކީ، ތިމާ މަޤާމަށް އައީ ނާޖާއިޒު ގޮތުންކަމުގައި ވާތީ، އެ ކަންކަން ކުރުމުގެ އަޚްލާޤީ އަމުރުވެރިކަން ނުވަތަ "މޯރަލް އޮތޯރިޓީ" ތިމާޔަށް ނޯންނާނޭކަން ޚުދު އޭނާއަށް ވެސް ޤަބޫލުކުރެވޭނެކަމެވެ. ދެން، ވިސްނުމާއި ފިކުރުގެ އުނިކަމަކުން، ނުޙައްޤުން މަޤާމަށް އައިސް ހުރެގެން ވެސް ތިމާޔަށް ތިމާގެ ދަށުން ތިބި މުއައްޒަފުން "އިޞްލާޙު"ކުރުވައި އެ މީހުން "ހެޔޮ މަގަށް" ގެނެސްގެން އެ މީހުންގެ "ހެޔޮ ވެރިއަކަށް" ވެގެން އުޅެވިދާނޭކަމުގެ ބިލާހީ ވިސްނުން މީހެއްގެ ކިބައިގައި ހުއްޓަސް، މުއައްސަސާގައި ދަށަށް ތިބޭ މުއައްޒަފުން އެ ކަން ޤަބޫލެއް ނުކުރާނެއެވެ. އެ މީހުންނަށް އެ މީހުންގެ ވެރިޔާއާއި އޭނާގެ ޢަމަލުތައް ވާނީ ޖޯކަކަށެވެ. އެހެނީ، ނާޤާބިލު އަދި ނުޙައްޤުން ބާރުގެ ގޮނޑިއަށް އަރައި އިންނަ މީހާއަށް އިޙުތިރާމުކުރުމަކީ އިންސާނީ ޠަބީޢަތާއި އިންސާނީ ބުއްދި އާއި ޟަމީރު ދުވަހަކު ވެސް ޤަބޫލު ނުކުރާނޭ ކަމެކެވެ. ތިމާގެ މަތީން ރިޝްވަތު ދީގެން މަޤާމަށް އައިސް ހުރި މީހަކު، "ކަލޭމެން ރިޝްވަތު ނުހިފައި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރާށޭ" ބުނީމާ އެ ވާހަކަޔާ މެދު ސީރިއަސްވާނީ ކޮން މުއައްޒަފެއް ހެއްޔެވެ؟
---------------------------------------------------
މީގެ އިތުރަށް ވެސް ޤައުމުގެ މުއައްސަސާތަކަށް ޢިލްމެއް ނެތް، ތަޖުރިބާއެއް ނެތް، ނާޤާބިލު "ޅަ ކުދީން"، ޕާޓި އެކްޓިވިސްޓުން ލުމުގެ ގެއްލުންތަކެއް ވެއެވެ. ޖުމުލަކޮށް ބުނަންޏާ، މީގެ އާޚިރު ނަތީޖާއަކީ ޤައުމު ފަނާވެ ބަރުބާދުމެވެ.
މި މައްސަލަ ދިވެހިރާއްޖޭގައި [2008އިން ފެށިގެން] ވަނީ ބޮޑު ރޯގާއެއްގެ ދަރަޖަޔަށް ގޮސްފައެވެ. އެއްވެސް ސަރުކާރަކުން މި މައްސަލަ ރަނގަޅެއް ނުކުރެއެވެ. ދަނީ ގޯހުން ގޯހަށެވެ.
އެންމެ ބޮޑު ހިތާމަޔަކީ، މިއީ ޤައުމަށާއި، އަމިއްލަ ނަފުސުތަކަށާއި، ތިމާމެން އެ ފަރާތަކަށް އީމާންވާކަމަށް ދަޢުވާކުރާ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވެސް ވެވޭ ޚިޔާނާތެއްކަމެވެ. ނަބިއްޔާ ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގެ މިފްތާޙީ ނުކުތާގައި އޮންނަނީ، ކޮންމެ މީހަކާ ވެސް މަސްއޫލިއްޔަތުތަކެއް ޙަވާލު ކުރެވޭ ކަމާއި، އެ މަސްއޫލިއްޔަތުތަކާ މެދު އެ މީހަކާ ސުވާލުވެވޭނޭކަމުގައެވެ. އެ ވިދާޅުވާ ބަސްފުޅަކީ ހަމައެކަނި ނަމާދު ކުރިތޯ، ރޯދަ ހިފިތޯ، ޙައްޖު ވިތޯ ސުވާލު ކުރެވޭނެ ވާހަކަކަމަށް ހީވާ މީހަކަށް އެ ކުރެވެނީ ބޮޑު ކުށް ހީއެކެވެ. މުސްލިމު ރައްޔިތެއްގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކުގެ މަޤާމުތަކަށް މީހުން ޢައްޔަންކުރުމަކީ ވެސް ތިމާއާ އަމާނާތެއްގެ ގޮތުގައި ޙަވާލުކުރެވޭ މަސްއޫލިއްޔަތެކެވެ. ޤާބިލު ނޫން މީހުން އެ މަޤާމުތަކަށް ޢައްޔަންކުރާ މީހާ، ނަބިއްޔާގެ ބަސްފުޅަށް ފުރަގަސްދީ، ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ، އަމާނާތަށް ޚިޔާނާތްތެރި ވެއްޖެއެވެ.
ހަމަ އެހެންމެ، ތިމާގެ ކިބައިގައި ޢިލްމެއް، ތަޖުރިބާއެއް ނެތީސް، ތިމާޔަށް ވުރެ ޤާބިލު މީހުން ޤައުމުގައި ތިއްބައި، ފާޑުފާޑުގެ ވަލުދޮރޯށިތަކުން ވަދެގެން ގޮސް ޤައުމުގެ އިސް މަޤާމުތައް ހޯދާ މީހުންނަކީ ވަގުންނާއި ފޭރޭ މީހުންނާ އެއް ދަރަޖައެއްގެ މުޖުރިމުން، ޚިޔާނާތްތެރީން، ދޮގުވެރި މަކަރުވެރީން، އަދި އެއްވެސް އަޚުލާޤެއް ނެތް، ދަހިވެތިކަމުގައި ޙައްދުފަހަނައަޅައިފައި ތިބި ބަޔެއް ކަމުގައި މެނުވީ ނުވެއެވެ.