ad_banner
ބިލްގޭޓުސް ފައުންޑޭޝަނުން ބުރްކީނޯ ފާސޯގައި ހިންގާ މަޝްރޫއެއް ހުއްޓުވައި ބޭރުކޮށްލުން

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

22 މޭ 2026

އެފުރިކާގެ ކުޑަ ގައުމެއްކަމަށްވާ، ބުރްކީނޯ ފާސޯގެ ޒުވާން ރައީސް އިބްރާހީމް ޓުރައޮރޭ އަކީ ޖެހިލުންކުޑަ ނިންމުންތައް ނިންމަވާ ވަޠަނީ ލީޑަރެކެވެ. އަމިއްލަ އެއްވެސް އެދުމެއް ނެތި ހަމަ އެކަނި ރައްޔިތުންގެ ކުރިއެރުމާއި މުޅި ގައުމުގެ ތަރައްގީއަށް ކެނޑިނޭޅި މަސައްކަތްކުރައްވާ ތަޞައްވުރީ އިސްވާރެކެވެ.

އެތައް އަހަރެއް ވަންދެން އެ ގައުމުގެ ދާޚިލީ ހަނގުރާމައިގައި ހަތިޔާރު ހިފައިގެން އުޅުނު ޒުވާނުން މިއަދު ވަނީ ހަތިޔާރު ބަހައްޓައި ދަނޑުވެރިކަމުން ނަފާ ހޯދާން ފަށައިފައެވެ. ބަނޑަށް ޖެހި މަގުމަތީ ބިކަވެފައި ތިބި އެތައް ސަތޭކަ ކުޑަކުދީން މިއަދު ޔުނިފޯމު ލައިގެން އެ ގެންދަނީ އިސްކޫލުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންނެވެ. އެކި ބަލިބަލީގައި މަރަށް ދެމިދެމި ތިބި އެތައް ސަތޭކަ ރައްޔިތުން މިއަދު އެ ގެންދަނީ ޒަމާނީ ގައުމީ ހޮސްޕިޓަލުތަކުގައި ބޭސްފަރުވާ ހޯދަމުންނެވެ.

ގައުމުގެ އިޖުތިމާޢީ ފޭރާން ހަލާކުރާ ޙަރަކާތެއްކަމަށް ގަބޫލުކުރައްވައި ގާނޫނަކުން ވަނީ ސިޔާސީ ޕާޓީތައް އުވައިލައްވައި ވަޠަނީ ރޫޙު އާލާކުރައްވައި އިޖުތިމާޢީ އެއްބައިވަންތަކަން އާލާކޮށްފައެވެ. އާދޭހެވެ! އިބްރާހީމް ޓުރައުރޭއަކީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންގެ ޙާލު އަމިއްލަފުޅު ލޯފުޅުން ބައްލަވައިގެން ރައްޔިތުންގެ ޝުޢޫރުތަކާއި ވިންދާ އެއް ގޮތަށް ފިޔަވަޅުއަޅުއްވާކަށް ޓުރައްުރޭ ޖެހިލުންވެވަޑައެއްނުގަނެއެވެ.

ދާދިފަހުން މި ވަނީ ވެސް އާދަޔާ ޚިލާފުފިޔަވަޅެއް އަޅުއްވައިފައެވެ. އާދޭހެވެ! ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ، މަލްޓި ބިލިޔަނަރ ބިލްގޭޓުސްގެ [ބިލްގޭޓުސް ފައުންޑޭޝަނު]ން ބުރްކީނޯ ފާސޯގައި ހިންގާ ޙަޔަވީ މަދިރި އުފައްދާ މަޝްރޫޢު ވަގުތުން ހުއްޓައިލައި ބުރްކީނޯ ފާސޯއިން ވަގުތުން ބޭރުވާން އެންގި އެންގުމަކީ ބައެއް ގައުމުތަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

ޓުރައުރޭގެ ސަރުކާރުން ވަނީ އެ ގައުމުގައި ހުރި އެ ފައުންޑޭޝަންގެ ހުރިހައި ލެބޯޓްރީތަކެއް ބަންދުކޮށް، މިހާރު ކުރިއަށްދާ ހުރިހައި މަސައްކަތްތަކެއް ހުއްޓުވައި، ބާކީ ހުރި، ޙަޔަވީ ގޮތުން ބަދަލު ގެނެސްފައިވާ (ޖީން އެޑިޓްކޮށްފައިވާ) މަދިރީގެ ސުންކުތައް ނައްތައިލުމަށް އަމުރުކުރައްވައިފައެވެ. މިއާ އެކު، އެ ގައުމުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރިއަށްދިޔަ ހޯދުންތަކާއި ދިރާސާތައް ވަނީ ކުއްލި ގޮތަކަށް ނިމުމަކަށް އައިސްފައެވެ.

[ޓާގެޓް މެލޭރިއާ]ގެ ނަމުން ނަންދެވިފައިވާ މި ޕްރޮގްރާމަކީ އެފްރިކާގެ މުޖުތަމައުތަކުގެ ތެރެއަށް، ޖީން އެޑިޓްކޮށްފައިވާ މަދިރިތަކެއް ދޫކޮށްލުމަށް ހިންގުނު މަޝްރޫއެކެވެ. މި މަޝްރޫއު 2012ވަނަ އަހަރުން ފެށިގެން ބުރްކީނޯ ފާސޯގައި ހިންގަމުން އައިސްފައިވާ އިރު، މި މަޝްރޫޢު މަނާކުރުމުގެ އަމުރު ނެރުއްވުމުގެ ހަފުތާތަކެއްގެ ކުރީން އެ ގައުމުގެ ޙަޔަވީ ސަލާމަތާއި ތިމާވެއްޓާ ބެހޭ އިދާރާއިން ވަނީ މި ކަމަށް ހުއްދަވެސް ދީފައެވެ.

ބުރްކީނޯ ފާސޯގެ ގިނަ ބަޔަކު އަޑުއުފުލި ގޮތުގައި، މި މަޝްރޫޢޫ ހިންގާކަށް ރައްޔިތުންގެ މަޝްވަރާއެއް ހޯދައިފައެއް ނުވެއެވެ. އަދި ބޭރުގެ ސައިންސީ ތަހުލީލުތައް (ބަޔޯޓެކް އެކްސްޕެރިމެންޓްތައް)ކުރާ ތަނެއްގެ ގޮތުގައި އެމީހުންގެ ފަސްގަނޑު ބޭނުންކޮށްގެން ނުވާނެކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައިވެއެވެ. ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ ރައްޔިތުންގެ އަޑުއައްސަވައި ކުރީން ދީފައިވާ ހުއްދަ ވަނީ ބާތިލްކޮށްފައެވެ. އަދި މިހާރު ވަނީ މި މަޝްރޫއު އެއްކޮށް ހުއްޓުވައިފައެވެ.

ޙަޔަވީ ގޮތުން ބަދަލުގެނެސްފައިވާ (ޖެނެޓިކްލީ މޮޑިފައިޑް) މި މަދިރިތައް އުފައްދައިފައިވަނީ އެމެރިކާއާއި އިޓަލީވިލާތާއި އިނގިރޭސިވިލާތުގައެވެ. މި ފަދަ ތަހުލީލުތައް އެފުރިކާގެ އެހެން ގައުމުތައްކަމަށްވާ ގާނާއާއި ޔުގެންޑާ ފަދަ ގައުމުތަކުގައި އަދިވެސް ދަނީ ކުރިއަށެވެ.

މި ކަމުގެ ސަބަބުން އެފުރިކާގެ އެކި ގައުމުތަކުގެ އެކި ސަރުކާރުތަކަށް ބޮޑު ސުވާލެއް ކުރިމަތިވެއެވެ: އެ މީހުންގެ ފަސްގަނޑުގައި މި ފަދަ ތަހުލީލުތައްކުރުމުގެ ހުއްދަދެނީ ކޮން ބަޔެއްހެއްޔެވެ؟ އަދި މި ކަމުގެ އަސަރު ފޯރާނެ ރައްޔިތުންނަށް މި ކަމުގެ މައުލޫމާތު އެނގެނީ ކިހައި ވަރަކަށްހެއްޔެވެ؟

އެފުރިކާގެ ގައުމުތަކުގައި ހިންގާ ބޭރުގެ [ބަޔޯޓެކް] މަޝްރޫއުތައް އިންސާނީ އެހީގެ ގޮތުގައި އެ ގައުމުތަކުން ސިފަކޮށް ދެއްކި ނަމަވެސް، އެ ގައުމުތަކުގެ ފަސްގަނޑުގައި އެ ފަދަ ކަންކަން ހިންގުމުގައި މިހާރަށް ވުރެ ސަމާލުވާންޖެހޭކަމަށް ބުރްކީނޯ ފާސޯގެ ރައްޔިތުން ދެކެއެވެ. އަދި ވިލާތުގެ ދޮން މީހުން އަބަދުވެސް އެފުރިކާގެ ކަޅު މީހުން ބަލަނީ އެ މީހުންގެ ސައެއްސީ ތަޙުލީލުތައްކުރާ [ޖަނަވާރުން]ގެ ގޮތުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ތަފާތު ވެކުސިންތައް އުފައްދައިގެން ވެސް ޓެސްޓުކުރަނީ އެފުރިކާގެ ގައުމުތަކުގައެވެ. ނަމަވެސް . . . ބައެއް ގައުމުތަކުގެ ވެކުސިންތައް އޭޝިއާގެ [ބައެއް ގައުމުތަކުގައި] ޓެސްޓުކޮށްގެން އޭގެ ނަތީޖާ ދައްކައިގެން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ހުއްދަ ހޯދައިފައިވާކަން އަޅުގަނޑުމެން އަދި ހަނދާން ނެތޭހައި ދުވަހެއް ނުވެއެވެ.

ކޮންމެއަކަސް ދުނިޔޭގެ ބޮޑު މަހުޖަނެއްގެ މި އަގުބޮޑު މަޝްރޫޢު ހުއްޓުވައި ބުރުކީނޯ ފާސޯއިން ބޭރުކޮށްފިއެވެ. އިބްރާހީމް ޓުރައުރޭއަކީ ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުންނަށް ޓަކައި ކޮންމެ ފަދަ ފިޔަވަޅެއް ވެސް އަޅުއްވާން ޖެހިލުންވެވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޙަޔަވީ      ނ.    ދިރޭ ތަކެއްޗާ ގުޅުން ހުރި. biological

އިސްވާރު    ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ. leader

ވެކުސިން    ނ.    ބަލިބަލިން ދިފާޢުވުމަށް ޓަކައި ދޭ ބޭހާއި ޖަހާ އިންޖެކްޝަން. vaccine

ސުންކު     ނ.    (1) ތަޙުލީލެއް ކުރުމަށް ޓަކައި އެއްޗަކުން ނުވަތަ ތަނަކުން ނަގާ މަދު މިންވަރެއް ނުވަތަ ކުޑަ އެތިކޮޅެއް. (2) ސެންޕަލު sample

ކޮމެންޓު