ad_banner
ބާޠިލު ވާހަކަތައް އިވުން ނެތް ގޮވަތި

އޒ. އިބްރާހީމް ރަޝީދު މޫސާ

18 ސެޕްޓެންބަރު 2026

الله عز وجلއަށް ތަޤުވާވެރިވެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ އަޅުންނަށް ޤިޔާމަތްދުވަހުން ދެއްވާ ސުވަރުގޭގެ ނިއުމަތަކީ މީހެއްގެ ހިތަށް ނާރާނެ ފަދަ، މީހެއްގެ ކަންފަތަށް އިވިފައިނުވާނެ ފަދަ، މީހެއްގެ ލޮލަށް ފެނިފައިނުވާނެ ފަދަ ބޮޑެތި ނިޢުމަތްތަކެކެވެ. އެ ތާނގެ ދަށުން ފެން ކޯރުތައް ހިނގާ ގަނޑުވަރުތަކާއި ރަހަމީރު ބުއިންތަކާއި ކެއިންތަކާއި މޭވާތަކެވެ. މި މާއްދީ ޖަޒާއަށް ވުރެ ފުރިހަމަ ޖަޒާއެއް ވެއެވެ. އަޅުގަނޑުމެން މި ދުނިޔޭގައި މިއަށް ނަފްސާނީ ހިތްހަމަޖެހުމޭ ކިޔަމެވެ. ދާޚިލީ އަމާންކަމޭ ކިޔަމެވެ. މިއީ ބޭނުންނެތް ވާހަކަދެއްކުންތަކާއި އަނގަގަދަކުރުންތަކާއި ހަޅޭއްލެވުންތަކާ ދުރުހެލިވުމުގެ ޖައްވެއްގައި އުޅުމުން ލިބޭ އަރާމެކެވެ. ރާޙަތެކެވެ. ދުލުގެ ރޯގާތަކާ ދުރުހެލިވެވުމުން ލިބޭ ލައްޒަތެކެވެ. އެއީ އިންސާނާ ހަލާކުކުރާ ވައިރަހެކެވެ. ކައު ރަސޫލާ r މުޢާޛުގެފާނަށް ނަސޭހަތްދެއްވަމުން ދޫފުޅުގައި ހިއްޕަވައިފާ ޙަދީސްކުރެއްވިއެވެ. ((كُفَّ عليكَ هذا، فقُلتُ: يا نبيَّ اللهِ، إِنّا لمؤاخَذونَ بما نتَكلَّمُ بِه؟ قال: ثَكلتكَ أمُّكَ يا معاذُ، وَهل يَكبُّ النّاسَ في النارِ عَلَى وُجُوهِهِم، أو على مَنَاخِرِهم، إلّا حَصَائدُ ألسنتِهم   - ތިބާ މި ހިފަހައްޓާށެވެ! ފަހެ އަހުރެން ދެންނެވީމެވެ. އޭ ﷲގެ ނަބިއްޔާއެވެ! އަޅުގަނޑުމެން ދައްކާ ވާހަކައަށް އަޅުގަނޑުމެންނަށް އަދަބުލިބޭނެތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އޭ މުޢާޛެވެ! ތިބާގެ މަންމަ ތިބާއަށް ގެއްލުނަނުދޭށެވެ! މީސްތަކުން ދުލުން ކަނޑާ ގޮވާމެއްގެ ސަބަބުން މެނުވީ އެބައި މީހުން މޫނު ވަތަށް ނުވަތަ ނޭފަތް ވަތަށް ނަރަކައަށް ވައްޓައިލެވޭނެހެއްޔެވެ؟))

ދުންޔަވީ ޙަޔާތުގެ ހޭބޯނޭރުމުގެ ތެރޭގައި ވަކީން ޚާއްޞަކޮށް މިއަދު މީސްމީޑިއާގެ މަންސަތަކުގައި މީހުން އަވަދިނެތިވެ އުޅޭ އިރު އޭނާގެ ވާހަކައިންނާއި މީނާގެ ވާހަކައިން އަސަރުކުރަމުންދެއެވެ. އޭނާއަށް ވެސް ބައެއް ފަހަރަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގެއެވެ. އެ ބަސްތަކުން ވޭން ލިބި ހިތުގައިޖެހި ކަންބޮޑުވެގެންދެއެވެ. އެ ކަމާ މެދު ވިސްނާން ހަދައިގެން ރޭގަނޑުގެ އަރާމު ނިދީން މަޙުރޫމުވެފައިވާ ތަން ފެނެއެވެ. މި ބަސްތަކަށް ރައްދުދޭނެ ގޮތަކާ މެދު ވިސްނައެވެ.

އެއްޗެހިކިޔުމާއި މަލާމާތްކުރުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުމާއި އަބުރާބެހުމަކީ އަގަގަދަކުރުމުގެ ގަހުން ލިބޭ މޭވާތަކެކެވެ. އެއީ އިންސާނާއަށް ހާސްކަމާއި ނުތަނަވަސްކަމާއި ކަންބޮޑުވުން ގެނެސްދޭ ކަންތައްތަކެކެވެ. މި ކަންކަމާ ފިލަންވެގެން ބައެއް މީހުން ދަތުރުކުރާނެއެވެ. އަނެއް ބަޔަކު ދުވަސްކޮޅަކަށް މީހުންނާ އެކަހެރިވެ އެކަނިވާނެއެވެ.

އަޅުގަނޑުމެންގެ ސަލަފުންނަކީ ބޭކާރު ވާހަކަތަކާ ދުރުހެލިވެވަޑައިގަތް ބޭކަލުންތަކެކެވެ. އެއްވެސް ބޭނުމެއްނެތި ބަސްފުޅެއް ވިދާޅެއްނުވާނެތެވެ. ޢިޝާ ނަމާދުކުރެއްވުމަށް ފަހު ފަރިއްކުޅުއްވައިގެން އަވަހާރަފުޅުލައްޕަވާނެއެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ވިދާޅުވިއެވެ. ((مَن كثُر ضحِكُه قلَّتْ هَيْبتُه ومَن مزَح استُخِفَّ به ومَن أكثَر مِن شيءٍ عُرِف به ومَن كثُر كلامُه كثُر سَقَطُه ومَن كثُر سَقَطُه قلَّ حياؤُه ومَن قلَّ حياؤُه قلَّ ورَعُه ومَن قلَّ ورَعُه مات قلبُه[1] - ހުނުން ގިނަ މީހާގެ ހައިބަތު ކުޑަވާނެއެވެ. ސަމާސާކުރާ މީހާގެ ގަދަރު ކުޑަވާނެއެވެ. ވަކި ކަމެއް ގިނައިން ކުރާން އާދަކޮށްފި މީހާ އެ ކަމަކުން މަޝްހޫރުވެދާނެއެވެ. ވާހަކަ ގިނަ މީހާގެ އިޙުތިރާމު ކުޑަވެދާނެއެވެ. އިޙުތިރާމު ކުޑަމީހާގެ ލަދުހަޔާތް ކުޑަވާނެއެވެ. ލަދުހަޔާތްކުޑަ މީހާގެ ވަރަޢުވެރިކަން ކުޑަވާނެއެވެ. ވަރަޢުވެރިކަން ކުޑަ މީހާގެ ހިތް މަރުވެދާނެއެވެ.))

މާތް ﷲ ސުވަރުގޭގެ އަހުލުވެރީން ބާޠިލު ވާހަކަދެއްކުންތަކާ ދުރުހެލިކުރައްވަނީ މިހެންވެގެންނެވެ. އެ މީހުން ގަދަރުވެރިކަމާއި އިޙުތިރާމާ އެކު ވަޒަންވެރިވެ އުޅުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا[2] - باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.))

 
 
މަރުޖާ:

[1]  -   الطبراني  المعجم الأوسط الصفحة أو الرقم : 370  / 2   

[2]  النبأ : 36 - 37

ކޮމެންޓު