ad_banner
އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގައި ލިބުނު ގެއްލުންތައް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

18 މޭ 2026

2026ވަނަ އަހަރު ފެބުރުވަރީ މަހު 28ގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ފެށި ހަނގުރާމައިގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި ހަނގުރާމަގެ މަސްލަހަތުވެރީންނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި ހަނގުރާމައިގެ ސަބަބުން ގެއްލުން ނުލިބޭ ގައުމެއް ނެތެވެ. ޚާއްސަކޮށް މި ހަނގުރާމަކުރި އަދި ކުރާ ދެ ގައުމާއި ހނަގުރާމަކުރެވުނު ގައުމާއި އެމެރިކާގެ މަސްލަޙަތުތައް ހުރި ގަލްފުގެ ގައުމުތަކުގެ އިގުތިސާދަށާއި، އުމްރާނީ ތަރައްގީއަށާއި ބިނާރާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އީރާނަށް ލިބުނު ގެއްލުންތައް:

ހަގީގަތުގައި މާއްދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ މި ހަނގުރާމަ އަމާޒުކުރެވުނު އީރާނަށެވެ. މި ހަނގުރާމައިގެ މަގުސަދަކީ ވެސް އީރާނަށް ގެއްލުންދިނުމެވެ. އެހެންކަމުން އީރާނަށް ލިބުނުކަމަށް މީޑިއާއަށް ތިލަވެފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އީރާނަށް ލިބިފައިވާ ބައެއް ގެއްލުންތައް ހާމަކޮށްލާނަމެވެ.

·         އަސްކަރީ އަދި އުމްރާނީ ވަސީލަތްތައް ހަލާކުވުން: ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، މިސައިލް އުފައްދާ މަރުކަޒުތަކުގެ ތެރެއިން ބިމުން މައްޗަށް ފެންނާން ހުރި ގިނަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މީގެ އިތުރަށް ގައުމުގެ މުހިންމު ދަލަންތަކާއި، މަގުތަކާއި، މުވާސަލާތީ ވިއުގަތަކަށް ވެސް ހަމަލާތައް އަމާޒުވިއެވެ.

·         ތެޔޮ އުފައްދާ މަރުކަޒުތަކަށް ގެއްލުންވުން: އީރާނުގެ އިގުތިސާދުގެ މައިނާރުކަމަށްވާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި (Oil Refineries) ތެޔޮ އެކްސްޕޯޓްކުރާ ބަނދަރުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ތެޔޮ އުފެއްދުމާއި ބޭރުކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ.

·         ޖާނީ ގެއްލުންތައް: ހަނގުރާމައިގެ ސީދާ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިންނާއި އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.

·         ރިއާލްގެ އަގު ވެއްޓުމާއި ލާދަ މަތިވުން: ހަނގުރާމައާ ގުޅިގެން އީރާނުގެ ފައިސާކަމަށްވާ [ރިއާލް]ގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި ރެކޯޑު މިންވަރަކަށް ވެއްޓި، ގައުމުގެ ލާދަ އިންތިހާއަށް މަތިވިއެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި ބޭހުގެ އަގު އާންމު ރައްޔިތުންނަށް އަތްނުފޯރާ ފަށަށް ބޮޑުވެގެންދިޔައެވެ.

·         އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަވުން: ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުއިން (ޚާއްޞަކޮށް ހުޅަނގުގެ ގައުމުތަކުން) އީރާނާ ދެކޮޅަށް އަޅައިފައިވާ އިގުތިސާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ވުރެ ބޮޑަށް ވަރުގަދަކުރިއެވެ. މިއާ އެކު ބޭރުގެ އެއްވެސް ގައުމަކާ އެކު މާލީ މުއާމަލާތްކުރުން މުޅީން ހުއްޓުމަކަށް އައެވެ.

·         އިޖުތިމާއީ ނުތަނަވަސްކަމާއި ރެފިއުޖީން އިތުރުވުން: ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުމާއި، ސިއްހީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ގައުމުގެ އެތެރޭގައި ހަމަނުޖެހުންތައް އިތުރުވިއެވެ. އަދި ސަލާމަތްތެރިކަން ހޯދުމަށް ޓަކައި އެތައް ލައްކަ ބަޔަކު ތުރުކީއާއި އިރާގު ފަދަ އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރާން މަޖުބޫރުވިއެވެ.

·         ބައިނަލްއަގުވާމީ އެކަހެރިވުން: ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ގައުމުތަކާ އެކު އޮތް ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ކެނޑި، ބައިނަލްއަގުވާމީ މައިދާނުގައި އީރާނަށް ބޮޑެތި ހުރަސްތައް ކުރިމަތިވިއެވެ. އެހެންނަމަވެސް ޢުމާނާއި ޕާކިސްތާނާއި ޗައިނާއާއި އަޒަރުބައޖާނު ފަދަ ގައުމތަކާ އިތުރަށް ގުޅުން ބަދަހިވެސްވިއެވެ.

އިޒުރޭލަށް ލިބުނު ގެއްލުންތައް:

އެމެރިކާއާއި އިޒުރޭލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނާއި އީރާނަށް ތާއީދުކުރާ ހިޒްބުالله ފަދަ ޖަމާއަތްތަކުން އިޒުރޭލަށް ރައްދުގައި ދިން މިސައިލާއި ޑުރޯނު ހަމަލާތަކުގައި އިޒުރޭލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހަނގުރާމައިގައި އިޒުރޭލަށް ލިބުނު ގެއްލުމުގެ ވާހަކަ އެއްވެސް މީޑީއާއަކުން އާންމުކުރުން އޮތީ ޖިނާއީ ކުށަކަށް ހަދައިފައެވެ. އެހެންކަމުން އިޒުރޭލަށް ލިބުނު ގެއްލުންތައް ދުނިޔެއަށް މުޅީން ސާފެއް ނުވެއެވެ. ނަމަވެސް އެހައި ބޮޑަށް އެ ކަން ވަންހަނާކޮށްފައި ވިޔަސް މީސްމީޑިއާގެ ވަސީލަތްތަކުން ކޮންމެވެސް ވަރަކަށް ބައެއް ޚަބަރުތައް އާންމުވިއެވެ.

އިޒުރޭލަށް ލިބުނު މައިގަނޑު ގެއްލުންތަކުގެ ތެރޭގައި ހިމެނެނީ:

·         އާންމުންނާއި ސިފައިން މަރުވުން: މިހައި ތަނަށް ކަށަވަރުވެފައިވާ ގޮތުގައި މި ހަނގުރާމައިގައި އިޒުރޭލުގެ އާންމު ރައްޔިތުންގެ 28 މީހަކާއި ސިފައިންގެ 20 މީހަކު ހިމެނޭ ގޮތުން ޖުމްލަ 48 އަށް ވުރެ ގިނަ މީހުން މަރުވިކަން ވަނީ ކަށަވަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވީ މާރިޗު 1 ގައި ބައިތު ޝަމްސްގެ ސަރަހައްދަކަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައެވެ.

·         އަނިޔާވުން: މިހައިތަނަށް ކަށަވަރުވެފައިވާ ގޮތުގައި އީރާނުގެ ހަމަލާތަކުގެ ސަބަބުން އިޒުރޭލުން 8,600 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި ހާނީއްކަތައް ލިބިފައިވެއެވެ. މީގެ ތެރޭގައި 700 އަށް ވުރެ ގިނަ ސިފައިން ހިމެނެއެވެ.

·         ގެދޮރާއި އިމާރާތްތައް ހަލާކުވުން: އިޒުރޭލުގެ ވަރުގަދަ މިސައިލް ދިފާއީ ނިޒާމުތަކުން ބައެއް މިސައިލްތައް ވައްޓައިލި ނަމަވެސް، އީރާނުގެ ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ކްލަސްޓަރ (cluster munitions) މިސައިލު އިޒުރޭލުގެ އެކި ސިޓީތަކަށް އަމާޒުވެ، ގިނަ އަދަދެއްގެ ގެދޮރަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޚާއްޞަކޮށް އިޒުރޭލުގެ ސިނާއީ ރަށެއްކަމަށްވާ ހައިފާއާއި ވެރިރަށް ތައްލު އަބީބުގެ ވަރަށް ގިނަ ބިނާރުތައް ވަނީ ހަލާކުވެފައެވެ. އަދި ސިފައިންގެ މަރުކަރުތަކާއި ދިރާސީ ޢިލްމީ މަރުކަޒުތަކާއި ސިފައިންގެ ވަސީލަތްތަކަށް ވަނީ ބަޔާންނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

·         ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އައުން: ހަމަލާތައް ފެށުމާއެކު އިޒުރޭލުގެ މައި ވައިގެ ބަނދަރުތަކަށް އީރާނުން ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އިޒުރޭލުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނެވެ. މި ކަމުގެ ސަބަބުން، ބެން ގޫރިއަން އެއަރުޕޯޓް (Ben Gurion Airport) ހިމެނޭ ގޮތަށް އެގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މުޅީން ހުއްޓުމަކަށް އައެވެ. އަދި އެތައް ހާސް ބަޔަކު ގައުމު ދޫކޮށް ވިލާތުގެ ގައުމުތަކަށް ހިޖުރަކުރިއެވެ.

·         އިގްތިސާދީ ގެއްލުންތައް: މި ހަނގުރާމައިގެ ސަބަބުން އިޒުރޭލުގެ ވިޔަފާރިތަކާއި، ފަތުރުވެރިކަމާއި، އަދި އިގްތިސާދީ ދުވަހީ މަސައްކަތްތަކަށް ބޮޑު ހީނަރުކަމެއް އައިސް، ގައުމުގެ މާލީ ބާޒާރަށް ބޮޑު ލޮޅުމެއް އެރިއެވެ. އަދި އިގުތިސާދީ ގޮތުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބުނެވެ.

އެމެރިކާއަށް ލިބުނު ގެއްލުންތައް:

ފެބްރުވަރީ 28، 2026 ގައި އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، ގެއްލުން ލިބުނީ ހަމައެކަނި އީރާނާއި އިޒުރޭލަކަށް ނޫނެވެ. މުޅި ގަލްފު ސަރަހައްދަށާއި އެމެރިކާގެ މަސްލަހަތުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އީރާނާއި އެ ގައުމަށް ވާގިވެރިވާ ހިޒްބުاللهއާއި ހޫތީންނާއި އިރާގުގައި ހަރަކާތްތެރިވާ ޖަމާއަތްތައް ފަދަ ޖަމާޢަތްތަކުން ދިން ރައްދު ހަމަލާތަކުގައި ލިބުނު މައިގަނޑު ގެއްލުންތައް ތިރީގައި ބަޔާންކޮށްލައިފައި އެވަނީއެވެ.

·         އަސްކަރީ މަރުކަޒުތަކަށްލިބުނު މާއްދީ ގެއްލުންތައް: ސީރިއާއާއި އިރާގާއި ޔޫއޭއީއާއި ސުޢޫދީ ޢަރަބިއްޔާއާއި އުރުދުން (ޖޯޑަން)ގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނާއި އީރާނަށް ތާއީދުކުރާ ގްރޫޕްތަކުން ދިން ގިނަ އަދަދެއްގެ ޑުރޯނާއި މިސައިލު ހަމަލާތަކުގެ ސަބަބުން އެ ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވިއެވެ.

·         މީހުން މަރުވުމާއި އަނިޔާވުން: މި ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ ބައެއް މީހުން މަރުވެ، ގިނަ އަދަދެއްގެ ސިފައިންނަށް އެކި ވަރުގެ ބޮޑެތި ހާނީއްކަތައް ލިބުނެވެ.

·         މާލީ އަދި އަސްކަރީ ޚަރަދު ބޮޑުވުން: ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަގުހެޔޮ މިސައިލުތަކާއި ޑުރޯންތައް ވައްޓައިލުމަށް ޓަކައި އެމެރިކާގެ އަގުބޮޑު ދިފާއީ ނިޒާމުތައް (ޕެޓްރިއަޓް ފަދަ) ބޭނުންކުރާން ޖެހުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބަޖެޓަށް ބޮޑު ބުރައެއް އުފުލާން ޖެހުނެވެ.

·         ތެލާއި ގޭހުގެ އަގު އުފުލުން: ހަނގުރާމައާ ގުޅިގެން ހުރުމުޒު ކަނޑުއޮޅި (Strait of Hormuz)  ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އެމެރިކާއަކީ އަމިއްލައަށް ތެޔޮ އުފައްދާ ގައުމަކަށް ވިޔަސް، އެ ގައުމުގެ އެތެރޭގެ ބާޒާރުގައި ޕެޓްރޯލު ލީޓަރެއްގެ އަގ ދުވާލެއްގެ މައްޗަށް 5 އާއި 10 ސެންޓާ ދެމެދުގެ މިންވަރަކަށް އުފުލި، ގެލަނެއްގެ އަގު 4 ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ.

·         މަސްރަހު ހަމައަކަށް އެޅުވުމުގެ އަސްކަރީ ޚަރަދު: މެދުއިރުމަތީގައި އެމެރިކާގެ ސިފައިންނާއި އަސްކަރީ މަރުކަޒުތައް އިތުރުކޮށް، ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެމެރިކާގެ ދިފާއީ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުނެވެ.

·         ސައިބަރު ޙަމަލާތައް އިތުރުވުން: ހަނގުރާމައިގެ ރައްދުގައި އީރާނާއި އެ ގައުމަށް ތާއީދުކުރާ ގްރޫޕްތަކުން އެމެރިކާގެ މުހިންމު ބިނާރުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ދިން ސައިބަރު ހަމަލާތައް ވަރުގަދަކުރިއެވެ.

·         ލާދަ އިތުރުވުން: ފެޑެރަލް ރިޒާވް ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރާއި ހަކަތައިގެ އަގު ބޮޑުވުމާ ގުޅިގެން އެމެރިކާގެ ލާދަ ވަނީ އިތުރަށް މަތިވެފައެވެ.

·         އިގްތިސާދީ ކުރިއެރުން މަޑުޖެހުން: އައި.އެމް.އެފް ފަދަ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުމާއެކު، އެމެރިކާގެ ހަތަވިވަރަ ކުރިއަރާ މިންވަރު ކުރީން އަންދާޒާކުރި ވަރަށްވުރެ ދަށްވެ، އިގުތިސާދީ ދުވެލި ހުއްޓުނެވެ.

·         ތަކެތި އެތެރެކުރުން ހުއްޓުން: މެދުއިރުމަތީގެ ކަނޑުގެ މަގުތައް ބަންދުވުމުގެ ސަބަބުން، ސިނާއީ ދާއިރާއަށް ބޭނުންވާ މުހިންމު ރޯ-މާއްދަތު (ކެމިކަލާއި  ބައެއް ބާވަތްތަކުގެ މަޢުދަނާއި ދަގަނޑު) އެމެރިކާއަށް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިވެ، ކާރު އުފައްދާ ކުންފުނިތަކަށް އެ ކަމުގެ ނޭދެވޭ އަސަރު ކުރިއެވެ.

·         ބައިނަލްއަގުވާމީ ގޮންޖެހުންތައް އިތުރުވުން: މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވުމުން، އެމެރިކާގެ އެހެން ބޮޑެތި ޖިއޯޕޮލިޓިކަލް ސަރަހައްދުތަކަށް (މިސާލަކަށް އޭޝިއާ-ޕެސިފިކް ސަރަހައްދަށް) ދޭ ސަމާލުކަން ކުޑަވެ، ޗައިނާ ފަދަ ގައުމުތަކުން އެ ސަރަހައްދުތަކުގައި ނުފޫޒު ގަދަކުރާން ފުރުސަތު ލިބުނެވެ.

·         ރައްޔިތުންގެ ދިރިއުޅުމަށް ބުރަބޮޑުވެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް އިތުރުވުން: މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން އެބަ ގެންދެއެވެ.

ގަލްފުގެ އަވައްޓެރި ގައުމުތަކަށް ލިބުނު ގެއްލުންތައް:

ގަލްފުގެ ގައުމުތަކުން (ޚާއްސަކޮށް ސުޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީ ފަދަ ގައުމުތަކުން) މި ހަނގުރާމައިގައި ސީދާ ބައިވެރިނުވި ނަމަވެސް، ޖިއޮގުރަފީ ގޮތުން އީރާނާ ކައިރިވުމާއި އެމެރިކާގެ ބޭސްތައް އެ ގައުމުތަކުގައި ހުރުމުގެ ސަބަބުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރިއެވެ. ނަމަވެސް ޔޫއޭއީ މި ހަނގުރާމައިގައި ބައިވެރިވިކަން މިހާރު ވަނީފަޅައިއަރައިފައެވެ. ހަނގުރާމައިގައި ބައިވެރި ވިޔަސް ނުވިޔަސް ގަލްފުގެ ގިނަ ގައުމުތަކުގައި އެމެރިކާގެ ސިފައިންގެ ބޭސްތައް ހުރެއެވެ. އެ ތަންތަން ބޭނުންކޮށްގެން އީރާނަށް އެމެރިކާއިން ޙަމަލާދިނެވެ. މީގެ ބަދަލުގައި އެ ބޭސްތަކަށް އީރާނާއި އީރާނުގެ ވާގިވެރި ޖަމާޢަތްތަކުން ޙަމަލާދިނުމުގެ ސަބަބުން އެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ތެޔޮ ބޭރުނުކުރެވި އިގުތިސާދަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ހަމަ މި ފަދައިން ބޭރުގެ ވުނޭރުން އެ ސަރަހައްދު ދޫކޮށް ދިޔުމުގެ ސަބަބުން އިގުތިސާދީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ގަލްފުގެ ހުރިހައި ގައުމަކަށް ވެސް ލިބުނެވެ.

މި ގައުމުތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި:

·         ސިނާއީ މަރުކަޒުތަކަށް ނުރައްކާވުން: އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކުން ހަމަލާދީފިނަމަ، އެ ގައުމުތަކުގެ ތެޔޮ ފާލަންތަކާއި ރިފައިނަރީތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ. މީގެ ސަބަބުން ތެލުގެ އުފެއްދުންތަކަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވިއެވެ.

·         ހުރުމުޒު ކަނޑުއޮޅި ބަންދުވުން: އީރާނުން ހުރުމުޒު ކަނޑުއޮޅި (Strait of Hormuz) މުޅީން ބަންދުކުރުމާ ގުޅިގެން، ގަލްފުގެ ގައުމުތަކުން ބޭރަށް ފޮނުވާ ތެލާއި ގޭހުގެ ވިޔަފާރި މެދުކެނޑި، އެގައުމުތަކުގެ އާމްދަނީއަށް ނޭދެވޭ އަސަރު ކުރިއެވެ.

·         ވައިގެ ސަރަހައްދު ބަންދުވުން: ގަލްފުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ދިފާއީ ސަބަބުތަކަށް ޓަކައި ބަންދުކުރާން ޖެހުމުން، އެމިރޭޓްސްއާއި އިއްތިހާދު އެއަރއާއި ގަތަރު އެއާވޭސް ފަދަ ބޮޑެތި އެއަރލައިންތަކުގެ ދަތުރުތައް ކެންސަލްކުރާން ޖެހި، ބިލިއަން ޑޮލަރުގެ ގެއްލުންވިއެވެ.

·         ވުނަތައް ހުއްޓުމަކަށް އައުން: ސަރަހައްދީ ހަނގުރާމައެއް ފެށުމުން ގަލްފުގައި ކުރިއަށްދާ ބޮޑެތި ބިޔަ މަޝްރޫޢުތަކަށް (އަދި ބޭރުގެ ވުނަތަކަށް) މަޑުޖެހުމެއް އައެވެ.

 

މީގެ އިތުރަށް މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، އޭގެ ސަބަބުން ތަކެތީގެ އަގު އުފުލި، މުޅި ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރިއެވެ.

މި ދިޔަ އެޕްރީލު މަހުގެ ކުރީކޮޅު މި ހަނގުރަމަ ހުއްޓައިލުމަށް އެއްބަސްވެ، ވަގުތީ ސުލްހައެއް ގާއިމުކުރެވުނު ނަމަވެސް، މުޅި ދުނިޔޭގެ މަލަ އަދިވެސް އޮތީ ނުތަނަވަސްކޮށެވެ. މި އެއްބަސްވުމަށް އެކަށީގެންވާ ގޮތެއްގައި ޢަމަލެއް ނުކުރެވެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަތަވިވަރަ    ނ.    ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ. GDP

ބިނާރު      ނ.    ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure

މަލަ       ނ.    ދުރުން ފެންނަ ރަށެއްގެ ގަސްކަރަ.

މާއްދަތު     ނ.    (1) އެއްޗެއް އެކުލެވޭ ނުވަތަ އެކުލެވިފައިވާ މާއްދީ ބައިތައް. (2) މައުލޫމާތު ފޯރުކޮށްދޭ ލިޔެކިޔުން. material

ވުނަ       ނ.    ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ. investment

ލާދަ       ނ.    ފައިސާގެ އަގު ދަށަށްދާ ދިއުމުން މުދަލުގެ އަގު ބޮޑުވުން. inflation

ސިނާއީ     ނއ.   ރޯމާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ދިނުމުގެ މަސައްކަތާ ގުޅޭ. indusatrial

ކޮމެންޓު