އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
18 މޭ 2026
(2026 މޭ 11ވަނަ ދުވަހުގެ އަދަދާ ގުޅޭ)
ސުލައިމާނުގެފާނު ބަލްޤީސް ރަނީންނަށް ޓަކައި ބިނާކުރެއްވި ގަނޑުވަރަކީ ވެސް ބިނާކުރުމުގައި އެ ފަދަ މިސާލެއްނެތް ފުރިހަމަ ގަނޑުވަރެކެވެ. މި ގަނޑުވަރު ބިނާކުރައްވައިފައިވަނީ ސާފު ބިއްލޫރީންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ. )قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَٰنَ لِلَّهِ رَبِّ ٱلْعَٰلَمِينَ[1] - އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތް ހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.(
އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި މި ގަނޑުވަރުގެ ބިއްލޫރިތައް ސާފުކަމުން ބަލްޤީސަށް ހީފުޅުވީ އެއީ ފެންގަނޑެއްކަމަށެވެ. މިހެންވެ އެ ކަމަނާ ހެދުންކޮޅު މައްޗަށް އުފުއްލަވައިލެއްވީއެވެ. ސުލައިމާނުގެފާނު މި ގަނޑުވަރުގެ ވާހަކަތައް ވިދާޅުވެދެއްވުމުން އެ ކަމަނާއަށް އެކަލޭގެފާނަކީ ރަސޫލުބޭކަލެއްކަން އެނގިވަޑައިގަތެވެ. ސުލައިމާނުގެފާނު އެ ކަމަނާއަށް އިސްލާމްދީން ހުށައެޅުއްވުމުން އެ ކަމަނާ އިސްލާމްވެވަޑައިގަތެވެ.[2]
ކީރިތި ޤުރްއާނުގައި މުސްލިމުންނަށް، ކުރާ ޢަމަލުތައް [ރަނގަޅަށް ފުރިހަމަކޮށް] ކުރުމަށް ގޮވައިލައްވާ އެތައް އާޔަތްތަކެއްވެއެވެ. މިއީ ގައުމީ އުފެއްދުންތެރިކަން ވަރުގަދަކުރުމަށް އިރުޝާދުދެއްވާ ބަސްފުޅުތަކެކެވެ. ދާވޫދު عليه السلام ގެ ވާހަކައަށް ބަލާށެވެ! މާތް ﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. )أَنِ ٱعْمَلْ سَٰبِغَٰتٍ وَقَدِّرْ فِى ٱلسَّرْدِ[3] - (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ!(
މާތް ﷲ ދާވޫދުގެފާނަށް ދަހަނާތައް ހެއްދެވުމުގައި ރަނގަޅަށް މިންތައް ބައްލަވާނެ ގޮތާއި ބޮޅުތައް ހިމުންކޮށް ވަރުގަދަކޮށް ގައްތަވާނެ ގޮތް ދަސްކޮށްދެއްވިއެވެ. ތީރަށް މި އައްޑަނަ ފޫއަޅުވައިނުލެވޭނީ އެއްވެސް ލޯވަޅެއް ނުހުންނަ ގޮތަށް އައްޑަނައިގެ ބޮޅުތައް ވަރުގަދަކަމާއެކު ބެދިފައިވާނަމައެވެ.އަދި މި އައްޑަނަ ހަށިގަނޑަށް ބުރަނުވާ ވަރަށް ލުއިވެސް ވާންޖެހޭނެއެވެ. އައްޑަނަ ބަރުވެއްޖެނަމަ ހަނގުރާމައިގެ މައިދާނުގައި ޙަމަލާދީފައި ފިލަން ދުއްވައެއް ނުގަނެވޭނެތެވެ.[4]
އަލްމުންނާވީ ވިދާޅުވިއެވެ. [މަސައްކަތްތެރިޔާއަށް ﷲގެ މަދަދު ލިބޭނީ އޭނާގެ މަސައްކަތާ އެއްވަރަށެވެ. އެ މީހެއްގެ މަސައްކަތް ފުރިހަމަކޮށް ކުރާ މީހާއަށް މާތް ﷲ ސަވާބު އިތުރުކުރައްވާނެއެވެ. އޭނާ އެ ކަމެއް ކުރި ފުރިހަމަ މިންވަރާ އެއް ގޮތަށެވެ. ޙަސަނާތުތައް އިތުރުކުރި ވަރަކަށް ﷲ އޭނާ ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު އިތުރުވާނެއެވެ.][5]
ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ކަންކަން ރަގަނޅަށް ކުރުމާ ބެހޭ ގޮތުން ޢަމަލީ ދަރުސުތައް ވެސް ދެއްވައިފައެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވާ ގޮތުގައި އެއްދުވަހަކު ރަސޫލާ rއަށް ކުޑަ ކުއްޖަކު ކަންބަޅިއެއްގެ ހަން ނޮޅާ ތަން ފެނިވަޑައިގެން ތިޔަ ކަން ކުރާނީ މިހެންނޭ ވިދާޅުވެ އެ ކުއްޖާގެ ކުރިމަތީ އެ ކަންބަޅީގެ ހަން ނޮޅައިދެއްވިއެވެ.[6]
މަސައްކަތް ކުރާން އެނގުން - ރިޒުޤުގެ ދޮރު
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީސްކުރެއްވިއެވެ. ((مَنْ طَلَبَ الدُّنْيَا حَلَالًا اسْتِعْفَافًا عَنِ الْمَسْأَلَةِ وَسَعْيًا عَلَى أَهْلِهِ وَتَعَطُّفًا عَلَى جَارِهِ جَاءَ يَوْمَ الْقِيَامَةِ وَجْهُهُ كَالْقَمَرِ لَيْلَةَ الْبَدْرِ، وَمَنْ طَلَبَ الدُّنْيَا حَلَالًا مُفَاخِرًا مُكَاثِرًا مُرَائِيًا لَقِيَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ[7] – ސަލާންޖުހުމާ ދުރުހެލިވުމަށާއި އަނބިދަރީންނަށް ކާންބޯންދިނުމަށާއި އަވަށްޓެރިޔާއަށް އޯގާވެރިވުމަށް ޓަކައި ޙަލާލު ގޮތުގައި ދުނިޔެ ހޯދަން މަސައްކަތްކުރި މީހާ ޤިޔާމަތްދުވަހުން ﷲގެ ޙަޟުރަތަށް އަންނާނީ ފުރިހަމަ ހަނދެއްގެ ގޮތުގައި އޭނާގެ މޫނު އުޖާލާވެފައިވާ ޙާލުގައެވެ. އެހެނަސް ޙަލާލު ގޮތުގައި ދުނިޔެ ހޯދާން ފަޚުރުވެރިކަމާއި ބޮޑާކަމާއި ކަންދެއްކުމަށް ޓަކައި މަސައްކަތްކުރި މީހާ ﷲއާ ބައްދަލުކުރާނީ އެކަލާނގެ އޭނާ ދެކެ ރުހިވޮޑިގެންނުވާ ޙާލުގައެވެ.))
މަސައްކަތްތެރިކަމަށް ހިތްވަރުދެއްވައި ކައު އިތުރު ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( إِنَّ مِنَ الذُّنُوبِ ذُنُوبًا لَا تُكَفِّرُهَا الصَّلَاةُ وَلَا الصِّيَامُ وَلَا الْحَجُّ وَلَا الْعُمْرَةُ» قَالُوا: فَمَا يُكَفِّرُهَا يَا رَسُولَ اللَّهِ؟ قَالَ: «الْهُمُومُ فِي طَلَبِ الْمَعِيشَةِ[8] - ހަމަކަށަވަރުން ނަމާދުން ވެސް، ރޯދައިން ވެސް ، ޙައްޖާއި ޢުމްރާއިން ވެސް ނުފުއްސަވާނެ ފާފަތަކެއް ވެއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ފާފަތައް ފުއްސަވާނީ ކޮން ކަމަކުންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. މަޢީޝަތަށް ޓަކައި ކުރާ މަސައްކަތުންނެވެ.))
މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ވިދާޅުވިއެވެ. ((އަހުރެންގެ ގާތަށް މަރު އައުމަށް އެންމެ ޝައުޤުވެރިވަނީ އަހުރެންގެ އަނބިދަރީންނަށް ޓަކައި ބާޒާރުގައި ގަނެވިއްކުމަށް އުޅޭ ވަގުތުގައެވެ.))[9]
މަސައްކަތްކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި ކައު ރަސޫލާ r ޙަދީސް ކުރެއްވިއެވެ. ((لَأَنْ يَغْدُوَ أَحَدُكُمْ فَيَحْتَطِبَ عَلَى ظَهْرِهِ فَيَتَصَدَّقَ مِنْهُ فَيَسْتَغْنِيَ بِهِ عَنْ النَّاسِ خَيْرٌ لَهُ مِنْ أَنْ يَسْأَلَ رَجُلًا أَعْطَاهُ أَوْ مَنَعَهُ ذَلِكَ فَإِنَّ الْيَدَ الْعُلْيَا أَفْضَلُ مِنْ الْيَدِ السُّفْلَى وَابْدَأْ بِمَنْ تَعُولُ[10] - މީހުންގެ ގާތަށް ގޮސް ސަލާންޖަހައިގެން އެއްޗެއް ހޯދުމަށް ވުރެ، ތިޔަބައިމީހުން ކުރެ މީހަކު ހެނދުނުހެނދުނާ ދަރުބޮނޑި ބަންނަ މާރު ހިފައިގެން ވަލަށް ގޮސް ދަރުކޮށައިގެން ބުރަކަށިމައްޗަށް ލައިގެން ނުކުމެ އެ ވިއްކައިގެން ލިބުނު އެއްޗަކުން ޞަދަޤާތްކޮށް މީސްތަކުންގެ ގާތަށް ނުގޮސް ފުދުންތެރިވުން މާ ހެޔޮކަން ބޮޑެވެ. ސަލާންޖެހުމުން ފަހަރެއްގައި އެއްޗެއް ދީފާނެއެވެ. އަދި ނުދީ ފޮނުވައިލައި ވެސް ފާނެއެވެ. ފަހެ ހަމަކަށަވަރުން މަތީގައި އޮންނަ އަތް (އެބަހީ ދޭ އަތް) ދަށުގައި އޮންނަ އަތަށް ވުރެ (އެބަހީ ހިފާ އަތަށް ވުރެ) ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ތިބާ ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނާ ހިސާބުން ފަށާށެވެ.))
ޢަމަލު ރަނގަޅަށް ކުރުމަކީ އަމާނާތެއް
ތިބާ ކުރާ ކޮންމެ ޢަމަލަކީ އެ ކަމާ މެދު ތިބާއަށް ޖަވާބުދާރީވާން ޖެހޭނެ އަމާނަތެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )وَالَّذِينَ هُمْ لَأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ[11] - އަދި އެއުރެންނީ އެއުރެންގެ أمانةތަކަށާއި އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.( މަސައްކަތްކުރާ މީހާ އޭނާއާ ޙަވާލުކުރެވުނު މަސައްކަތްކުރުމުގައި ފަރުވާކުޑަކުރުމަކީ ޚިޔާނަތެކެވެ. އޮފީހުގެ މުވައްޒަފު ގަޑިއަށް ފަރުވާކުޑަކުރުމަކީ ޚިޔާނަތެކެވެ. އޮފީހަށް ގޮސް އޭނާގެ މަސައްކަތްކުރުމުގައި ފަރުވާކުޑަކުރުމަކީ ޚިޔާނަތެކެވެ.
މަސައްކަތް ރަނގަޅުކުރެވޭނީ ރާވައިގެން
ކުރާ ޢަމަލެއް ރަނގަޅަށް ކުރެވޭނީ ޢަމަލީ ފިޔަވަޅުތަކަކުންނެވެ. ގިޔަމުތައް ސުލޫކަކަށް ހަދައިގެންނެވެ. މި ރޭވުންތަކުގެ ތެރޭގައި މި އަންނަ ކަންތައް ހިމެނެއެވެ.
1- ނިޔަތާއި އަމާޒުފަތްގަނޑު ސާފުވުން: ނިޔަތް ރަނގަޅުނުވެ އަމާޒުފަތްގަނޑު ނޭގި އެ ޢަމަލަށް ކަށަވެއްޗެއް ނުވެވޭނެއެވެ. ނިޔަތް ރަނގަޅުނުވެ އަދި ވާޞިލުވާން ޖެހޭ އަމާޒުފަތްގަނޑު ނޭނގި ވާޖިބު އަދައެއް ނުކުރެވޭނެތެވެ.
2- ރަނގަޅަށް ރޭވުން: ރޭވުންތެރިކަމެއް ނެތް ނަމަ ކުރަން ބޭނުންވާ ކަންތައް ކުރަންވީ ގޮތެއް ނޭނގޭނެތެވެ. ވަގުތު ތަންޒީމުކުރާކަށް ނޭނގޭނެތެވެ. އިސްކަންދޭންވީ ތަރުތީބެއް ނޭނގޭނެތެވެ. ބޭނުންކުރަންވީ އަދާތުތަކެއް ނެނގޭނެތެވެ.
3- ހުނަރާއި ޢިލްމު ލިބިފައިވުން: ކުރާން ބޭނުންވާ ކަމެއް ކުރެވޭނީ ކުރާންވީ ކަމާ ބެހޭ ޢިލްމާއި ހުނަރު ލިބިގެންނެވެ. ނަމާދުކުރެވޭނީ ނަމާދުގެ ފަރުޟުތަކާއި ސުންނަތްތަކާއި ޒިކުރުތަކާއި ދުޢާތައް ފަދަ ނަމާދާ ބެހޭ މަޢުލޫމާތު އެނގިގެންނެވެ. އެއަށް ފަހު ނަމާދުކުރާނެ ގޮތް އެނގޭން ޖެހޭނެއެވެ. މުވައްޒަފަށް ކުރާންޖެހޭ މަސައްކަތްކުރެވޭނީ އޭނާއަށް އެ ރޮނގުގައި ޢިލްމު ލިބިފައިވާ ނަމައެވެ. އޭނާގެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް ޓަކައި އައުވަމުންދާ މަޢުލޫމާތުތައް ހޯދައިގެންނެވެ. ތަޖުރިބާ ހުރި މީހުން ކުރެން އަހައި ދަސްކޮށްގެންނެވެ.
4- އަމިއްލަ ނަފުސު އޮޑިޓްކުރުން: ތިބާ ކުރާ މަސައްކަތަށް ފާރަލައި ބަލާނެ މީހަކު ނެތަސް ތިބާގެ އަމިއްލަ ނަފުސު ތިބާއަށް ކޮންޓުރޯލުކުރެވޭ ނަމަ ތިބާގެ މަސައްކަތް ރަނގަޅުވާނެއެވެ.
5- އަޚުލާޤީ މީޔާރުތަކަށް ތަބާވުން: އެއްވެސް ކަމެއް ރަނގަޅަށް ފުރިހަމައަށް ކުރެވޭނީ އަޚުލާޤީ މީޔާރުތަކަށް ކަށަވެތިވެގެންނެވެ.
6- ވަގުތުގެ ބޭނުން ރަނގަޅަށް ހިފުން: ކޮންމެ މަސައްކަތަކީ ވެސް އެއަށް ކަނޑައެޅިފައިވާ ވަކި ވަގުތެއް ލިބިގެންވާ ޢަމަލެކެވެ. ވީމާ މި ވަގުތުގެ ބޭނުން ރަނގަޅަށް ވުނަކުރާންޖެހޭނެއެވެ. ވަގުތަށް މަސައްކަތަށް ޙާޒިރުވާން ޖެހެނީ މިހެންވެގެންނެވެ. މި ވަގުތުގައި އެހެން ކަންތައްތައް ނުކުރާންޖެހެނީ މިހެންވެގެންނެވެ.
7- ޓީމު ރޫޙުގައި މަސައްކަތްކުރުން: ޓީމު ރޫޙަކީ މަސައްކަތް ރަނގަޅަށް ކުރުމަށް ޓަކައި ވަރަށް މުހިންމު ބަހާއެކެވެ. ކޮންމެ މީހަކުވެސް ޓީމުގެ އެހެން މެންބަރުންނާ އެކު، ހުރިހައި ކަމެއްގައި އެއްބާރުލާން ޖެހޭނެއެވެ. ތަޖުރިބާއާއި މަޢުލޫމާތު ޙިއްސާކުރާން ޖެހޭނެއެވެ.
8- ފާޑުކިޔުމުގެ އަޑުއެހުން: ބިނާކުރަނިވި ފާޑުކިޔުމަކީ ވަރަށް މުހިންމު ބަހާއެކެވެ. މަސައްކަތާ ބެހޭ ގޮތުން އިވޭ ނާގިދު ބަސްތަކަށް ކަނުލައި އަހާންޖެހޭނެއެވެ. ކުރިމަގުގައި ކަންކަން ރަނގަޅުކުރާން އެނގޭނީ އޭރުންނެވެ. ޚުދުމުޚުތާރުވެގެން އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭނެތެވެ.
9- އެންމެ ކުޑަ މިންވަރުން ފުއްދައިނުލުން: ޢަމަލެއް ރަނގަޅުކުރުމުގެ މަސައްކަތަކީ ދާއިމީ ދަތުރެކެވެ. އެންމެ މަތީ ހަރުފަތަށް ވާޞިލުވެވޭނީ ރަނގަޅުކުރުމަށް މަސައްކަތްކުރާ މީހާއަށެވެ. ((ނިމުނީ))
ބައެއް ލަފުޒުގެ މާނަ:
ނާގިދު ނއ. ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ނުރަނގަޅު ސިފަތައް ފާޅުކުރާ.
ނާގިދު ނ. ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ނުރަނގަޅު ސިފަތައް ފާޅުކުރާ މީހާ.
ބަހާ ނ. (1) އެއްޗެއް އުފައްދަން ބޭނުންވާ އަސާސީ އުންސުރުތައް. (2) ބައި. (3) ގެލަހަރު، އެ ބަހީ އަދަދެއް އެ އަދަދަކުން ގެއްލެވޭ އަދަދުތައް.
ކަށަވެތި ނ. (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާ އެކު، ކަމެއް ކުރުމުގެ ސިފަ ހުރި. committed (2) ކަށަވަރު.
ވުނަކުރުން މ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest
މީޔާރު ނ. (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމު ހަމަ. Standard
މީޔާރު ނއ. (1) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (2) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.. standard
މަރުޖާ:
[1] - النمل: 44
[2] - تفسير القرآن العظيم لابن كثير
[3] - سبأ: 11
[4] - [نظم الدرر في تناسب الآيات والسور، ١٥/٤٥٩
[5] - التيسير بشرح الجامع الصغير للمناوي
[6] - رواه ابن حبان
[7] - أخرجه البيهقي في ((شعب الإيمان)) (١٠٣٧٤) وابن أبي شيبة (٢٢١٨٦) ، وابن أبي الدنيا في ((النفقة على العيال)) (٣٢)، والطبراني في ((مسند الشاميين)) (٣٤٦٥)
[8] - أخرجه الطبراني في ((المعجم الأوسط)) (١٠٢)، والخطيب في ((تلخيص المتشابه)) (١/ ١٢٤)، وابن عساكر في ((تاريخ دمشق)) (٥٤/ ٢٠٠) وأبو نعيم في ((الحلية)) (٦/ ٣٣٥)
[9] - إحياء علوم الدين
[10] - أخرجه الترمذي (680) و البخاري (2074) ومسلم (1042)
[11] - المؤمنون : 8