ad_banner
އީރާނަށް ޙަމަލާދޭން އެމެރިކާއާއި އިސްރާއީލުން ވަރަށް ބޮޑަށް ބޭނުންވެއެވެ. ނަމަވެސް . . .

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 ޖަނަވަރީ 2026

އެމެރިކާގެ ހަނގުރާމަމަތީ އަރުމާދު ގަލަފަށް މިސްރާބުޖަހައިފައި (ފޮޓޯ: ފަރަގު)

އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ މަސައްކަތުން އީރާނުގެ ވެރިކަން ބަދަލުކޮށްލުމަށް ޓަކައި އީރާނުގައި ފެއްޓުވި މުޒާހަރާތައް އަދި އެ މީހުން ބޭނުން ގޮތަށް ކާމިޔާބުވެފައިނުވާކަން އެނގިވަޑައިގަންނަވާނެއެވެ.

މި ދެންނެވި މުޒާހަރާއަށް ހިތްވަރުދީ މަގުފަހިކޮށްދީ، ސިއްރުން އެހީތެރިވެދިނީ، ޢިރާޤާއި، ލީބިޔާއާއި، ސޫރިއާއަށް ހަދައިލި ގޮތް އީރާނަށް ވެސް ހަދައިލާށެވެ! ކިރިޔާ ވެސް އަސްކަރީ ގޮތުން އުރަތްޕެއް ހުރި މުސްލިމު މަދު ގައުމުތަކުގެ ތެރެއިން ޢިރާގާއި، ލީބިޔާއާއި ސޫރިޔާގެ ދުވަސް ވަނީ ދުއްވައިލައިފައެވެ. ބާކީ އޮތް ދެތިން ހަތަރު ގައުމަކީ އީރާނާއި، ޕާކިސްތާނާއި، ތުރުކީވިލާތާއި މިޞްރެވެ. ދެން ފަގީރަސް ރައްޔިތުން ހިތްވަރުގަދަ ޔަމަނެވެ. މީގެ ތެރެއިންވެސް އެންމެ ކެރޭ، އެންމެ މުސްތަޤިއްލު، އެންމެ ފަޚުރުވެރި، އަދި ފަލަސްޠީނުގެ ހިމާޔަތާއި ހެވަތަށް ކިރިޔާވެސް އެހީވާ ގައުމަކީ އުޚުއްވަތްތެރި އީރާނެވެ. މި ބިޔަ ގައުމު ފަނާކޮށްލުމަށް ފަހު، ދުވަހަކު ވެސް ނިމުމެއްނެތް އަހުލީ ހަނގުރާމައެއް އެ ގައުމުގައި ފެށުމަކީ އެމެރިކާއާއި އިސްރާއީލުން އަދި ވިލާތުން ވަރަށް ބޮޑަށް އުފާކުރާނެ ކަމެކެވެ. ހަމަ މި ފަދައިން އީރާން ބަލިވެ އިނދަޖެހުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ވަރަށް ބޮޑުގެއްލުމެކެވެ. އެހެންކަމުން އިސްރާއިލާއި އެމެރިކާ ދެކޭ އެންމެ ކުލަގަދަ ހުވަފެނަކީ ދުވަހަކު ވެސް ހަމަޖެހުމެއް ނެތް އަހުލީ ހަމަނުޖެހުމެއްގެ ތެރެއަށް އީރާނު ވައްޓައިލުމެވެ. އޭރުން، އިސްރާއީލުން މެދުއިރުމަތީގައި ހިންގާ ފަސާދަ، ނުހަނު [ހިތްހަޖެހުމާ އެކު] ހިންގާން ހުރަސް އަޅާނެ އެއްވެސް ގައުމެއް މި ދުނިޔެއަކު ނުވާނެކަމަށް އެ މީހުން ދެކެއެވެ. ސަބަބަކީ ދެން ތިބި ހުރިހައި ގައުމެއް ވެސް ތިބީ އެމެރިކާގެ [ޖީބުގައި]ކަމަށް ވާތީއެވެ.

އީރާނުގައި މި ދިޔަ ޑިސެންބަރު މަހު 28ގައި ފެއްޓި މި ދެންނެވި މުޒާހަރާތަކުގައި މިހައި ތަނަށް 3117 މީހުން މަރުވެފައިވާކަމަށް އީރާނުގެ ރަސްމީ މަސްދަރުތަކުން މަޢުލޫމާތު ލިބެއެވެ. މީގެ ތެރެއިން 2427 މީހުންނަކީ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާއި ޢާންމު ރައްޔިތުންނެވެ. ދެން އަނެއް 690 މީހުންނަކީ [ނިރުބަވެރީން]ކަމަށް ވެސް އީރާނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގެއެވެ.

ނަމަވެސް އެމެރިކާގައި މަރުކަޒުކުރެވިފައި ހުންނަ [އިންސާނީ ހައްގު]ތަކާ ބެހޭ ޙަރަކާތްތެރީންގެ ނޫސް އެޖެންސީއިން ދޭ ޢަދަދުތައް ވަރަށް ބޮޑަށް ތަފާތެވެ. އެ މީހުން ބުނާ ގޮތުގައި ސަލާމަތީ ބާރުތަކުގެ ޚިދުމަތްތެރީންގެ ތެރެއިން މަރުވީ 214އެވެ. މުޒާހަރާގައި އެއް ގޮތަކަށް ބައިވެރިނުވާ އާންމުންގެ ތެރެއިން މަރުވީ 49 މީހުންނާއި 86 ކުޑަކުދީންނެވެ. ދެން މަރުވި އެންމެންނަކީ ވެސް މުޒާހަރާވެރީންކަމަށް އެމެރިކާއިން ޚަބަރުދެއެވެ.

އީރާނު ސަރުކާރުން ކުރީން މަޢުލޫމާތުދީފައިވާ ގޮތުގައި މުޒާހަރާގެ ތެރެއަށް ވަދެ އަލިފާން ރޯކޮށް ތަންތަނަށް ގެއްލުންދީ މީހުން މަރައި ހަދަނީ އެމެރިކާއާއި އިސްރާއީލުގެ ސިއްރު ޖާސޫސުންނެވެ. ދެން އެ މީހުން ރިޝްވަތު ދީގެން ހައްލައިފައިވާ ޚާއިނުންނާއި ޣައްދާރުންނެވެ. އީރާނުގެ ސަރުކާރުން [ނިރުބަވެރީން]ކަމަށް ބަލަނީ މި ފަދަ މީހުންނަށެވެ.

މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ ހުރިހައި ގާނޫނަކާއި ގަވާއިދަކާއި އަދި އިންސާނީ ގިޔަމުތަކާ ޚިލާފަށް، އެމެރިކާއިން ގެންދަނީ އީރާނާ ދެކޮޅަށް ޢުދުވާނެއް ހިންގާން ބޭނުންވާ ވަސީލަތްތައް މެދުއިރުމަތީ އީރާނާ ކައިރި ސަރަހައްދަށް ޖަމާކުރަމުންނެވެ.

ރައީސް ޑޮނަލްޑު ޓުރަންޕު ފަޚުރުވެރިކަމާ އެކު ބުނެފައިވަނީ އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ބޮޑު އަރުމާދެއް، ސީދާ އީރާނަށް އަމާޒުކޮށްގެން ގަލްފު ސަރަހައްދަށް ދަތުރުކުރަމުންދާކަމަށެވެ. އަދި އަސްކަރީ އޮފިޝަލަކު ބަޔާންކުރާ ގޮތުގައި މަތީންދާބޯޓު އުފުލާ އުޅަނދާއި، ތަންތަނަށް ޙަމަލާދޭ ގިނަ ވަސީލަތްތައް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ޖަމާކުރެވޭނެއެވެ.

ދުނިޔޭގެ އިގުތިސާދީ ފޯރަމް ނިންމައިލުމަށް ފަހު، ސުވިޒަލެންޑުގެ އެންމެ އުސް ޝަހަރުކަމުގައިވާ ޑާވޯސްއިން [އެއަރުފޯސް -19]ގައި އެނބުރި އެމެރިކާއަށް ދިޔުމުގެ ކުރީން ޓުރަންޕު ބުނެފައިއެވެ. [އަހަރެމެން މި ގެންދަނީ އީރާނުގެ މައްޗަށް ފުރިހަމައަށް ނަޒަރުހިންގަމުންނެވެ.] ޓުރަންޕު ބުންޏެވެ. [އީރާނާ ދިމާއަށް އަހަރެމެންގެ ވަރަށް ބޮޑު ބާރެއް އެބަ ދަތުރުކުރެއެވެ.]

މި ކަމުގެ ތަފުޞީލުދެމުން އޭނާ ބުނީ [ފަހަރެއްގައި މި ވަސީލަތްތައް އަހަރެމެން ބޭނުންނުކޮށްފާނެއެވެ. . . އަހަރެމެންގެ ބައިވަރު އުޅަނދުތައް އެ ދިމާއަށް އެބަ ދަތުރުކުރެއެވެ.] ޓުރަންޕު ބުންޏެވެ. [އަދި ދިމާވާ ގޮތަކުން އިތުރު ވަސީލަތްތައް ވެސް އެ ދިމާއަށް ފޮނުވާން ޖެހިދާނެއެވެ. ވާ ގޮތެއް ބަލާން އިހަށް މަޑުކޮށްލަމާހެއްޔެވެ؟]

މި ތާނގައި ފާހަގަކޮށްލާންޖެހޭ ކަމެއް އެބަ އޮތެވެ. މި ފޯރަމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ބައިވެރިނުވާކަމެވެ. އެއީ ސުވިޒަލެންޑަށް ހިނގައްޖިއްޔާ އޭނާ ހައްޔަރުކޮށްފާނެތީ ބިރުންނެވެ. ސަބަބަކީ، ޢަދާލަތުގެ ބައިނަލްއަޤުވާމީ ޢަދާލަތު ކޯޓް (ބޢކ)ގެ ނިންމުންތަކަށް ސުވިޒަލޭންޑުން ތަބާވާތީއާއި، އެ ކޯޓުން ނެރޭ ކޮންމެ އަމުރަކަށް ސުވިޒަލޭންޑުން ބޯލަނބާނެކަމަށް އެ ގައުމުން ކުރީން ބުނެފައިވާތީއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ބައިނަލްއަޤުވާމީ ޢަދާލަތު ކޯޓުން ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގި ނަސްލުހޭދާއި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި، އިސްރާއީލުގެ ކުރީގެ ދިފާޢީ ވަޒީރު ގަލާންޓު ހައްޔަރުކުރުމުގެ އަމުރެއްނެރެފައެވެ.

ކޮންމެއަކަސް އެމެރިކާގައި ހުރި ހުރިހައި ބާރެއް ގަލްފު ސަރަހައްދަށް ޖަމާކުރަނީއެވެ. އީރާނަށް ޙަމަލާދޭން އިސްރާއީލުން ބާރުއަޅަނީއެވެ. އިސްރާއީލަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބުނަސް އަދި ކިތަންމެ ގިނަ ބަޔަކު މަރުވިޔަސް މައްސަލައެއް ނެތެވެ. އެކަމަކު، އެ މީހުންގެ ޝަރުޠެއް އޮވެއެވެ. އިސްރާއީލުން އެމެރިކާގެ ކިބައިން އެދެނީ އީރާނަށް ޙަމަލާދޭންވާނީ މުޅި އީރާނު އެކީއެކަށް ހަލާކުކޮށްލައި އެ މީހުންނަށް ދުވަހަކު ވެސް ހިންދެމިނުލެވޭ ވަރަށް ގިއްގަޅުވައިލެވޭނެ ކަމުގެ ޔަގީންކަމާ އެކުގައެވެ.

އެމެރިކާއިން ނުވަތަ އިސްރާއީލުން އީރާނަށް ޙަމަލާއެއްދީފި ނަމަ، އީރާނުން ވެސް ރައްދު ޙަމަލާދޭނެކަމާއި އެ ފަދަ ޙަމަލާތަކުގެ ސަބަބުން އިސްރާއީލަށްވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެ މީހުންނަށް އެނގެއެވެ. އެތައް ބަޔަކު މަރުވާނެކަން ވެސް އެނގެއެވެ. ނަމަވެސް އިސްރާއީލަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބިގެން ވެސް އަދި ކިތަންމެ ގިނަ ރައްޔިތުންތަކެއް މަރުވެގެން ނަމަވެސް އީރާނު ދާއިމީ ގޮތެއްގައި ސުންނާފަތިކޮށްލެވިއްޖެ ނަމަ، އެ މީހުން ބަލަނީ އެއީ ވަރަށް ބޮޑު ކާބިޔާބީއެއްކަމަށެވެ. ސަބަބަކީ އެމެރިކާއާއި ހުޅނގުގެ އެހީގައި އިސްރާއީލުގެ ބިނާރު އަލުން ތަރައްގީކުރެވޭނެތީއެވެ. އަދި މީހުން މަދުވެއްޖެ ނަމަ އެ ގައުމުތަކުގައި އުޅޭ ޔަހޫދީންނަށް ބޮޑެތި ޢިނާޔަތްތަކެއް ދީގެން އިސްރާއީލޭ މި ކިޔާ ސަރަހައްދަށް ގެނެވިދާނެތީއެވެ. ނަމަވެސް އީރާން އެކީއެކަށް ހަލާކުކޮށްނުލެވިއްޖެ ނަމަ، އީރާނު ވެސް އެ މީހުން އަމިއްލައަށް ތަރައްގީކުރާނެވެ.

ވީމާ، ބިރުދައްކާން އީރާނު ސަރަހައްދަށް ފައުޖުތައް އެއްކުރިޔަސް އަދި އެހައި އަވަހަށް ހަމަލާ ދޭނެކަމަކަށް ގަނޫލެއް ނުކުރެވެއެވެ. އެންމެ ފަހުން ޓުރަންޕު ބުނެފައިވާ ގޮތުގައި ވަރަށް އަވަހަށް އީރާނާ އެކު ސުލްހައިގެ ވާހަކަތަކެއް ފެށޭނެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

އަރުމާދު      ނ.    އެކެއްގެ ވެރިކަމުގައި ބަޔަކާ ދެކޮޅަށް ނުވަތަ ހަނގުރާމައިގެ ބޭނުމެއްގައި ދަތުރުކުރާ އެއްއުޅަނދަށްވުރެ ގިނަ އުޅަނދު. fleet

އިނާޔަތް      ނ.    (1) އެހީ. benefit (2) އަޅައިލުން.  care(3) ރައްކާތެރިކަން.

މުޒާހަރާ      ނ.    ކަމަކާމެދު ބަޔަކުމީހުން ތިބިގޮތް ފާޅުކުރުމުގެ ގޮތުން އެއްވެގެން ކުރާ ޙަރަކާތް. demonstration

ގިޔަމު       ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ގިއްގަޅުވައިލުން މ.   (1) ތިމާގެ ބާރުން އަނެކެއްގެ އަގުވައްޓައިލުން ނުވަތަ މަޤާމް ދަށްކޮށްލުން. (2) މީހަކުވެއްޓި އިނދަޖެހޭ ގޮތަށް ގަންނަވައިލުން. (3) ވާހަކަދައްކައިގެން ނުވަތަ ޒުވާބުކޮށްގެން ދެރަކޮށްލުން.

ކޮމެންޓު