ad_banner
ސުމޭކު ބަދަލަކާ ދިމާއަށް ރާއްޖެ – ރައީސްގެ އެސްތޯނިއާ ދަތުރުފުޅު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 ޖަނަވަރީ 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް ޓަކައި އެސްތޯނިއާގެ ރިޔާސީގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން...

އެސްތޯނިއާއަކީ އުތުރުއިރުމަތީ ޔޫރަޕުގެ ގައުމެކެވެ. ބޯލްޑިކް ކަނޑަށް ކުރިމަތިލައި އޮންނަ ގައުމެކެވެ. އެއީ މައި ބިމަކާއި އިތުރު 1500 ޖަޒީރާގެ މައްޗަށް އެކުލެވޭ ގައުމެކެވެ. އެ ގައުމުގެ އައްސޭރިފަށުގައި ބޯލްޓިކް ކަނޑުގައި ހުރި ކުދިކުދި އެތައް ޖަޒީރާއަކާއި ބޮޑު ދެ ޖަޒީރާއަކީ ވެސް އެސްތޯނިއާގެ ސަރަހައްދެވެ. ބޮޑު ދެ ޖަޒީރާކަމަށްވާ "ސާރިމާ"އާއި "ހީއުމާ" އޮންނަނީ މައި ބިމުގެ ހުޅަނގު އައްސޭރީގައެވެ.

އެސްތޯނިޔާގެ މުޅި ތާރީޚުގެ ބޮޑު ބައިގައި ވެސް ބޭރުގެ ބާރުތަކުން އެ ތަނަށް އޮތީ އަތް ގަދަކޮށްފައެވެ. އެންމެ ފަހުން 1940އިން ފެށިގެން 1991އާ ހަމައަށް އެސްތޯނިއާއަކީ ރޫސީ އިއްތިޙާދުގެ ޖުމްހޫރިއްޔަތެކެވެ. 1991ގައި އެސްތޯނިއާއިން މިނިވަންކަން އިޢުލާނުކުރުމާ އެކު، މި ފަދަ އެހެން ޖުމްހޫރިއްޔަތުތައް ފަދައިން އެސްތޯނިއާގެ މިނިވަންކަން އެ އަހަރު ސެޕްޓެންބަރު ހަވަނަ ދުވަހު ރޫސީވިލާތުން ގަބޫލުކުރިއެވެ. އެއާ އެކު، ދާދި އަވަހަށް އދ.ގެ މެންބަރަކަށް އެސްތޯނިއާ ވެއްޖެއެވެ. އަދި އެ ގައުމުގެ ވެރިކަން ބަރުލަމާނީ ޑިމޮކްރެސީއަކަށް ބަދަލުކުރިއެވެ. އަދި އިގުތިސާދު ސިންދަފާތުކޮށް ބޮޑު ޔޫރަޕުގެ އިއްތިހާދާ ގުޅުނެވެ. އަދި 2004ގައި "ނޯތު އެޓުލާންޓިކު ޓުރީޓީ އޮގަނައިޒޭޝަން (ނޭޓޯ)އާއި ވިލާތުގެ އިއްތިޙާދު (އީޔޫ)އާ ގުޅުނެވެ.

އެސްތޯނިއާގެ ޗާޓު: ވާތް ފަރާތުން ތިޔަ ފެނިވަޑައިގަންނަވަނީ އެންމެ ބޮޑު ދެ ޖަޒީރާ "ސާރިމާ"އާއި "ހީއުމާ"އެވެ.

އެސްތޯނިއާގެ ސަރުކާރުގެ ވެރިއަކީ ބޮޑުވަޒީރެވެ. މިހާރު އެ މަގާމުގައި ހުންނަވަނީ ކްރިސްޓަން މައިކަލެވެ. ދައުލަތުގެ އިސްވެރިއަކީ ރައީސެވެ. މިހާރު އެ މަގާމުގައި ހުންނެވީ އެލާރް ކަރިސް ނަމަކަށް ކިޔާ ބޭފުޅެކެވެ. މި ދިޔަ އަހަރު ނިމުނު އިރު އެ ގައުމުގެ އާބާދީއަކީ 14 ލައްކަ 18 ހާސް މީހުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، 1.418 މިލިއަން މީހުންނެވެ.

އިގުތިސާދީ ގޮތުން ކުރިއަރައިފައިވާ މި ގައުމުގައި ފައިސާއެއްގެ ގޮތުން ގެންގުޅެނީ ޔޫރޯއެވެ. ފައިސާ މާރުކުރާ ރޭޓަކީ އެމެރިކާ ޑޮލަރަކަށް 0.937 ޔޫރޯއެވެ. ވެރިރަށަކީ ތައްލިން (Tallin)އެވެ.

އެސްޓޯނިއާއަކީ ސުމޭކުގެ ރޮނގުން ދުނިޔެއަށް ނަމޫނާދައްކާ ގައުމެކެވެ. އެ ގައުމުން ވަނީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ސުމޭކު ބިނާރާއި އިދާރީ ހިންގުމުގެ ނިޒާމު ތަޢާރަފުކޮށްފައެވެ. ސަރުކާރުގެ ހުރިހައި ޚިދުމަތެއް ފޯރުކޮށްދެނީ އޮންލައިނުކޮށެވެ.

މި މުހިންމު ގައުމަށް ދިވެހިރާއްޖޭގެ ރައީސަކު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު މިހާރު ގެންދަވަނީ ޒިޔާރަތްކުރައްވަމުންނެވެ. އެއީ އެސްތޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެސްތޯނިއާއަށް ވަޑައިގަތުމުން، އެއަރޕޯޓުން މަރުޙަބާ ދެންނެވުމުގެ އިތުރަށް ރިޔާސީ ގަނޑުވަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައިފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި، ޝަރަފުގެ ހިނގައިލުމެއް ވަނީ އަރުވައިފައެވެ. އެއަށް ފަހު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވަނީ އެ ގައުމުގެ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރަފުކޮށްއަރުއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ވަޑައިގަތް ބޭފުޅުން، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއަށް ރައީސްުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ތަޢާރަފުކޮށްދެއްވިއެވެ

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެސްޓޯނިއާގެ ރައީސްގެ އަރިހުގައި ހަނދާނީ ފޮޓޯފުޅެއް ނަންގަވައިފައެވެ. އަދި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޮއިކުރައްވައިފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ސަމާލުކަން ދެއްވާނީ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރައްވައި އެއްބާރުލުން ދިނުމާއި، ސުމޭކާއި ސައިބަރާއި އަދި އިލެކުޓޯނިކު އިދާރިއްޔަތުގެ ގޮތުން އެހީތެރިކަން ހޯއްދެވުމާއި މޫސުމީ ބަދަލާއި ތިމާވެށީގެ މައްސަލަތަކާއި ޢިލްމާއި ތަޢުލީމުގެ ދާއިރާއިން ދެ ގައުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއް ގޮތަށް ދިވެހިރާއްޖޭގެ ސުމޭކު ބަދަލުގެ މަގު އެކަށައެޅުއްމެވެ. ސުމޭކު ބަދަލަކީ ނުވަތަ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެހެންކަމުން ރައީސުގެ މި ދަތުރުފުޅުން ދިވެހި ގައުމަށް ފައިދާތަކެއް ކުރުމަކީ ދިވެހި ރައްޔިތުންގެ ދުޢާއެވެ.

­­­­­­­­­­­­­­­­­­­­­____________________________________

ބައެއް ލަފުޒުގެ މާނަ:

ބިނާރު      ނ.    ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

އޮންލައިން   ނއ.   (1) އިންޓަނެޓު ނުވަތަ ޖާލު ފަދަ ވިއުގައެއްގެ ޒަރީއާއިން ޚިދުމަތްދޭ. (2) އިންޓަނެޓު ނުވަތަ ޖާލު ފަދަ ވިއުގައަކާ ގުޅިފައިވާ.

ސުމޭކު     ނއ.    (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން  މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކައުކޮށް ބޭނުންކުރާ. (4) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހައި މަޢުލޫމާތެއް ރައްކާކުރާ.

ޖާލު       ނ.    ސާވަރުތަކަކުން ކޮންޕިއުޓަރުތައް ގުޅުވައިދޭ ވިއުގަ.

ކޮމެންޓު