Advertisement

ތައުލީމުގެ އެހާރާއި މިހާރު: ބަދަލެއް ބޭނުން.

07 Sep 2023 | 12:26
Maahaul

ޠާހާ ސަލީމް

'އޭންޝަންޓް ސިވިލައިޒޭޝަންސް' ނުވަތަ ގަދީމީ ހަޟާރަތްތަކުގައި (ތިންވަނަ ގަރުނާއި ފަސްވަނަ ގަރުނާ ދޭތެރޭ) އިލްމު އުނގެނުމަކީ ނުވަތަ ކިޔަވައިދިނުމަކީ ރަސްމީ ކަމެއް ނޫނެވެ. ނުރަސްމީ ކަމެކެވެ. ނަވާރަވަނަ ގަރުނުން ފެށިގެން އުފަންވި ކަހަލަ އިސްކޫލު މަދަރުސާތަކެއް އެއިރަކު ނުހުރެއެވެ. އެއިރު އެ ކަން އޮންނަ ގޮތަކީ އެ އާއިލާއަކުން އުފަންވާ ނުވަތަ އެ ޢާއިލާއެއްގެ މެންބަރުންގެ ކިބައިގައި ހުންނަ ހުނަރެއް، އާއިލާގެ އެހެން މެންބަރުންނަށް އެ މަސައްކަތެއްގެ ތެރެއިން ދަސްވަމުން ޖީލުތަކަށް ދެމިގެން ދިޔުމެވެ. ނުވަތަ މަސައްކަތެއްގައި އުޅުމުގެ ތެރެއިން ކަމެއް ދަސްވުމެވެ. ނަމަވެސް މިސްރާއި ގުރީސް އަދި ރޯމް ފަދަ ތަންތަނުގައި ކޮންމެވެސް ފެންވަރެއްގައި އެއިރު ވެސް ލިޔާންކިޔާން ދަސްކޮށްދިނުމުގެ މަސައްކަތް ކުރެވެމުން އައެވެ.

'ކިޔޫނަފޯމް' އަތުލިޔުން އީޖާދުކުރެވިގެން އައި މި ދުވަސްވަރު، ދީނީ ލިޔުންތަކާއި އެހެނިހެން އެކިއެކި ލިޔުންތައް ހަނދާނީ ބިނާތަކުގައި މި ނިޒާމު ބޭނުންކޮށްގެން ލިޔަމުން ގެންދިޔައެވެ.

އެ ދުވަސްވަރު ކިޔަވައިދޭން ބޭނުންކުރި ތަރީގާ (ނުވަތަ މެތަޑް)އަކީ ކިޔައިދީގެން ދަސްކޮށްދިނުމެވެ. މީގެ އިތުރަށް ވާހަކައިގެ ޒަރީއާއިންނާއި، އޮޅުންފިލުވައިދީގެން އުނގަންނައިދިނުމެވެ.

މަންހަޖެއްގެ ގޮތަށް ބޭނުންކުރީ ދިރިހުރުމަށް ޓަކައި ބޭނުންވާ އާދައިގެ ހުނަރެވެ. ދަނޑު ހެއްދުމާއި، ޝިކާރަކުރާން ބޭނުންވާ ހުނަރެވެ. މީގެ އިތުރަށް، ދީނީ މައުލޫމާތު ދިނުމާއި، ދީނީ ގަބޫލުކުރުންތަކާއި، އެކި އެކި އާދަކާދަތައް ދަސްކޮށްދިނުމުގެ މަސައްކަތް ކުރެވެމުން ދިޔައެވެ.

ފަސްވަނަ ގަރުނުން ފެށިގެން 15ވަނަ ގަރުނާ ހަމައަށް އޮތް މެދު ޒަމާނުގައި ("މިޑްލް އޭޖް" ދުވަސްވަރު) ތައުލީމު ބިނާވެފައި އޮތީ ދީނީ ކަންތައްތައް ދަސްކުރުމުގެ މައްޗަށެވެ. މަންހަޖުތައް ފަރުމާކުރެވިފައި އޮތީ ދީނާއި ފަލްސަފާއާއި އަދަބިއްޔާތުގެ މައްޗަށެވެ.

މި ދުވަސްވަރަކީ ބޮލޮނިޔާއާއި ޕެރިހާއި އޮކްސްފޯޑް ފަދަ ތަންތަނުގައި މަތީތައުލީމު ދޭން ރަސްމީކޮށް ފެށި ދުވަސްވަރެވެ. ގޮވާން މުގުރުމަށާއި، ފެން، ގުންބާ (ޕަމްޕު) ކުރުމަށާއި، ދަނޑުވެރިކަމާއި އިގުތިސާދީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ޓަކައި މި ދުވަސްވަރު، ވައިގެ ހަކަތައިގެ (ވިންޑްމިލްސް) ބޭނުންކުރާން ފެށުނެވެ.

ކިޔަވައިދޭން ބޭނުންކުރި ތަރީގާއަކީ، 'ސްކޮލާސްޓިސިޒަމް'އެވެ. ބޭނުމަކީ ގަދީމީ އަދި އެކިއެކި އިލްމީ ލިޔުންތަކާ މެދު ބަހުސްކޮށް އޭގެ ހަމަތަކާއި ބާރުދޭ ކަންތައްތައް ހޯދުމެވެ. ޚާއްސަކޮށް އޭގެ ތެރެއިން ދީނީ އަދި ފަލްސަފާވެރި ސުވާލުތަކަށް ޖަވާބު ހޯދުމެވެ.

މަންހަޖު އެތުރިފައި އޮންނަނީ ބަހުގެ ގަވާއިދާއި ވާހަކަދެއްކުމުގެ ހުނަރާއި ހަމައާއި ސަބަބު ބަޔާންކުރާން ދަސްކޮށްދިނުމުގެ މައްޗަށެވެ. މަންހަޖު ވެސް ބޮޑަށް ބިނާވެފައި އޮތީ ދީނީ އިލްމުގެ މައްޗަށެވެ.

މެދު ޒަމާނަށް ފަހު އުފަންވި 'ރިނައިސަންސް' ދުވަސްވަރު (14ވަނަ ގަރުނާ 17ވަނަ ގަރުނާ ދެމެދު) މުޖުތަމައުގެ ވިސްނުން އެނބުރުނީ އިންސާނީ ކަރާމާތާއި، އިންސާނާގެ ކުރިއެރުމާއި، އަގުތަކާއި (އިޖުތިމާޢީ އުޞޫލުތަކާއި) ހަމަތަކުގެ މައްޗަށެވެ. 15ވަނަ ގަރުނުގައި އުފެއްދި ޗާޕުކުރުމުގެ އީޖާދު (ޕްރިންޓިން ޕްރެސް)ގެ ސަބަބުން ފޮތްތައް ޗާޕުކުރެވި ތަފާތު މައުލޫމާތާއި ތަފާތު އިލްމު އެތައް ގުނައަކަށް ފެތުރިގެން ދިޔައެވެ.

ކިޔަވައިދިނުމުގެ އުސޫލަކަށް ބޭނުންކުރެވުނީ އިންސާނުންގެ ހުރި ކުޅަދާނަކަމާއި ފަރުދީ ކުރިއެރުމަށް މަސައްކަތްކޮށްދިނުމެވެ. އެ ސަބާބާ ހުރެ ކިޔަވައިދިނުމުގެ މައި ނާރެހަކަށް ވެފަވަނީ ދަރިވަރެވެ. ނުވަތަ 'ސުޓޫޑެންޓް-ސެންޓަޑް އެޕްރޯޗެވެ'. މަންހަޖެއް ގޮތުގައި ބޭނުންކުރެވެމުން ދިޔައީ 'ކްލެސިކަލް ސަބްޖެކެޓްސް'އެވެ. އެއީ ލެޓިން، ގުރީކް، އަދަބިއްޔާތު، ތާރީޚު، ފިލޯސަފީ، އާޓްސް ފަދަ މާއްދާތަކެވެ.

ލިބަރެލް އާޓްސް (ތާރީޚު، ޕިލޯސަފީ، އަދަބިއްޔާތު، ސައިކޮލޮޖީ އަދި ސޯޝަލޮޖީ، ކްރިއޭޓިވް އާޓްސް، މެތަމެޓިކްސް، މިޔުޒިކް) ކިޔަވައިދުނުމުގައި މައިގަނޑު ބޭނުމަކަށް ވެފައިވަނީ ތިމާ ދައްކާ ވާހަކައިގެ އޮއްޓަރު ހުރުމާއި ސާފު ދަލީލު ދެއްކުމާއެކު މޮޅަށް ވާހަކަދެއްކުމެވެ. އަދި މައްސަލަ ހައްލުކުރާން އެނގުމެވެ.

ސިނާއީ އިންގިލާބު (18ވަނަ ގަރުނުން 19ވަނަ ގަރުނަށް) އައުމާއެކު ކިޔެވުމުގެ މުހިންމުކަން އިތުރުވިއެވެ. އިންސާނާގެ އަތުން ކުރަމުން އައި ޖިސްމާނީ މަސައްކަތްތައް މެޝިނުގެ އެހީގައި ކުރާން ފެށި، ކާރުޚާނާތަކުގެ މަސައްކަތް ފުޅާވެ، މެޝިން ބޭނުންކުރުމުން މަސައްކަތް ހަލުއިވެ، ނަފާ އިތުރުވާން ފެށިއެވެ. އެ ހިސާބުން، ހިސާބު އިލްމު، އާދައިގެ ފެންވަރެއްގައި އެނގުމާއި ބަސްބަހުން ލިޔާންކިޔާން އެނގުން ވަޒީފާ ބޭނުން މީހުންނަށް މަޖުބޫރުވިއެވެ.

17ވަނަ ގަރުނުގެ އުފެއްދުމެއްކަމުގަވާ 'ސްޕިނިން ޖެނީ' މެޝިން އުފެއްދުމާއެކު ފޮތި ވިޔުމަށް އިންގިލާބެއް ގެނެވުނެވެ. ހަމަ އެހެންމެ، 18ވަނަ ގަރުނުގައި 'ސްޓީމް އިންޖީން' އުފެއްދުމާއެކު ސިނާއި އިންގިލާބަށް ހަކަތަ ލިބިގެން އައެވެ. ދަތުރުފަތުރުގެ ސިނާއަތުގެ މޫނުމަތި މުޅިން ބަދަލުކޮށްލިއެވެ.

މި ދުވަސްވަރަކީ ކިޔަވައިދިނުމަށް ޓަކައި ބޭނުންކުރެވުނީ 'ޑައިޑޭކްޓިކް' މެތަޑެވެ. ޓީޗަރުންގެ ރޯލު ފުޅާވެފައި، މައުލޫމާތު ހިތުދަސްކުރާން ވަރަށް ބޮޑަށް ބާރުއެޅުނު ދުވަސްވަރެކެވެ. ހަމަ އެހެންމެ 'ފެކްޓަރީ މޮޑެލް'އެއް ގޮތަށް ކިޔަވައިދިނުން ބައްޓަން ކުރެވުނެވެ. އުމުރު ފުރާތަކަށް ކުދީން ބަހައިލެވި ފެކްޓަރީގެ މަސައްކަތްތަކަށް ކުދީން ތައްޔާރުކުރާން ފެށުނެވެ.

މި ދުވަސްވަރު މަންހަޖެއް ގޮތުގައި ބޭނުންކުރެވުނީ ލިޔާންކިޔާން ދަސްކުރުމާއި، ހިސާބުގެ އާދައިގެ ބައިތަކެވެ. މީގެ އިތުރަށް ސިނާއީ މަސައްކަތްތައް އިތުރުވެ ފުޅާވެގެން ދިޔުމާއެކު އެކިއެކި ކަންކަމަށް ބޭނުންވާ މަސައްކަތްތެރިކަން ދަސްކޮށް، ކިޔަވައިދޭން ޚާއްސަ ސަމާލުކަމެއް ދެވުނެވެ.

މޮޑަން އީރާ (20 ވަނަ ގަރުނު)ގައި ތައުލީމު ދިނުން ރަސްމީކުރެވުނެވެ. އާންމު މީހާއަށް ވެސް އަތްފޯރާ ފަށަށް ތައުލީމު ލިބުމުގެ މަގު ހުޅުވުނެވެ. މުޖުތަމައަށް ބޭނުންވާ ދާއިރާތަކަށް ތައުލީމު ދިނުމުގެ ގާބިލުކަން އިތުރުވެ، މަތީތައުލީމު ދޭ ތަންތަން ހުޅުވި، މަސައްކަތުގެ ތަމްރީނު ދިނުން ފެށިގެން އައެވެ.

1970ގައި ކޮމްޕިޔުޓަރު އީޖާދުކުރެވުނެވެ. 'އެޕްލް 11' އަދި 'އައި ބީ އެމް' ފަދަ ޕާރސަނަލް ކޮމްޕިޔުޓަރުގެ ސަބަބުން މައުލޫމާތު ހޯދައި ލިބިގަތުމާއި، އެ މައުލޫމާތު ބޭނުންކޮށްގެން އިތުރު މަސައްކަތްކޮށް ބޮޑު އިންގިލާބީ ބަދަލެއް ގެނެވުނެވެ.

މިއާ އެކު 1960އާއި 1980އާ ދެމެދު އިންޓަނެޓް އީޖާދުވުމާ ހިސާބުން މުވާސަލާތާއި، ދިރާސާކުރުމާއި ތައުލީމުދިނުން ފުޅާވެ ބައިނަލްއަގުވާމީ ގޮތުން ގައުމުތަކާއި، ވަކިވަކި ފަރުދުން ގުޅި ލާމެހިގެން ދިޔައެވެ.

މި ދުވަސްވަރު ކިޔަވައިދިނުމުގެ ތަރީގާއެއް ގޮތުގައި ބޭނުން ކުރެވުނީ 'ޕްރޮގްރެސިވް އެޑިޔުކޭޝަން'އެވެ. ޕްރޮގްރެސިވް އެޑިޔުކޭޝަނުގެ ވިސްނުމަކީ އެކްޓިވިޓީއެއް ނުވަތަ ހަރަކާތެއްގެ ތެރެއިން އަމިއްލަ ތަޖުރިބާއިން އުނގެނުމެވެ. ކުދީން އަމިއްލައަށް އިސްނަގައިގެން އަމިއްލަ ގޮތްތައް ބޭނުންކޮށްގެން ކިޔެވުމާއި، ކަންކަމާމެދު ވިސްނައި ފިކުރުކުރާ ކުދީންތަކެއް ބިނާކުރުމެވެ. މިއީ ޓީޗަރު އަނގައިން އަނގައަށް އަޅައިދޭ އެއްޗެއް ކިޔަވައިދެއްވާ އެއްޗެއް ދަސްކުރުމާ ދުރު ގޮތެކެވެ.

ކިޔަވައިދިނުން ގެންގޮސްފައިވަނީ ފަންނިއްޔާތުއާ ގުޅި ލައިމެހިގެންނެވެ. މަލްޓިމީޑިއާ ޕްރެޒެންޓޭޝަނާ އޮންލައިން ވަސީލަތްތައް ބޭނުންކުރުމާއި 'އިންޓަރެކްޓިވް' އާލާތްތައް ބޭނުންކުރާން ފެށުނެވެ.

މަންހަޖެއްގެ ގޮތުގައި ބޭނުން ކުރެވުނީ 'ސްޓޭންޑަޑައިޒްޑް އެޑިޔުކޭޝަން'އެވެ. އާންމު މާއްދާތަކެއްގެ ގޮތުގައި ހިސާބާއި ސައިންސާއި އިޖުތިމާއީ އިލްމާއި ބަސް ކިޔަވައިދިނުން ހިމެނުނެވެ. ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ނުވަތަ އާންމު ދިރިއުޅުމުގެ އެކި ކަންތައްތައް، ކިޔަވާ އެއްޗެއް ބޭނުންކޮށްގެން ހައްލުކުރާން ދަސްކޮށްދިނުން މަގުސަދަކަށް ހެދުނެވެ. އެއިގެ ސަބަބުން ކިޔެވުމާއި ކިޔަވާ އެއްޗެއް، ދިރިއުޅުމުގެ ކަންކަމުގާއި ބޭނުންކުރާން އެނގި، ކިޔެވުމަކީ އިމްތިހާނެއް ހަދާން ކުރާކަމެއް ނޫންކަން ގަބޫލުކުރެވުނެވެ.

މަތީގައި ބަޔާންކުރެވުނީ އެކި ދުވަސްވަރު އެކި މަރުހަލާތަކުގައި ދުނިޔެއަށް އައިސްފައި ހުރި، މުހިންމު ބަދަލުތަކާއި އެއާ ގުޅިގެން ކިޔަވައިދިނުމާއި، ތަމުރީނުކުރުމަށް ވެސް އައި ބަދަލުތަކެވެ. ސުވާލަކީ، މިއަދުގެ ދުނިޔޭގެ ހާލަތަށް އަދި ހުރިހާ ދާއިރާއަކަށް ފަންނިއްޔާތު ވަދެ، އަތުން ފައިން ކުރަމުން އައި މަސައްކަތްތައް މެސެނުގެ އެހީގައި ކުރަމުންދާ ޒަމާނެއްގައި މަސައްކަތުގެ މާހައުލަށް މި ބޮޑު ބަދަލު އައުމުގެ ކުރީން ކިޔަވައިދޭން ބޭނުންކުރަމުން އައި ތަރީގާތަކާއި، މަންހަޖާއި މާއްދާތައް އެކަނި މި ޒަމާނަށް ފުދޭތޯއެވެ؟ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ނުފުދެއެވެ.

ތިރީގައި މި ފާހަގަކޮށްލަނީ މިހާރުގެ ކިޔަވައިދިނުމަށް ގެންނާން ޖެހޭ ބަދަލުކަމަށް ކަމާ ބެހޭ އެކި އިލްމުވެރީން ވެސް ގަބޫލުކުރާ އަޅުގަނޑަށް އެންމެ މުހިންމުކަމަށް ބެލެވޭ ބައެއް ކަަންތައްތަކެވެ.

ވިސްނައި ފިކުރުކުރާން ދަސްކޮށްދިނުމާއި، މައްސަލަ ހައްލުކުރާން އެނގުން:

ހަށިގަނޑުގެ ބާރާއި، ހަކަތަ ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ވަގުތު ފާއިތުވަނީއެވެ. ވަކި ގޮތަކަށް ވަކި މައުލޫމާތެއް ހުރެގެން ތަކުރާރުކޮށް ކުރަމުން އައި މަސައްކަތްތައް، ވަޒީފާތައް 'އޮޓަމޭޓް'ވަމުން ދަނީއެވެ. އެ ވަޒީފާތަކަށް އިންސާނުން ހޯދުން ނިމުމަކަށް އަންނާން އިތުރު ވިއްސަކަށް އަހަރު (ދެ ދަހަރު) ވާނެކަމަކަށް ނުބެލެވެއެވެ. މިހާރު ނެތް، އާ ވަޒީފާތަކަށް ބޭނުންވާނީ އުފެއްދުންތެރި މީހުންނެވެ. އިމްތިހާނަށް އެކަނި ކިޔެވުން ހުއްޓައިލާން ޖެހޭ މައިގަނޑު ސަބަބަކީ މިއީއެވެ. ހަމަ އެހެންމެ މައުލޫމާތުގެ ޒަމާނެއްގައި އެތައް މަންސަތަކެއް ބޭނުންކޮށްގެން އެކި މައުލޫމާތު ސައްހަ ނޫން ގޮތްގޮތަށް ބޭނުންކޮށް އެކި އޮޅުވައިލުމާއި، މަކަރުހެދުމާއި މީހުންގެ އަބުރު ކަތިލަމުންދާ އިރު، ކްރިޓިކަލްކޮށް ވިސްނާން އެނގޭ ރައްޔިތަކު ތިބުމަކީ އަސާސީ ސިފައަކަށް ވާންޖެހެއެވެ.

ކިޔަވައިދިނުމުގައި ފަންނިއްޔާތު ބޭނުންކުރުން:

އެ ކުއްޖެއްގެ އުނގެނުމުގެ ވައްޓަފާޅިއާއި، ހަލުވި މިނާއި ކިޔެވުމަށް ހުރި ދަތިތަކަށް ރިއާޔަތްކުރުމަށް ފަންނިއްޔާތުގެ ދައުރު ފުޅާވެފައި މުހިންމެވެ. ކުރިއަރައިފައިވާ ފަންނިއްޔާތު ބޭނުންކޮށްގެން ކިޔަވައިދިނުމުން މި މައްސަލަތަކަށް ލިބޭ ހައްލާއި ހޯދޭ ކުރިއެރުމެއް، ކުލާހުގައި ހުރިހާ ކުދީންނަށް ހެޔޮވަރުކޮށް ކިޔަވައިދޭ ކިޔަވައިދިނުމަކުން ނުހޯދެއެވެ. ހަމަ އެހެންމެ އެކި ކުދީންނާ ގުޅޭ ގޮތަށް ފަންނިއްޔާތު ބޭނުންކޮށްގެން ފަރުމާ ކުރެވޭ ޓެސްޓުތައް އަދި ފެންވަރު ވަޒަންކުރުން ހުރިހާ ކުދީންނަށް ދޭ އިމްތިހާނަކުން ނުފުދެއެވެ. ވީމާ، ކްލާސްރޫމުތަކާއި ކިޔަވާ ވެށީގައި މިހާރު ސުމާޓު ފަންނިއްޔާތުއަކީ ހުންނާން ލާޒިމު އެއްޗެކެވެ. ޓީޗަރުން އަޕްސުކިލްކުރުން (ދަންނަށް ބޭނުންވާ ހުނަރުގެ ގާބިލިއްޔަތު އިތުރުކުރުން) އިސްކޫލު ފެންވަރުގައި ކެނޑިނޭޅި ކުރިއަށް ގެންދާން ޖެހެއެވެ.

ލިބިިފަވާ މައުލޫމާތާއި ހުނަރު މެދުނުކެނޑި، ތާޒާކުރުން:

ވަޒީފާގެ ބާޒާރަށް އަންނަމުންދާ ހަލުވި ބަދަލުގެ ސަބަބުން 'އަޕް ސްކިލް' (ދާއިރާއަށް ބޭނުންވާ ހުނަރުގެ ގާބިލިއްޔަތު) އިތުރުކުރުމާއި، އަދި 'ރިސްކިލް' (އެހެން ވަޒީފާއަކަށް ބޭނުންވާ އާ ހުނަރު) ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކިޔެވުމާއި ކިޔަވައިދިނުމަކީ އުމުރުގެ ކުރީކޮޅު ކޮށްފައި، ފަހުން ކިޔެވުން ދޫކުރާ އަދި ތަމްރީނުވުން ދޫކޮށްލާ ޒަމާން ފާއިތުވެއްޖެއެވެ. މި އުޅެވެނީ ލައިފް-ލޯންގ ލާނިންގެ (މުޅި އުމުރުގައި ކިޔެވުން) ޒަމާނުގައެވެ. އުނގެނުމަކީ ޙަޔާތުގެ ހުރިހައި ޢުމުރެއްގައި ވެސް މެދުކެނޑުމެއްނެތި ކުރަމުންގެންދާ މަސައްކަތަކަށް ހަދާން ޖެހެއެވެ.

މާއްދާތައް ލައިމެހިގެން ދާ ގޮތަށް ކިޔަވައިދިނުން:

ދުނިޔެއަށް އަންނަމުންދާ ބޮޑެތި އަދި ހައްލުކުރާން އުނދަގޫ ބަދަލުތަކަށް ބޭނުންވަނީ އެކިއެކި އިލްމު، އެކަތި އަނެކައްޗާ ގުޅި ލައިމެހިގެން ދާ ގޮތް އެނގޭ އަދި އެ ބޭނުންކޮށްގެން މައްސަލަތަކަށް ހައްލު ގެނެސްދޭނެ ބަޔެކެވެ. ދުނިޔޭގެ ތަރައްގީއަށް އެހީވެދޭނެ ބަޔެކެވެ. ވަކިވަކި މާއްދާތައް އެކަތި އަނެކެއްޗާ ނުގުޅި ކިޔަވައިދެމުންދާ ދިޔުން ނިމުމަކަށް އަންނާންޖެހެއެެވެ.

ޕްރޮބްލަމް-ބޭސްޑް، ޕުރޮޖެކްޓް-ބޭސްޑް ނުވަތަ ފެނޮމެނާ-ބޭސްޑް ލާނިންގ، އޭގެ ހަގީގީ މާނައިގަ ކިޔަވައިދޭ ތަނަކަށް އިސްކޫލުތައް ވާންޖެހެއެވެ.

އާދަކާދަޔާ ސަގާފީ ސިންދަފާތުގެ ގާބިލިއްޔަތު ލިބިފައި ހުރުން:

ބަވަނަވެފައިވާ ދުނިޔެއެއްގައި ކިޔަވައިދިނުން އެއީ ވަކި އިލްމީ މާއްދާތަކަކަށް ވުމަކުން ނުފުދެއެވެ. ތަފާތު ނަސްލުތަކާއި، އާދަކާދަޔާއި ސަގާފަތްތަކުގެ މީހުންނާ އެކުގައި އުޅެވޭ އެކަކުގެ އިހުސާސް އަނެކަކު ދަންނަ އަދި އެ ކަމަށް އިހުތިރާމުކުރާ ކުދީންތަކެއް އުފެއްދޭން ޖެހެއެވެ. އެއްބަޔަކު އަނެއްބަޔަކު އިހުތިރާމާއެކު އުޅެން އެނގުމަކީ ކިޔެވުމުގެ ބޭނުމަކަށް ވާންޖެހެއެވެ. މި ކަމަށް ޓަކައި ޤައުމިއްޔަތަކީ އަދި ދިވެހިއްޔަތަކީ ދިވެހި ދަރިވަރުންނަށް ޚާއްޞަ ސަމާލުކަމެއް ދީގެން އުނގަންނައިދޭން ޖެހޭ ދެ މާއްދާއެވެ. އިހުތިރާމްކުރާ، އިޙުތިރާމް ލިފިގެންވާ ހަރުދަނާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަށް ޓަކައެވެ.

މީހުންނާ އެކީ މަސައްކަތްކޮށް އެކީ އުޅުމުގެ ހުނަރު:

'ސޮފްޓް ސްކިލްސް' ނުވަތަ އެހެން މީހުންނާ އެކީ އުޅުމާއި އަދި މަސައްކަތްކުރުމާއި، ތިމާގެ އަމިއްލަ ނަފުސް ދެނެގަނެ އަމިއްލަ ނަފުސު ކޮންޓުރޯލުކޮށް އެކި ހާލަތްތަކުގައި އެކި މީހުންނާ އެކީގައި ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރު ހުރުމަކީ ދުނިޔެއަަށް އައިސްފައި މި ވާ ބޮޑެތި ބަދަލުތަކުގައި ކާމިޔާބު މުވައްޒަފަކަށް، ފަރުދަކަށް، އާއިލީ މެންބަރަކަށް ވުމަށް ނުހަނު މުހިންމު ހުނަރެކެވެ. މިއީ ބައިވެރިވާ ވޯކްޝޮޕަކުން، ބާއްވާ އެސެމްބްލީއަކުން އެކަނި ދަސްކޮށްދެވޭ ކަމަކަށް ވުރެ، ބޮޑު ކަމެކެވެ. މަންހަޖަށް އިތުރުވާންޖެހޭ ކަމެކެވެ. ޢާންމު ކިޔަވައިދިނުމުގަ ޝާމިލުވާންޖެހޭ ކަމެކެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް ވިސްނައި ފިކުރުކުރާން އެނގުން:

ތިމާވެށްޓަށް އަންނަމުންދާ އާދަޔާ ޚިލާފު ބޮޑެތި އަދި ކަންބޮޑުވާންޖެހޭ ބަދަލުތަކާ ހެދި، ކިޔަވައިދުމުގެ ތެރެއަށް ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ސައެންސާއި ޒިންމާދާރު މުވާތިނެއްގެ ބައިތައް ލާންޖެހެއެވެ. އަދި އެއީ އިމްތިހާނުކުރެވޭ މައުލޫމާތަކަށް ވުރެ، ލޮލުން ދެކި އަތުން ހިފައި، އަދި އެ ކަމާމެދު ވިސްނައި، ބަދަލު ގެންނާން، ކުދީންގެ ފެންވަރުގައްޔާއި ރަށު ފެންވަރުގައްޔާއި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭނެ ކަންތައްތައް ހޯދައި އެ ފަރާތްތަކާ ބައްދަލުކޮށް، ހޯދުންތައް ހާމަކުރުމުގެ ފުރުސަތު ހޯދޭ ކިޔެވުމަކަށް ވާންޖެހެއެވެ. މޮޅު ނަތީޖާ ހޯދައި، ގަދަ ދިހައެއް ގައި ހިމެނިފައި ޕީއެޗްޑީ ހަދައިގެން އައިސް، އުޅޭ ރައްތައް އަމިއްލަ އަތުން ހަލާކުކުރާ ނަމަ، އެ ކިޔެވީ ހަގީގަތުގައި ވެސް ވަނަ ހޯދާށެވެ. ދިރިއުޅުމަށް، ތިމާގެ ވިސްނުމާއި ފިކުރާއި ސުލޫކާއި އުޅުމަށް ހެޔޮބަދަލެއް ގެންނާކަށް ނޫނެވެ.

ފައިސާ ގެންގުޅުމާއި ފައިސާއިން މުއާމަލާތުކުރުމުގެ ގާބިލިއްޔަތު:

މިއަދުގެ ހަގީގަތަކީ ވަރަށް ޅަ އުމުރުން ފެށިގެން ދަރަނިވެރިވެފައިވާ މުޖުތަމައެއް އޮތްކަމެވެ. ލިބޭ ފައިސާ ޚަރަދުކުރާން މަޖުބޫރުނުވާ، އަދި ޒަމާނީ މާކެޓިންގެ ހުނަރުވެރިކަމުގެ ސަބަބުން ނުދަރާ ޒުވާނަކު ވެސް މަދެވެ. މުސާރަ ލިބޭ އިރަށް، ބެންކުން މުޅި މުސާރަ އެކީ ކަނޑައިލާ ހިސާބުަގައި ވެސް ތިބީ އެތައް ބަޔެކެވެ. ފައިސާ ރައްކާކުރުމުގެ އާދައާއި، ވުނަކުރުމުގެ އިލްމާއި އެ ކަމުގެ ހުނަރާއި، އެކިއެކި މަކަރާއި ހީލަތް (ސުކޭމް)ތަކުން ސަލާމަތްވެ ތިބޭން އެނގުމަކީ މިއަދު ކޮންމެހެން މުހުތާދުވެފައިވާ އަސާސީ އިލްމެކެވެ. އެއީ ހަމައެކަނި ވިޔަފާރިވެރީންނަށް އެނގޭން ޖެހޭ މައުލޫމާތުކަމަށް ގަބޫލުކުރި ޒަމާން ފަސްދީ ހިނގައްޖެއެވެ.

މިހާރުގެ ކިޔެވުމުގައި ޒަމާނީ އުސޫލުތަކާ ގުޅުން ހުރި ކަންތައްތަކެއް ކުރި ނަމަ ވެސް، މައިގަނޑު ވިސްނުމަކީ އަދިވެސް ކާރުޚާނާ ވައްޓަފާޅިއަށް (ފެކްޓަރީ މޮޑެލަށް) ވަކި ވަޒީފާތަކަށް ކުދީން ތައްޔާރުކުރުމޭ ބުނުމަކީ ދޮގަކަށް ނުވާނެކަމަށް ހީކުރަމެވެ. އެހެންނަމަވެސް މިހާރު މިއަދުގެ ވެސް ހަގީގަތަކީ ވަރަށް ރަނގަޅު ނަތީޖާ ހޯދައިގެން އިސްކޫލުތަކުން ނުކުންނަ ކުދީން، ވަޒީފާގެ ބާޒާރަށް އަންނަ ބަދަލަށް ތައްޔާރުވެފައި ނުހުންނަކަމެވެ. އޭގެ މާނައަކީ މަންހަޖުގައި ގެންނާން ނިންމައިފައިވާ ބަދަލު ތަންފީޒުކުރުމުގައި، އޯލެވެލް އިމްތިހާނުގެ ސަބަބުން، އަދި އެއަށް ދެވިފަވާ ބުރަދަނެއްގެ ސަބަބުން، ޒަމާނަށް ފައިހަމަކުރާން މަންހަޖަށް ގެނެވުނު ބަދަލަކީ ހަމަ އެކަނި ދުލުކުރީން ބުނެވުނު ބަހެއް ނުވަތަ ލިޔެފައި އޮތް އަކުރެއްކަމަށް ވުމެވެ. މޫނު ރީތިކުރާން ބޭނުންކޮށްފައި ހުރި 'މޭކަޕް' ފަދަ ދެއްކުންތެރިކަމަކަށް ވުމެވެ. މޫނު ދޮވެލީމާ ނުވަތަ ދާހިއްލައިލީމާ އެ ރީތިކަމެއް ނުފެންނާނެއެވެ.

މިހާރު ކިޔަވާ، ސައިންސް، ބިޒިނަސް، އާޓްސް (މިހާރު ގާތްގަނޑަކަށް އުވިފައި) ސްޓްރީމްގެ މާއްދާތަކާއި، ހިސާބާއި އިނގިރޭސި ފަދަ މާއްދާތަކުން މިއަދަށް ވެސް އަދި މުސްތަގުބަލަށް ވެސް ބޭނުންވާ ވަރަށް މުހިންމު އިލްމާއި ހުނަރު ލިބޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި މާއްދާތަކުން، އިލްމީ ގޮތުންނާއި ވަޒީފާގެ ރޮނގުން އަދި ދިރިއުޅުމަށް ވެސް ބިންގަލެއް އަޅައިދެއެވެ.

އެންމެ ފަހުގެ އިމްތިހާނަށް އެކަނި ނުބަލައި ކިޔަވައިދެވޭ ނަމަ، މި މާއްދާތަކުން ތަފާތު އެތައް އިލްމަކާއި ހުނަރެއް ލިއްބައިދެއެވެ. ސައިންޓިފިކް، ތަހުލީލީ، އުފެއްދުންތެރި، މުވާސަލާތީ ހުނަރު ފަދަ އެތައް ހުނަރެކެވެ. މިއީ ވަޒީފާއަށާއި ދިރިއުޅުމަށް މުހިންމު ހުނަރުތަކެވެ. އެކަމަކު އިނގިރޭސި ބަސް ވެސް، ދިވެހިބަސް ވެސް ބަހުގެ ގޮތުގައި އުނގެނުމުގެ ބަދަލުގައި އިމްތިހާނު ކަރުދާހަށް ތައްޔާރުކުރުމުން ބަހެއް ދަސްކުރުމުގެ ހަގީގީ މަގުސަދު ގެއްލުނީއެވެ. ހަމަ މި ފަދައިން ސައިންސް ވެސް އެހެން މާއްދާތަކުން ވެސް މުހިންމު ބައިތައް އުނިވަނީ އިމްތިހާނުކުރުމުގައި އެ ބައިތަކަށް ދެވޭ ސަމާލުކަން ކުޑަވެ، ދަސްކުރާ ބައިތަކަށް ދެވޭ ސަމާލުކަން ބޮޑުވުމުގެ ސަބަބުންނެވެ. ސްޓްރީމް މާއްދާތައް ކިޔެވުމުން ދެން ލިބޭ ފައިދާއަކީ ވަކި ދާއިރާއަކަށް ޚާއްސަވާން މަގުފަހިވުމެވެ. އިންޖިނިއަރިންގ، މެޑިސިން، ބިޒިނިސް، ސޯޝަލް ސައިންސަސް (މިސާލަކަށް: ސައިކޮލޮޖި، ސޯޝަލޮޖީ، ޕޮލިޓިކަލް ސައިންސް ފަދަ ދާއިރާތައް) އަދި ހިޔުމަނިޓީސް (މިސާލަކަށް: ލޯ، ބަސް، އިންޓަނޭޝަނަލް ރިލޭޝަންސް) ފަދަ ދާއިރާތަކުންނެވެ.

މި ފައިދާތައް މިހެން ހުރި ނަމަ ވެސް ދިވެހިރާއްޖޭގައި ކިޔަވައިދޭ ކިޔަވައިދިނުން، ޕްރީ ސްކޫލުން ފެށިގެން މިސްރާބުޖަހަނީ ތޭރަ ވަރަކަށް އަހަރު ފަހުން ހަދާ، އަދި މި ޒަމާނަށް މިހާރު އައިސްފައި ހުރި ބަދަލުތަކާ ވަކިން އޮތް އިމްތިހާނަކަށެވެ. ދުނިޔެއަށް އައިސްފައިވާ، އަންނަމުންދާ، އަދި އަންނާނެކަމަށް ލަފާކުރާ ވަރަށް ގިނަ ބައިތައް ފަހުގެ މަންހަޖުގައި އެބަ ހުއްޓެވެ. އެކަމަކު އެއީ އެ ކަން ކުރުމުން އިސްކޫލަށް، އިސްކޫލާއި ކުއްޖާގެ ނަތީޖާއަށް މާއްދީ ގޮތުން ފެންނަ ބަދަލެއް އަންނަ ކަމެއްކަމުގައި ނުވާތީ އެ ކަމަށް އަޅައިނުލަނީއެވެ. މި ކަން ރޭކައިލަނީ ވަޒީފާއަށް ނުކުތީމައެވެ. މަތީތައުލީމުގެ ތެރެއަށް ވަދެވުނީމައެވެ. ވީމާ، ގައުމު ބިނާކުރުމަށް ޓަކައި ކުރިމަގުގެ ޖީލަށް ޓަކައި ތައުލީމުދިނުމުގެ ވައްޓަފާޅިއަށް ވަނީ ބަދަލު އަންނާންޖެހިފައެވެ. އާދޭހެވެ! ތަޢުލީމުދިނުމުގެ ތަރީގާއާއި މާގައަށް ބަދަލެއް ބޭނުމެވެ.

___________________

ބައެއް ލަފުޒުގެ މާނަ:

ތަރީގާ: ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް

މާގަ: މައްސަލައެއް ހައްލުކުރުމުގައި ނުވަތަ ކަމެއްކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް

ފަންނިއްޔާތު: 1. ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމަޢަކަށް ލިބިގެންވާ ހުނަރާއި ޢިލްމު

2. ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން ޢަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް

ވުނަ: ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަށް ކުރާ ހޭދަ ނުވަތަ އެ ދަފަ ކަމެއްގައި ވާ ހިއްސާ

މުހުތާދު: ކޮންމެހެން ބޭނުން

އެޑިޓަރުގެ ނޯޓް
ޠާހާ ސަލީމަކީ ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެކެވެ. މޮޅު ލިޔުންތެރިއެކެވެ. ބަސްމޮށުންތެރިއެކެވެ. އިނގިރޭސިބަހާއި އިސްކޫލު ހިންގުމުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޠާހާ ސަލީމު އިޖުތިމާޢީ ދާއިރާއިން ބޮޑަށް ލިޔުއްވަނީ އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިންނެވެ. ތާހާ ސަލީމް ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1993 އަހަރުގެ މެދު ތެރޭގައެވެ. ކިޔަވައިދެއްވާން އުޅުއްވުމަށްފަހު ސުކޫލު ހިންގެވުމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1998 ވަނަ އަހަރުއެވެ. ސުކޫލުތައް ހިންގެވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު، މާލެގަައި ސުކޫލުތަކުގައި މަސައްކަތްކުރައްވާން ފެއްޓެވީ 2007 ވަނަ އަހަރުން ފެށިގެންނެވެ. ކިޔެވުމާއި ތަމުރީނުތަކުގައި ހޭދަކުރެއްވި މުއްދަތުގެ އިތުރަށް ޖުމުލަ ހަތް އަތޮޅެއްގެ އަށް ސުކޫލެއްގައި ބާވީސް އަހަރު މަސައްކަތްކުރައްވައިފައި ވެއެވެ. އެންމެ ފަހުން މަސައްކަތްކުރެއްވީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ޕުރިންސިޕަލެއްގެ މަގާމުގައެވެ. ތާހާ ސަލީމް ވަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމުރީނު ހޯއްދަވައިފައެވެ. މީގެ އިތުރަށް އެހެނިހެން ގައުމުތަކުގެ ކިޔަވައިދިނުމާއި ސުކޫލު ހިންގުމުގެ ދާއިރާގެ މައުލޫމާތާއި ތަޖުރިބާ ހޯއްދެވުމުގެ ގޮތުން އޭނާ ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ސުކޫލުތަކަށް ޒިޔާރަތްކުރައްވައިފައެވެ. އޭގެ ތެރޭގައި ސުރީލަންކާ، އިންޑިޔާ، ސިންގަޕޫރު، މެލޭޝިޔާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ފިންލޭންޑްގެ ސުކޫލުތައް ހިމެނެއެވެ. ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވީ ހަމަ އެކަނި މަސައްކަތްކުރެއްވި ސުކޫލުތަކުގައި އެކަންޏެއް ނޫނެވެ. އެ ގޮތުން ތާހާ ސަލީމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ސުކޫލުތަކުގެ ސުޓާފް ޑިވެލޮޕްމަންޓަށް އެހީވެދެއްވައިފައިވެއެވެ. އޭގެ ތެރޭގައި، މާލެއާއި އަތޮޅުތަކުގެ ވިއްސަށް ވުރެ ގިނަ ސުކޫލު ހިމެނެއެވެ.

Advertisement

ކޮމެންޓް