ad_banner
ދިވެހިރާއްޖޭގައި ފަރުމާކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ޙަރަކާތެއް – އަމީރު އަޙުމަދުގެ "ބީޒް"

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

20 މޭ 2026

ދިވެހިރާއްޖެއަކީ ވެސް އުފެއްދުންތެރި، ޢިލްމުވެރި، ހުނަރުވެރި، ގާބިލު އެތައް ދަރީންނެއް ތިބި ގައުމެއްކަން އެތައް ބައިވަރު އުފެއްދުންތަކާއި އީޖާދީ ޙަރަކާތްތަކުން ވަނީ ސާބިތުކޮށްދީފައެވެ. ދާދި ފަހުން އަލަށް ތަޢާރަފުކުރެވުނު [ބީސް] ޙަރަކާތަކީ ވެސް ކުޅަދާނަ ގާބިލު ދިވެހީން މި ރާއްޖޭގައި ވެސް ތިބިކަން ސާބިތުކޮށްދިން އާ ޙަރަކާތެކެވެ.

މި ޙަރަކާތް މަދްރަސަތުލްއަމީރު އަޙުމަދުގައި ހިންގަމުން ގެންދާތާ ފަސް ވަރަކަށް އަހަރުވެއްޖެއެވެ. މި ކަމުގެ މުހިންމުކަން އެއްވެސް ބަޔަކު ފާހަގައެއް ނުކުރެއެވެ. ނަމަވެސް [ފަރަގު] މީޑިއާއަށް މި ޙަރަކާތުގެ މުހިންމުކަން ފާހަގަކުރެވުމުން މި ކަމާ ބެހޭ ގޮތުން [ފަރަގު]ގެ ކިޔުންތެރީންނަށް މި މަޢުލޫމާތު ފޯރުކޮށްދޭން ބޭންންވީއެވެ.

ސްކައުޓާއި ކަބް ސްކައުޓާއި ޕްރީ ކަބްގެ ކުރީން، ތުއްތުކުދީންނަށް ހިންގާނެ މި ފަދަ ޙަރަކާތެއް، ގާބިލު ދިވެހި  ދެ ދަރިއަކު އުފައްދަވައިގެން ހިންގަވާތާ ފަސް އަހަރު ވެއްޖެކަން ދެނެހުރީ ކޮން ބޭފުޅެއްތޯއެވެ؟ އާދޭހެވެ! މި ފަދަ ޙަރަކާތަކީ މަދްރަސަތުލްއަމީރު އަޙުމަދުގައި ހިންގަވާ [ބީޒް]ގެ ޙަރަކާތެވެ. މިއީ ރާވައި ފަރުމާކުރެވިގެން ހަރުދަނާ އުޞޫލެއްގެ މަތީން މަދްރަސަތުލްއަމީރު އަޙުމަދުގައި ހިންގަވާ މުހިންމު ޙަރަކާތެކެވެ. މުޅި ދުނިޔޭގައި އަލަށް ތަޢާރަފުކުރެވުނު ޙަރަކާތެކެވެ.

އިސްލާމީ ރީތި ސިފަތަކާއި އިޖުތިމާޢީ ގިޔަމުތަކާއި ސިކުނޑިއާއި ހަށިގަނޑުގެ ހުނަރުތައް ތުއްތުކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޓަކައި ހިންގޭ ބޭނުންތެރި ޙަރަކާތެކެވެ. މި ހަރަކާތުގެ ދަށުން [ބީޒް]ގެ ވަޢުދުވުމުގެ ރަސްމިއްޔާތު މިއަހަރު ބާއްވައިފައިވަނީ 65 ދަރިވަރުންނާ އެކު މި މަހު 16 ވީ ހޮނިހިރުދުވަހުއެވެ. މި އަހަރުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ [އޭޝިއާ-ޕެސިފިކް] ސަރަހައްދުގެ އެންމެ މޮޅު ސްކައުޓުގެ މަގާމު ސާކު ސަރަހައްދުގެ ގައުމަކުން ފުރަތަމަ ފަހަރަށް ޙާޞިލުކުރެއްވި އަލްފާޟިލް ރިޢާޔަތު ޢަބްދުލްމަޖީދެވެ. 

ރިޢާޔަތަކީ ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި ޒުވާނުންގެ އެވޯޑާއި [ޚާއްޞަ އިނާމު]ޙާޞިލުކުރައްވައިފައިވާ ޒުވާން ހުނަރުވެރިއެކެވެ. ޕްރެޒިޑެންޓް ސްކައުޓެކެވެ. މީގެ އިތުރަށް، އޭނާއަކީ މުވާސަލާތުގެ ދާއިރާއިންނާއި އިގުތިޞާދީ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައިވާ އިގުތިޞާދީ ތަޖުރިބާކާރެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށް ޓަކައި އަމިއްލަ ގޮތުން އެންމެ ބޮޑަށް މަސައްކައްތަކުރައްވާ [ޕިކްމޯލްޑިވްސް]ގެ މުއައްސިސެވެ. އެހެންކަމުން މި ފަދަ ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވާން މިއަށް ވުރެ އެކަށިގެންވާ އެހެން ބޭފުޅެއް ނެތްކަން ކަށަވަރެވެ. މި ކަން އަޅުގަނޑު މި ފާހަގަކޮށްލީ ރިޢާޔަތު ޢަބްދުލްމަޖީދަކީ [ފަރަގު] މީޑީއާގެ ޗީފު އެޑްވައިޒަރުކަމަށްވާތީ އެ ކަމުގެ އުފާ ވެސް ލިބިގަތުމަށް ޓަކައެވެ.

"އާދޭހެވެ! ބީޒް" ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތުއްތުކުދީންގެ އުމުރުފުރާގެ އަންހެންކުދީންނާއި ފިރިހެންކުދީންނަށެވެ. މިއީ ފަސް އަހަރުން ދަށުގެ ޢުމުރުފުރާއެވެ. މި ޕްރޮގްރާމްގެ ސަބަބުން އަމަލީ ތަޖުރިބާގެ އެހީގައި ކުދީންގެ ހުނަރުތައް އިތުރަށް ތަރައްގީވާނެއެވެ. މިސާލަކަށް: ޖިސްމާނީ ދުޅަހެޔޮކަމަށް ޓަކައި ހަށިގަނޑުގެ ހުރިހައި މަސްތަކުގެ ހަރަކާތްތައް ތަމަރީނުކުރުމާއި މުވާސަލާތުކުރުމާއި މުއާމަލާތްކުރުމާއި އުފެއްދުންތެރިކަމާއި ހޯދައި ބެލުމާއި އަޑުއެހުމުގެ ހުނަރުތައް ތަރައްގީކުރެވޭނެއެވެ.

މިއީ ޖިންސެއް ތަފާތުކުރުމެއް ނެތި، ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދީންނަށް ޚާއްސަކޮށްގެން ފަރުމާކުރެވިފައިވާ، ހުރިހައި ކުދީންޝާމިލުކުރެވޭ އަދި އުމުރާ ގުޅޭ، ކުދީންގެެ ތަރައްގީއަށް އެހީތެރިވެދޭ އިސްނެގުމުގެ ޙަރަކާތެކެވެ. މި ޙަރަކާތުގެ މަގްސަދަކީ ތުއްތުކުދީންނަށް، [ތުއްތުކުދީންގެތަޢުލީމު] އުނގެނުމުގެ ފުރުސަތުތަކާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ހާސިލުކުރުމާއި، ފޯރިގަދަ ހަރަކާތްތަކާއި، އަދި މުޖުތަމައަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން ކުދީންގެ ކިބައިގައި އުފައްދައި މި ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

.

މި ޕްރޮގްރާމްގެ ސަބަބުން ތުއްތު ކުދިން އެކުދިންގެ ވަށައިގެންވާ މާހައުލު ހޯދައިބެލުމަށާއި، އެހެން ކުދިންނާ މުއާމަލާތްކުރުމަށާއި، އަދި ދިރިއުޅުމުގެ އަސާސީ ހުނަރުތައްކަމަށްވާ މުއާމަލާތްކުރުމާއި ގުޅިގެން މަސައްކަތްކުރުން (ޓީމްވޯކް)އާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި އަންދަރުދީ (އަނެކުންގެ އިހުސާސްތައް ދެނެގަތުން) ނުވަތަ [އެމްޕަތީ] ފަދަ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެއެވެ.

އައު ކަންކަން ހޯދައި ބެލުމުގެ ޝައުޤާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުމުގެ ޝައުޤުވެރި ހަރަކާތްތަކުގެ އިތުރަށް، މި ޕްރޮގްރާމްގެ ސަބަބުން މުޖުތަމައަށް ޚިދުމަތްކުރުމުގެ މާނަ ކުދީންނަށް ދަސްކޮށްދީ، މުޖުތަމައަށް ފައިދާހުރި ކަމެއް ކޮށްދިނުމާއި، އިޖުތިމާއީ ޒިންމާދާރުކަމާއި، އަދި މަދަނީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގިޔަމުތައް ކުރިއަރުވައިދެއެވެ. ކުޅިވަރުގެ ތެރެއިން އުނގެނުމާއި، އުމުރާ ގުޅޭ ހަރަކާތްތަކާއި، އަދި ބެލެނިވެރިކަމުގެ ދަށުން ހިންގޭ، މުޖުތަމައަށް ޚިދުމަތްކުރުމުގެ ތަޖުރިބާތައް އެކުވުމުން، މި ޕްރޮގްރާމްގައި ބައިވެރިވާ ކުދީންގެ އަމިއްލަ ކުރިއެރުމަށާއި، އިޖުތިމާއީ ހޭލުންތެރިކަމަށާއި، އަދި އެ ކުދީންގެ މުޖުތަމައަށް ފައިދާހުރި ހިއްސާއެއްވުމަށް އެ ކުދީންގެ ޅަފަތުގައި އަހުލުވެރިވުމަށް ވަރުގަދަ ހަރުދަނާ ބިންގަލެއް އަޅައިދެއެވެ.

"ކުރުކޮށް ދަންނަވާ ނަމަ [ބީޒް] ޙަރަކާތަކީ ހަތަރު އަހަރާއި ފަސް އަހަރުގެ ކުދީންނަށް ޚާއްސަކޮށްގެން ފަރުމާކުރެވިފައިވާ، ކުދިންގެ ޝާމިލު (holistic) ކުރިއެރުމާއި ޖިސްމާނީ، ބަދަނީ ހުނަރުތައް (Motor Skill) ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގޭ ޝައުގުވެރި އަދި މުއާމަލާތީ ހުނަރު ތަރައްގީކުރާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު، ފަރުމާކުރެވިފައިވަނީ ތުއްތު ކުދިންނަށް ކުޅިވަރާއި އެހީތެރިކަން ބޮޑު މާހައުލެއްގައި އައު ކަންކަން ހޯދައި، ދަސްކޮށް، އަދި މުހިންމު ހުނަރުތައް ތަރައްގީކުރެވޭނެ ފަދަ ހިތްވަރުދޭ މާހައުލެއް ފަހިކޮށްދިނުމަށް ޓަކައެވެ.

[ބީޒް] ޕްރޮގްރާމްގެ މުހިންމު ބައިތަކަކީ:

·     ޝާމިލު ހުނަރުތައް ތަރައްގީކުރުން.  (Holistic Skill Development)

·     ޖިސްމާނީ އަދި ބަދަނީ ހުނަރުތައް ތަރައްގީކުރުން.  (Motor Skill Development)

·     އުފެއްދުންތެރި ޚިޔާލުތައް ފާޅުކުރުން.  (Creative Expressions)

·     ސްޓެމް STEM – (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތަމެޓިކްސް) ހޯދައިބެލުން.

·     މިއުޒިކާއި އެކިއެކި ހަރަކާތްތައް  (Music & Movement)

·     ބޭރުވެށީގެ ހަރަކާތްތައް  (Outdoor activities)

މިއީ އެ ކުދީން އައު ކަންކަން ހޯދައި ދަސްކުރާ އެއް އަހަރު ދުވަހުގެ ދަތުރެކެވެ. މި ޕްރޮގްރާމް އެކުލެވިގެންވަނީ ކުދީންނަށް ބޭނުންވާނޭ އެންމެހައި ހުނަރުތަކާއި ޝާމިލު ކުރިއެރުން އެއްކޮށްލައިގެން ތައްޔާރުކުރެވިފައިވާ ބައިތަކެއްގެ މައްޗަށެވެ. އަދި މީގެ އިތުރަށް، ކުދީންގެ އިޖުތިމާއީ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމުގެ ތެރެއިން ފަހިކޮށްދެއެވެ.

[ބީޒް]ގެ ކޮންމެ ކޮލަނީއެއްގައި (ގުރޫޕެއްގައި) 18އާއި 24އާ ދެމެދުގެ އަދަދަކަށް ކުދީން ތިބޭނެއެވެ. މި ދާއިރާގެ ތަޖުރިބާކާރު އިސްވާރަކު ހުންނާނެއެވެ. އެތެރެވެށީގައި (indoor) ބާއްވާ ބައްދަލުވުންތަކުގައި ކޮންމެ، އަށް ކުއްޖަކަށް އިސްވާރަކު ހުރެއެވެ. އަދި ބޭރުވެށީގެ (outdoor) ހަރަކާތްތައް ހިންގާ އިރު ކޮންމެ ހަ ކުއްޖަކަށް އިސްވާރަކު ހުންނާނެއެވެ. 

މި ފަދަ ކޮންމެ ކަމަކަށް ޚާއްޞަ ޔުނިފޯމެއް މާނަވީ ގޮތެއްގައި ތައްޔާރުކުރެވިފައިވާންޖެހޭތީ، މި ކަންކަމަށް ރިޢާޔަތްކޮށް ވަރަށް ފުރިހަމަ ޔުނިފޯމެއް ވެސް ތައްޔާރުކޮށް ގެންދަނީ ބޭނުންކުރަމުންނެވެ. 

މި ޕްރޮގްރާމް އުފައްދާން ޚިޔާލުކުރެވި، ތަދުބީރުކޮށް ވުޖޫދަށް ގެނައުމުގައި ދެ ބޭފުޅެއްގެ ޙިއްޞާ ވަރަށް ބޮޑަށް އޮތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ ތެރެއިން އެއް ބޭފުޅަކީ 35 އަހަރަށް ވުރެ ދިގު މުއްދަތުގައި ސްކައުޓުގައި ޚިދުމަތްކުރައްވައިފައިވާ އަދި މިހާރު ވެސް އެ ޚިދުމަތުގައި ދެމިހުންނެވި ހުނަރުވެރި ސްކައުޓެކެވެ. އެއީ މަދްރަސަތުލްއަމީރު އަޙުމަދުގެ މިއަދުގެ ޕްރިންސިޕަލް ޢާއިޝަތު އަޙުލާމެވެ. އޭނާއަކީ މިހާރު ވެސް އޭޝިއާ-ޕެސިފިކް ރީޖަނަލް ސްކައުޓް ކޮމިޓިގެ މެންބަރެކެވެ. އަދި އޭނާވަނީ ރާއްޖޭގެ ސްކައުޓު ޗީފް ކޮމިޝަނަރުކަން ވެސް އަދާކުރައްވައިފައެވެ.

އަނެއް ބޭފުޅަކީ ޙުސައިން ޖަވާދެވެ. މިއީ ވެސް ސްކައުޓް ހަރަކާތުގައި 18 އަހަރު ހޭދަކުރައްވައި އެ ޙަރަކާތުގައި ދެމިހުންނެވި ސްކައުޓެކެވެ. މީނާ ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ސްކައުޓުގެ ތަފާތު ގިނަ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ ސްކައުޓް ކައުންސިލްގެ މެންބަރުކަން ކުރައްވައި މި ޙަރަކާތުގައި އިސް ދައުރެއް އަދާ ކުރައްވައިފައެވެ. އަދި މިއީ އެންމެ ފުރަތަމަ، ކެންޑާރސްޓެގް އިންޓަރނެޝެނަލް ސްކައުޓް ސެންޓަރުގެ ވުވައްޒަފެއްގެ ގޮތުގައި މަސަތްކަތްކުރެއްވި ދިވެހި ސްކައުޓު ވެސްމެއެވެ. މީގެ އިތުރަށް މިއީ އޭސިއާ-ޕެސިފިކް ކޮމިއުނިކޭޝަން އެންޑް ޕާރޓްނާރޝިޕް ކޮމިޓީގެ މެންބަރުކަމާއި، އިންޓަރނެޝަނަލް ކޮމިޝަނަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

[ބީޒް] ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ފުޅާކޮށް ބައިނަލްއަގުވާމީ މާރުކޭޓަށް އިޝްތިހާރުކުރާންޖެހޭ މުހިންމު ޕްރޮގްރާމެކެވެ. މި ފަދަ ކަންކަމުގައި މީޑިއާގެ ދައުރު ވަރަށް މުހިންމެވެ. ނޫސްތަކާއި ޓީވީތަކުން ކުރާންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ މި ފަދަ ގައުމީ މަސައްކަތްތަކެވެ. އަޅުގަނޑު މި ވާހަކަ މި ލިޔެލީ މިއީ އަޅުގަނޑުގެ ވެސް މަސްއޫލިއްޔަތެއްކަމަށް ދެކޭތީއެވެ. ހުރިހައި ނޫސްވެރީން ވެސް މި ކަން ގަބޫލުކުރާނެ ނަމައެވެ!

 

ބައެއް ލަފުޒުގެ މާނަ

ހުނަރު      ނ.     (1) ތަމުރީނު ނުވަތަ ތަޖުރިބާ ލިބިގެން ކަމެއް މޮޅަށް ކުރުމުގެ ގާބިލުކަން. skill (2) ކަމެއް މޮޅަށް ކުރުމަށް ލިބިފައިވާ ޠަބަޢީ ގާބިލުކަން.  talent (3) ކަންތައް ކުރުމުގެ ފާޑު.  

ބަދަނީ      ނއ.    ހަށިގަނޑާ ގުޅުން ހުރި.  (ރަދީފުކޮށްފައި ނެތް ލަފުޒެއް) 

ބޭރުވެށި     ނ.     ހިޔާވައްސެއްގެ ބޭރުގައި ހިޔާ ނުކޮށް އޮންނަ ހާމަ ތަން. outdoor

އަންދަރުދީ   ނ.     އަނެކުންގެ ޙާލާއި އިހުސާސްތައް ދެނެގަނެ އެއަށް އިޙުތިރާމްކުރުން. empathy (ރަދީފުކޮށްފައި ނެތް ލަފުޒެއް)   

އިސްވާރު    ނ.     (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ. leader

އީޖާދީ      ނއ.    (1) އައު ސިފައެއް ނުވަތަ އައު ފަރުމާއެއް ހިމެނޭ. (2) އައު ޚިޔާލުތަކާއި އައު ހުށަހެޅުންތައް ހިމެނޭ. (3) އުފެއްދުންތެރި. innovative

އެތެރެވެށި    ނ.     ހިޔާވައްސެއްގެ އެތެރޭގައި ހިޔާކޮށްފައި އޮންނަ ހާމަ ތަން. indoor     (ރަދީފުކޮށްފައި ނެތް ލަފުޒެއް)

މާރުކޭޓު     ނ.     މުދަލެއް ވިއްކުމަށް ލިބިފައިވާ ފުރުޞަތު ނުވަތަ އަގު. ވިއްކާ އެއްޗެތި ހާމައަށް ބަހައްޓައިގެން ވިއްކާ ތަންތަން. އެކިވައްތަރުގެ ތަކެތި ވިއްކަން ހާމައަށް އޮންނަ ތަން. market

މީޔާރު      ނއ.    އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. standard

މީޔާރު      ނ.     (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމު ހަމަ. standard

ތަދުބީރު     ނ.     ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan

ގިޔަމު      ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ޝާމިލު    ނއ.    އެއްޗަކަށް ނުވަތަ ކަމަކަށް ބޭނުންވާ އެންމެހައި އުންސުރުތައް ހިމެނޭ. Holistic, inclusive

ޖިސްމާނީ    ނއ.    (1) ހަށިގަނޑާ ގުޅޭ. (2) ހަށިގަނޑަށް ނިސްބަތްވާ. (3) ޖިސްމާ ގުޅުން ހުރި. physical

ކޮމެންޓު