Advertisement

ފަޔާއި ޕަޖާމާ - ތިމާގެ ދެ ލަފުޒު

04 Nov 2023 | 09:15
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ދަރިފަސްކޮޅު ފެތުރި، އާއިލީ ގަހުގައި ހިމެނޭ މެންބަރުން ދުރުވެ، އެންމެ ފަހުން ތާރީޚީ އަނދިރިކަމުގެ ތެރެއަށް އެ މީހުންގެ ތިމާގެކަން ގެއްލިދެއެވެ. ނަމަވެސް، މަދުން ވިޔަސް، މީސްމީހުން ބައްދަލުވެ، ތައާރުފުވުމުން، އެ މީހުންގެ ދެމެދުގައި އޮތް، ތިމާގެކަން އެނގޭ ފަހަރު ވެސް އާދެއެވެ.

ބަސް ބަހުގެ މެދުގައި ވެސް ލޭގެ ގުޅުން ފަދަ އާއިލީ ގުޅުން އޮވެއެވެ. ބައެއް ފަހަރު، ގާތްކަން ހާމައަށް ފެންނަން އޮތަސް، އެ ކަން އެނގި ނުގަނެވި އޮވެދާނެއެވެ. އިނގިރޭސި ޕަޖާމާއާއި ދިވެހި ފައި މިއީ މިފަދަ ގުޅުމެއް އޮންނަ ދެ ލަފުޒު ކަމުގައި ވެދާނެއެވެ. ޕަޖާމާ ނުވަތަ ޕިޖާމާއާއި ދިވެހި ފައި މި ލަފުޒާ އޮންނަ ތިމާގެކަމުގެ ގުޅުން ފެންނަން އެބަ އޮތެވެ. ޕަޖާމާ އުފެދިފައި އޮތީ ޕަ މި ލަފްޒާއި ޖާމާ މި ލަފުޒުންނެވެ. ޕަ އަކީ ފަޔެވެ. ދިވެހި ބަހުގެ ތެރެއަށް ވަދެ، ޕާގެ ޕަވިޔަނި ފާފަށް ބަދަލުވީއެވެ.

ޕާ މި ލަފުޒުގެ އަސްލަކީ ސެންސްކުރިތުގެ ޕަޑާއެވެ. އޭގެ އަސްލު ފާރިސީ ބަހާ ގުޅިފައިވެއޭ ވެސް ބުނެވެއެވެ. ކޮންމެ ގޮތެއް ވިޔަސް، ދިވެހި 'ފައި' އައީ ސިންގަޅަ ބަހުންކަމަށް ލަފާކުރެވެއެވެ. ސެންސުކުރިތުގެ ޕަޑާ، 'ޕާ'އަށާއި އަދި ޕަޔައަށް ވެސް ބަދަލުވެ، ދިވެއްސަށް ފަޔާ (ހުވަދޫ ބަސް)އަށާއި އަދި ފައި، މި ސޫރައަށް އެ ލަފުޒު ބަދަލުވެ ދިވެހިވެގެން ދިޔައީއެވެ.

ޕިޖާމާ: ފަޔާއި ޕަޖާމާއާ ގުޅުމެއް އެބަ ހުއްޓެވެ.<br>

"ޖާމާ" މި ލަފުޒުގެ އަސްލު ގުޅެނީ ފާރިސީ ބަހާއެވެ. މާނައަކީ ހެދުމެވެ. އެހެންވީމާ، ޕަޖާމާގެ ލަފުޒީ މާނަ އަކީ 'ފައިގެ ހެދުމެވެ'. މިއިން ޕަޖާމާއާއި ދިވެހި "ފައި" މި ދެ ލަފުޒުގެ ތިމާގެކަން ސާފުވާހެން ހީވެއެވެ.

މި މަގާމުގައި އިތުރު ވާހަކައެއް ވެސް ލިޔެލުން އެންމެ ރަނގަޅުކަމަށް ދެކެމެވެ. ބަސްބަހުގެ ތިމާގެކަމުގެ ގުޅުން އެނގުމަކީ އެ ބަސްބަހުން ވާހަކަދެއްކި މީހުން ދަތުރުކުރި މަގު ހޯދާން އެހީވެދޭނޭކަމެކެވެ. ބަސްބަސް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ މަގު ފާހަގަކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްފައި ދާ ތަން އެނގުމުން، އެ ބަހުގެ އަހުލުވެރީން ދަތުރުކުރި މަގު ވެސް ފެންނަ ކަހަލައެވެ. ކޮންމެވެސް ތަނެއްގައި ސެންސުކުރިތުން ވާހަކަ ދެއްކި ބަޔަކު، ނުވަތަ އެ މީހުންނާ ކޮންމެ ވެސް ގުޅުމެއް އޮތް ބަޔަކު، ސިލޯނަށް ދާ ތަން ޕަޑާއާއި ޕާ، ޕަޔައަށް ބަދަލުވެގެންދާ ގޮތް ފާހަގަކުރެވުމުން އެ މަންޒަރު ވެސް ފެނިގެން ދެއެވެ. އަދި ޕާއާއި ޕަޔަ، "ފަޔަ"އާއި "ފައި"އަށް ބަދަލުވެގެން ދިޔަ ތަނުން، 'ޕާ'އާއި 'ޕަޔަ' ކިޔައި އުޅުނު ބަޔަކު ރާއްޖެ އައި ތަން ވެސް ފެނެއެވެ.

ދެން ސުއާލަކީ، ފަޔައާއި ފައި އޭގެ އަސްލު ޕާ، ނުވަތަ ޕަޔައާ އަޅައިކިޔާ އިރު ޕަޔައާ ބޮޑަށް ތިމާގެކަމަށް ފެންނަނީ ކޮން ލަފުޒެއް ހެއްޔެވެ؟ "ފަޔަ"ހެއްޔެވެ؟ ނުވަތަ "ފައި"ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ފަޔަ، "ޕަޔަ"އާ ބޮޑަށް ތިމާގެކަމަށް ބުނެވިއްޖެ ނަމަ، "ފަޔަ" ކިޔައި އުޅުނު ބަޔަކު "ފައި" ކީ ބަޔަކަށް ވުރެ ކުރީން ރާއްޖެ އައިކަމުގައި ބެލެވިދާނެހެއްޔެވެ؟ ނުވަތަ 'ފަޔަ' ކީ މީހުންގެ ތެރެއިން ބަޔަކު ފަހުން ރާއްޖޭގެ އެހެން ތަންތަނަށް ދިޔަކަމަށް ބެލެވިދާނެހެއްޔެވެ؟ މި ފަދަ ސުއާލުތަކަށް އެކަށީގެންވާ ރަނގަޅު ޖަވާބެއް ހޯދުމުގައި ބަހުގެ އިތުރަށް ބަލާން ޖެހޭ އެހެން ކަންކަން ވެސް ހުންނާނެތާއެވެ! އިހުގެ ތާރީޚެވެ. އާސާރިއްޔާތެވެ. އާސާރުތަކުގެ އިލްމެވެ. ކޮންމެއަކަސް، އެ ކަމުގެ އަހުލުވެރީންނަށް މި ސުއާލުތަކުގެ ޖަވާބު ހޯދުން ދޫކޮށްލަމުން ލިޔުން ނިންމައިލަމެވެ.

_____________________________

ލަފުޒެއްގެ މާނަ

އާސާރިއްޔާތު: ނ.   ތަނަކުން ފެންނަ ނުވަތަ ތަނެއް ކޮނެގެން ހޯދޭ އިންސާނީ ތާރީޚާއި ސަގާފަތާ ގުޅިފައިވާ ބިނާތަކާއި ލިޔުންތަކާއި ތަކެތި ފަދަ އާސާރުތައް ދިރާސާކުރާ ޢިލްމު

ޕިޖާމާ:     ނ.  ނިދާން ލާ ހެދުމެއް.  މި ހެދުމުގައި އެކުލެވެނީ ދޫ ހަރުވާޅަކާއި ދޫ ގަމީހެކެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް