ad_banner
އިންސާނީ ނަޒަރިއްޔާތާއި ހަޤީޤަތް

ޙަކީމް ސަލްމާނު ފަހުމީ

4 ފެބްރުވަރީ 2026

ތިއަރީތަކަކީ ހަގީގަތެއްނޫނެވެ.

ދުނިޔެއާއި ދިރިއުޅުމުގެ މަޤްޞަދާއި، ކާއިނާތުގައިވާ ސިއްރުތައް ދެނެގަތުމަކީ އިންސާނާ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން އިންސާނީ ތިއަރީތަކާއި ނުވަތަ ނަޒަރިއްޔާތައް އުފަންވެގެން އާދެއެވެ. މި ފަދަ ތިއަރީތަކަކީ އިންސާނާގެ ބުއްދިއާއި، ތަޖުރިބާއާއި، އޭނާއަށް ފެންނަ ފެނުންތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ތިއަރީއަކީ މުޠުލަޤު ނުވަތަ ބަދަލުނުވާނެ ޙަޤީޤަތެއްނޫނެވެ. އެއީ ހަމައެކަނި ޙަޤީޤަތާ ގާތްވުމަށް ކުރެވޭ މަސައްކަތެކެވެ. އޭގެ ފުރިހަމަކަން ބިނާވެފައިވަނީ އިންސާނާގެ ވިސްނުމާއި، މަޢުލޫމާތާއި، އެ ވަގުތަކު ހުރި ވަސީލަތްތަކުގެ މައްޗަށެވެ. ތާރީޚަށް ބަލާ އިރު، އެއް ޖީލެއްގައި މުޠުލަޤު ޙަޤީޤަތެއްގެ ގޮތުގައި ބަލައިގަތް ކަންކަން، ފަހުން އަންނަ ޖީލުތަކުން އިޞްލާޙުކޮށްފައިވާކަން އެނގެއެވެ. މިއީ ޙަޤީޤަތް ބަދަލުވުމެއް ނޫނެވެ. އެއީ އިންސާނާގެ އިލްމު ތަރައްޤީވެ، ހޯދުންތަކާ އެކު ތިއަރީތައް ކުރިއަރަމުންދާކަމުގެ ހެކިތަކެވެ.

އިންސާނީ ތިއަރީތަކަކީ ބައެއް ފަހަރު ކާމިޔާބު އެއްޗެހި ނަމަވެސް، އެއީ ފުރިހަމަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު އެއިން ޙަޤީޤަތުގެ ބައެއް ސިފަކޮށްދިން ނަމަވެސް، އަނެއްބައި ކަންކަން އޮންނަނީ ވަންހަނާވެފައެވެ. ވަކި ހާލަތްތަކެއްގައި އެ ތިއަރީތައް ރަނގަޅުވި ނަމަވެސް، އެހެން ހާލަތްތަކުގައި އެއީ ނުބައި އެއްޗަކަށް ވެދާނެއެވެ. އެހެންވެ ބައެއް މީހުން ލިޔުންތަށް ލިޔާ އިރު އަމިއްލަ ނަފުސަށް ނިސްބަތްކުރުމެއްނެތި މީހަކު ބުނިވާހަކައެކޭ ލިޔައެވެ. ސައިންސާއި ބޭސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އެންމެ މަޤުބޫލު ތިއަރީތަކަކީ ވެސް އެންމެ ފަހުގެ ނިންމުމެއްނޫނެވެ. އެއީ ޙަޤީޤަތް ދައްކައިދޭ ލޯގަނޑެއް ފަދަ އެއްޗެކެވެ. ނަމަވެސް އެ ލޯގަނޑު ކޮންމެވެސް މިންވަރަކަށް ކިލާވެފައި ނުވަތަ ނުސާފުކޮށް ހުރެދާނެއެވެ. އެހެންކަމުން، އިލްމު ހޯދުމުގައި ހިތްތިރިކަން އިސްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އިންސާނާގެ ވިސްނުން ޙަޤީޤަތާ ގާތްވި ވަރަކަށް، އެ ތިއަރީއެއްގެ ސައްޙަކަން ބޮޑުވެއެވެ.

ނަމަވެސް، ކީރިތި ޤުރުއާނާއި ރަސޫލާ ގެ ސުންނަތުގެ ތެދުމަގަކީ މިއާ މުޅިން ތަފާތު އެއްޗެކެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރެއްވީމެވެ. އެ ދެ އެއްޗެއްގައި ބާރަށް ހިފަހައްޓައިފި ނަމަ، ތިޔަބައިމީހުން ދުވަހަކު ވެސް މަގުއޮޅިގެން ނުދާނެއެވެ: އެއީ ﷲ ގެ ފޮތް (ޤުރުއާން) އާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ.] ކީރިތި ޤުރުއާނާއި ސުންނަތަކީ ހުރިހައި ޒަމާނަކަށް ފެތޭ، ފުރިހަމަ ޙަޤީޤަތްތަކެވެ. އޭގެ ސައްޙަކަން ބިނާވެފައިވަނީ އިންސާނާގެ ވިސްނުމަކަށްނޫނެވެ. އިންސާނުންނަށް އެކަންކަން ފުރިހަމައަށް ނޭނގުނު ކަމުގައިވިޔަސް، އޭގެ ޙަޤީޤަތަކަށް ބަދަލެއް ނާންނާނެއެވެ. އިންސާނީ ތިއަރީތަކާ ޚިލާފަށް، އިލާހީ ތެދުމަގަކީ ފުރިހަމަ އަދި މުޠުލަޤު ތެދު މަޢުލޫމާތެވެ. އެއީ ހުރިހައި އިލްމެއް މިނެކިރުމަށް އޮތް އެންމެ ފުރިހަމަ ތިލަފަތެވެ.

އިސްލާމްދީން ބާރުއަޅަނީ ބުއްދީގެ ބޭނުންކުރުމަށާއި، ކަންކަން ދިރާސާކޮށް އުނގެނުމަށެވެ. ނަމަވެސް، މި ހުރިހައި ކަމެއް ކުރާންވާނީ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. އިންސާނީ ތިއަރީތަކަކީ ޙަޤީޤަތް ހޯދުމަށް އެހީތެރިވެދޭ ވަސީލަތްތަކެއްކަމުގައި ވިޔަސް، އެއީ ޙަޤީޤަތުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ޙަޤީޤަތާ ހަމައަށް ވާޞިލުވުމަށް އެޅޭ ފިޔަވަޅުތަކެކެވެ. ޙަޤީޤަތަކީ އެކެކެވެ. ނަމަވެސް އިންސާނުން ކަންކަން ތަރުޖަމާކުރާ ގޮތްތައް ތަފާތުވަނީއެވެ. އިންސާނާގެ މަސައްކަތްތައް އިލާހީ ތެދުމަގުގެ އަލީގައި ކުރިއަށްދާ ނަމަ، އެ ޢިލްމަކީ ހަމައެކަނި ސައްޙަ ޢިލްމަކަށް ވުމުގެ ބަދަލުގައި، އެއީ މާނަވީ، ފައިދާ ހުރި އަދި ރައްކާތެރި ޢިލްމަކަށްވާނެއެވެ.

ކޮމެންޓު