ad_banner
މި ޤަރުނުގައި ހިފާ އެންމެ ދިގު ފުރިހަމަ އިރުކޭތަ

ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ

2 އޯގަސްޓް 2025

މި މަގާލު ލިޔުއްވި ލިޔުންތެރިޔާ ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ

ކޭތައާ ބެހޭ ގޮތުން ވާހަކައެއްދައްކާ ނަމަ، އެންމެ ފުރަތަމަ މި ކަމާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އެއްވެސް ވަރަކަށް އެ ކަމަށް އިޝާރާތްކުރައްވައިފައި ވޭތޯ ބަލައިލުން މުހިންމުކަމަށް ދެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. 

(أَلَمْ تَرَ إِلَى رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاء لَجَعَلَهُ سَاكِنًا ثُمَّ جَعَلْنَا الشَّمْسَ عَلَيْهِ دَلِيلًا ! ثُمَّ قَبَضْنَاهُ إِلَيْنَا قَبْضًا يَسِيرًا)

([ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހިޔަނި ފަތުރުއްވައިފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވި ނަމަ، ހިމޭންވެ ހުންނަ އެއްޗެއްކަމުގައި، އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް، ދަލީލެއްކަމުގައި ތިމަންރަސްކަލާނގެ އެ، އިރު ލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ حضرةއަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ.]) (سورة الفرقان:45~46)

ދެން އަޅުގަނޑު ބަލައިލާނީ މި އާޔަތުން އިޝާރާތްކުރައްވައިފައިވާ ކޭތައަކީ ކިހިނެއް ހިފާ އެއްޗެއްކަމެވެ. އިރުކޭތައެއް ހިފޭނީ ވެސް ވަރަށް ޚާއްޞަ ޙާލަތަކެއް އިރާއި ހަނދަށް ދިމާވެގެނެވެ. ޢިލްމީ ޙަގީގަތަށް ބަލާ އިރު، އިރުކޭތައެއް ހިފުމަށް ޓަކައި އުފަންވާންޖެހޭ ފުރަތަމަ ރުކުނަކީ ހަނދުމަހެއް ނިމި އާ މައްސަރެއް ފެށުމެވެ. ހަމަ މިއާ އެކު، އިރާއި ހަނދު އިޤުތިރާންވުން (ނުވަތަ ކޮންޖަންކްޝަންވުން ނުވަތަ އެއްއުއިވުން) ލާޒިމުކުރުވައެވެ.  އިރުކޭތައަށް ފަހު އާ ހަނދުމަހެއް އުފަންވުން ލާޒިމުކުރުވާނެއެވެ. އިރާއި ހަނދު އެކަތި އަނެކައްޗަށް ހުންނަ އިރުކޭތަ ހިފުމުގައި އަދާކުރަމުން ދަނީ ނުވަތަ ފުރިހަމަ އިރުކޭތައެއް (ޓޯޓަލް އިކްލިޕްސް)ހިފުމުގައި ދުރުމިން ވެސް ވަރަށް މުހިންމު ދައުރެއްއަދާކުރެއެވެ.

(1) ފުރިހަމަ އިރުކޭތަ ނުވަތަ އަމްބްރާ އިކްލިޕްސް:

ހަނދުގެ މައްސަރުގެ ދައުރާނާ (ދުނިޔެވަށައިގެން ހަނދު ޖަހަމުންގެންދާ ބުރު) ފުރިހަމަ ކުރުމަށް ޓަކައި އިރާއި ދުނިޔެއާއި ދޭތެރެއަށް ހަނދު ވަދެ، އެ ބުރު ފެށުނު މަޤާމަށް ހަނދަށް ވަދެވޭ އިރު ހަނދުގެ މަގާމު (ޕޮޒިޝަން) ހުރި ގޮތުން އަނދުން އުފަންވާ ހިޔަނި މުޅި އިރަށް އެޅޭ ޙާލަތުގައި އިރު ހުންނަ މަގާމު (ޕޮޒިޝަން)އަކުންނާއި އަދި ހަނދު ހުންނަ ޕޮޒިޝަނަކުން ބައެއް ޤައުމުތަކަށް އިރު ފެންނާނީ މުޅި އިރު އެއްކޮށް އަނދިރި ބޯޅަ އެއްގެ ސިފައިގައެވެ. މި ގޮތަށް ދިމާވާ މައިގަނޑު އެއް އަސާސަކީ ދުނިޔެ އާއި ހަނދު، ދުރުކައިރިވާ މިންވަރުގެ ސަބަބުންނެވެ.

މި ގޮތުން ބަލާ އިރު (ޕެރިގީ) އާދެ 363300 ކިލޯމީޓަރ ނުވަތަ 225700 މޭލާއި އެވަރޭޖްކޮށް ހަނދު ދުނިޔެއާ ދުރުކައިރިވިއަސް ބައެއް ޙާލަތުގައި 356500 ކިލޯމީޓަރާއި 221500 މޭލަށް ވެސް ދެންނެވުނު ދުރުކައިރި މިން ރެކޯޑުކުރެވިފާއިވާކަން ޒަމާނީ ސައިންސްގެ އަލީގައި ސާބިތުވެއެވެ. ހަމަ އެ ފަދައިން ދުނިޔެއާއި ހަނދު އެންމެ ދުރަށްދާ އިރު، އާދެ، ފަލަކީ އިސްތިލާޙުން ނަމަ (އެޕޮގީ)،405500 ކިލޯމީޓަރ ނުވަތަ 252000 މޭލު އެވަރޭޖްކޮށް ހަނދު، ދުނިޔެއާއި ދުރަށް ފޭވިކަމުގައި ވީނަމަވެސް 406700 ކިލޯމީޓަރު ނުވަތަ 252700 މޭލަށް ހަނދު ފޭވެފައިވާކަން ވެސް ޒަމާނީ ފަލަކީ ޢިލްމަށް ސާބިތުވެއެވެ.

ދެންނެވުނު އަސާސުތައް އެ ގޮތަށް ހުރުމާ އެކު، އިރުކޭތަހިފުމުގައި ފުރިހަމަ އިރުކޭތައެއް (ނުވަތަ ޓޯޓަލް އިކްލިޕްސްއެއް)ގެ ޙާލަތަށް ބަދަލުވެގެން ދެއެވެ. މި ޙާލަތަކީ ދުނިޔެއާއި ހަނދު އެންމެ ކައިރިވާ ދުވަސްވަރެވެ. މި ހާލަތުގައި ދުނިޔެއަށް ހަނދު ފެންނާނީ ދުނިޔެއާއި ދުރުގައި ހަނދު ހުންނަ އިރަށް ވުރެ 14 ޕަސެންޓް ހަނދު ބޮޑު ކޮށެވެ. އަދި 30 ޕަސެންޓް އަލިގަދަކޮށްވެސްމެއެވެ. މި ހާލަތުގައި ކިޔާނީ [ސުޕަރ މޫން]އެވެ. ނުވަތަ މާހަނދެވެ.

(2) ޕާރޝިއަލް  އިކްލިޕްސް ނުވަތަ ވަޅިހިޔަނި ކޭތަ:

މިގޮތަށް އެދިމާވަނީ ހަނދުގެ ހިޔަނީގެ ބައެއް، އިރަށް އެޅޭ ގޮތަށް ބައެއް ޤައުމުތަކަށް ފެންނަ ގޮތް ދިމާވުމުންނެވެ. މި ގޮތަށް ވެސް އެ ގޮތް އެ ދިމާވަނީ އިސްވެ ބަޔާންކުރެވުނު އަސާސްތަކުގެ މައްޗަށް އިރުގެ ޑިކްލަނޭޝަނާއި ހަނދުގެ ޑިކްލަނޭޝަނާއި އަދި އިރުގެ ޖީއެޗްއޭއާއި ހަނދުގެ ޖީއެޗްއޭގެ ސަބަބުން [ލޯކަލް އަވަރ އޭނގަލް]އަށް އާދެ ދުނިޔޭގެ ބައެއް ޤައުމުތަކަށް އެ އޭންގަލް ފޯމްވާ ގޮތުން ދިމާވާ ގޮތެކެވެ. މި ޙާލަތުގައި އަޅުގަނޑުމެންނަށް ފެންނާނީ އިރުގެ އެއް ބަޔަށް އަނދިރި ވަމުންދާ ތަނެވެ. އެއީ ހަނދުގެ ހިޔަނީން އެއްބައި އިރުގެ އެ ފަޅިޔަށް އެޅިގެންދާތީ ފެންނަ ގޮތެވެ.

(3) ރިންގް އިކްލިޕްސް ނުވަތަ އަނގޮޓި ކޭތަ:

 އިރުކޭތަ

އަނގޮޓި ކޭތަ (ނުވަތަ ރިންގް އިކްލިޕްސް) އިރުކޭތަ ހިފާން ދިމާވާ ސަބަބކީ ދުނިޔެއާއި ހަނދު އެންމެ ދުރަށްދާ ދުވަސްވަރުގައި ކޭތައެއްހިފުމުގެ ކުރީން ދެންނެވުނު ސަބަބުތައް ފުރިހަމަވުމުންނެވެ. މި ގޮތަށް ދިމާވުމުން ދުނިޔެއަށް ހަނދު ފެންނާނީ ހަނދު ދުނިޔެއާއި ކަރީގައި ހުންނަވަރަށްވުރެ 14 ޕަސެންޓް ކުޑަވުމުން ހަނދުގެ ހިޔަނި އިރަށް އެއްކޮށް އެޅިފައި ހުންނައިރު އިރު އެއްކޮށް ކަވަރުނުވެ (ނުފޮރުވުމުން) އިރުގެ ވަށައިގެން ރިންގެއްގެ ގޮތުގައި ދިއްލިފައި ހުންނަ ގޮތަށް ފެންނާތީ ފަލަކީ އިސްތިލާޙުގައި ބޭނުން ކޮށް އުޅޭ ނަންތަކުގެ ތެރެއިން ބޭނުން ކުރާ ނަމެކެވެ.

އަދި ދިވެހިރާއްޖެއަށް އެންމެ އަވަހަށް ފެންނާނެ އިރު ކޭތަ:

ފަލަކީ ގޮތުން ބަލާއިރު ރާޖެއަށް އެންމެ އަވަހަށް ފެންނާނެ އިރު ކޭތައަކީ 2027 އޮގަސްޓު 2ގައި ހިފާ، މި ޤަރުނުގެ އެންމެ ދިގު ފުރިހަމަ ކޭތައެވެ. ނަމަވެސް ރާއްޖެއަށް ފެންނާނީ ޕާޝިއަލް އިރުކޭތައެއްގެ ގޮތުގައެވެ. އަދި މިޕާޝިއަލް ކޭތަ ހިފަން ފަށާވަގުތަކީ 2 އޯގަސްޓް 2027 ދުވަހުގެ 15:26 ގައެވެ. އަދި ވީއްލާ ވަގުތަކީ ހަމަ އެދުވަހުގެ 17:35ގައެވެ. އަދި މި ކޭތަ 100އަށް ވުރެ ގިނަ ޤައުމުތަކަށް ފެންނަ އިރު، 11 ޤައުމަކަށައް ފުރިހަމަ އިރުކޭތަ ނުވަތަ [ޓޯޓަލް ސޯލާރ އިކްލިޕްސް]އެއްގެ ގޮތުގައި ފެންނާނެއެވެ. އަދި މިޞުރުގެލަގްޒައަށް ހަ މިނެޓް 23 ސިކުންތު ވަންދެން ޓޯޓަލް އިކްލިޕްސް ނުވަތަ ފުރިހަމަ ކޭތައެއްގެ ގޮތުގައި ވެސް ފެންނާން ހުންނާނެއެވެ. އަދި މި ވަގުތު ކޮޅުގައި މިޞްރުގެ ލަގްޒަގައި ރޭގަނޑުގެ ފުރިހަމަ އަނދިރިކަން އިޙުސާސްކުރެވެމުންދާނެއެވެ.

މި އިރުކޭތައަކީ ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ހިފާނެ އެންމެ ދިގު ފުރިހަމަ ކޭތަކަން ވެސް އިތުބާރުހުރި ފަލަކީ ޙިސާބުން ވަނީ ދެނެގަނެވިފައެވެ. ދެން އެންމެ އަވަހަށް މިފަދަ ކޭތައެއް ހިފާނީ 2186ގެ ޖުލައި މަހުގައެވެ. ެ ދުވަހު ހަތް މިނެޓް 29 ސިކުންތު ގެދިގުމެއްގައި ފުރިހަމަ އިރުކޭތައެއް ހިފާނެކަން ވެސް ފަލަކީ ހިސާބުތަކުން ސާބިތުވެއެވެ.

ހަނދު ކޭތަ ހިފުން:

 ލޭރަތް ހަނދުކޭތަ: އަންނަ ސެޕްޓެންބަރު މަހު ހަތްވަނަ ދުވަހަށް ކަލަންދަރުގައި ފާހަގަކުރައްވާށެވެ!

ހަނދުކޭތަހިފާ ޙާލަތަކީ ހަނދާއި އިރު 180 ޑިގްރީގެ އެންގަލްއަކަށް ހަނދު ދުނިޔެވަށައިގެން ޖަހާ ބުރުގައި އެންގަލްއަށް ހަނދު ދިއުމުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމުން ހަނދު ކޭތައަކަށް ވަނީއެވެ. މި ޙާލަތުގައި ވެސް އިރުކޭތަހިފުމަށް ބޭނުންވާ ބައެއް ޝަރުތުތައް ފުރިހަމަވުން ލާޒިމުކުރުވައެވެ. ހަނދުކޭތަހިފުމަށް ޓަކައިއި ފުރިހަމަ ހަނދަކަށްވުން ލާޒިމުކުރާނެއެވެ. އެއީ ހަނދު މަހެއްގެ 14 ވިލޭރޭގެ ހަނދެވެ. މި ނޫން ޙާލަތެއްގައި ހަނދު ކޭތައެއް ނުހިފޭނެއެވެ.

ހަނދުކޭތައިގެ ވައްތަރުތަކަށް ބަލާ އިރު، ހުންނަނީ، ފުރިހަމަ ކޭތައާއި، ކަޅުހިޔަނި ކޭތައާއި ފަނޑު ހިޔަނި ކޭތައެވެ.

މީގެ ތެރޭގައި ރެޑްބްލަޑް މޫން ނުވަތަ ލޭރަތްކުލައިގެ ހަނދުކޭތައަކީ ވެސް ފުރިހަމަ ކޭތައިގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ހަނދަށް ރަތްކުލައަރާ ސަބަބަކީ އިރުން އަންނަ ބައެއް ދޯދި ޝޯޓްވޭވް ރޭޑިއޭޝަން ދޯދިތައް ދުނިޔޭގެ އެޓްމޮސްފިޔަރއަށް ވަންނަ އިރު ދުނިޔޭގެ ފަށަލަތަކުގެ ތެރެއަށް އެ ދޯދިތައް ވަންނަ އިރު، ފެތުރިގެންދާ ދިއުމުގެ ތެރެއިން ލެބިގެން (ރިފްރެކްޝަން) ގޮސް ހަނދަށް ނުފޯރާތީ ދިމާވާ ގޮތެކެވެ. އެ ދޯދިތައް ދުނިޔޭގެ ފަށަލަތަކަށް ވަންނަ އިރު، އެ ދޯދިތައް ލެބިގެންދާ ގޮތް މެދުވެރިކުރުވަނީ ރިފްރެކްޝަންގެ ސަބަބުންނެވެ. އަދި ބައެއް ދޯދިތައް އެޓްމޮސްފިއަރގެ ތެރެއަށް އެބްޒޯބްވެގެން ވެސް ދެއެވެ. މި ގޮތަށް އެންމެ ފަސޭހައިން ގެއްލި ހުސްވަނީ ނޫކުލަ އުފައްދާދޭ ޝޯޓްވޭވްގެ ރޭޑިއޭޝަންގެ ދޯދިތަކެވެ. ނަމަވެސް ލޯންގް ވޭވް ރޭޑިއޭޝަން ދޯދި ރަތްކުލަ ނުވަތަ އޮރޭންޖް ކުލަ އުފައްދައިދޭ ދޯދިތައް ލެނބިގެން ދަނީ ހަނދާ ދިމާއަށްކަމަށްވާތީ މި ޙާލަތުގައި ހަނދުކޭތަހިފަމުންދާ އިރު، ހަނދު ފެންނާނީ ރެޑްބްލޑް ހަނދެއްގެ ނުވަތަ ލޭރަތް ހަނދެއްގެ ގޮތުގައެވެ.

2025 ސެޕްޓެންބަރު 7ގައި ހިފާ ހަނދުކޭތަ:

2025 ސެޕްޓެންބަރު 7ގައި ހިފާ ހަނދުކޭތައަކީ ރާއްޖެއަށް ފެންނާނެ ޕާޝިއަލް ކަޅުހިޔަނި ކޭތައެކެވެ. މި ކޭތަ ފަނޑުހިޔަނި ކޭތައެއްގެ ގޮތުގައި ހިފާން ފަށާނީ ރާއްޖޭ ގަޑީން ރޭގަނޑު 20:28:25ގައެވެ. އަދި 21:27:09 ގައި ޕާޝިއަލް ކަޅުހިޔަނި ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. އަދި 22:30:48ގައި ފުރިހަމަ ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. 23:11:47ގައި ފުރިހަމަ ކޭތައަކަށް ބަދަލުވެ ރެޑްބްލަޑް މޫންއަކަށް ބަދަލުވެފައި ހުންނަ ތަން ފެންނާނެއެވެ.

23:52:51 ވަންދެން ފުރިހަމަ ކޭތައެއްގެ ގޮތުގައި މިރެޑްބްލަޑް މޫން ކޭތަ ދެމިހުންނާނެއެވެ. އެއަށް ފަހު، 2025 ސެޕްންބަރު 8ގެ 00:56:31 ގައި ޕާޝިއަލް ނުވަތަ ކަޅުހިޔަނި ކޭތަ ނިމިގެންދާނެއެވެ. އެއަށް ފަހު، ފަނޑުހިޔަނި ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. 01:55:08 ގައި ފަނޑުހިޔަނި ކޭތަނިމި އާދައިގެ 14ވިލޭރޭގެ ހަނދަކަށް ހަނދު ބަދަލުވާނެއެވެ.

ފަނޑުހިޔަނި ކޭތައަކީ ޢާންމު ޙާލަތުގައި ގިނަ ބަޔަކަށް ދެނެގަތުން އުދަނގޫ ވައްތަރެއްގެ ކޭތައެކެވެ. އެހެނީ ފަނޑުހިޔަނި ކޭތައަކީ ދުނިޔެއިން ފާޅުވާ ދެހިޔަނީގެ ތެރެއިން އެންމެ ފަނޑުކޮށް ފާޅުވާ ހިޔަނި ހަނދަށް އެޅުމުން ހިފާ ކޭތައަށްވީމާ ހަނދަށް މާބޮޑު ބަދަލެއް އައިސްފައި ހުންނަކަން ފާހަގަނުކުރެވޭތީއެވެ. މިއީ ޕެނަމްބަރަލް އިކްލިޕްސްއެވެ.

މި ރެޑްބްލަޑް މޫން ނުވަތަ ލޭރަތް ހަނދުކޭތައަކީ މުޅި ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށް ވެސް ފެންނާނެ ހުރިހަމަ ހަނދު ކޭތައެކެވެ.

ހަނދު ކޭތަ ނުވަތަ އިރުކޭތަ ހިފާނީ އިސްވެ ބަޔާންކުރެވުނު ޙާލަތްތަކުގައި އެކަނިކަން ވެސް ކިޔުންތެރީންގެ މަޢުލޫމާތަށް ޓަކައިއި ދަންނަވަމެވެ. ޢިލްމީގޮތުން ސާބިތުވާ ގޮތުގައި މިހާރު ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި 3.78 ސެންޓިމީޓަރ (1.5 އިންޗި) ދުނިޔެއާ ދުރަށް ހަނދު ފޭވަމުން ދާކަން ވެސް ފަލަކީ ޢިލްމަށްވަނީ ކަށަވަރު ކުރެވިފައެވެ. މި ގޮތަށް ދިމާވާ ސަބަބަކީ ދިޔަވަރަށް އަންނަ ބަދަލުގެ ތެރެއިން ދުނިޔެ އެނބުރެމުން އުފައްދައިދޭ ހަކަތައިގެ ސަބަބުން ހަނދުގެ އޯބިޓުން މަޑުމަޑުން ހަނދު ބޭރަށް ކޮށްޕައިލަމުން ފޭކުރަމުން ގެންދާތީ ދިމާވާ ގޮތެއްކަން ވެސް ފަލަކީ ޢިލްމަށް ހަމަވެއެވެ. އަދި މި ކަމުގެ ނަތީޖާއަކީ އެތައް މިލިއަން އަހަރެއްގެ ފަހުން ވަރަށް އަވަސްއަވަހަށް ހަނދުކޭތައާއި އިރުކޭތަހިފުމެވެ. އެހެންކަމުން އެންމެ ފަހު ޒަމާނުގައި އިރުކޭތައާއި ހަނދުކޭތަ ހިފުން ވަރަށް ބޮޑަށް އިތުރުވާނެކަމަށް ފަލަކީ ޢިލްމުން ސާބިތުވެއެވެ.

ކޮމެންޓު