އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 ޖަނަވަރީ 2026
އެންމެ ބާރުގަދަ ގައުމު (ފޮޓޯ: https://www.atlys.com/blog/)
މީގެ ދަހަރެއްގެ ކުރީން 2024ގައި ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތީ ދުނިޔޭގެ ވެރިޔާކަމަށް ދެކިގެން އުޅޭ އެމެރިކާ ޕާސްޕޯޓެވެ. ނަމަވެސް މިއަދު - 2026ގައި - އެއީ ކެނެޑާއާއި، އިނގިރޭސިވިލާތާއި، އެކުވެރި ޢަރަބި އިމާރާތާއި (ޔޫއޭއީ)، އޮސްޓްރޭލިއާއާއި މޯލްޓާއާއި މެލޭޝިއާގެ ޕާސްޕޯޓަށް ވުރެ ބާރުދެރަ ޕާސްޕޯޓެކެވެ. ޕާސްޕޯޓުގެ ބާރުގަދަކަމަށް ބަލަނީ އެ ޕާސްޕޯޓެއް ބޭނުންކޮށްގެން ހިލޭ ވިސާގައި ދަތުރުކުރެވޭ ގައުމުތަކުގެ ޢަދަދަށް ބަލައިގެންނެވެ. މިއަދު އެމެރިކާގެ ޕާސްޕޯޓުގައި ހިލޭ ވިސާގައި ދަތުރުކުރެވެނީ 179 ގައުމަކަށެވެ. މިއީ ދުނިޔޭގައި އަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުން އެންމެ ބާރު ގަދަ ގައުމުކަމަށް ދަޢުވާކުރާ ގައުމެވެ. މީގެ ދަހަރެއްގެ ކުރީން ޕާސްޕޯޓުގެ ބާރުގަދަކަމުގެ ގޮތުން އެމެރިކާ އޮތް މަގާމު މިހާރު ހޯދައިފައިވަނީ އޭޝިއާގެ ކުޑަކުޑަ ގައުމެކެވެ. އަސްކަރީ މާ ބޮޑު ބާރެއް ނެތް، ގުދުރަތީ ވަސީލަތެއް ނެތް، އަދި ނިސްބަތުން މީސްކޮޅު މަދު ގައުމެކެވެ.
އާދޭހެވެ! 227 ގައުމު ހިމެނޭ ލިސްޓުގެ އެއްވަނަ މިހާރު ޙާޞިލުކޮށްފައިވަނީ ކުޑަކުޑަ ސިންގަޕޫރެވެ. ސިންގަޕޫރު ޕާސްޕޯޓު ބޭނުންކޮށްގެން ދުނިޔޭގެ 192 ގައުމަކަށް ހިލޭ ވިސާގައި ދަތުރުކުރެވެއެވެ. އެހެންކަމުން އެމެރިކާ ޕާސްޕޯޓުގައި ހިލޭ ވިސާގައި ދަތުރުކުރެވޭ ގައުމުތަކަށް ވުރެ 13 ގައުމު ގިނައިން ސިންގަޕޫރު ޕާސްޕޯޓުގައި ހިލޭ ވިސާގައި ދަތުރުކުރެވޭނެއެވެ. މި ކަމުން އަންގައިދެނީ ކޮން ކަމެއްތޯއެވެ؟ ދުނިޔޭގެ މުޖުތަމަޢުތަކުން އިޙުތިރާމުކޮށް އިތުބާރުކުރަނީ ގައުމުތަކުން ދައްކާ އަސްކަރީ ބާރަކަށް ނޫންކަމާއި އެކަމަކު މުޖުތަމަޢުތަކުން އިޙުތިރާމްކުރަނީ ސުލްހައާއި އަމާންކަމަށްކަމެވެ. އެމެރިކާ ސަރުކާރުގެ ބޮޑާކަމާއި ބޭއިންސާފުކަމާއި އަނިޔާވެރިކަމުގެ ސަބަބުން އެމެރިކާއަށް އެކި ގައުމުތަކުން ކުރާ އިޙުތިރާމް ވަރަށް އަވަހަށް ދަށަށްދާކަމެވެ.
މި ދެންނެވި ގައުމުތަކުގެ ލިސްޓުން ދެ ވަނައިގައި އުޅެނީ ދެކުނު ކޮރެއާއާއި ޖަޕާނެވެ. މި ދެ ގައުމުގެ ޕާސްޕޯޓު ބޭނުންކޮށްގެން 188 ގައުމަކަށް ހިލޭ ވިސާގައި ދަތުރުކުރެވޭނެއެވެ. އެހެންކަމުން މި ލިސްޓުގެ އެންމެ ކުރީގައި މި އުޅެނީ އޭޝިއާގެ ތިން ގައުމެކެވެ. ސިންގަޕޫރާއި ޖަޕާނަކީ ޖަޒީރާ ދެ ގައުމު ވެސް މެއެވެ. އަދި ޕާސްޕޯޓު ދަރަޖަކުރުމުގައި އަސްކަރީ ގޮތުން ބާރު ގަދަ ގައުމަކަށް މުޖުތަމަޢުތަކުން ވަކި އިސްކަމެއް ނުދޭކަން މި ކަމުން ވަރަށް ރީތިކޮށް ހާމަވެއެވެ.
މި ލިސްޓުން ތިންވަނަ މަގާމު ކަށަވަރުކޮށްފައިވަނީ ވިލާތުގެ ފަސް ގައުމެކެވެ. އެއީ ޑެންމާކާއި ލަގްޒަމްބާގާއި އިސްޕޭނާއި ސުވިޑުނާއި ސުވިޒަރލޭންޑެވެ. މި ގައުމުތަކުގެ ވިސާގައި 186 ގައުމަކަށް ހިލޭ ވިސާގައި ދަތުރުކުރެވެއެވެ.
މި ލިސްޓުގެ ހަތަރުވަނަ މަގާމު ކަށަވަރުކޮށްފައި ވަނީ ވެސް ވިލާތުގެ 10 ގައުމެކެވެ. އެއީ އޮސްޓްރިޔާއާއި ބެލްޖިއަމާއި ފިންލޭންޑާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ގުރީކާއި އަޔަރލޭންޑާއި އިޓަލީވިލާތާއި ނެދަރލޭންޑާއިނޯވޭއެވެ. މި ގައުމުތަކުގެ ޕާސްޕޯޓުގައި ދުނިޔޭގެ 185 ގައުމަކަށް ހިލޭ ވިސާގައި ދަތުރުކުރެވެއެވެ.
ކުރީން ވެސް ދަންނަވައިލި ފަދައިން އެމެރިކާ ޕާސްޕޯޓަށް ވުރެ ބާރުގަދަ ޕާސްޕޯޓުތައް ދުނިޔޭގެ އެކި ބައްރުތަކަށް ނިސްބަތްވެއެވެ.
އޭޝިއާގެ ބޮޑު ދެ ބާރެއްކަމަށްވާ ޗައިނާއާއި އިންޑިއާއަށް ބަލާ އިރު، ބާރު ގަދައީ ޗައިނާގެ ޕާސްޕޯޓެވެ. މި ލިސްޓުގެ 59ވަނަ ޗައިނާ ހޯދައިފައިވާ އިރު، އިންޑިއާއަށް ލިބެނީ 80ވަނައެވެ. ޗައިނާގެ ޕާސްޕޯޓުގައި 81 ގައުމަކަށް ހިލޭ ވިސާގައި ދަތުރުކުރެވޭ އިރު އިންޑިއާ ޕާސްޕޯޓުގައި ހިލޭ ވިސާގައި އެތެރެވެވެނީ 55 ގައުމަކަށެވެ.
ގިނަ ގައުމުތަކުން ވިލާތުގެ ބައެއް ގައުމުތަކަށާއި އޭޝިއާގެ ބައެއް ގައުމުތަކަށް ވިސާ ހިލޭކޮށްދޭ އިރު، އެމެރިކާއަށް ވިސާ ހިލޭ ކޮށްދީފައި ހުރި ބައެއް ގައުމުތަކުން، އެ ގައުމުތަކުން ހިލޭ ވިސާ ދީފައިވާ ގައުމުތަކުގެ ލިސްޓުން އެމެރިކާ ގެންދަނީ އުނިކުރަމުންނެވެ. އަދި ބައެއް ގައުމުތަކުން އެމެރިކާ ޕާސްޕޯޓުގައި ވިސާ ގަނެގެން ވެސް އެތެރެނުވެވޭ ގޮތް އެބަ ހަދައެވެ. މިއީ ވިޔަފާރީގެ މައުމޫލު (ޓެރިފު)ގެ ހަރުކަށި އުސޫލެއް އެމެރިކާއިން ތަޢާރަފުކޮށް ގަދަބާރުން އިންސާފާ ޚިލާފަށް އެމެރިކާއިން ދުނިޔޭގައި ހިންގަމުން ގެންދާ ނޭދެވޭ ހަރުކަށި ޢަމަލުތަކުގެ ނަތީޖާކަމަށް ދެންނެވިދާނެއެވެ.
މި ލިސްޓުގެ އެންމެ ފަހަތުން ޖާގަ ލިބިފައިވަނީ އަފުޣާނިސްތާނަށެވެ. މި ގައުމުގެ ޕާސްޕޯޓުގައި ވިސާ ހިލޭކޮށް ދަތުރުކުރެވެނީ އެންމެ 24 ގައުމަކަށެވެ. އަފުޣާނިސްތާނާ ޖެހިގެން މަތީގައި އޮތީ ސޫރިއާއެވެ. އެއީ އިރާގާއި ޕާކިސްތާނާއި ޔަމަންގެ ޕާސްޕޯޓަށް ވުރެ ވެސް ބާރު ދެރަ ޕާސްޕޯޓުތަކެކެވެ.
މިއީ ދުނިޔޭގެ ބާރަށް އަންނަމުންދާ ސިޔާސީ [ޒަލްޒަލާއެއް]ގެ ސިގްނަލެއްކަމަށް މުޙައްލިލުން ލަޕާކުރެއެވެ.
ދިވެހިރާއްޖެއާއި އަވައްޓެރި ސްރީ ލަންކާއަކީ ބާރުގެ ގޮތުން ބަޔަކު ބަލާނެ ދެ ގައުމުކަމަށް ނުވިޔަސް ޕާސްޕޯޓުގެ ބާރުގަދަކަމުގެ ގޮތުން މި ދެ ގައުމު އޮތް ހިސާބެއް ވެސް ނުބަލައި މި މަގާލު ނިންމައިލުމަކީ ކިޔުންތެރީން ހިތްޕުޅު ހަމަޖެހޭނެކަމަށް ނުވާނެކަން ކަށަވެރެވެ. އެހެންކަމުން މި ދެ ގައުމުގެ ޕާސްޕޯޓު އަޅައިކިޔައިލާނަމެވެ.
2026ވަނަ އަހަރު ހެންލީ ޕާސްޕޯޓު އިންޑެކްސް ބުނާ ގޮތުން ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓެވެ. ދުނިޔޭގެ ލިސްޓުން ދަރަޖަކުރުމުގައި 52ވަނަ ދިވެހިރާއްޖެއަށް ލިބޭ އިރު، ދުނިޔޭގެ 92 ގައުމަކަށް ދިވެހި ޕާސްޕޯޓުގައި ހިލޭ ވިސާގައި ދަތުރުކުރެވެއެވެ. ދިވެހިރާއްޖޭގެ ފަހަތުން 93ވަނައިގައި ސްރީލަންކާ ލިސްޓުކުރެވިފައިވާ އިރު އެ ގައުމުގެ ޕާސްޕޯޓުގައި ހިލޭ ވިސާގައި ދަތުރުކުރެވެނީ 39 ގައުމަކަށެވެ. ދިވެހިރާއްޖޭގެ ފަހަތުން ސްރީ ލަންކާއާއި އިންޑިއާ ލިސްޓުކުރެވިފައިވާ އިރު، ބޫޓާނާއި ބަންގްލާދޭޝާއި ނޭޕާލު އުޅެނީ މާ ފަހަތުގައެވެ. އެހެންކަމުން ދެކުނު އޭޝިއާގައި ދިވެހި ޕާސްޕޯޓަކީ އެންމެ ބާރުގަދަ އެންމެ ޝަރަފުވެރި ޕާސްޕޯޓެވެ. ދުނިޔޭގައި ސިންގަޕޯރު ޕާސްޕޯޓު މިއަދު ޝަރަފުވެރިވާ ފަދައިންނެވެ.
ބައެއް ލަފުޒުގެ މާނަ:
ދަހަރު ނ. ދިހަ އަހަރު
ޕާސްޕޯޓު ނ. ވަކި ޤައުމެއްގެ ރައްޔިތެއްކަން އަންގައިދީ އަދި އެ މީހަކީ، އެ ޤައުމަކުން ބޭރަށް ދަތުރުކުރުމުގެ ޙައްޤު އޮތް މީހެއްކަން އަންގައިދޭ ރަސްމީ ލިއުން. މި ލިއުން އޮންނަނީ ކުޑަ ފޮތެއްގެ ސިފައިގައެވެ.
ޝަރަފުވެރި ނއ. (1) ޢިއްޒަތްރެތި. (2) މާތް. (3) މަތިވެރި