ad_banner
ދުޢާކުރުމުގައި ޢަދާވަތްތެރިވުން!!!!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

12 ޑިސެންބަރު 2025

ދުޢާކުރުމަކީ އޭގެ ޒާތުގައި އަޅުކަމެކެވެ.

ދުޢާއަކީ މުއުމިނުންގެ ބަރުހަތިޔާރެވެ. އެއީ އަޅުކަމުގެ ފުރާނައެވެ. އެއީ އަޅުވެތިކަމުގެ އެންމެ ފާޅުކަން ބޮޑު މަލައެވެ. އެއީ ﷲ جل جلالهގެ ޙަޟުރަތަށް އަޅާ ދާއިމަށް އަބަދަށް ބޭނުންޖެހިފައިވާކަމުގެ ޢަލާމާތެވެ. ﷲ ތަޢާލާއާއި އެކަލާނގެ ކައު ރަސޫލާ r ވަނީ ދުޢާކުރުމަށް ގޮވައިލައްވައި އެ ކަމަށް ޝައުޤުވެރިކުރައްވައިފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ [1]- އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ!)) ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ مَنِ الدُّعَاء [2]- ދުޢާއަށް ވުރެ ﷲގެ މައްޗަށް ދީލަތިކަން ބޮޑު އެއްޗެއް ނުވެއެވެ.))

ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބައަށް ޓަކައި ދުޢާކުރުން ލައްވަވައިފައި ވިޔަސް ކަންކަމަށް އެދުމުގައި  ނުވަތަ ދުޢާކުރުމުގައި ހިފަހައްޓާންޖެހޭ މިންގަނޑުތަކަކާއި ތަބާވާންޖެހޭ އަދަބުތަކެއްވެއެވެ. ދުޢާއަކީ ﷲއާ އެކު މުޢާމަލާތުކުރުމުގައި އެކަލާނގެ ޙަޟުރަތަށް ޢަދާވަތްތެރިވާ އެއްޗަކަށް ނުވަތަ ބޭއަދަބީ ވެވޭ ކަމަކަށް ދުޢާ ހަދައިގެން ނުވާނެއެވެ.

ދުޢާކުރުމުގައި ޢަދާވާތްތެރިވުމާ ދުރުހެލިވުން

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މުޣައްފަލުގެ އަރިހުން ރިވާވެގެންވެއެވެ އެކަލޭގެފާނު ވިދާޅުވިއެވެ. ((އަހުރެންގެ ދަރިއަކު ދުޢާކުރި އަޑުއެހީމެވެ. އޭނާ މި ދުޢާގައި ބުންޏެވެ. اللَّهمَّ إنِّي أسألُك القصرَ الأبيضَ عن يمينِ الجنَّةِ إذا دخلتُها فقال أيْ بنيَّ سلِ اللهَ الجنَّةَ وعُذْ به من النّارِ فإنِّي سمِعتُ رسولَ اللهِ يقولُ سيكونُ قومٌ يعتدون في الدُّعاءِ [3]- ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާ ސުވަރުގެ ވަނުމުން ސުވަރުގޭގެ ކަނާތްފަރާތުން މި އަޅާއަށް ހުދު ގަނޑުވަރެއް ދެއްވުމަށް އިބަރަސްކަލާނގެ ޙަޟުރަތުން މި އަޅާ އެދެމެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ލޯބިވާ ދަރިފުޅާއެވެ! ތިބާއަށް ސުވަރުގެ ދެއްވުމަށާއި ނަރަކައިން ދިންނެވުމަށް ﷲއަށް ދަންނަވާށެވެ! ހަމަކަށަވަރުން ރަސޫލުﷲ r ޙަދީސްކުރެއްވި އަޑުފުޅު އެހީމެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ދުޢާގައި ޢަދާވަތްތެރިވާ ބަޔަކު އަންނާނެތެވެ.))

ދުޢާކުރުމުގައި ޢަދާވާތްތެރިވުމުގެ މިސާލުތަކުގެ ތެރޭގައި މުސްތަޙީލު ކަމަކަށް އެދި ދުޢާކުރުން ވެއެވެ.

މާތް ﷲ ރަޙުމަތްލެއްވި އިބްނުލްޤައްޔިމު ވިދާޅުވިއެވެ. ދުޢާކުރުމުގައި ޢަދާވާތްތެރިވުމަކީ "ﷲގެ  ޙިކުމަތްފުޅާ އަރައިރުންވާ ކަމަކަށް އެދި ދުޢާކުރުމެވެ. ނުވަތަ ﷲގެ އަމުރުފުޅުތަކާއި ﷲގެ ޝަރުޢާ ޚިލާފު ކަމެއް ހިމެނޭ ގޮތަށް ދުޢާކުރުމެވެ. ނުވަތަ އެއީ ﷲ ލޯބިވެވޮޑިނުގަންނަވާ ކަމަކަށް އެދި ދުޢާކުރުމެވެ. ނުވަތަ ﷲ ލޯބިވެވޮޑިނުގަންނަވާ ކަމަކަށް އަރައިގަތުން ހިމެނޭ ކަމެއް ކޮށްދެއްވުމަށް އެދި ދުޢާކުރުމެވެ."

ސުޢޫދުލްޢުޤައިލީ ވިދާޅުވާ ގޮތުގައި "އެއީ ދުޢާކުރާ އިރު ލަފުޒީ ގޮތުން ވިޔަސް މާނަވީ ގޮތުން ވިޔަސް ވައްތަރުގެ ގޮތުން ވިޔަސް ދެންނެވުމުގެ ގޮތުން ވިޔަސް ﷲ ތަޢާލާ ޝަރުޢުކުރައްވައިފައިވާ ގޮތް ފަހަނަޅައި ދިޔުމެވެ."

މުސްތަޙީލުގެ ބާވަތްތައް

ޢިލްމުވެރިން މުސްތަޙީލު ތިން ބަޔަކަށް ބައްސަވައެވެ. އެއީ:-

1-            ބުއްދީގެ ގޮތުން މުސްތަޙީލު ކަންތައް. މިސާލަކަށް އިދިކޮޅު ދެ ކަންތައް ޖަމާކޮށްދެއްވުމަށް އެދުން. ނުވަތަ ދުނިޔޭގައި މަރުނުވެ ތާއަބަދަށް ލެހެއްޓެވުމަށް ދެންނެވުން. މިއީ ހުއްދަ ކަންކަމެއް ނޫނެވެ.

2-            އާދައިގެ މުސްތަޙީލު ކަންތައް. މިސާލަކަށް މުސްކުޅިކަމުން ޒުވާންކަމަށް ބަދަލުކޮށްދެއްވުމަށް އެދުން. ނުވަތަ މީހަކާ ނީދެ ދަރިއަކު ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދުން. ނުވަތަ ނުކައިނުބޮއި އުޅޭވޭނެ މަގު ތަނަވަސްކޮށް ދެއްވުން . މި ފަދަ ކަމަކަށް އެދި ދުޢާކުރުމަކީ ޙަރާން ކަމެކެވެ. ﷲގެ ޚަލްޤުކުރެއްވުމުގެ ސުންނަތާ ޚިލާފު ކަމަކަށް ވާތީއެވެ.

3-            ޝަރުޢީ ގޮތުން މުސްތަޙީލު ކަންތއް. މިސާލަކަށް ނަބީކަން ދެއްވުމަށް އެދުން. ނުވަތަ ކާފިރުންނަށް ފާފަފުއްސަވައިދެއްވުމަށް އެދުން. މިއީ އެ ކަންކަމުގައި ޙަރާންކަން ބޮޑު ކަންތައްތަކެކެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ނައްޞުތަކާ އަރައިރުންވާ ކަންކަމަށް ވާތީއެވެ.

ދުޢާ ކުރުމުގައި ޢަދާވަތްތެރިވުމާ ބެހޭ ގޮތުން ބައެއް ޢިލްމުވެރީންގެ ބަސްފުޅުތައް

 އަލްބައިހަޤީ شعب الإيمان ގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ދުޢާ ޞައްޙަވުމުގެ ރުކުންތަކުގެ ތެރޭގައި " ދުޢާކުރާ މީހާ އެދޭ ކަމަކީ އޭނާގެ މަޤާމާ އެކަށީގެންވާ ކަމެއްކަމުގައި ވާން ޖެހޭނެއެވެ. އިބްރާހީމުގެފާނު އެދިވަޑައިގެންނެވި ފަދައިން މައްޔިތުން ދިރުއްވަވާ ގޮތް ދެއްކެވުމަށް އެދުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.((قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ  -  إبراهيمގެފާނު ދެންނެވިއެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވައިފާނދޭވެ!))  އަދި އެއްވެސް މީހަކަށް މޫސާގެފާނު ދެންނެވި ގޮތަށް އެކަލާނގެ ޒާތުފުޅު ދެއްކެވުމަކަށް ވެސް ނޭދެވޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ ۚ قَالَ لَن تَرَانِي [4]- ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ.)) އަދި އެއްވެސް މީހަކަށް ޢީސާގެފާނު ދެންނެވި ގޮތަށް އުޑުން ކާނާގެ ދޮލަނގެއް ބާވައިލައްވާ ދެއްވުމަށް އެދުން ވެސް ހުއްދަވެގެން ނުވެއެވެ.  މާތް ﷲ ވަޙީކުރެއްވިއެވެ. ((قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖأَنْزِلْ عَلَيْنا مائِدَةً مِنَ السَّماءِ [5]- مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيد އެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ حضرة ން އައި ހެތްކެއްގެ ގޮތުގައެވެ.))  އުޑުން މަލާއިކަތަކު ބާވައިލެއްވުމަށް އެދުމާއި މަރުވެ ގޮސްފައިވާ އޭނާގެ މައިންބަފައިން ދިރުއްވާދެއްވުމަށް އެދުމަކީ އާދަޔާ ޚިލާފު ކަންތައްތަކެއް ކޮށްދެއްވުމަށް އެދުމެވެ. މިއީ ހުއްދަ ކަމެއްނޫނެވެ. އެއީ މާތް ﷲ ރަސޫލުންނަށް މުޢުޖިޒާތުގެ ގޮތުގައި ކޮށްދެއްވައިފައިވާ ކަންތައްތަކެވެ.

ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި " ދުޢާކުރުމުގައި ޢަދާވަތްތެރިވުމުގެ ތެރޭގައި ޙަރާން ކަންތައްތައް ކުރުމަށް ވާގިވެރިކޮށްދެއްވުމާއި ޤިޔާމަތާ ޖެހެންދެން ދިރި ދުނިޔޭގައި ލަހައްޓަވައިދެއްވުން ފަދަ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކޮށްނުދެއްވާނެ ކަންތައްތައް ކޮށްދެއްވުމަށް އެދުމާއި، އިންސާނާއަށް ބޭނުންވާ ކަންކަމާ ނުލައި މިސާލަކަށް ނުކައިނުބޮއި އުޅޭވޭނެ ގޮތް ތަނަވަސްކޮށްދެއްވުމާއި، ކުށެއް ނުކުރާ މަޢުޞޫމު މީހަކަށް ހައްދަވައިދެއްވމަށް ދެންނެވުމާއި އަތްނބަކާނުލައި ދަރިއަކު ލިބޭނޭ ގޮތް ހައްދަވައިދެއްވުމަށް އެދުމަކީﷲގެ ޒާތުފުޅަށް ޢަދާވަތްތެރިވުމެވެ. އެކަހަލަ ކަމަކަށް އެދި ދުޢާކުރުމަކީ ﷲ ލޯބިވެވޮޑިގަންނަވާނެ ކަމެއްނޫނެވެ."

އައްދުއްރުއްމުޚްތާރު ފޮތުގައި އަލްޙަޞްކަފީ ވިދާޅުވިއެވެ. "މުޅި ޢުމުރަށް ޞިއްޙަތާއި ޢާފިޔަތު ދެއްވުން އެދި ދުޢާކުރުން ޙަރާންވާނެއެވެ. މުސްތަޙީލު ކަންތައްތަކަށް އެދި ދުޢާކުރުން ވެސް ޙަރާންވާނެއެވެ." އިބްނު ޢާބިދީން މި ކަންކަން  ސާފުކޮށްދެއްވަމުން ވިދާޅުވިއެވެ. "ނޭވާނުލައި ދިރިއުޅެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެދި ދުޢާކުރުމާއި، ދުވަހަކު ވެސް ބަލިނުވާ މީހެއްކަމުގައި ލެއްވުމަށް އެދުމަކީ ދުޢާކުރުމުގައި ޢަދާވަތްތެރިވުމެކެވެ."

އެހެނަސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޟަރޫރަތުގެ ޙާލަތުގައި މުސްތަޙީލު ކަމަކަށް އެދުން ހުއްދަވާނެތެވެ. މިސާލަކަށް ސަހަރާގައި ދަތުރުކުރަނިކޮށް ފެނަށް ޖެހުމުން އެ މުޞީބާތުން ސަލާމަތްކޮށްދެއްވުމަށް އެދުމާއި ކަނޑުމަތީގައި ޠޫފާނެއްގައި ޣަރަޤުވަމުންދާ އިރު ސަލާމަތްކޮށްދެއްވުމަށް އެދުމަކީ މަނާކަމެއް ނޫނެވެ.

މުސްތަޙީލު ކަންތައްތަކަށް އެދުން މަނާކުރެއްވުމުގެ ޙިކުމަތް

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްތަޙީލު ކަމަކަށް އެދި ދުޢާކުރުން މަނާކުރެއްވީ ޙިކުމަތްތަކަށް ޓަކައެވެ. އޭގެ ތެރޭގައި :-

1-       ﷲ ތަޢަލާގެ ޙަޟުރަތުގައި އަދަބާ ޚިލާފުވުން

2-        އެކަމުގެ ސަބަބުން ބާޠިލު އުންމީދުތަކުގެ ދޮރު ހުޅުވުމާއި ފާސިދު  ޝަހްވާތްތަކަށް ދޮރު ހުޅުވިގެން ދިޔުން ވެއެވެ.

3-        އަލްޤަރާފީ ވިދާޅުވިއެވެ: ﷲތައާލާގެ ޙަޟުރަތުގައި އެކަލާނގެ އަމުރުފުޅުތައް ހިންގަވާ ނިޒާމު ބަދަލުކުރުމަށް ދެންނެވުމަކީ އަދަބުކުޑަ ކަމެއްނޫންހެއްޔެވެ؟ ތިބާ ރަސްގެފާނު އަރިހަށް ގޮސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަރިހަށް ގޮސް ޤާނޫނުއަސާސީއާ ޚިލާފަށް ވެރިކަން ކުރެއްވުމަށް ދެންނެވުމަކީ ތިބާގެ  ހަޔާތްކުޑަ ކަމެއްނޫން ހެއްޔެވެ؟

4-       ﷲ ސުބްޙާނަހޫ ވަ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ އެކަލާނގެ އަޅާ އެކަލާނގެއަށް ކިޔަމަންގަތުމަށެވެ. އެކަލާނގެ ޙަޟުރަތުގައި ނިކަމެތިވުމަށެވެ. އެކަލާނގެ ކަންކުރައްވާ ސުންނަތަށް އިޙުތިރާމުކުރުމަށެވެ.

 

މަރުޖާ:


[1]  - غافر: 60

[2]  - أخرجه الترمذي (٣٣٧٠)، وابن ماجه (٣٨٢٩)، وأحمد (٨٧٤٨)

[3]  -  أخرجه ابن ماجه (٣٨٦٤)  و أبو داود (٩٦)، وأحمد (١٦٨٠١

[4]  - الأعراف:143

[5]  - المائدة:114

ކޮމެންޓު