ad_banner
ކީރިތި ޤުރްއާނުގައި ޙައްޖުގެ މަގުސަދު (2)

ޑރ. މޫސާ އަންވަރު ޙަސަން

20 މޭ 2026

(2026 މޭ 19ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

މިއީ ހަމައެކަނި މާތް اللهއަށް އަޅުވެތިވުމާއި، އެކަލާނގެ މަތިވެރިކަމުގެ ކުރިމަތީގައި އިންތިހާއަށް ނިކަމެތިވެގަތުމަށް ބާރުއަޅާ މުޚާޠަބެކެވެ. މި އާޔަތަކީ އީމާންކަމުގެ ފޮނިކަން އޭގެ ޙަޤީޤީ މާނައިގައި ލިބިގަންނަ އަޅަކަށް އިޙުސާސްވާނެ އެންމެ ތެދުވެރި ޝުޢޫރުތައް ސިފަކޮށްދޭ އާޔަތެކެވެ. އަދި މާތް الله އަށް އަޅުވެތިވުމުގެ މި މަތިވެރި ސިފަ އެންމެ ފުރިހަމައަށް ފެންނަނީ، ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް އިނގިލިލައި ކިޔަމަންވުމުގެ ތެރެއިންނެވެ.

سيد قطب ބަޔާންކުރައްވައިފައިވާ ގޮތުގައި، ޙައްޖުގެ އަޅުކަން އަދާކުރުމުގެ އެންމެ މުހިންމު މަގުސަދަކީ މާތް اللهއަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުމާއި، އަޅުވެތިވުމުގެ މާނަ ޙަޤީޤީ ގޮތެއްގައި ޙާޞިލުކުރުމެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އެއީ ހިތުގެ ކޮންމެ ވިންދަކާއި، ދިރިއުޅުމުގެ ކޮންމެ ހަރަކާތެއްގައި މާތް الله އަށް ޓަކައި ހުސްވުމެވެ. ނަމާދާއި، އިޢުތިކާފާއި، ދިރިހުރުމާއި، މަރުވުމުގައިވެސްމެއެވެ. އަޅުކަމުގެ ޝިޢާރުތަކުގައްޔާއި، ޢަމަލީ ދިރިއުޅުމުގައްޔާއި، މަރުވުމަށްފަހު އޮތް ޙަޔާތުގައިވެސްމެއެވެ. އެއީ تَوْحِيْدُ (އެއްކައުންތަންކުރުން) އިޢުލާނުކުރުމުގެ މުޠުލަޤު ތަސްބީޙައެކެވެ. އަދި ނަމާދާއި، އިޢުތިކާފާއި، ދިރިހުރުމާއި، މަރުވުން އެއްކޮށްލައި، އެ ހުރިހައި ކަމެއް ހަމައެކަނި މާތް الله އަށް ޓަކައި ޚާލިޞްކޮށްދޭ ފުރިހަމަ އަޅުވެތިވުމެކެވެ. އެއީ ޢާލަމްތަކުގެ ވެރި اللهއަށެވެ. އެކަލާނގެއީ ޢާލަމްތައް ބަލަހައްޓަވައި، ހިންގަވައި، ތަރުބިއްޔަތުކުރައްވައި، މަގުދައްކަވައި، އަދި ޙުކުމްކުރައްވާ ފަރާތެވެ. މިއީ ފުރިހަމަ [އިސްލާމްކަމެއް]ކަމުގައިވާ އިރު، އެ މީހެއްގެ ނަފްސުގައި ނުވަތަ ދިރިއުޅުމުގައި މާތް اللهއަށް ޓަކައި އަޅުކަންކުރެވޭ ބަޔެއް ފިޔަވައި އެހެން އެއްވެސް ބަޔެއް ބާކީނުކުރުމެވެ. އަދި އެ މީހެއްގެ ޟަމީރުގައްޔާއި ޙަޤީޤީ ދިރިއުޅުމުގައި އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޖާގައެއް ނުދިނުމެވެ. ﴿وَبِذَٰلِكَ أُمِرْتُ﴾ [އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފައިވަނީ އެ ގޮތަށެވެ.] އެހެންކަމުން ތިމަންކަލޭގެފާނު އަޑުއަހައި ކިޔަމަންވެއްޖައީމެވެ. ﴿وَأَنَا أَوَّلُ الْمُسْلِمِينَ﴾ [އަދި މުސްލިމުންގެ ތެރެއިންވާ އެންމެ ފުރަތަމަ މީހަކީ ތިމަންކަލޭގެފާނެވެ.]

ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ބަލާ އިރު، އިސްލާމީ ޢަޤީދާއާއި އަޅުކަމުގެ ޝަޢާއިރުތަކާ ދެމެދުގައިވާ ވަރުގަދަ ގުޅުން ވަރަށް ސާފުކޮށް އެނގޭން އެބައޮތެވެ. މި ކަމާ ގުޅޭ ގޮތުން سيد قطب ވިދާޅުވެފައިވާ ބަސްފުޅަކަށް ބަލައިލަމާ ހިނގާށެވެ. [ޢަޤީދާއާއި އަޅުކަންތައް މި ވަނީ މި ފަދައިން ގުޅި ލައިމެހިފައެވެ. އަޅުކަންތަކަކީ ސީދާ ޢަޤީދާގެ ތެރެއިން އުފަންވެ، އޭގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. އަދި އެއީ އެ ޢަޤީދާ ހާމަކޮށްދޭ ރަމްޒެއްގެ އިތުރަށް، އެ ކަމުގެ ދަލީލުތަކެއް ވެސް މެއެވެ. މި ކަމުގައި އެންމެ މުހިންމު ކަމަކީ، އިންސާނާގެ މުޅި ދިރިއުޅުމާއި އޭނާ ކުރާ ހުރިހައި މަސައްކަތްތަކެއްގައި މި ދެންނެވި އިލާހީ ކުލަޖެހިގެން ދިއުމެވެ. އޭރުން އިންސާނާގެ ހަކަތައާއި އޭނާގެ މިޞްރާބު، އެއް އަމާޒަކަށް ސީދާވެ، އެކި ދިމަދިމާއަށް އިންސާނާގެ ނަފްސު ބައިބައިވެގެން ދިއުމުން ސަލާމަތްވާނެއެވެ.]

ނުބައި އަޚުލާޤީ ސިފަތަކުން ނަފްސު ޠާހިރުކުރުން:

ޙައްޖަކީ ދަތުރެކެވެ. އަދި ދަތުރަކީ އޭގައި ބުރަޔާއި ތަކުލީފު އެކުލެވިގެންވާ ކަމެކެވެ. ޙައްޖުގެ ދަތުރަކީ ދުރު ރާސްތާއެއް ކަޑައްތުކުރާންޖެހޭ، ބުރަބޮޑު އަދި އިންތިހާއަށް މީހުން ގިނަ ދަތުރަކަށްވުމާ އެކު، މި ކަމަށް ޓަކައި ކެތްތެރިކަމާއި ސާބިތުކަމުގެ މަތީ އަޚުލާޤީ ސިފަތައް ބޭނުންވެއެވެ. މިއީ ފޫހިކަމާއި ނުތަނަވަސްކަން ދުރުކޮށް، އަމިއްލަ އެދުމުގެ މައްޗަށް އަނެކުންނަށް އިސްކަންދިނުމާއި (އީޘާރު)، މައާފުކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށް އޮތް ފުރުޞަތެކެވެ. ހަމައެހެންމެ، މިއީ ނުބައިކަންތައްތަކަށް ބާރުއަޅާ ނަފްސުގެ މައްޗަށް ގަދަވެގަނެ، އަމިއްލަ އެދުންތަކާއި ޝަހުވަތްތަކުގެ މައްޗަށް ކުރިހޯދުމަށް ޓަކައި ކުރެވޭ މުޖާހަދާއެކެވެ. އެހެންކަމުން، ޙައްޖުވެރިޔާ ހުތުރު ބަސްތަކުން ދުރުހެލިވުމަށާއި، ބޭކާރު ވާހަކަތަކާއި، ޒުވާބުކުރުމާއި ދެބަސްވުންތަކުން ދުރުހެލިވުމަށް މާތްﷲ ވަނީ އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ﴾(سورة البقرة 197) މާނައީ: [އެ މައްސަރުތަކުގައި حج  فرضކޮށްގެންފި މީހާ (އެބަހީ: حجވުމަށް قصدކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماعވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّهއީ، ހުރިހައި ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ.[ މިއީ އެއް ގޮތަކުން ބަލާ އިރު، ޙައްޖުގެ މަތިވެރި ފަރުޟަށް އިޙުތިރާމާއި ގަދަރު އުފުލުމަށް ޓަކައެވެ. އަނެއްކޮޅުން، ޙައްޖުގެ އަޅުކަމަށް ފަހު ވެސް ނުބައި އަޚުލާޤީ ސިފަތަކާ ދުރުހެލިވުމަށް މުސްލިމުން އާދަކުރުވުމުގެ މަގުސަދުގައެވެ. ސަބަބަކީ އެ ފަދަ ނޭދެވޭ ސިފަތަކަކީ ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައިވެސް މުޛްމޫމް މަލާމާތް ލިބިގެންވާ ނުބައި ކަންކަމަށް ވާތީއެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި ނޭދެވޭ އަޚުލާޤީ ސިފަތަކުން ނަފްސު ތާހިރުކުރާނެ ގޮތާ ގުޅޭ ގޮތުން، سيد قطب ވިދާޅުވެފައިވެއެވެ. [ފަހެ، މި އެނގިގެންވާ މަސްތަކުގައި ޙައްޖުވުމަށް ކަނޑައަޅައިފި މީހާ (އެބަހީ: އިޙުރާމް ބަނދެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުން އެ މީހެއްގެ ނަފްސުގެ މައްޗަށް ލާޒިމްކޮށްފި މީހާ)...] ﴿فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ﴾(سورة البقرة 197) މާނައީ: [އެ މައްސަރުތަކުގައި حج  فرض ކޮށްގެންފި މީހާ (އެބަހީ: حجވުމަށް قصدކޮށް إحرامބަނދެފި މީހާ، ދަންނާށެވެ!) ފަހެ حجވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރައިރުންވުމެއް ވެސް ނެތެވެ. 

މި އާޔަތުގައި (الرَفَثَ)ގެ މާނައަކީ، ޖިމާޢުވުމާއި އެ ކަމަށް މަގުފަހިވާނެ ފަދަ ވާހަކަތައް ދެއްކުމެވެ. އެއީ އާންމުކޮށް ދެކެވޭ ވާހަކައެއްކަމުގައި ވިޔަސް ނުވަތަ އަންހެނުންގެ ކުރިމަތީގައި ދެކެވޭ ވާހަކައެއް ކަމުގައި ވިޔަސް މެއެވެ. (الجِدَال)އަކީ އެކަކު އަނެކަކާ ދެބަސްވެ، ޒުވާބުކޮށް، މީހާ ރުޅިއައިސް ދެބަސްވުން އުފެދޭ ފަދަ ކަންކަމެވެ. އަދި (الفُسُوْق)އަކީ ކުޑަވިޔަސް ނުވަތަ ބޮޑުވިޔަސް، މާތްﷲ ނަހީކުރައްވައިފައިވާ އެންމެހައި އުރެދުންތަކަށް އަރައިގަތުމެވެ.

މި ކަންކަން ނަހީކުރެއްވުމުގެ މަގުސަދަކީ، މި މަތިވެރި އަޅުކަމުގެ ވަގުތުގައި އިންސާނާ ހަމައެކަނި މާތްﷲއަށް އިޚުލާޞްތެރިވުމާއި، ދުނިޔަވީ އެދުންތަކުން އެއްކިބާވެ، ތަޤުވާވެރިކަމުގެ މަތިވެރި މަޤާމަށް ވާޞިލުވުމެވެ. މިއީ ހަމައެކަނި މާތްﷲ އާ ކުއްތަންވުމަށް ޓަކައި ކުރެވޭ ރޫޙާނީ ތަރުބިއްޔަތެކެވެ. ފަހެ، ފަހައިފައިވާ ހެދުންތައް ބާލައި، އިޙުރާމް ބަނދެގެން މާތްﷲގެ ގެކޮޅަށް ޒިޔާރަތްކުރާ މީހާގެ ކިބައިގައި ހުންނާންޖެހޭ މަތިވެރި އަދަބުވެރިކަން މިއިން ދޭހަކޮށްދެއެވެ. 

ހުތުރުކަން ބޮޑު މި ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންގެވުމަށް ފަހު، ދެން ބާރުއަޅުއްވައިފައިވަނީ ރީތި ހެޔޮ އަމަލުތައް ކުރުމަށެވެ. އެގޮތުން މާތްﷲ ވަނީ ﴿وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ﴾‏ (سورة البقرة 197) މާނައީ: [އަދި، (اللَّه އީ، ހުރިހައި ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ.] މި ފަދައިން ވަޙީކުރައްވައިފައެވެ. މުއުމިނަކަށް މި ކަމުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އޭނާ ކުރާ ކޮންމެ ހެޔޮ އަމަލެއް މާތް ބައްލަވައިވޮޑިގެންވާކަން ދެނެގަތުމެވެ. މިއީ ހެޔޮ އަމަލުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އޭނާ ކުރާ ހެޔޮކަން މާތް ދެނެވޮޑިގެންވުމަކީ، އާޚިރަތުގެ ދަރުމައިގެ ކުރީން ވެސް އޭނާއަށް ލިބޭ މަތިވެރި އުފަލަކާއި ހިތްހަމަޖެހުމެކެވެ. ދެން އޭނާއަށް ގޮވައިލައްވަނީ، ޙައްޖުގެ މަތިވެރި ދަތުރަށް ބޭނުންވާ ތަކެތި ނުވަތަ ކޮއްތު ތައްޔާރުކުރުމަށެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ކާނާއާއި، ރޫޙަށް ބޭނުންވާ ތަޤުވާވެރިކަމުގެ ކޮއްތެވެ. ރިވާވެގެންވާ ގޮތުގައި، ޔަމަނުކަރައިގެ ބައެއް މީހުން އެއްވެސް ވަރަކަށް ކޮއްތެއް ނުލައި ޙައްޖަށް ދިއުމަށް ޓަކައި އެ މީހުންގެ ރަށްތަކުން ނުކުމެއެވެ. (ނުނިމޭ)  

ކޮމެންޓު