ad_banner
ހަލާކުކުރާ ކޯރާޑި

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

26 ޖަނަވަރީ 2026

ހެޔޮމީސްވުމަކީ. . . .

އަޅުގަނޑުމެން ހެޔޮމީސްވުން މާތްކަމަކަށް ހަދާ ނަމަ، ނުވަތަ ޙަޤީޤަތް ފާޅުކުރާން ބިރުގަންނަ ނަމަ، ނުވަތަ ޙަޤީޤަތް ވަންހަނާކުރާން ޖެހިލުންނުވާ ނަމަ، އަޅުގަނޑުމެންނަކީ [ހެޔޮވަންތަ] ބަޔަކަށް ނުވާނެއެވެ.

މިއަދު [ހެޔޮމީސްވުން] ބަދަލުވެފައިވަނީ ބައެއް މީހުންގެ ކިބައިން ފެންނަ ސުލޫކީ ކަމެއްގެ ބަދަލުގައި ގެއްލުން ހުރި އާންމު ސަގާފަތަކަށެވެ. އިޖުތިމާޢީ އިޙުތިރާމުކުރުމެއްގެ ބަދަލުގައި މުޖުތަމަޢުގެ ހޭލުންތެރިކަން ފީކުރާ ބައްޔަކަށެވެ.

އަޅުގަނޑުމެން މިއަދު މި އުޅެނީ ދެފުށްކެހެރީންނަށް އިނާމުދެވޭ ޒަމާނެއްގައެވެ. މިއީ ރަނގަޅުކަމެއް ނޫނޭ ބުނާ މީހުން އެއް ފަރާތްކުރާ ޒަމާނެއްގައެވެ. ހެޔޮމީސްވާން އެނގޭ މީހުން މަތީ މަޤާމުތަކުގައި ވެރީންނާ އަރިސްވުން ބޮޑުވާ ޒަމާނެއްގައެވެ. އެއީ އޭނާ ތެދުވެރިއަކަށް ވާތީއެއްނޫނެވެ. އެއީ އެ ކަމަށް އެންމެ ޤާބިލުމީހާ ކަމުގައިވާތީއެއް ވެސް ނޫނެވެ. އެހެނަސް ތާރީފުގެ ކުނިގޮނޑުގައި ޙަޤީޤަތް ވަޅުލުމަށް އިސްނެގުމުގެ ޤާބިލުކަން ހުރީތީއެވެ. 

ޢިއްޒަތްތެރި މަސްއޫލުވެރިޔާއެވެ! ތިބާގެ އެންމެ ހިރާސް ބޮޑު ދުޝްމަނަކީ ތިބާގެ ޢަމަލުތަކަށް ފާޑުކިޔާ ނާގިދެއްނޫނެވެ. އެހެނަސް އެއީ ތިބާގެ ކުރިމަތީގައި އަބަދުވެސް ހީނލައިފައި ތިބާގެ މަސައްކަތްތައް ހާދަ ރަނގަޅޭ ބުނާ މީހާއެވެ. ތިބާގެ ކުށެއް ނުފެންނަ މީހާއެވެ. ތިބާގެ ކޮންމެ ނާކާމިޔާބީއެއް އަރުތައަކަށް ހަދާ މީހާއެވެ. ތިބާގެ ކޮންމެ ޚަރާބަކީ ތަރައްޤީއެކޭ ބުނާ މީހާއެވެ. އޭނާ ތިބާ ޙިމާޔަތެއް ނުކުރާނެއެވެ. އޭނާ ތިބާއާއި އަހުރެމެން އެންމެން ދަމައިފައި ގެންދާނީ ފުންވަޅުގަނޑާ ދިމާއަށެވެ. ވައްޓައިލާނީ ނޭރޭ ވަރުގެ އަނދަވަޅަކަށެވެ. އަޅުގަނޑުމެން އެންމެން އަރައި މި ތިބީ އެއް އޮޑިއަކަށްކަމަށް ވާތީއެވެ.

ޖަމާޢަތުގެ އަޚާއެވެ! އަދަބުވެރިވާށޭ ކިޔައިފައި ހަނުހުރުމުން، ބިރުން ނުވަތަ އެދުންބޮޑުކަމުން ހެޔޮމީސްވުމުން ތިބާގެ ނަފުސު ޙިމާޔަތެއް ނުކުރެވޭނެއެވެ. އަދިކިއެއްހެއްޔެވެ؟ ތިބާ ވެސް ވާނީ ފަސާދަ އުފެއްދުމުގެ ބައިވެރިއަކަށެވެ. ހެޔޮމީސްވުމަކީ ވަކިއަތަކަށް ބުރަނުވެ ހުރުމެއްނޫނެވެ. އެއީ މުއާމަރާގައި ސިއްރުން ބައިވެރިވުމެކެވެ. އެއީ ރިވެތި ޚުލުޤެއް ވެސް ނޫނެވެ. އަދިކިއެއްހެއްޔެވެ؟ އެއީ ގިރިޓީކޮށްފައިވާ ޚިޔާނަތެކެވެ. އަހުރެމެންނަކީ މާތް ﷲ އަންގަވައިފައިވާ ފަދައިން އިންސާފުވެރި އުންމަތުގެ ފަރްދުންތަކެއްނޫންހެއްޔެވެ؟ އެއް ބަޔަކު އަނެއް ބަޔަކަށް ޙައްޤު މަތީގައި ދެމިތިބުމަށް ނަސޭހަތްދޭ އުންމަތުގެ ފަރްދުންތަކެއްނޫންހެއްޔެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ. (كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرއާލު ޢިމްރާން: 110 - މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ.)

ހެޔޮމީސްކަމުގެ ސަބަބުން ޤާބިލުކަން މި ވަނީ ޤަތުލުކުރެވިފައެވެ. ޤަރާރުތައް ކަނޑައަޅައި މޭޒު މައްޗަށް މި ވަނީ ޖާހިލުކަން ލެވިފައެވެ. ޖާހިލުން މި ވަނީ މަޙުބޫބުންނަށް ވެފައެވެ. އެ މީހުން އެއްވެސް މީހަކަށް އުދަނގޫނުކުރާތީއެއްނޫނެވެ. ޒާތްޒާތުގެ ސުވާލުތައް ކޮށް ނާކާމިޔާބު ނިޒާމުތައް ހާސްނުކުރުވާތީއެއްނޫނެވެ. ޤާބިލުކަމެއް ނެތި މަސައްކަތަށް އަހުލުވެރިވުމެއް ނެތި އެ މީހުންނަށް އެ ހިސާބަށް ދެވިފައިވާތީއެވެ. ޤާބިލު މީހުން، ތެދުވެރީން، އިޚުލާޞްތެރީން ހީވާގިކަމާ އެކު މަސައްކަތްކުރާ މީހުން ވަނީ ދުރަށްލައި އެއްފަރާތްކޮށްފައެވެ. އެ މީހުންގެ ސަބަބުން ލަގޮނޑިއަށް ކެތްނުކުރެވޭތީއެވެ. ފުލޯކު ކާމިޔާބީތައް ބޭޒާރުކޮށް ހާމަކުރާތީއެވެ. ނަޒާހަތްތެރިކަން ނެތްކަން ފެންމައްޗަށް ނަގާތީއެވެ.

ވަޠަނަކީ އަތްތިލަބަޑީން ބިނާކުރެވޭ ތަނެއްނޫނެވެ. މުއައްސަސާތަކަކީ ތާރިފާއި ސަނާއިން ތަރައްޤީކޮށް ކުރިއެރުވޭނެ ތަނެއްނޫނެވެ. މުސްތަޤްބަލަކީ ހަނުހުރެގެން ރައްކައުތެރިކުރެވޭނެ އެއްޗެއްނޫނެވެ. ޙަޤީޤަތް ހިތިވެދާނެއެވެ. އެހެނަސް އެއީ އިޞްލާޙުކުރާ ބާރެކެވެ. އެއީ އާރާސްތުކުރާ ބާރެކެވެ. އެއީ ސަލާމަތްކުރާ ބާރެކެވެ. ހެޔޮމީސްކަމަކީ އިރުކޮޅަކަށް ތަދުކަނޑުވައިލާ ވިހައެކެވެ. އެއަށް ފަހު އަނބުރައި ނާދެވޭ ވަރަށް ހަށިގަނޑު މަރައިލާނެއެވެ.

ތެދުބުނާށެވެ! އުދަނގޫވާ އަޑަކަށް ވިޔަސްމެއެވެ. ބަންގީގެ އަޑަކީ ޝައިޠާނާއަށް އުދަނގޫވާ އަޑެކެވެ.

ހަރުދަނާ މީހަކަށް ވާށެވެ! ތެދުވެރިއަކަށް ވާށެވެ! ހެޔޮމީސްކަމަކުން ވަޠަން ސަލާމަތެއް ނުކުރެވޭނެއެވެ. މުއައްސަސާ އިޞްލާޙެއް ނުކުރެވޭނެއެވެ. އިންސާނާ ބިނާއެއް ނުކުރެވޭނެއެވެ.

ތެދު ދެކެ ބިރުގަންނަ މުޖުތަމަޢަކަށް ވަންނާން ޖެހޭނީ ކަނޑުމަތިއެޅުމެއްގެ ތެރެއަށެވެ. ނަސޭހަތްތެރިޔާއަށް އަދަބުދޭ، އަދި ހެޔޮމީސްވެރިޔާއަށް އިނާމުދޭ މުޖުތަމަޢަކީ އަމިއްލަ އަތުން ކޯރާޑި ނަގައި، ތަން ތަޅައި ވައްޓައިލާ މުޖުތަމަޢެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހެޔޮމީސްވުން މ.    (1) ހެޔޮ މީހެއްކަމުގައި ދެއްކުން. (2) ހެޔޮ މީހަކަށް ވާން އުޅޭ މީހެއްކަން ދެއްކުން.

ދެފުށްކެހެރި  ނ.    ދެ ފުށް ދެ ގޮތް މީހާ.

ތާރީފު      ނ.    މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. praise

ގާބިލުކަން  ނއނ.  (1) ކަމަކަށް އެކަށީގެންވާ. (2) ލާއިގު  capability .

ގަރާރު     ނ.    ކަމެއްވަކި ގޮތަކަށް ހަމަޖައްސާ ހަމަޖެއްސުން ނުވަތަ ކަނޑައެޅުން.declaration

ސަނާ      ނ.    ތަޢުރީފު

ސަގާފަތް    ނ.    އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ. culture

ސުލޫކީ     ނއ.   އަޚުލާޤު ނުވަތަ ސުލޫކަށް ނިސްބަތްވާ. disciplinary  

ކޮމެންޓު