ad_banner
އެއީ އެ ކަމުގައި އެއްވެސް ރަނގަޅެއް އޮތް ގޮވައިލުމެއް ނޫނެވެ.

އަބާ މުޙަންމަދު

25 ޖަނަވަރީ 2026

އިނގިރޭސިބަހުން އިސްލާމް ކިޔަވައިދިނުމަކީ ނަތީޖާ ރަނގަޅުވާނެ ކަމެއް ނޫނެވެ.

ދިވެހި ކުދީންނަށް ދިވެހި ބަހުން [އިސްލާމް] ކިޔަވައިދިނުމުން، ކިޔަވައިދެވޭ އެއްޗެއް އެ ކުދީންނަށް ފަހުމުނުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ކުދީންނަށް ދީން ނޭނގި، ދީނާ މެދު ލޯތްބެއް ފަރުވާލެއް ނެތް ޖީލެއް އުފެދެމުންދާ ކަމަށް ބުނާ ބުނުމުގެ އަޑު މިހާރު އެބަ ގަދަވެއެވެ. މިއީ ވަރަށް ނުރައްކާތެރި މަގުސަދެއްގައި ދައްކާވާހަކައެކެވެ. މި ފަދަ ވާހަދައްކާ މީހުންގެ ނިޔަތް އެ ފަދަ މީހުންގެ މާޒީގެ ޢަމަލުތަކުން ސާފުވާނެއެވެ.

ދިވެހީންނަށް ދިވެހިބަހުން ކިޔަވައިދޭ އެއްޗެއްގެ މާނަ ނޭނގޭކަމަށް ބުނާ އިރު، އެއީ ހަގީގަތާ ވަރަށް ދުރު ވާހަކައެކެވެ. އެއީ އެއްވެސް ދިރާސާއެއްގެ މައްޗަށް ދައްކާ ވާހަކައަކަށް ނުވާތީއެވެ. މިހެން ދިމާވާ ނަމަ، އެ ގޮތަށް އެ ދިމާވަނީ ދިވެހިބަހުން ލިޔެފައި ހުރި ފޮތްތަކުގެ ފެންވަރު ދަށްވެގެން ނުވަތަ އޮޅުންފިލުވައިދެއްވާ މުދައްރިސުންގެ އުނގަންނައިދެއްވުމުގެ ޤާބިލުކަން ކޮށިވެގެން ނުވަތަ ކިޔަވާ ކުދީންގެ ކިބައިގައި ދިވެހިބަހުގެ އަސާސީ ފެންވަރު ވެސް ނެތިގެންތޯ ދެނެގަންނާން ޖެހެއެވެ.

މިހާރުގެ އިސްލާމް ފޮތްތައް ލިޔެފައި ހުންނަ ގޮތާ މެދު ވިސްނައިލާ އިރު، ބައެއް ކުލާސްތަކުގެ ފޮތްތަކުގައި ޔުނިވަރުސިޓީ ފެންވަރުގެ މަޢުލޫމާތު އެބަ ހުރެއެވެ. އެހެންކަމުން އަސާސީ މަޢުލޫމާތު ނެތް ކުދިބަޔަކަށް މި ފަދަ މަޢުލޫމާތު ހުށަހެޅުމުން އެ މާއްދާއެއް ކިޔަވާން ފޫހިވެ ސަމާލުކަމެއް ނުދެވޭނެއެވެ.

މި ދެންނެވި ބަހުގެ ކުޑަކުޑަ މިސާލެއް ދަންނަވައިލަންތޯއެވެ؟ އެންމެ ތުއްތުކުދީންނަށް [ތައުޙީދު] - ﷲގެ އެއްކައުވަންތަކަން – އުނގަންނައިދިނުމުގައި ތައުޙީދުގެ ތަފުސީލީ ބައިތަކަށްދާ ނަމަ، ޅަ ކުދީންގެ ސިކުނޑީތަކަކަށް އެއެއް ނުވަންނާނެއެވެ. ގިނަ ވާހަކަދާނީ ބޯމަތީންނެވެ. މިސާލަކަށް: ކޮންމެ ދުވަހަކު އިރުއަރައި އޮއްސޭކަމާއި ވާރޭ ވެހޭކަމާއި ގަސްގަސް ފަޅައިގެން ބޮޑުވެ އެއިން ހިޔާ ލިބި، މޭވާ އަޅައި ކާނާ ލިބޭކަމާއި، އިންސާނުން ދުނިޔެއަށް އައިސް މަރުވެދާކަމާއި އިންސާނާއަށް ލިބިފައިވާ ގިނަގުނަ ނިޢުމަތްތަކާއި މި ހުރިހައި ކަމެއް މިންވަރުކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމަށް ބުނެދެވިދާނެއެވެ. އެހެންކަމަށްވާ ނަމަ، އަޅުކަންކުރުން އެހެން އެއްވެސް ފަރާތަކަށް ހައްގު ނުވާނެކަން ވިސްނައިދެވިދާނެއެވެ. އެ ޢުމުރުގެ ކުދީންނަށް މި މިންވަރަށް [ތައުޙީދު]ގެ ބައި ކިޔަވައިދިނީމާ ފުދޭނެއެވެ. އައްޝައިޚު މުޙަންމަދު ޖަމީލުދީދީ ލިޔުއްވައިފައިވާ [ދީނިއްޔާތު – 1] މިއީ ތުއްތުކުދީންނަށް އެންމެ އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ހިމަނުއްވައިފައިވާ ފޮތެކެވެ.

މިއާ ޚިލާފަށް، ޅަ ސިނކުނޑިތަކަށް ވިސްނޭހެން ފިލާވަޅުތައް ކުރުކޮށް ކުރެހުމާ އެކު ހުށަހަޅައިދިނުމުގެ ބަދަލުގައި [ތައުޙީދުއްރުބޫބިއްޔަތު]އާއި [ތައުޙީދުލްއުލޫހިއްޔަތު]އާއި [ތައުޙީދުލްއަސްމާއު ވައްޞިފާތު] ފަދަ ނަންނަން ކިޔައިދީ މީގެ ތަފުޞީލަށް ދާ ނަމަ، ކުދީން ވާނީ ފޫއްސެވެ. މިއީ މަތީ ތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭ ނަންތަކެވެ.

އެހެންވީމާ ކުދީންނަށް އެއްޗެއް ނޭނގޭ ނަމަ، ނޭނގެނީ ދިވެހިބަހުން ކިޔަވައިދެވޭތީއެއް ނޫނެވެ. ރަނަގަޅަށް ކިޔަވައިނުދެވޭތީއެވެ. އިސްލާމް ދީން އެ ބަޔެއްގެ ޤައުމީ ބަހުން ކިޔަވައިނުދޭ ނަމަ، އިސްލާމް ދީނާ ބީރައްޓެހި ބަހަކުން ކިޔަވައިދިނުމަށް ވުރެ އިސްލާމްދީން އެ ބަހަކުން ބާވައިލެއްވި ބަސްކަމަށްވާ ޢަރަބިބަހުން ކިޔަވައިދިނުން މާ އައުލާއެވެ.

[އިސްލާމީ ޢިލްމު] އިނގިރޭސިބަހުން ކިޔަވައިދޭން ބަހުސްކުރާ މީހުން އެ ބަހުސްކުރަނީ ކުދީންނަށް ކޮންމެހެން ހެޔޮ އެދިގެންނެއްނޫނެވެ. ގައުމިއްޔަތާއި ދީނާ ދުރު ފިކުރެއް އުފައްދައި އަދިވެސް މި މުޖުތަމަޢު އެ ދިމާއަށް ދާލެއް ލަސްކަމުން އެ މަގަށް ދުވެލި ހަލިކުރެވޭތޯއެވެ؟

އިނގިރޭސިބަހުން ކިޔަވައިދީގެން ދަރިވަރުން ވަކި މާއްދާއަކަށް މޮޅުވާ ނަމަ، ދިވެހި ދަރިވަރުން، އިޖުތިމާއީ ޢިލްމަށް – ތާރީޚާއި ސަގާފަތާއި ތަރިކައާއި ޖޯގުރަފީއަށް އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ ވެއްޓަށް ހާދަހާ މޮޅުވީހެވެ. އެއީ 1990ގެ އަހަރުތައް ނިމެމުންދަނިކޮށް ނުވަތަ 2000ގެ އަހަރުތައް ފެށުނު ދަނޑިވަޅުގައި އިނގިރޭސި ބަހުން ކިޔަވައިދޭ ގޮތަށް ބަދަލުކުރެއްވި މާއްދާއެކެވެ. ކުރީން އިޖުތިމާޢީ ޢިލްމު ކިޔަވައިދިނީ ދިވެހިބަހުން ދިވެހި މުދައްރިސުންނެވެ. ނަމަވެސް ކުރީން މި ދެންނެވި ދުވަސްވަރު ބޭއްވި [ގައުމީ މަންހަޖު އިސްލާޙުކުރުމާ ބެހޭ މަހާސިންތާ]އެއްގައި [ނުފޫޒު ގަދަ ބަޔަކު] ހަޅޭއްލަވައި [ބާރުއަޅައިގެން] މި މައްދާ އިނގިރޭސިބަހުން ކިޔަވައިދޭ ގޮތަށް ބަދަލުކުރެއްވީއެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟ ދިވެހި ގައުމީ ބަޠަލެއް، ގައުމީ ދުވަހެއް، އަތޮޅަކަށް ކިޔާ ނަމެއް، ރާއްޖޭގެ އާދަކާދައެއް، އިޖުތިމާއީ ގިޔަމެއް ދަންނަނީ އިސްކޫލު ނިންމާ ކުދީންގެ ތެރެއިން ގިނަ ކުދީންނަކަށް ނޭނގެއެވެ. ނަތީޖާ ވީ ރަނގަޅުތޯއެވެ؟ މި މާއްދާއަށް މޮޅީ ކުރީ ޒަމާނުގައި ދިވެހިބަހުން ކިޔެވި ކުދީންތޯއެވެ؟ ނުވަތަ 2000ގެ އަހަރުތަކުގައި އިނގިރޭސިބަހަށް އެ މާއްދާ ބަދަލުވީ ފަހުން ކިޔެވި ކުދީންތޯއެވެ؟ މި ދެންނެވި [އިނގިރޭސި] ބަދަލުގެ ސަބަބުން ނަތީޖާވީ ރަނަގަޅެއް ނޫނެވެ.

އާދޭހެވެ! ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މައްސަލަ އެބަ ހުއްޓެވެ. އެ ކަންކަންކަން ރަނގަޅުކުރާންޖެހެއެވެ. ނަމަވެސް ދިވެހިބަހުން އިސްލާމް ދީން ކިޔަވައިދޭތީ، ދިވެހި ކުދީންނަށް އިސްލާމް ދީން ދަސްނުވާ ވާހަކަދެއްކުމަކީ ޖޯކެކެވެ. މިހެން މި ކަންވާ ނަމަ، އަޅާން ޖެހޭ ފިޔަވަޅުތަކަކީ އެހެން ފިޔަވަޅުތަކެކެވެ. ދިވެހިބަހުން ކިޔެވުމުގެ ފުރުޞަތު (ބޭނުންވާ ކުދީންނަށް) ފަހިކޮށްދޭންވީއެވެ. އެންމެ ކުޑަމިނުން، ފަށާތަޢުލީމުގެ މަރުޙަލާ ނިމެންދެން ދިވެހިބަހުން (ދިވެހި މީޑިއަމަށް) ކިޔަވައިދޭންވީއެވެ.

މި ގޮތަށް ކިޔަވާ ކުދީން ސާނަވީ މަރުޙަލާއިން ފެށިގެން އިނގިރޭސި މީޑިއަމަށް ކިޔަވައިގެން އިސްކޫލު ނިންމާ އިރު، ދިވެހިބަހަށާއި އިސްލާމް ދީނަށާއި އިނގިރޭސިބަހަށް ވެސް މޮޅުކަން މާޒީގެ ތަޖުރިބާއިން ކިތަންމެ ކުދީންނެއް ސާބިތުކޮށްދީފައި އެބަ ހުއްޓެވެ.

ދެން ކުރާންވީ ކަމަކީ، އެކި މާއްދާތަކުގެ މުގައްރަރާއި އެ މުގައްރަރުތަކަށް އެކުލަވައިލާ ފޮތްތައް، އެ ކަމުގެ މަޢުލޫމާތާއި ހުނަރު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ އެހީތެރިކަމާއެކު ތަރައްޔާރުކުރެއްވުމެވެ. ހަމައެކަނި މާއްދާގެ މަޢުލޫމާތު ހުންނަ ބޭފުޅުންނަށް ފޮތް ލިޔުއްވާން ޙަވާލުކުރެއްވީމާ، އެ ބޭފުޅުން ފޮތްލިޔުއްވަނީ ދަރިވަރުންނަށް ރިޢާޔަތް ނުކުރައްވައި އެ ބޭފުޅުންގެ ފެންވަރުންނެވެ. ނަތީޖާއަކަށްވަނީ ދަރިވަރުންނަށް ދޭހަނުވެ، ކިޔަވައިދޭ އެއްޗެއް ބޯމަތީން ދިޔުމެވެ.

އެހެންކަމުން ދިވެހި ދަރިވަރުންނަށް އިސްލާމް ދީން ކިޔަވައިދޭން އިނގިރޭސިބަހުން ފޮތް ލިޔެ، އިނގިރޭސިބަސް ބޭނުންކުރުމަކީ އެއްވެސް ރަނގަޅު ނަތީޖާއެއް ނުކުންނާނޭ ކަމެއް ނޫނެވެ. ދިވެހި ދަރިވަރުންނަށް ދިވެހިބަހުން ކިޔަވައިދީގެން އެ ކުދީންނަށް އެއްޗެއް ނޭނގޭކަމަށްވާ ނަމަ، ކުރާން ހުރީ މުޅީން އެހެން މަސައްކަތްތަކެކެވެ.

މިހާރުން މިހާރަށް ކުރާން ހުރި މަސައްކަތްތައް ނުކޮށް، ކަންކަން ރަނގަޅަށް ހިނގަމުންދާ ނިޒާމެއްގައި ކުރާން ހުންނަ ކަންކަން ކުރެވޭ ނަމަ، ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން ކިތަންމެ ގިނަ ކަންކަމެއް ކުރިޔަސް އަދި ނަތީޖާއެއް ނުފެންނާނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި އިސްލާމް ދީން އިނގިރޭސިބަހުން ކިޔަވައިދޭން ގޮވައިލެވޭ ގޮވައިލުމާ މެދު ޚަބަރުދާރުވާން އެބަ ޖެހެއެވެ. އެއީ އެ ކަމުގައި އެއްވެސް ރަނގަޅެއް އޮތް ގޮވައިލުމެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޚަބަރުދާރު   ނ.   ނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޓަކައި ބުނާ ބުނުމެއް (ރަދީފަކުން ނުފެނުނު)

މުގައްރަރު   ނ.   ތަޢުލީމީ ގޮތުން ވަކި މަގުސަދެއް ނުވަތަ މަގުސަދުތަކެއް ޙާޞިލުކުރުމަށް ޓަކައި ބަޔަކަށް ފޯރުކޮށްދޭން ކަނޑައަޅައި ތަރުތީބު ކޮށްފައިވާ މަޢުލޫމާތާއި ހުނަރާއި ސިފަތަކާއި އޭގެ މިންވަރު.

ތައުޙީދު    ނ.   الله އެއްކައުވަންތަކަން އަންގައިދޭ ޢިލްމު.

ގިޔަމު     ނ.   ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ޖޯގުރަފީ     ނ.   (1) ދުނިޔޭގެ ބިންތަކާއި ކަނޑުތައް ބެހިފައިވާ ބައިތަކާއި އެ ތަންތަނުގައި ޠަބީޢީ ގޮތުން ލައްވައިފައިވާ އެއްޗިއްސާއި މޫސުމާ ބެހޭ ޢިލްމު. (2) ބިމުގެ ގުދްރަތީ، އިޖުތިމާއީ، އިގުތިސާދީ، ނުވަތަ ސިޔާސީ ވެށި ބެހިފައިވާ ގޮތް. geography

ކޮމެންޓު