ad_banner
ފިލާވަޅަށް ވުރެ ގިނަ އެއްޗެހި މުދައްރިސުން ކިޔަވައިދެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

13 ޑިސެންބަރު 2025

ޓީޗަރަކު ދަރިވަރުންގެ މަސައްކަތް ބަލަނީ

މުދައްރިސުން ދަރިވަރުންނަށް ކިޔަވައިދޭ ކުލާސްތަކަކީ އާންމުކޮށް ގިނަ ބަޔަކަށް ވަސިލުވެވޭ އެންމެ މުހިންމު ތަންތަނެވެ. އެއީ އެ ތަނަކުން އެ ގައުމެއްގެ އަފުރާދުން މުޖުތަމަޢަށް ނެރެދޭ މަރުކަޒުތަކެވެ. އެހެންކަމުން ދީމުޤުރާތީ އަސާސްތަކާއި އިޖުތިމާއީ ގިޔަމުތައް މުޖުތަމަޢުގައި ދެމެހެއްޓުމަށް ޓަކައި ކުލާސްރޫމުގެ މުހިންމުކަން ވަރަށް ބޮޑެވެ.

އެއީ ހައްގުތަކަށް އިހުތިރާމްކޮށް، އަމިއްލައަށް ކަންކަމުގެ ޒިންމާއުފުއްލާ ރައްޔިތުންނަށް ޒުވާނުން ހެދުމަށް އެހީތެރިވެދޭ ޚިޔާލުތަކާއި ހުނަރުތައް ދަސްކުރާ ތަނެކެވެ. ނަމަވެސް މި މާހައުލަކީ ޚާއްޞަ ފަރުވާތެރިކަމަކާއި ސަމާލުކަމެއް ވެސް ދޭންޖެހޭ ތަނެކެވެ. އެއީ ނޭދެވޭ ބައެއް ކަހަލަ ފުން ޖަޒުބާތުތަކާއި، މުއައްގަދު އުންމީދުތަކެއް ވެސް ހުރި ތަނެކެވެ. އަދި ރަނގަޅު ސުލޫކާއި ނުރަނގަޅު ކަންތައްތަކާ ދެމެދުގައިވާ އިން ފާހަގަކޮށް ރަނގަޅު ތަރުބިޔަތުގެ މަތީގައި ކުދީން ބައްޓަންކުރުމަށް ޓަކައި އެންމެ ފަރުވާތެރިކަމާއެކު މަސައްކަތްކުރާން ޖެހޭ ތަނެކެވެ.

މުދައްރިސުން އެ އަދާކުރަނީ އާދަޔާ ޚިލާފު ބޮޑު ޒިންމާއެކެވެ. އެ މީހުން ދަރިވަރުންނަށް މަގުދައްކައިދީ، ހިތްވަރުދީ، އިސްލާހުކޮށް، ރައްކާތެރިކޮށްދެއެވެ. އެ މީހުން ކުލާސްރޫމުގެ މާހައުލު ހެޔޮ ގޮތުގައި ބައްޓަންކޮށް، އެކަކު އަނެކަކަށް އިހުތިރާމުކުރަނިވި ގުޅުންތެރިކަމަކަށް މުޅި މާހައުލުގެ ރާގު ބަދަލުކޮށްލައެވެ. އެންމެ މުހިންމު ކަމަކީ އެއީ އިތުބާރު އުފެއްދުމުގެ މަސްއޫލުވެރީންނަށްވާކަމެވެ. މުދައްރިސަކު ކްލާހަކަށް ވަންނަވަނުމުން ބެލެނިވެރީންނާއި މުޖުތަމަޢުން އުންމީދުކުރާނީ އޭނާ ޢަމަލުކުރާނީ ސަރީޙަ ސާފު އިންސާފާއި ތަވާޒުނާއި، ޖަޒުބާތީ ކޮންޓުރޯލުތަކާއި، ކޮންމެ ދަރިވަރެއްގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސާބިތުކަމާ އެކު މަސައްކަތްކުރާނެކަމުގެ ވަޢުދެއްކަމަށެވެ. މި އުންމީދަކީ ހަގީގަތުގައި ޖާއިޒު އުންމީދެކެވެ. އެއީ އެ މީހުންނަށް ބުރައެއް ނޫނެވެ. އެއީ އެ ދަންނު (ޕްރޮފެޝަން)ގެ ރީތިކަމެވެ. 
އަނެއްކޮޅުން ދަރިވަރުން އަދިވެސް ދަނީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް ނުފޫޒު ފޯރުވައި ބާރު ހޯދާނެ ގޮތްކާއި އަރއިރުންވާނެ ތަރީގާތައް ދަސްކުރަމުންނެވެ. ދަރިވަރުން ހަދާ ގޯސްތަކާއި، އެ ކުދީންގެ މާޔޫސްކަމާއި، ދޭތެރެ ދޭތެރެއިން ބައެއް ކުދީންގެ ފުށުން ފެންނަ ނޭދެވޭ ސުލޫކަކީ އެއްވެސް ހާލެއްގައި ނާކާމިޔާބީގެ ނިޝަނެއް ނޫނެވެ. އެއީ ތަޞައްރަފުފުނިފައިވާ ޒިންމާދާރު ފަރުދުންނަށް ވުމުގެ ދިގު އިޖުރާތުގެ ބައެކެވެ. މި ސަބަބަށްޓަކައި ހެޔޮ ސުލޫކާއި ރަނގަޅު އަޚުލާގަކީ ޒަރޫރަތެކެވެ. ކޮންމެހެން ބޭނުންވާ ކަމެކެވެ. އެއިން ޞަރީޙަކަމާއި އޮނިގަނޑު ފޯރުކޮށްދެއެވެ. ޖަވާބުދާރީވާން ދަސްކޮށްދެއެވެ. އެއީ ކޮންމެ ދަރިވަރަކަށް ކުރިއެރުމުގެ ފުރުސަތު ލިބޭ ގޮތަށް އުނގެނުމުގެ މާހައުލު ރައްކާތެރިކޮށްދޭ ކަމެކެވެ.
ނަމަވެސް އަމަލުކުރާ ގޮތްތަކާއި ގަބޫލުކުރާ ގަބޫލުކުރުންތައް އަބަދުވެސް އޮންނާންވާނީ އަޚްލާޤީ އިމުގެ ތެރޭގައެވެ. މި އިންތައް ކަނޑައަޅައިފައިވަނީ މުދައްރިސުންގެ ބާރު ބަލިކަށިކުރުމަށް ނުވަތަ ކޮންޓުރޯލު ނުކުރެވޭ މިނިވަންކަން ދަރިވަރުންނަށް ދިނުމަށް ނޫނެވެ. އެ މީހުން ހާޒިރުވެ އެ ތިބެނީ ތަޢުލީމީ ގުޅުންތަކުގެ ދެފަރާތް ރައްކާތެރިކުރުމަށެވެ. ދަރިވަރެއްގެ ފުށުން ފެންނަ ނުރަނގަޅު ޢަމަލަކަށް ހަރުކަށިކަމާ އެކު އިޖާބަދޭ ޓީޗަރަކު އެ އުފައްދަނީ ދަރިވަރުން ވިސްނައި ފިލާވަޅު ލިބިގަނެ އިސްލާޙުވުމުގެ ފުރުޞަތަށް ވުރެ ބިރުވެރިކަން އުފެއްދުމުގެ ފުރުޞަތަކަށް ވުމުގެ ހިރާސް އޮވެއެވެ. ހަމަ މި ފަދައިން އުނގެނުމާއި އުނގަންނައިދިނުމުގެ މުޅި އޮނިގަނޑު މުޅީން ދޫކޮށްލާ ޓީޗަރެއް ނަމަ،  ދަރިވަރުންނަށް އޮޅުން ބޮޅުން ބޮޑުވެ، އިރުޝާދެއް ނެތި ދޫކޮށްލައެވެ. މިއީ ދެކޮޅަށް ބަލާ އިރު އިމުން ބޭރުވުމެވެ. ހައްދު ފަހަނަޅައި ދިޔުމެވެ. މި ދެމެދުގައި ތަވާޒުނުކުރެވިއްޖެ ނަމަ، ހަގީގީ ސުލޫކަކާއި ރީތި އަޚުލާގެއް އުފަންވުމަށް ފުރުސަތު ފަހިވާނެއެވެ. އެއީ އަމާން، އިންސާފުވެރި، ނިމުތުވެރި އިޙްތިރާމުކުރަނިވި ސާބިތު، ހަރުދަނާ ނިޒާމަކަށްވާނެއެވެ.
ގިނަ ސަގާފަތްތަކެއްގައި ކުރެވިފައިވާ ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ދަރިވަރުން އެންމެ ރަނގަޅަށް ދަސްކުރަނީ ބާރާއި އިޚުތިޔާރާއި، އޯގާތެރިކަމާއި ރަޙުމާއިކުލުނު އެކުވެފައިވާ ތަވާޒުނުކޮށް  މަސައްކަތްކުރާ މާހައުލުތަކުގައެވެ. ސާފު ވަކި އިންތަކަކާއި މިންތަކެއް ކަނޑައެޅޭނެ ގޮތާއި، ވަރުގަދަ ޖަޒުބާތުތައް މައިތިރިކުރާނެ ގޮތާއި، ހަރުކަށި ޢަމަލަކާ ނުލައި އަރައިރުންތަކަށް އިޖާބަދޭނެ ގޮތް މުދައްރިސުންނަށް ވިސްނިއްޖެ ނަމަ މުޅި ސްކޫލަށް އެ ކަމުން ފައިދާކުރެއެވެ. ދަރިވަރުންގެ ކިބައިގައި މުޅި ތަޢުލީމީ ނިޒާމަށް އިތުބާރު އުފެދެއެވެ. ޓީޗަރުން އެމީހުންގެ ދަންނީ (ޕްރޮފެޝަނަލް) ނަޒާހަތްތެރިކަން ދަމަހައްޓައެވެ. ސްކޫލްތަކުން ހައްގުތައް ފުރިހަމައަށް އަދާކޮށް ޒިންމާއާއި މަސްއޫލިއްޔަތު ވެސް އަދާކުރާކަމުގެ ޔަގީންކަން ބަލެިވަރީންނާއި އާއިލާތަކަށް އިހުސާސްކުރެވި ގަބޫލުކުރެވެއެވެ.
ނަމަވެސް މި ތަވާޒުނަކީ އަމިއްލައަށް ތަބީއީ ގޮތުން އޮޓަމެޓިކުން ހިނގާނެ ކަމެއްނޫނެވެ. އެކަމަށް ބޭނުންވަނީ ތަމްރީނާއި ރިވެއްޔާއި ކަށަވެތިކަމެވެ. މުޢާމަލާތާއި މުއާސަލާތުކުރުމުގެ ހުނަރާއި، އަރައިރުންތައް ހައްލުކުރާނެ އުކުޅުތަކާއި، ކްލާސްރޫމް ބެލެހެއްޓުމުގައި މުދައްރިސުންނަށް ގަވާއިދުން އެހީތެރިކަން ބޭނުންވެއެވެ. އެ މީހުންނަށް ބޭނުންވަނީ އެ މީހުންނަށް ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެ މީހުންގެ ޚިދުމަތް ރަނގަޅުކުރުމަށް ރައްކާތެރި ފުރުޞަތުތަކެކެވެ. ދަރިވަރުންނަށް އިޙްތިރާމްކުރާ ސުލޫކާ ބެހޭ އިރުޝާދާއި، އެ މީހުންގެ އިޚުތިޔާރުތަކުގެ ނަތީޖާއާ މެދު ވިސްނައިލުމުގެ ފުރުޞަތުތައް ބޭނުންވެއެވެ. މި މަސައްކަތްތަކަށް އިސްކޫލްތަކުން ވުނަކުރާ އިރު، ދަރިވަރުން އަދަބުވެރިކުރުން ވާނީ އަދަބުދިނުމުގެ ވަގުތުކޮޅަކަށް ވުރެ، އެކަކު އަނެކަކަށް ކަންކަން ހިއްސާކުރެވޭ ސަގާފަތަކަށެވެ.
އާޚިރުގައި އެންމެ މުހިންމު ފިލާވަޅެއް އެއްވެސް ޓެކްސްޓު ފޮތަކުން ނުފެނެއެވެ. އެއީ ދަރިވަރުންގެ ވަށައިގެން އޮންނަ މާހައުލާއި ބޮޑެތި މީހުންގެ ކިބައިން ލިބިގަންނަ ފިލާވަޅެވެ. މުދައްރިސުން އިންސާފުވެރިކަމާއި ހަމަހަމަކަމާއި ސާބިތުކަން ކުރާއިރު، ޒުވާނުންނަށް އަމިއްލައަށް ކޮންޓުރޯލު ދަސްވެއެވެ. މުދައްރިސުންގެ ކިބައިން އިޙްތިރާމް ދައްކާ ނަމަ، ދަރިވަރުންނަށް ކަރާމާތުގެ އަގު ވަޒަންކުރެވޭނެއެވެ. އަޚްލާޤީ އިންތަކަށް އިޙްތިރާމްކުރާ ކްލާސްރޫމަކުން ތަރުތީބާއި އިންތިޒާމު ބެލެހެއްޓުމަށްވުރެ މާ ބޮޑު ކަމެއް ކުރެވެއެވެ. އެއީ އަންނަން އޮތް ޖީލަށް ދީމުޤުރާތީ މުޖުތަމަޢަކުން ފޯރުކޮށްދިނުމަށް އުންމީދުކުރާ ގިޔަމުތަކުގެ ދިރިހުރި މިސާލަކަށް ވެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނިމުތު      ނ.    ކުރާ ލަފާ ނުވަތަ އަންދާޒާ forecast

އަސާސް     ނ.    (1) ކަމެއް އޭގެ މައްޗަށް ބިނާވެފައިވާ ހަގީގަތް ނުވަތަ އަސްލު ނުވަތަ އުސޫލު. (2) ބިންގާ ނުވަތަ ތަރަހަ. Foundation, basis

ވުނަކުރުން   މ.    ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest

ތަވާޒުނު     ނ.    ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.balance

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ޖީލު       ނ.    (1) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (2) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. jeneration

ކޮމެންޓު