ޑރ. މޫސާ އަންވަރު ޙަސަން
20 ސެޕްޓެންބަރު 2026
މުޤައްދިމާ:
ހަމަކަށަވަރުން މި ޒަމާނުގައި އިންސާނާގެ ނަފުސަށް ދަނީ މާއްދިއްޔަތާއި ދިރިއުޅުމުގެ ފިއްތުންތަކުގެ ވަރުގަދަ އޮއިވަރަކާ ކުރިމަތިލާން ޖެހެމުންނެވެ. މީގެ ސަބަބުން ނަފުސާނީ ހާސްކަމާއި ނުތަނަވަސްކަން އުފެދެއެވެ. ނަމަވެސް، الله سبحانه وتعالي އެކަލާނގެ އަޅުތަކުން އަޅާނުލައި ދޫކޮށްނުލައްވައެވެ. އަދި ކިއެއްތަ، ފުރާނައަށް ދިރުން ލިބި، ހިތްހަމަޖެހުމާއި އަމާންކަން އަލުން އަނބުރާ ހޯދައިގަނެވޭނެ ރައްކާތެރި މަރުކަޒެއް އަދި މަގެއް އެކަލާނގެ ވަނީ ލައްވައިފައެވެ. އެއީ ނަމާދެވެ. އިސްލާމްދީނުގައި ނަމާދަކީ ހަމައެކަނި ވަކި ވަގުތުތަކެއްގައި ކުރެވޭ ހަށިގަނޑުގެ ޙަރަކާތްތަކެއް ނޫނެވެ. އެހެންނަމަވެސް، އެއީ އަޅާ އާއި އޭނާ ހެއްދެވި ފަރާތާ ދެމެދު އޮންނަ ސީދާ ގުޅުމެކެވެ. އަދި މުސްލިމެއްގެ އީމާންކަމުގެ ބިނާ އެ މައްޗަށް ތެދުވާ މައިގަނޑު ތަނބެވެ. މި ދިރާސާގެ ބޭނުމަކީ ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުން ފެންނަން ހުރި ހެކިތައް ހޯދައި ދެނެގަތުމާއި، މި ފަރުޟު ދޫކޮށްލުމުން ކުރިމަތިވާ ހިތާމަވެރި ނަތީޖާތައް ބަޔާންކޮށްދިނުމެވެ. މީގެ އިތުރުން، ނަމާދަކީ ފުރާނައިގެ ކާނާ ކަމުގައްޔާއި ނަފުސުގެ ހަމަޖެހުންކަން ސާބިތުކޮށްދިނުމަށްޓަކައި، ޢިލްމުވެރިންނާއި ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކުން މި ދިރާސާ މުއްސަނދިކުރެވިފައިވާނެއެވެ.
ފުރަތަމަ ބާބު: ނަމާދު ޤާއިމުކުރުން، ކީރިތި ޤުރުއާނުގައި:
ﷲ ތަޢާލާގެ ފޮތުގައި އެކި އާޔަތްކުގައި ނަމާދާއި ޛިކުރުގެ މަތިވެރިކަން ވަނީ ބަޔާންކުރައްވައިފައެވެ. މިއިން އެނގެނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ އަދި އެހެނިހެން ޞާލިޙު އަޅުންގެ އަރިހުގައި ނަމާދަށް ދެވިފައިވާ ފުން މަޤާމެވެ.
1. އިލާހީ ޛިކުރުން ހިތްތަކަށް ލިބޭ ހަމަޖެހުން: ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ (سورةالرعد: 28) މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟" ތެދުވެރި މުއުމިނުންގެ ޢަލާމާތަކީ ﷲ ހަނދުމަކުރުމުން އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ލިބި، ބިރުވެރިކަން ފިލައިދިއުންކަން ﷲ ތަޢާލާ އަހަރެމެންނަށް އެންގަވައެވެ. އަދި ނަމާދަކީ ޛިކުރުގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ޛިކުރެވެ. އިންސާނާގެ ނަފުސަށް ދުނިޔޭގެ ކަންބޮޑުވުންތަކާއި ހާސްކަން ވެރިވުމުން، އެކަމަށް އޮތް ހަމައެކަނި ޝިފާއަކީ އޭނާ ހެއްދެވި ފަރާތަށް ރުޖޫޢަވުމެވެ. އޭރުން ހިތާމަތަކާއި ވޭންތައް ދޮވެލާ ފަދަ އިލާހީ ހަމަޖެހުމެއް ހިތަށް ވެރިވެގެންދެއެވެ.
2. ނަބީބޭކަލުންނަށް ﷲ ކުރެއްވި ދާއިމީ ވަޞިއްޔަތް: ޢީސާ އިބްނު މަރްޔަމްގެ ދޫފުޅުން ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ﴿وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا﴾ (سورة مريم: 31) މާނައީ: "އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ." މި އާޔަތުން އެނގެނީ ނަމާދަކީ އިސްވެދިޔަ ނަބީބޭކަލުންނާއި އެބޭކަލުންގެ އުންމަތްތަކުގެ މައްޗަށްވެސް ﷲ ފަރުޟުކުރެއްވި ޤަދީމީ އަޅުކަމެއް ކަމެވެ. ﷲ ތަޢާލާ އެކަލާނގެ އަޅާ އަދި ރަސޫލާ ޢީސާގެފާނަށް، އެކަލޭގެފާނުގެ މުޅި ޙަޔާތުގައި، އަވަހާރަފުޅުވަންދެން ނަމާދުމަތީ ދެމިހުރުމަށް އަމުރުކުރެއްވިއެވެ. މިއީ މުއުމިނާގެ ޙަޔާތުގެ ހުރިހާ މަރުޙަލާއެއްގައިވެސް ނަމާދަކީ ވަކިނުކުރެވޭނެ އެއްޗެއްކަމާއި، ބުއްދި ސަލާމަތުން ހުރިހާ ހިނދަކު އެއްވެސް ޙާލެއްގައި ނަމާދު ދޫކޮށްނުލެވޭނެކަމުގެ ސާފު ހެއްކެކެވެ.
3. ނަމާދަކީ ޞާލިޙުންގެ ޢަލާމާތެއް އަދި އިޞްލާޙުކުރާ މީހުންގެ ސިފައެއް: ޝުޢައިބުގެފާނުގެ ޤައުމުގެ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ﴿قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ ﴾ (سورة هود: 87) މާނައީ: "އެއުރެން ދެންނެވޫއެވެ. އޭ شعيبގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް أمر ކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓު: އެއުރެން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް مفسّرން ލިޔުއްވައިފައިވެއެވެ.)" މާތް ﷲގެ ނަބިއްޔާ ޝުޢައިބުގެފާނަކީ ގިނަގިނައިން ނަމާދުކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ ދަޢުވަތާއި، ޤައުމުގެ ޙާލަތު ބަދަލުކުރެއްވުމަށް ކުރެއްވި މަސައްކަތުގެ މައިގަނޑު ބާރަކީ މި ނަމާދުކަން ކާފިރުވި އެ ޤައުމުގެ މީހުންނަށް ފާހަގަކުރެވުނެވެ. ޙަޤީޤީ ނަމާދަކީ ހަޑިހުތުރު ކަންތައްތަކާއި މުންކަރާތްތަކުން މީހާ ދުރުހެއްޓުންމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ އިޞްލާޙަށް މަގުދައްކާ އެއްޗެކެވެ. އެހެންކަމުން، ކާފިރުން މަލާމާތުގެ ރާގަކަށް، އެކަލޭގެފާނުގެ ނަމާދާއި، ބުދުތަކަށް އަޅުކަންކުރުން ދޫކޮށްލުމަށާއި ވިޔަފާރީގައި މަކަރު ހެދުމާއި މިނެކިރުމުން އުނިކުރުން ހުއްޓާލުމަށް އެކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުމާ ގުޅުވިއެވެ.
4. ނަމާދު ޤާއިމުކުރުމަކީ ހިޖުރަކުރުމާއި އިމްތިޙާނުގެ މަޤްޞަދު: إبراهيم خليل اللهގެ ދޫފުޅުން ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ﴿رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ﴾ (سورة إبراهيم: 37) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ." އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާ އާއި ދަރިކަލުން އިސްމާޢީލްގެފާނު މައްކާގެ ފަޅު ސަހަރާއަށް ދޫކޮށްލެއްވިއިރު، އެކަލޭގެފާނުގެ މަޤްޞަދަކީ ވިޔަފާރިއެއް ނުވަތަ އަރާމު ދިރިއުޅުމެއް ހޯއްދެވުމެއް ނޫނެވެ. އެކަލޭގެފާނުގެ މަތިވެރި މަޤްޞަދު އޮތީ "އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއީ އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ" މި ބަސްފުޅުގައެވެ. ނަމާދަކީ ބިން ބާއްޖަވެރިވުމާއި ނިޢުމަތްތައް ދެމިއޮތުމުގެ އަސާސެވެ. އެ ނަމާދުގެ ބަރަކާތުން، ޒަމާންތަކުގެ ތެރޭގައި އިންސާނުންގެ ހިތްތައް އެ ބިމަށް ލެނބި، ބިމުގެ ދިރުމާއި ނިޢުމަތްތައް އެބައިމީހުންނަށް ފާޅުވެގެންދިޔައެވެ.
5. މޫސާގެފާނާ ﷲ ފުރަތަމަ ބައްދަލުވެވުނު ހިނދު ނަމާދަށް ކުރެއްވި އަމުރުފުޅު: ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي﴾ (سورة طه: 14) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!"
ބަރަކާތްތެރި "ޠުވާ" ވާދީގައި، ﷲ ތަޢާލާ މޫސާގެފާނާ ފުރަތަމަ ފަހަރަށް ސީދާ ބަސްފުޅު ވަޙީކުރެއްވި ވަގުތު، ތައުޙީދަށްފަހު ވަގުތުން ކުރެއްވި ފުރަތަމަ އަމުރަކީ ނަމާދު ޤާއިމުކުރުމެވެ. ނަމާދުގެ އެންމެ މަތިވެރި މަޤްޞަދަކީ އަޅާގެ ހިތުގައި ﷲ ހަނދުމަކުރުން ދިރިއޮތުމެވެ. އޭރުން ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި، އުނދަގޫތަކުގެ ތެރޭގައްޔާއި، ފިރުޢައުނު ފަދަ އަނިޔާވެރިންނާ ކުރިމަތިލާއިރުވެސް އޭނާގެ ވެރިރަސްކަލާނގެ ހަނދުމަަނެތް ނުވާނެއެވެ.
6. ނަމާދަކީ އުފާވެރި ޚަބަރުތަކާއި ރަޙްމަތްތައް ލިބޭ ބިނާއެއް: ޒަކަރިއްޔާގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ﴿فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ ﴾ (سورةآل عمران: 39) މާނައީ: "ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ." ޒަކަރިއްޔާގެފާނަށް ދަރިކަލަކު ލިބޭނެކަމުގެ އިލާހީ އުފާވެރި ޚަބަރު އައީ އެކަލޭގެފާނު ﷲ އާ އެންމެ ބޮޑަށް ކުއްތަންވެ، ގުޅިފައި ހުންނެވި ވަގުތުގައެވެ. އެއީ محرابގައި ނަމާދަށް ހުންނަވަނިކޮށެވެ. މިއިން އުންމަތަށް ދަސްކޮށްދެނީ ނަމާދަކީ ދުޢާ އިޖާބަކުރެއްވުމުގެ ތަޅުދަނޑިކަމާއި، މުޢުޖިޒާތްތައް ފާޅުވުމުގެ މަޤާމު ކަމާއި، މާޔޫސްކަމާއި ދަރިމައިނުވުމުގެ ޙާލަތުން ފުދުންތެރިކަމާއި ކަންކަން ފަހިވުމަށް ޙާލަތްތައް ބަދަލުކޮށްދޭ ސަބަބެއްކަމެވެ. (ނުނިމޭ)