ad_banner
ތިބާގެ އަތުގައި އޮތް އަސާގެ ބޭނުން ރަނގަޅަށް ހިފާށެވެ!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

15 ޑިސެންބަރު 2025

އެ މީހެއްގެ އަތުގައިއޮންނަ އަސާ އެއްލައިނުލާށެވެ.

ރާއްޖޭގައި ރަސްކަންކުރެއްވި ކޮންމެވެސް ރަސްކަލަކު ފަރިއްކުޅުއްވާން ވަޑައިގެންފައި ސުފުރާކޮޅު މަތީގައި ނެތް އެއްޗެއް ފާހަގަކުރައްވައިފައި އެ އެއްޗެއް ގެނައުމަށް ވިދާޅުވެއެވެ.

ވަރަށް ގިނަ ބަޔަކު އޭނާގެ އަތުގައި އޮތް އެއްޗަކަށް ވުރެ ބޮޑަށް އޭނާގެ އަތުގައި ނެތް އެއްޗެއް ލިބުމަށް އެދެއެވެ. އަދި އެ އެއްޗެއް ލިބުމަށް އުންމީދުކުރެތެވެ. މާތްﷲ އޭނާއަށް ދެއްވައިފައިވާ ހުނަރަށާއި ފަންނަށާއި ޤާބިލުކަމަކަށް ނުބަލައެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ މޫސާގެފާނާ ސުވާލުކުރެއްވިއެވެ. ﴿وَمَا تِلْكَ بِيَمِينِكَ يَا مُوسَى[1] – އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެ ވަނީ ކޮންއެއްޗެއްތޯއެވެ؟ މި ސުވާލުގެ ޒާތަށް ބަލާ އިރު، އެއީ އެހެން ގޮތަކަށް ކޮންމެ އިންސާނަކާ ކުރިމަތިކުރައްވައިފައިވާނެ ސުވާލެކެވެ.

ތިބާގެ ހުނަރަކީ ކޮބައިހެއްޔެވެ؟ ތިބާގެ ފަންނުވެރިކަމަކީ ކޮބައިހެއްޔެވެ؟ ތިބާގެ އަތުގައި އޮތް ތިބާގެ އަސައަކީ ކޮބައިހެއްޔެވެ؟

އާދެ! ކޮންމެ އިންސާނެއްގެ އަތުގައި އަސައެއް ވެއެވެ.

މަފުހޫމު ވަރަށް ސާދާއެވެ. އެކަމަކު ވަރަށް ފުނެވެ. މާތް ﷲ އެއްވެސް އިންސާނަކު ހުނަރުވެރިކަމަކާ ނުލައި ފަންނުވެރިކަމަކާ ނުލައި ޚަލްޤެއް ނުކުރައްވަތެވެ. ކޮންމެ އިންސާނަކީ ތަފާތު މަޚުލޫޤެކެވެ. ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އުފަންވަނީ އޭނާގެ އަސައާ އެކުގައެވެ. މާތްﷲ އޭނާއަށް މި އަސާ ދެއްވީ އޭގެ މައްޗަށް އޭނާ ބުރަވެ އުޅުމަށް ޓަކައެވެ. އޭނާގެ އަސަރުތައް ފާހަގަކުރުމަށް ޓަކައެވެ.

މުދައްރިސާ އެކު އޭނާގެ މަޢުލޫމާތެވެ.

ލިޔުންތެރިޔާއާ އެކު އޭނާގެ ބަސްތެރިކަމެވެ.

ޑަކްޓަރާއެކު އޭނާގެ ޢިލްމެވެ.

ކުޅިވަރުކުޅޭ މީހާއާ އެކު އޭނާގެ ބާރެވެ.

ފަންނާނާ އެކު އޭނާގެ އުފެއްދުންތެރި ޚިޔާލެވެ.

ޅެންވެރިޔާއާ އެކު އޭނާގެ ފަށުވި ގެތުންތަކެވެ.

މިސާލުތައް އިތުރުކުރެވިދާނެއެވެ.............

އެންމެ އާދައިގެ މީހާގެ ކިބައިގައި ވެސް އެހެން މީހުންގެ ޙަޔާތުގައި ކުލަޖައްސައިލެވޭ ފަދަ  ޙިކުމަތްތެރިކަމަކާއި ކެތްތެރިކަމަކާއި ހުނަރުވެރިކަމުގެ އަސާތައް ހުންނާނެއެވެ.

މީހަކަށް ލިބިފައިވާ ވަކި ޤާބިލުކަމަކީ ޚާއްޞަ އިމްތިޔާޒެއްނޫނެވެ. އެއީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

މިޒަމާނުގައި މި ޤާބިލުކަން، މަޝްހޫރުވުމަށް ޓަކައި ބޭނުންކޮށްފާނެއެވެ. މާއްދީ ތަނަވަސްކަން އިތުރުކުރުމަށް ޓަކައި ބޭނުންކޮށްފާނެއެވެ. އެހެނަސް މި ޤާބިލުކަމަކީ އަމާނަތެކެވެ. މަސްއޫލިއްޔަތެކެވެ.

މާތްﷲ އިންސާނާއަށް ޤާބިލުކަމާއި ހުނަރުވެރިކަން ދެއްވަވަނީ ސަބަބަކާނުލައެއް  ނޫނެވެ. އެކަލާނގެ މި އިންސާނާގެ އަތަށް އަސާ ލައިދެއްވަނީ އޭނާއާ އެކަށީގެންވާ ގޮތަށް އެކަށީގެންވާ ކަންކަމުގައި އެ ބޭނުން ކުރުމަށެވެ.

ސުވާލަކީ އަހުރެމެންނަށް މާތް ﷲ މި ދެއްވައިފައިވާ ޤާބިލުކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންހެއްޔެވެ؟ އެއިން ރަނގަޅު އަސަރުތައްކުރާނެ ފަދަ ޢަމަލުތައް ކުރަންހެއްޔެވެ؟ ނުވަތަ އަހުރެމެން މި އަސަރުތައް ދަނީ ވަޅުލައިފައިހެއްޔެވެ؟

ޢާލަމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެތައް ސަބަބުތަކަށް ޓަކައި އިންސާނުން އެ މީހުންގެ ޤާބިލުކަމާއި ހުނަރުވެރިކަން އިހްމާލުކުރެއެވެ. 2023ވަނަ އަހަރުގެ ޢާލަމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 80 % މީހުން އެ މީހުންގެ ޤާބިލުކަމާއި ހުނަރުވެރިކަން ބޭނުމެއް ނުކުރެއެވެ. މީގެ މާނައަކީ ގިނަ ބަޔަކު ދުނިޔޭގައި މި އުޅެނީ އެ މީހުންނަށް ދެއްވައިފައިވާ އަސާގެ ބޭނުންނުކޮށެވެ.

އެންމެ ބޮޑު ސަބަބަކީ އެ މީހާގެ އަމިއްލަ ޒާތުގެ އަގު ވަޒަންނުކުރުމެވެ. އެހެން މީހުންނާ އަޅައިބެލުމެވެ. ނާކާމިޔާބު ވެދާނެތީ ބިރުގަތުމެވެ. ތިބާގެ އަތުގައިވާ އަސައަކީ ތިބާއަށާއި އެހެން މީހުންނަށް ފައިދާކުރަނިވި އެއްޗަކަށް ވެދާނެކަން ނޭނގޭތީއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ r އަޅުގަނޑުމެންނަށް ގޮވައިލައްވަނީ އެހެން މީހުންނަށް ފައިދާކުރަނިވި ބަޔަކަށް އަޅުގަނޑުމެން ވުމަށެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (خيرُ الناسِ أنفعُهم للناسِ[2] -އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ.) ތިބާގެ ޤާބިލުކަން ތިބާގެ ހުނަރުވެރިކަން މީސްތަކުންނަށް ޚިދުމަތް ކުރުމުގައި ބޭނުންކުރާށެވެ! އެއިން ކަނޑު އިރައިގެންދާކަށް ނުޖެހެއެވެ. އެހެނަސް ތިބާއަށް އެހެން މީހަކަށް މަގެއް ކޮށައިދެވިދާނެއެވެ. މަގެއް ދެއްކިދާނެއެވެ. މުޢުޖިޒާތެއް ގެންނާކަށްނުޖެހެއެވެ.

މީހަކަށް އެއްޗެއް އުނގަންނައިދިނުން، މުހުތާދުވެރިއަކަށް ވާގިވެރިވުން، ހެޔޮ ޢަމަލެއްގައި ބައިވެރިވުން، ރަނގަޅު ޚިޔާލެއް ދިނުން، މަޝްވަރާއެއް ދިނުން، މަސްއަލައެއް  ޙައްލުކޮށްދިނުން، ފޯމެއް ފުރައިލައިދިނުން، މިއީ ރަނގަޅު ހެޔޮ ޢަމަލުތަކެކެވެ. މިއީ "ތިބާއަށް ތިމަން ﷲ ދެއްވި ޤާބިލުކަން ތިބާ ބޭނުންކުރީ ކިހިނެއްތޯ"ސުވާލުކުރައްވާ ދުވަހު ﷲގެ ޙަޟުރަތުގައި ޖަވާބުދާރީ ދެވޭނެ ކަންތައްތަކެކެވެ.

ތިބާގެ އަސާ ފީވާން އެއްލައިނުލާށެވެ! ތިބާގެ ޤާބިލުކަން ދިރުވައި އާލާކުރާށެވެ!

 

މަރުޖާ:

[1]  - طه:17

[2]  - أخرجه ابن حبان في ((المجروحين)) (٢/١)، والقضاعي في ((مسند الشهاب)) (١٢٣٤) واللفظ لهما، والطبراني في ((المعجم الأوسط)) (٥٧٨٧).

ކޮމެންޓު
ކޮމެންޓުތައް
ފަތުން
15 ޑިސެންބަރު 2025 00:52
މިއީ މި ފަހަކަށް އައިސް އަޅުގަނޑަށް ކިޔުނު އެންމެ މޮޅު އެކަމަކު އެހާ ސާދާ އަދި ޢިބްރަތްތެރި ޢިލްމީ ލިޔުން. ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅުގައި މާތް ﷲ ބަރަކާތްލައްވާށި!