އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
17 ޖަނަވަރީ 2025
ހުކުރުދުވަހު ގުޅުން ބަދަހިކުރުމުގެ ގޮތުން ރައްޓެހީންނާއި ގާތް މީހުންގެ މެދުގައި ބަދަލުކުރާ ހެޔޮއެދުމުގެ ޝުޢޫރެއް
މިއަދުގެ އިސްލާމީ ދުނިޔެއަށް ބަލާ އިރު، جمعة مباركة ފަދަ ބަސްތަކުން ހުކުރުދުވަހު މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮދުޢާކޮށްދީ އުފާވެރިކަމުގެ ބަސްތައް ބަދަލުކޮށް ހެދުން، ވަނީ ވަރަށް ޢާންމުވެފައެވެ. ބައެއް ބޭފުޅުން މިއީ ބިދުޢައެއްކަމަށް ވިދާޅުވެ އެ ކަން ގެންދަވަނީ ޙަރާންކުރައްވަމުންނެވެ.
މި ލިޔުމުގައި ބަލައިލާނީ މި ކަމާ ބެހޭ ގޮތުން ބޮޑެތި ޢިލްމުވެރީން ދެއްވައިފައިވާ ފަތުވާތަކަށެވެ.
ހުކުރުދުވަހަކީ މުސްލިމުންގެ ގާތުގައި ހަފުތާގެ އެންމެ މާތް ދުވަހެވެ. މި ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام، وَفِيهِ قُبِضَ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ[1]-ހަމަކަށަވަރުން ހުކުރު ދުވަހަކީ ތިޔަބައިމީހުންގެ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ވާ ދުވަހެކެވެ. އާދަމުގެފާނު ހެއްދެވީ އެ ދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީ އެ ދުވަހުގައެވެ. ތާޅަފިލި ފުމެލެވޭނީ އެ ދުވަހުގައެވެ. އެންމެތަކުން މަރުވާނީ އެ ދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ކިޔަވާ ޞަލަވާތް ތިމަންކަލޭގެފާނުގެ މައްޗަށް ހުށައެޅުއްވޭނެތެވެ.))
އެ ދުވަހާއި އެ ރޭ ކަހްފު ސޫރަތް ކިޔަވާން ވަނީ އަންގަވައިފައެވެ. އެ ކަމުގެ ސަބަބުން އެ މީހާއަށް އެ ހަފުތާގައި ﷲގެ ރައްކައުތެރިކަމާއި ޙިމާޔަތް ލިބޭނެތީއެވެ. އެ ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަގުތުކޮޅެއް ވެއެވެ. ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު މަރުވާ މީހާ ކަށްވަޅުގެ ފިތުނައިން ސަލާމަތްކޮށްދެއްވާނެއެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ހަފުތާ ތެރޭގައި މުސްލިމު އިންސާނާ ކުރާ އެންމެ މާތް ނަމާދަކީ ހުކުރުވިލޭރޭގެ ފަތިސްނަމާދެވެ.
جمعة مباركة ކިޔުމުގެ ޙުކުން
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ އަޅުކަމެއްކަމުގައި ނުބަލައި މުސްލިމަކަށް ހެޔޮ ދުޢާކޮށްދިނުމުގެ ގޮތުން جمعة مباركة ކިޔުމަކީ ހުއްދަ ކަމެކެވެ. އެ ކަމުގައި އެއްވެސް ކުށެއް ނެތެވެ.
މި ކަމާ ބެހޭ ގޮތުން ޝައިޚު ޢުޘައިމީން رحمه الله تعالىގެ ސާފު ޞަރީޙަ ބަސްފުޅެއް ނެތެވެ.
ޝައިޚު ބިން ބާޒު رحمه الله تعالىގެ ބަސްފުޅުތަކަށް ބަލާ އިރު، جمعة مباركة ކިޔުމާ ބެހޭ ގޮތުން މި ޢިއްޒަތްތެރި ޝައިޚުގެ އަރިހުން ސާފު ފަތުވާއެއް އައިސްފައެއް ނުވެއެވެ.
ޤަޠަރުގެ މަޝްހޫރު އިސްލާމީ ވެބްސައިޓުކަމުގައިވާ "އިސްލާމު ވެބް"ގައި ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި އެއީ ސުންނަތެއްކަމުގައި ނުވަތަ ތަޢައްބުދީ ކަމެއްކަމުގައި ހަދައިގެން جمعة مباركة ކިޔައިގެން ނުވާނެއެވެ. އެހެނަސް މުސްލިމުންނަށް ހެޔޮ ދުޢާކޮށްދިނުމުގެ ނިޔަތުގައި އެ ކަން ކުރުމުގައި ކުށެއް ނެތެވެ.
އުރްދުންގެ ދާރުލްއިފްތާއިން ނެރުއްވައިފައިވާ ފަތުވާ ބުނާ ގޮތުގައި އެއީ ހެޔޮ ދުޢާކުރުމުގެ ގޮތުން މުސްލިމުން ކުރާ ކަމެކެވެ. އެހެންކަމުން އެ ކަމުގައި މައްސަލައެއް ނެތެވެ. އެއީ ޝަރުޢު ހުއްދަކުރާ ކަމެކެވެ. މުސްލިމުން ކުރާ ކޮންމެ ދުޢާއަކީ ރަސޫލާ صلى الله عليه وسلمގެ އަރިހުން ވާރިދުވެފައިވާ ދުޢާއަކަށް ވާކަށް ނުޖެހެއެވެ. އަދި ކިއެއްހެއްޔެވެ؟ އެ ކަމުގައި ފާފައެއް ނުހިމެނޭ ނުވަތަ ރަޙިމުގެ ގުޅުމެއް ކެނޑިދާނެ ފަދަ ޢިބާރާތެއް ނުހިމެނޭ ކޮންމެ ޢިބާރާތަކުން ދުޢާކުރުން ހުއްދަވާނެއެވެ. އުރުދުންގެ ދާރުލްއިފްތާއުގެ ފަތުވާ މަޖިލިސް ވިދާޅުވާ ގޮތުގައި "ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި އެއް މުސްލިމަކު އޭނާގެ އަޚު މުސްލިމުންނަށް ހެޔޮ ދުޢާކޮށްދިނުމަކީ މުސްތަޙައްބު ކަމެކެވެ. އެއީ ބިދުޢައެއްނޫނެވެ. އަދި އެއީ ޙަރާންކަމެކޭއެއް ނުބުނެވޭނެއެވެ. جمعة مباركة ދުޢާއަކީ ބަރަކާތްތެރި ދުވަހެއްކަމުގައިވާ ހުކުރުދުވަހު ބަރަކާތްލެއްވުން އެދި ކުރާ ދުޢާއެކެވެ. މި ދުޢާގެ މަގުސަދަކީ މި ހުކުރުދުވަހު މާތްﷲ ބަރަކާތްލެއްވުމަށް އެދުމެވެ.
އުރުދުންގެ ފަތުވާ މަޖިލީހުން ވިދާޅުވިއެވެ. "ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ވާރިދުނުވާ ދުޢާއެއް ނުވަތަ ތަހުނިޔާއެއް ބޭނުންކުރުމަކީ ޝަރުޢު މަނާކުރާކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ހުއްދަ ކަމެކެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ވަކި ޢިބާރާތަކުން ދުޢާކުރާން އަންގަވައިފައެއް ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى[2] - އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤالކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرةއަށް دعاء ކޮށްފިނަމަ دعاءކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ!)) މި ބަސްފުޅުގައި ވަކި ޚައްޞަ ޞީޣާއަކުން ދުޢާކުރާކަށް އަންގަވައިފައެއް ނެތެވެ. އަދި ވަކި ވަގުތެއް ވެސް ނެތެވެ. މާތް ﷲ މި ވަޙީކުރައްވަނީ އެކަލާނގެ حضرةއަށް دعاءކޮށްފި ނަމަ، ކޮންމެ ބަހަކުން، ކޮންމެ ޢިބާރާތަކުން دعاء ކުރިޔަސް އެ މީހާގެ دعاء އެކަލާނގެ އިޖާބަކުރައްވާނެއެވެ. ލޮބުވެތި ރަސޫލާ r މި އަންގަވަނީ ((ހުކުރު ދުވަހަކީ އެ ދުވަހެއްގެ މައްޗަށް އިރު އެރި އެންމެ ހެޔޮ ދުވަހެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((خَيْرُ يَومٍ طَلَعَتْ عليه الشَّمْسُ يَوْمُ الجُمُعَةِ، فيه خُلِقَ آدَمُ، وفيهِ أُدْخِلَ الجَنَّةَ، وفيهِ أُخْرِجَ مِنْها، ولا تَقُومُ السّاعَةُ إلّا في يَومِ الجُمُعَةِ -[3] އޭގެ މައްޗަށް އިރު އެރި، އެންމެ ހެޔޮ ދުވަހަކީ ހުކުރުދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެއްވީ މި ދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވީ މި ދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވީ މި ދުވަހުގައެވެ. ހުކުރުދުވަހެއްގައި މެނުވީ ޤިޔާމަތެއް ނުވާނެތެވެ.))
ހަމަ އެ ފަދައިން ހުކުރުދުވަހަކީ މުސްލިމުންގެ ހަފުތާ ޢީދުދުވަހެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރުބުނުލްޚައްޠާބަށް ދެންނެވުނެވެ. ޔަހޫދީން ބުންޏެވެ. މި އާޔަތް އަހުރެމެންގެ މައްޗަށް ބާވައިލެއްވުނު ނަމަ އެ ދުވަސް އަހުރެމެން ޢީދެއްކަމުގައި ހަދާނަމެވެ. ((فقال عمرُ: أيُّ آيةٍ يا كعبُ؟ فقال: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ﴾، فقال عمرُ: قد علمتُ اليومَ الذي أُنزلتْ فيهِ، والمكانَ الذي أُنزلتْ فيهِ: يومُ جُمُعةٍ، ويومُ عرفةَ، وكلاهما بحمدِ اللهِ لنا عيدٌ[4]- ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. އޭ ކަޢުބުގެފާނޭވެ! ކޮން އާޔަތެއްތޯއެވެ؟ ފަހެ އެކަލޭގެފާނު ދެންނެވިއެވެ. އެއީ :الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ މި އާޔަތެވެ. ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. އެ އާޔަތް ބާވައިލެއްވުނު ދުވަސް އެނގިވަޑައިގަންނަވައެވެ. އަދި ބާވައިލެއްވުނު ތަން ވެސް އެނގިވަޑައިގަންނަވައެވެ. އެއީ ހުކުރުދުވަހެކެވެ. އެއީ އަރަފާތު ދުވަހެކެވެ. ﷲއަށް ޙަމްދު ހުށްޓެވެ. މި ދެ ދުވަހަކީ ވެސް އަހުރެމެންނަށް ޢީދު ދުވަސްތަކެކެވެ.))
އުރުދުންގެ ދާރުލްފަތުވާގެ ބަޔާނުގައި ވެއެވެ. ((މިހެންވެ މި ފަދަ ދުޢާއެއް ކުރުމަކީ އެ ކަމުގައި މަސްއަލައެއް އޮތް ކަމެއްކަމަކަށް އަހުރެމެންނެއް ނުދެކެމެވެ. އެއީ މުސްލިމުންގެ އުޚުއްވަތްތެރިކަމާއި މުސްލިމުންގެ މެދުގައި އޮންނާންޖެހޭ ލޯބީގެ ގުޅުން ބަދަހިކޮށްދޭނެ ކަމެކެވެ. އެކަމަކު މި ދުޢާ ރަސޫލާއަށް ނިސްބަތްކޮށްގެން ނުވާނެއެވެ. والله تعالى أعلم))[5]
______________________________
ބައެއް ލަފުޒުގެ މާނަ:
ހަރާން ނ. (1) ޙަލާލުގެ އިދިކޮޅު. (2) ދީނުގައި މަނާ. (3) ޙަރާމު
ބިދުޢަ ނ. ދީނީ ކަމެއް ކަމުގައި ހަދައިގެން އުޅޭ، އެކަމަކު ދީނުގައި ނުވާ ކަންކަން.
ފަތުވާ ނ. ޝަރުޢީ ގޮތުން ޙުކުމެއް ކަނޑައަޅާން ހުންނަ މީހަކު، ނުވަތަ މި ފަދަ ރަސްމީ ފަރާތަކުން، ޝަރުޢީ ކަމަކާ މެދު، ކަމެއް ހުއްދަކަމަށް، ނުވަތަ ހުއްދަ ނޫންކަމަށް ބުނާބުނުން ނުވަތަ ނެރޭ ބަޔާން.
ދުޢާ ނ. ކަމަކަށް އެދި اللهގެ ޙަޟުރަތަށް ދެންނެވޭ ދެންނެވުން.