ad_banner
ފިލިޕީންސުގައި އޮތް އިސްލާމީ ރިޔާސަތުތަކާއި، އެ ގައުމުން އިސްލާމް ދީން ފޮހެލި ގޮތް

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

11 ޑިސެންބަރު 2025

ފިލިޕިނސްގެ އެ ޒަމާނުގެ ރަސްކަލެއް

ފިލިޕީންސްގެ ވެރިރަށް މެނިލާއަކީ، ސްޕޭނާއި، ޖަޕާނާއި، އަދި އެމެރިކާ މީހުން ފަތަޙަކުރުމުގެ ކުރީން "އަމާނު الله" ކިޔާ އިސްލާމީ ސަހަރެކެވެ. މިއަދު ފިލިޕިންސުގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ނަސާރާއިންނެވެ. މުސްލިމުންގެ އާބާދީގެ ނިސްބަތަކީ އެންމެ 6.4 އިންސައްތައެވެ. ސްޕޭނުގެ އިސްތިޢުމާރުގެ ކުރީން ފިލިޕިންސުގައި އެތައް ހާސް މިސްކިތް ހުއްޓެވެ. އެހެންނަމަވެސް، ސުޕޭނުގެ އިސްތިޢުމާރުގެ ތެރޭގައި، ގިނަ މިސްކިތްތައް އަންދައިލައި، ބައެއް މިސްކިތްތައް ނަސާރާ ފައްޅިތަކަށް ބަދަލުކޮށްލީއެވެ. ބުނެވޭ ގޮތުގައި، އިސްތިޢުމާރީންގެ ދުވަސްވަރު، މެނީލާގައި ސަލާމަތުން ހުރީ އެންމެ މިސްކިތެކެވެ.

އާދޭހެވެ! އިސްޕޭނުގެ އިސްތިޢުމާރުގެ ކުރީން، މެނިލާ ސަހަރަކީ، ސުލައިމާން ނަންފުޅަކަށް ކިއުނު މުސްލިމު ރަސްކަލަކު، ރަސްކަންކުރައްވަމުން ގެންދެވި، އަދި ކުރިއަރަމުން އައި، އިސްލާމީ ރިޔާސަތެކެވެ. ވިޔަފާރިއާއި، ވެރިކަމުގެ މުހިންމު މަރުކަޒެއްކަމަށްވާ "އަމާނު الله"، 1571 ވަނަ އަހަރު އިސްޕޭނުގެ ކޮލޮނީއަކަށް ބަދަލުވުމުގެ ކުރީން، އެއީ ބްރޫނީއާ އަމްބަރާޠޫރިއްޔަތާއި ގުޅިފައިވާ ސަހަރެކެވެ.

ފިލިޕީންސުގެ އިސްތިޢުމާރަކީ، ދުނިޔޭގެ ގިނަ މުސްލިމުން އިހުމާލުވެފައިވާ މައްސަލައެކެވެ. އެ ޤައުމުގެ ރައްޔިތުން ގަދަކަމުން ނަސާރާ ދީނަށް ވެއްދި އިރު، މުސްލިމު އުންމަތުން އެ ކަމާ ދެކޮޅަށް ކުރި އެއްވެސް މަސައްކަތެއް ނެތެވެ. ފިލިޕީންސަކީ، އަންދަލުސް ގެއްލުމަށް ފަހު، އިސްލާމީ އުންމަތަށް ލިބުނު އެންމެ ފުން ޒަޚަމެވެ. ފިލިޕިންސުގެ ހާދިސާއަކީ ނަސާރާ ހުޅަނގުގެ ތާރީޚުގެ އަނދިރި ބާބެކެވެ.

ފިލިޕިންސުގެ ޖަޒީރާތަކަށް އިސްލާމްދީނުގެ އަލިކަން ފޯރީ، ކުރީގެ ޢަރަބި އަދި ޢަޖަމީ މުސްލިމު ވިޔަފާރިވެރީންގެ ފަރާތުންނެވެ. މުސްލިމު ވިޔަފާރިވެރީންގެ ފަރާތުން، ފިލިޕިންސުގެ އޭރުގެ ރައްޔިތުންނަށް ފެނުނީ ރިވެތި އަޚުލާޤާއި، އިންސާފާއި، އިތުބާރުގެ މަތިވެރި ނަމޫނާއެވެ. މުސްލިމު ވިޔަފާރިވެރިންގެ ނަމޫނާ ސުލޫކުގެ ސަބަބުން، ރަށްވެހި އާބާދީ އިސްލާމްދީން ޤަބޫލުކުރީއެވެ. ސޫލޫ ޖަޒީރާގައި ފުރަތަމަ މިސްކިތް ބިނާކުރީ މީލާދީން 679 ވަނަ އަހަރުއެވެ. އިސްލާމްދީނުގެ އަލިކަން ފޯރުކޮށް ދިނުމަށް، އެދުވަސްވަރު ގިނަ ޢަދަދެއްގެ ދާއީން އައުމުގެ ސަބަބުން، އިސްލާމްދީން ގަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވެގެން ދިޔައެވެ. ދާއީންނާއި، ވިޔަފާރިވެރިން އައީ ޢަރަބިކަރައާއި، އުތުރުކަރައާއި، މެލޭޝިޔާއާއި، އަދި އިންޑޮނޭޝިއާގެ ފަސްގަނޑުންނެވެ. 10ވަނަ ޤަރުނުގެ ތެރޭގައި ފިލިޕިންސުގެ ހުރިހައި ޖަޒީރާތަކެއް އޮތީ އިސްލާމީ ޢިމާރާތެއްގެ ބާރުގެ ދަށުގައެވެ. އަދި އޭރު، އެ ޢިމާރާތުގެ ވެރިކަން ކުރާ ސަހަރަކީ "އަމާނު الله" ގެ ނަމުގައި އޮތް، މިހާރުގެ ފިލިޕިންސުގެ ވެރިރަށް މެނީލާއެވެ.

މީލާދީން 1492 ވަނަ އަހަރު އަންދަލުސް ވެއްޓުމާ އެކު، މުސްލިމުންގެ އާރާއި، ބާރު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، ފިލިޕިންސުގެ ޖަޒީރާތަކާ ދެކޮޅަށް އިސްތިޢުމާރީން ސިލްސިލާ ކެމްޕޭންތަކެއް ފެށިއެވެ. ސްޕެއިންގެ ފުރަތަމަ ލަޝްކަރު އެ ޖަޒީރާތަކަށް އައީ މީލާދީން 1521ވަނަ އަހަރުއެވެ. ސްޕޭނުގެ އިސްތިޢުމާރީ ލަޝްކަރުގެ ވެރިޔަކަށް ހުރީ، ތާރީޚީ ގިނަ ޢިލްމުވެރީން ނިރުބަވެރިއެއްގެ ގޮތުގައި ދެކޭ މަޝްހޫރު އެކްސްޕްލޯރަރ ފާރޑިނެންޑް މެޖެލަންއެވެ. ފިލިޕިންސުގެ ޖަޒީރާތައް ސްޕޭނުގެ އިސްތިޢުމާރުގެ ދަށަށް ދިއުމަށް ފަހު، އެ މީހުން އެ ޖަޒީރާތަކުގެ ނަން ފިލިޕީންސްގެ ނަމަށް ބަދަލުކުރީއެވެ. އެއީ، ސްޕޭނުގެ އޭރުގެ އަނިޔާވެރި ރަސްގެފާނު ފިލިޕް ދެވަނައިގެ ނަމާ ގުޅުވައިގެންނެވެ. ސްޕޭނުގެ އިސްތިޢުމާރުގެ ކުރީން، އެ ޖަޒީރާތަކަކީ، އެއް ޤައުމެއްގެ ގޮތުގައި އޮތް، ވަކި ނަމެއް ކިޔާ ޖަޒީރާތަކެއް ނޫނެވެ. އޭރު، އެ ޖަޒީރާތަކުގައި އޮތީ ވަކިވަކި އިސްލާމީ ރަސްކަންތަކެއްގެ މައްޗަށް އެކުލެވިގެންވާ ރިޔާސަތުތަކެކެވެ.

ސްޕޭނުން، އެ ޖަޒީރާތައް އިސްތިޢުމާރުކުރުމަށް ފަހު، އެ ޖަޒީރާތަކުގެ ރައްޔިތުންނަށް ނަސާރާ ދީނަށް ބަދަލުވާން މަޖުބޫރުކުރިއެވެ. އަދި، އެ ކަމަށް ދެކޮޅު ހެދި މީހުންނަށް މަރާ ކުރިމަތިލާން ޖެހުނެވެ. ސްޕޭނުން އަންދަލުސްގެ މުސްލިމުންނާ މެދު ކަންތައްތައް ކުރި ގޮތަށް ވުރެ އަނިޔާވެރިކޮށް، ފިލިޕިންސުގެ މުސްލިމުންނާ މެދު ކަންތައްތައްކުރިއެވެ. އެއަށް ފަހު، ނަސާރާ ދީން ވެގެން ދިޔައީ އެ ޖަޒީރާތަކުގައި ބާރުގަދަ ދީނަކަށެވެ. އިސްޕޭނު މީހުން ހިންގި އަނިޔާވެރިކަމުގެ ތެރޭގައި، ވެރިރަށް "އަމާނު الله" އަންދައި އަޅިއަށް ހަދައިލައި، މުޅި ސަހަރު ނައްތައިލިއެވެ. އޭގެ ފަހުން އެތަނުގެ އިސްލާމީ ހުވިއްޔަތު، ބިންގަލާ އެކު މުލުން ލުހެލައި، މިހާރުގެ ފިލިޕީންސްގެ ވެރިރަށް މެނިލާގެ ނަމުގައި، އަލުން އެ ސަހަރު ބިނާކުރިއެވެ.

ފިލިޕިންސުގެ މުސްލިމުންނާއި، ސްޕޭނުގެ އިސްތިޢުމާރީ ސިފައިންނާއި ދެމެދު ހިނގި، ވަރުގަދަ ހަނގުރާމަތަކުގެ ތެރެއިން، އެއް ހަނގުރާމައިގައި ސްޕޭނުގެ އިސްތިޢުމާރީ ޤާޢިދު ފާރޑިނެންޑް މެޖެލަން މަރައިލިއެވެ. އެހެންނަމަވެސް، ސްޕެއިންގެ އިސްތިޢުމާރު 333 އަހަރު ވަންދެން، އެ ޖަޒީރާތަކުގައި ދެމިއޮތެވެ. ސްޕޭނުގެ އިސްތިޢުމާރީން ދެކުނުގެ މިންޑަނާއޯ ޖަޒީރާއަށް އަރައިގަތުމުން، އެ ޖަޒީރާގެ ރައްޔިތުން، އެ މީހުންނާ ދެކޮޅަށް ވަރުގަދަ ޖިހާދެއްކޮށް، އިސްތިޢުމާރީ ލަޝްކަރު ފަހަތަށް ޖައްސައިލިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ތެރެއިން ދެކޮޅުވެރިކަމުގެ ވަރުގަދަ ޙަރަކާތެއް އުފެދުނެވެ. އޭގެ ސަބަބުން، އިސްތިޢުމާރީންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، މިންޑަނާއޯ ޖަޒީރާ ދޫކޮށް ދާން އެ މީހުންނަށް މަޖުބޫރުވިއެވެ.

އޭގެފަހުން، އެމެރިކާގެ އިސްތިޢުމާރީން، އެ ޖަޒީރާތަކަށް އަރައި، ސްޕެއިނާއި، އެމެރިކާގެ އިސްތިޢުމާރީންނާ ދެމެދު ވަރުގަދަ ދެކޮޅުވެރިކަމާއި، ހަނގުރާމަތަކަކަށް ފަހު، ސްޕޭނުން 1898ވަނަ އަހަރު، 20 މިލިއަން ޑޮލަރަށް ފިލިޕީންސްގެ ޖަޒީރާތައް އެމެރިކާއަށް ދޫކޮށްލިއެވެ. އެ ހިސާބުން ފެށިގެން، 1941 ވަނަ އަހަރާ ހަމައަށް ފިލިޕިންސުގައި އެމެރިކާގެ އިސްތިޢުމާރު ދެމިއޮތެވެ.

އެމެރިކާއިން، ފިލިޕީންސްގެ މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތައިލުމުގެ އެތައް ހަނގުރާމައެއްކުރިއެވެ. މި ހަނގުރާމަތަކުގައި، 1899 އާއި 1913 އާއި ދެމެދު، 1.5 މިލިއަން މުސްލިމުން ޝަހީދުކޮށްލިއެވެ. އޭރު އެމެރިކާގެ އިސްތިޢުމާރީންގެ ޤާޢިދަކަށް ހުރީ ޖެނެރަލް ޕަރޝިންގއެވެ. އެމެރިކާގެ އިސްތިޢުމާރީން މުޖާހިދުން ޝަހީދުކޮށް، ޝަހީދުންގެ ބޯ، އޫރު ލެއަށް ގަންބައިލުމަށް ފަހު، ބޮޑެތި ކަށްވަޅުތަކުގައި އޫރުތަކާ އެކު ވަޅުލިއެވެ.

ޖުލައި 1946 ޖުލައި 4، ހިޖުރައިން 1365 ގައި ފިލިޕީންސަށް މިނިވަންކަން ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ދެކުނުގެ މުސްލިމުންގެ ސަރަޙައްދުތައް ވެސް، ޖުމްހޫރީ ފިލިޕީންސްގެ ބަޔަކަށް ވެގެން ދިޔައެވެ. އަދި ފިލިޕީންސްގެ އާ ސަރުކާރުން ހުޅަނގުގެ ނަސާރާއިންނާއި، އެމެރިކާއަށް ބައިއަތުހިފައި، މުސްލިމުންނާ ދެކޮޅުވެރިވެ، ބާކީ ތިބި މުސްލިމުންގެ ނަސްލު ނައްތައިލުމާއި، ލާއިންސާނީ އަނިޔާއާއި، އެތައް ތަކުލީފުތަކެއް މުސްލިމުންނަށް އުފުލާން ޖެއްސިއެވެ.

ފިލިޕީންސުގައި އުފެދުނު ހުރިހައި ސަރުކާރުތަކަކުން ވެސް އެމެރިކާއަށް އަޅުދާސްތުވެ، މުސްލިމުންނާ މެދު ކަންތައް ކުރީ އިސްތިޢުމާރީ ބާރުތަކުން ވެސް ކަންތައް ކުރި ގޮތަށެވެ. މުސްލިމުންނާ ދެކޮޅަށް މާޝަލްލޯއާއި، އަސްކަރީ ކޯޓުތަކާއި ޤަތުލުއާންމުތައް ހިންގިއެވެ. އެ އަނިޔާވެރިކަމުގެ ސަބަބުން ދެކުނުގެ މިންޑަނާއޯ ޖަޒީރާގައި މޯރޯ މުސްލިމުންގެ އަސްކަރީ ދެކޮޅުވެރިކަމުގެ ބޮޑު ޙަރަކާތެއް އުފެދުނެވެ. ފިލިޕިންސުގެ އަނިޔާވެރި ސަރުކާރުތަކުން، މިންޑަނާއޯގެ މޯރޯ މުސްލިމުން ސިޔާސީ ގޮތުން ފިއްތައިލައި، މޯރޯ މުސްލިމުންގެ މުއްސަނދިކަން ފޭރިގަނެ، ބިންތައް އަތުލައިގަތެވެ. މޯރޯ މުސްލިމުންނާއި ނަސްރާނީ ފިލިޕީންސް ސަރުކާރާ ދެމެދު އޭގެ ފަހުން ވެސް ހަނގުރާމަތައް ކުރިއަށްދިޔައެވެ. ފިލިޕިންސަށް މިނިވަންކަން ލިބުނު ފަހުން ވެސް، 160،000އަށް ވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލުމުގެ އިތުރަށް ލައްކައެއްހައި މީހުން ޒަޚަމްކޮށް، 3.5 މިލިއަން މުސްލިމުން ގޯތިގެދޮރު ދޫކޮށްދާން މަޖުބޫރުކުރިއެވެ. އަދި އެތައް ހާސް ގެއާއި، މިސްކިތްތަކާއި، ސުކޫލުތައް ހަލާކުކޮށް، މާލީގޮތުން ބޮޑެތި ގެއްލުންތަކެއް މުސްލިމުންނަށް ދީފައިވެއެވެ.

 

މަރުޖާ:

1.     އިސްލާމް އިން ފިލިޕީންސް، ރޮބަރޓް އަލަބަސްތްރޯ

2.     ދަ ފިލިޕީންސް: އަ ޕާސްޓް ރީވިޒިޓެޑް، ޓިއެޑޯރޯ އޭ އަގަންސިލޯ

3.     ދަ ފިލިޕިން އެމެރިކަން ވޯރ: އަ ހިސްޓޮރިކަލް ޕާރސްޕެކްޓިވް، އެންޓޯނިއޯ ޓީ. ޑެލޮސް

ދަ މޯރޯސް: ދަ މުސްލިމު އެންކައުންޓަރސް ވިތު އެމެރިކާ. ޕެޓްރީސިއޯ އެން އެބިނާލެސް

ކޮމެންޓު