ad_banner
ނާތަހުޒީބު، ދަށުދަރަޖައިގެ ނޭއްގާނީ ޢަމަލުތަކަކަށް ނޫނީ ނުވާނެއެވެ.

އަބާ މުޙަންމަދު

17 މޭ 2026

ބައެއް މީހުން މާ މޮޅު ކަމެއްކަމަށް ހީކޮށްގެން ގެނައި ޑިމޮކްރެސީއަކީ ހުޅަނގާއި އެމެރިކާގައި ނަމަކަށް ނޫނީ އޮންނަ އެއްޗެއް ނޫންކަން މިއަދު ދުނިޔޭގެ މަސްރަޙަށާއި އެ ގައުމުތަކަށް ނަޒަރު ހިންގައިލުމުން އެއްވެސް އޮޅުމެއް ނެތި އެނގޭނެއެވެ. ނަމަވެސް އެ ބުނާ ޑިމޮކްރެސީއެއް ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެވެރީން [އިންދީ] ވަރަށް މޮޅު އެއްޗެއްކަމަށް ވިސްނައިދީގެންނެވެ. މިހައިތަނަށް އައި އިރު، އެ ޑިމޮކްރެސީއިން ދިވެހީންނަށް ޙާޞިލުކުރެވުނީ ކޮން އެއްޗެއްކަން ތިޔަ ބޭފުޅުން އަމިއްލަފުޅަށް ވިސްނައިވަޑައިގަންނަވާށެވެ!

މި ސުވާލު އަޅުގަނޑު ރައްޓެއްސަކާ ކޮށްލީމެވެ. އޭނާގެ ޖަވާބުން އަޅުގަނޑު އަނގަ ބެދުނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. މި ގެނައި ހުޅަނގުގެ ޑިމޮކްރެސީއިން ދިވެހީންނަށް ލިބުނީ ކޮން އެއްޗެއްތޯ އަޅުގަނޑު ސުވާލުކޮށްލުމުން އޭނާ ދިން ޖަވާބަކީ، [މިހާރު ބޭނުން މީހަކާ ދިމާއަށް ބޭނުން އެއްޗެއް ކިޔޭ ނޫންހެއްޔެވެ؟] މިއީ އަޅުގަނޑުމެންނަށް ލިބުނު ފައިދާއެއްކަމަށް މިއަދުގެ މުޖުތަމަޢު ގަބޫލުކުރާ ނަމަ، މި މައުޟޫޢުގައި އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތީމެވެ.

އަޅުގަނޑުމެން އަބަދުވެސް ކިޔަމުން އައީ ދިވެހިރާއްޖޭގައި އަދި މިއީ ޑިމޮކްރެސީގެ [ޅަފަތް]ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން މިއަދު ބޮޑު މީހެއްކަމަށް ބަލާ ޢުމުރަކީ 18 އަހަރުކަމަށް ވާ އިރު، މި ކިޔާ ޑިމޮކްރެސީއެއް އައި ފަހުން ވެސް މިހާރު 18 އަހަރު ވެއްޖެއެވެ. އެ ޑިމޮކްރެސީއެއްގެ ސަބަބުން އިޖުތިމާޢީ ފޭރާން ހަލާކުވެ، ރައްޔިތުން އަދަބު އަޚުލާޤު ނެތި ޖީލެއް ފަނާވެގެންދާ އިރު، އަދިވެސް ޅަފަތޭ ކިޔަކިޔައި ތިބޭންވީތޯއެވެ؟ އަދިވެސް މި ޑިމޮކްރެސީ ތަސައްރަފު ފުދޭކަށް ނުވޭތޯއެވެ؟ ތަސައްރަފު ފުދިފައިވާ ޑިމޮކްރެސީއަކަށް ބަދަލުވަނީ ކިތައް އަހަރުވީމަތޯއެވެ؟!!

ދާދި ފަހުން އަޅުގަނޑަށް ފެނުނު މަންޒަރެކެވެ. ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ މައި ޖަގަހައިގައި، އެ ޕާޓީގެ އެންމެ އިސްވެރީން ބައިވެރިވެވަޑައިގެން ޖަލްސާއެއްކުރަމުން ދިޔަ އިރު، އަޑުގަދަކުރާއިން ލަވަޖަހައި އެހެން ޕާޓީއަކުން އެ ޖަލްސާއަށް ހުރަސްއަޅަމުން ދިޔަ މަންޒަރެވެ. ބުނެވޭ ގޮތުން އެއީ އިދިކޮޅު އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީތަކަކުން ހިންގި ކަމެކެވެ. ނަމަވެސް މިއިން އެއްވެސް ޕާޓީއެއްގެ އޮފީހެއް ވެސް ޖަގަހައެއް ވެސް އެ ސަރަހައްދާ ކައިރި ހިސާބެއްގައި ވެސް ނެތެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ނެތްކަމަށް ބުނާ މިނިވަންކަމެވެ. ނަމަވެސް މީގެ ކުރީން އަޅުގަނޑުމެން ތަޖުރިބާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީއިން ބާއްވާ މި ފަދަ އެއްވެސް ޖަލްސާއަކަށް ދުވަހަކު ވެސް އެހެން ޕާޓީއަކުން ހުރަސްއަޅައިފައި ނެތްކަމެވެ. އަދި އެ ފުރުޞަތު ފުލުހުން ދީފައި ވެސް ނެތްކަމެވެ.

މިހާރު އިދިކޮޅުގައި އޮތް ޕާޓީ މީގެ ކުރީން ވެރިކަންކުރި ދުވަސްވަރު، އެހެން ޕާޓީއަކުން މަގުމައްޗަށް ނުކުންނާން ޚިޔާލުކޮށްލިޔަސް ޕާޓީގެ ދޮރު ކައިރީގައި، ފުލުހުން ބެރިކޭޑްޖަހައި ބަންދުކޮށް އެއްވެސް މީހަކަށް އެ ހިސާބަށް ކުޑަތަންވިޔަ ނުދިން މަންޒަރު ވެސް އަދި އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެއެވެ. ނަމަވެސް މިއަދު ވެރިކަންކުރާ ޕާޓީއިން އެ ޕާޓީގެ މައި ޖަގަހައިގައި ބާއްވާ ޖަލްސާތަކަށް އުނދަގޫކުރާ އިރު ވެސް ކެތްތެރިކަމާ އެކު، އެ ކަން ތަޙައްމަލުކުރައްވަމުން ގެންދެވުމަކީ، ވެރިކަންކުރާ ޕާޓީގެ، އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ ކެތްތެރިކަން ފިޔަވައި ކޮން ކަމެއްތޯއެވެ؟

އަޅުގަނޑު ދެކޭ ގޮތުގައި މި ގޮތަށް އެއް ޕާޓީއަކުން އަނެއް ޕާޓީއެއްގެ ޙަރަކާތްތަކަށް ހުރަސްއެޅުމަކީ ޑިމޮކުރެސީއަށް ތަޞައްރުފު ނުފުދޭކަމުގެ ހެތްކެކެވެ. އަދި މި ފަދަ ފުރުޞަތެއް ފުލުހުން ވެސް ދީގެން ނުވާނެކަމަށެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އެ ޕާޓިއެއްގެ ޖަގަހައިގައި ނުވަތަ ހަރުގޭގައި އަދި ނުވަތަ އެއްވުން ހުއްދަ ސަރަހައްދެއްގައި (އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން) ޚިޔާލު ފާޅުކުރާންވީތާއެވެ!

ތަރައްގީވަމުން އަންނަ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި ސަރުކާރުތަކުން ގޮވައިލާ އިރު، އެ ތަންތާނގެ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު އަޅުގަނޑުމެންނަށް ނުފެންނަނީތޯއެވެ؟ ޓުރަންޕު ހިތްހަމަނުޖެހޭ ސުވާލެއްކޮށްލާ ކޮންމެ ނޫސްވެރިޔަކު، އެއީ ފޭކު ނޫސްވެރިއެއްކަމަށް ބުނެ ވައިޓުހައުސްއިން ބޭރަށް ނުލައިތޯއެވެ؟ ފަލަސްޠީނަށް ތާއީދުކޮށް ޚިޔާލުފާޅުކުރާ ކޮންމެ އެއްވުމެއް ހަތިޔާރުއެޅި ބާރުތަކުން ރޫޅައިލައި މީހުން ހައްޔަރުނުކުރޭތޯއެވެ؟ އީރާނުގެ ޙަމަލާތަކުން އިޒުރޭލަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ރިޕޯޓުކުރާ ކޮންމެ ނޫސްވެރިއަކީ ޖިނާއީ ކުށްވެރިއެއްކަމަށް ކަނޑައަޅައި ޖަލަށް ނުލައިތޯއެވެ؟ އިޒުރޭލުން ޣައްޒާއަށް ދޭ ލާއިންސާނީ ޙަމަލާތައް ރިޕޯޓުކުރި އެތައް ސަތޭކަ ނޫސްވެރީންނަށް ޙަމަލާދީ މަރައިނުލައިތޯއެވެ؟ ރަސްގެފާނާ ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކު ހުޅަނގުގެ ގައުމުތަކުގައި ޖަލަށްލައި ނައްތައިނުލައިތޯއެވެ؟ މިއީ ހުޅަނގާއި އެމެރިކާގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާޅުފާޅުކުރުމުގެ މިނިވަންކަން އޮތް ގޮތުގެ ކުޑަ މިސާލެކެވެ.

އަދި ރައްޔިތުންނަށް ދިމާވާ ދަތިތަކާ މެދު އެ ގައުމުތަކުގައި އަޅައިލާ މިންވަރު އެނގިވަޑައިގަނޭތޯއެވެ؟ ދާދިފަހުން އެމެރިކާގެ ރައީސް ޑޮންލަޑް ޓުރަންޕު މީޑިއާގައި ވިދާޅުވެފައިވަނީ ކީކޭކަމަށްތޯއެވެ؟ [ރައްޔިތުންނަށް ދަތިވުމާއި މުދާ އަގުބޮޑުވުމަކީ އަހަރެން އަޅައިލާ ކަމެއް ނޫނެވެ. އަހަރެންނަށް އޮތީ އެންމެ ކަންބޮޑުވުމެކެވެ. އެއީ އީރާނަށް ނިޔުކުލިއަރު ހަތިޔާރު ލިބިދާނެތީ އޮންނަ ކަންބޮޑުވުމެވެ. އެހެން އެއްވެސް ކަމަކާ އަހަރެންގެ ފަރުވާލެއް ނެތެވެ.]

ނަމަވެސް ރާއްޖޭގައި އެހެންތޯއެވެ؟ އަޅުގަނޑުމެންނަށް މި ފެނުނީ ރާއްޖޭގެ އެންމެ އިސްވެރިޔާ އަދި ވެރިކަންކުރާ ޕާޓީގެ ވެރިޔާ، ޕާޓީގެ މައި އޮފީހުގައި ޖައްސާއެއްގައި ވާހަކަފުޅުދައްކަވަނިކޮށް މާ ދުރުގައި އޮފީސް ހުރި ޕާޓީތަކުން އައިސް، އެ ޖަލްސާއަށް އުނދަގޫކުރި ނާތަހުޒީބު ލަދުވެތި ޢަމަލުތަކެވެ. ނަމަވެސް އެ ކަން ހުއްޓުވައިފައެއް ނުވެއެވެ. އެހެންވީ އިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ބޮޑަށް އޮތީ ރާއްޖޭގައިތޯއެވެ؟ ނުވަތަ އެ ބުނާ ޑިމޮކްރެސީގެ ބައްޕައިންކަމަށް ދަޢުވާކުރާ ހުޅަނގާއި އެމެރިކާގައިތޯއެވެ؟

ދިވެހީން މި [ލިބިގަތް] ޑިމޮކްރެސީގައި ދިވެހީންނަށް ދަސްކޮށްދީފައި އޮތީ ޤާނޫނުއަސާސީގެ 27ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި 28ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެކަންޏެވެ. ނަމަވެސް އެއްވެސް މީހަކަށް އެ މީހެއްގެ މަސްއޫލިއްޔަތުތަކެއް އޮތްކަން ދަސްކޮށްދީފައެއް ނެތެވެ. ގާނޫނުއަސާސީގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ކޮންމެ މީހަކަށް ލިބިގެންވާ ޒާތީ ދިރިއުޅުމުގެ ހައްގާއި، 33ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ، އަދި ތިމާ އަދާކުރާންޖެހޭ ހައްގެއްކަން ހަނދާނެއް ނުކުރެއެވެ. އަދި ޤާނޫނުއަސާސީގެ 141ވަނަ މާއްދާގެ (ހ)އާއި 144ވަނަ މާއްދާއިން މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިވާކަމެއް ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ.

މާފުކުރެއްވުން އެދެމެވެ. އަޅުގަނޑުގެ ދިރާސާތަކާއި ތަޖުރިބާއިން އެނގި ކަށަވަރުވެފައިވަނީ ދިވެހިރާއްޖެއާއި ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންވަރާ ކައިރިއަކަށް ވެސް އަދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމެއް ވެސް، ތަރައްގީވެފައިވާ ގައުމުތަކުގައި ނޯންނަކަމެވެ. އެ މީހުންނަށް ޑިމޮކްރެސީއަކީ ހަމައެކަނި ތިއަރީއެކެވެ. ޢަމަލީ އެއްޗެއް ނޫނެވެ.

އެހެންވީ އިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ސިޔާސީ ޕާޓީއަކުން ބާއްބާ ޖަލްސާއަކަށް އުނދަގޫކޮށް ޖެއްސުންކުރުމަކީ، އެ ކަން ކުރާ ބަޔަކަށް އެ ޙާލަތު ދިމާވެއްޖެ ނަމަ، ތަޙައްމަލުކުރާނެ ކަމެއްތޯއެވެ؟ މި ފަދަ ނާތަހުޒީބު ޢަމަލުތަކަކީ ތަހުޒީބާ ވަރަށް ބީރައްޓެހި، ނާތަހުޒީބު، އަދި ދަށުދަރަޖައިގެ ނޭއްގާނީ ޢަމަލުތަކަކަށް ނޫނީ ނުވާނެއެވެ.

ކޮމެންޓު