ad_banner
ފަލްސަފާ (8)

އަސްމާ އަބޫބަކުރު

3 އޯގަސްޓް 2025

ފަލްސަފާ - 8

(2025 ޖުލައި 27ގެ ޢަދަދާ ގުޅޭ)

[ޖީލައްތަ ހާދަ ރަނގަޅޭ. އަހަރެން ހިތަކަށް ނާރާ ތިޔައީ ތިޔަހައި ރަނގަޅު މީހެއްކަމަކަށް.] އަހަރެން އަތުގައި ހިފައިގެން އޮވެ ޒިދުނާ ބުންޏެވެ.

[ޒިދުނާގެ ޢާއިލާގެ މީހަކު ވެސް ނެތްތަނެއްގައި އަހަރެން ނޫން އިތުރު މީހަކު ނުހުންނާނެތާ. އެހެން ނޫނަސް އިންސާނިއްޔަތުކަން ވެސް ހުންނަންވާނެއްނު.] އަހަރެންގެ ވާހަކައަށް ޒިދުނާ ބޯޖަހައިލަޖަހައިލާ އޮތެވެ. ހޮސްޕިޓަލްގައި ތިން ދުވަހު އޮތް އިރު،  ގިނަ ވަގުތު ޒިދުނާ ގާތުގައި އަހަރެން އިންނަމެވެ. އަންހެނަކު ބަލިވީމާ ބަލާން ފަސޭހަވާނީ ވެސް އަންހެނަކަށެވެ.

ހޮސްޕިޓަލުން ދޫކޮށްލި ފަހުން ދެތިން ދުވަސް ވަންދެން ޒިދުނާގެ ޚަބަރެއް ނުވެއެވެ. އާލިފު ގިނަ ވަގުތު ހޭދަކުރަނީ ޒިދުނާ ގޭގައެވެ. އަހަރެން ދެކޭ ގޮތުގައި މިއަދު ޒިދުނާއަށް އެހީވާން ހުރީ ވެސް އާލިފެވެ. އެހެންވީމާ، ވަގުތެއް ލިބޭ އިރަށް އޭނާ ގާތުގައި އާލިފު ހުރުން މުހިންމެވެ. އާލިފު އަހަރެންގެ ގެއަށް ނަޔަސް އެ ކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އޮފީހަށް ނުގޮސް އަނބިމީހާ ބަލިވީމާ އޭނާގެ ޚިދުމަތުގައި އާލިފު ހުރުމުން އަހަރެން ފަޚުރުވެރިވަމެވެ.

އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެއް ދުވަހަކު އާލިފު ގެއަށް އައުމުން އަހަރެން ތަށިބަރިއެއް ތައްޔާރުކޮށްފައި ޒިދުނާއަށް ގެންގޮސް ދޭށޭ ކިޔައިފައި ދިނީމެވެ. އަހަރެން ތައްޔާރު ކުރި [ބަޓަރ ޗިކަން]އާއި ނާނު ފޮނުވާ ހިތްވީ ޒިދުނާއަށް މީރު އެއްޗަކަށްވީމައެވެ.

[ޒިދުނާ ބުނެފި އެއްވެސް މީހަކު ދޭ އެއްޗެއް ނުކާނަމޭ. އެއްވެސް އެއްޗެއް ނުގެންނާށޭ.] އާލިފު އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. ހިތަށް އެރިއެވެ. އަނެއްކާ ކޮން ކަމެއް ލައިގަތީބާއެވެ.

[އެކަމަކު ޒިދުނާއަށް ވަރަށް މީރު އެއްޗެއް މިއީ. ކުޅި މަޑުކޮށް ބަޓަރ ޗިކަން ހެދީ ވެސް." އަހަރެން އެހެން ބުނުމުން އާލިފު އަހަރެން އަތުގައި ހިފައިގެން އެނދުގައި އިށީނެވެ.

[ޖީލާން އެއްޗެކޭ ހީނުކުރައްޗޭ. ޒިދުނާ ކުރީން މާލޭގައި އުޅުނު އިރު މީހަކު އޭނަޔަށް ސިހުރު ހެދި ވާހަކަ ކިޔެއްނު. މިހާރު ވެސް އޭނާ ހިތަށްއަރަނީ ގިނައިން ހޮޑުލެވެނީ ސިހުރުގެ ސަބަބުންކަމަށް. އެހެންވެ އެއްވެސް ތަނަކުން ގެންނަ އެއްޗެއް ނުކާނަމޭ ކިޔަނީއެ." އެހެން ބުނާއިރު ވެސް ޒިދުނާ ގެއަށް އިތުރު ތަނަކުން ކާން ގެންދާނީ އަހަރެން ކައްކާ އެއްޗެކެވެ. އެހެންވީމާ ޒިދުނާއަށް ސިހުރު ހަދަނީ އަހަރެންކަމަށް ޒިދުނާ ބުނާނެއެވެ.

[ދެން ޒިދުނާ އަމިއްލަ އަށް ކައްކައިގެންތަ ކަނީ؟]

[ނޫނޭ. އަހަރެން މިހާރު ކައްކައިފައި ކާންދެނީ.] އާލިފު އެހެން ބުނުމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާލިފަށް ޔަގީނުން ވެސް ކެއްކުމުގެ އެއްވެސް މަސައްކަތެއް ކުރާކަށް ނޭނގޭނެއެވެ. އަހަރެން އާލިފު ލައްވައި ދުވަހަކު ވެސް ބަދިގޭގެ މަސައްކަތެއް ނުކުރުވަމެވެ. މިހާރު ކައްކާން ދެން ދަސްކުރީކަން ނޭނގެއެވެ.

އަނބިމީހާ ބަލިވީމާ ނޫނީ އެހީތެރިކަމެއް ބޭނުންވާ ހިނދު ވެސް އެންމެ ގާތުގައި ހުންނާންވާނީ ފިރިމީހާއެވެ. އެކަމަކު އަހަރެން ވެސް މިއީ އާލިފުގެ އަންހެނުންނެވެ. އަހަރެން ބަނޑުބޮޑުވެ ހޮޑުލާ އިރު ވެސް ކައްކަނީ އަމިއްލައަށެވެ. އާލިފު ވެސް ދެ އަނބީން މެދުގައި ހާދަ ތަފާތެއް ގެންގުޅެއެވެ. އަހަރެން އެއްޗެކޭ ނުބުނެ ކުޑަމީހާ ރޮނީއޭ ކިޔައިފައި އިތުރަށް އާލިފު ގާތު އިންނަ ހިތް ނުވެގެން ދުރަށް ދިޔައީއެވެ.

ޒިދުނާއަކީ ކޮންކަހަލަ އަންހެނެއްހެއްޔެވެ؟ އަހަރެން އާލިފު ލައްވައި ކުރާން ބޭނުންނުވި ހުރިހައި ކަމެއް އޭނާ އާލިފު ލައްވައި ކުރުވަމުން ގެންދެއެވެ. އެ ގޭގައި ކެއްކުމާއި އެއްޗެހި ދޮވެ އިސްތިރިކުރަނީ އާލިފެވެ. ގޭ ސާފުކުރަނީ އާލިފެވެ. ޒިދުނާއަށް ލިބުނު ފުރުޞަތުގައި އާލިފު އަންހެނަކަށް ހަދައިފިއެވެ. އަހަރެން ގޭގައި އާލިފަކީ ސާހިބެކެވެ. ޒިދުނާ ހެދީ ނޯކަރަކަށެވެ. 

[ޖީލާން. އަހަރެން ވަރަށް ވަރުބަލިވެއްޖެ. ތަންކޮޅެއް ގިނަ އިރު ނިދާން ބޭނުންވަނީ.] އާލިފު ފެނުމުން ވެސް އަހަރެންނަށް ވިސްނުނީ އޭނާ މޫނުމަތި ހުރި ގޮތުން ހަގީގަތުގައި ވެސް އާލިފަށް ރެސްޓެއް ބޭނުންވާނެކަމަށެވެ. މުޅި މީހާ އެ ހުރީ ބަލިވެފައެވެ. ގޭގައި ހުންނަ ރުއްތައް ވެސް ތިރިކަން ނަސީބެވެ. އަތްޖެހޭ ހިސާބުގައި ހުރި ކުރުނބާ އިހަލުން ކުރުނބާއެއް އަޅައިގެން އައިސް އެ ހަދައިފައި ފެންތަށްޓެއް ގެނެސް އަފަމޯލް ގުޅައަކާ އެކު ދިނީމެވެ.

[ކީއްކުރާ ބޭހެއް؟] އާލިފަށް އަހައިލެވުނީ އަހަރެން އެއްޗެއް ނުބުނެ ބޭސް ގެނެސް ދިނީމައެވެ.

[އަލިފަށް ނޭނގުނަސް އާލިފު ތިޔަ ހުރީ ހުންވައްތަރުވެފައި.] އަހަރެން އާލިފުގެ ކަނދުރާގައި އަތްޖައްސައިލައފައި އެހެން ބުނުމުން އެއްޗެއް ނުބުނެ ކުރުނބާ ފެން ތަށްޓާ އެކު ބޭސްކައިފިއެވެ. އަހަރެންގެ އާލިފުގެ ފައިގައި ބާމުކޮޅެއް އުނގުޅައިފައި ނިދާށޭ ކިޔައިފައި ގައިގައި ރަޖާ އަޅައިފައި ކޮޓަރީން ކުދީން ގޮވައިގެން ނިކުތީއެވެ. އެ ދުވަހު އާލިފު ނިދާ ހޭލަންދެން އަހަރެން އުޅުނީ ކުދީން ގޮވައިގެން ސިޓިންގރޫމްގައެވެ.

[ދަރިފުޅާ ޖީލާން. މިއަދު ކިހިނެއްވީ. އަބަދު ސިޓިންގރޫމްގައި ތިޔަ އިންނަނީ. އާލިފާ ރުޅިހަދައިގެން އުޅޭ ދުވަހެއްތަ؟] މަންމައަށް އަހަރެން އުޅޭ ގޮތުން ހީވި އެއްޗެއް ބުންޏެވެ.

"ނޫން. މަންމާ. އާލިފު ނިދާން ބޭނުންވެގެން އުޅޭތީ ކުދިވެރީން ގޮވައިގެން އަހަރެން ނިކުތީ. އާޒު ވެސް ނުހުންނާނެ ކޮޓަރީގައި މަޑަކުން.] މަންމަ އަހަރެމެންގެ ހަގު ދަރިފުޅު ގޮވައިގެން މަންމަގެ ކޮޓަރިއަށް ނިންދުވާން ދިޔުމުން އަހަރެން އިނީ އާޒު ގޮވައިގެން ކުޅޭށެވެ. އަހަރެންގެ ފޯން ރިންގުވާން ފެށުމުން ބަލައިލި އިރު، ގުޅަނީ ޒިދުނާއެވެ. އާލިފު މިއަދު ފޯނު ނިއްވައިލައިފައި ނިދާން އޮތުމުން އެ ފެށީ އަހަރެން ފޯނަށް ގުޅާށެވެ.

އަހަރެން އެ ފޯނު ނަގާ ހިތެއް ނުވިއެވެ. އަހަރެންގެ އަޑު ޖެހުމުން ޒިދުނާއަށް ސިހުރު ޖެހޭނެކަމަށް ޒިދުނާ ބުނެފާނެއެވެ. ދިހަ ވަރަކަށް ފަހަރު ގުޅައިފައި ދެން އަންނާން ފެށީ މެސެޖުތަކެވެ.

[ކަލޭ ތިހުންނަނީ އަހަރެންގެ ފޯން ނުނަގަން ހުވާކޮށްގެންތަ؟ އަހަރެން މި ގުޅަނީ ކަލޭ ހޯދާކަށް ނޫން. އަހަރެންގެ ފިރިމީހާ ހޯދަން.] އެއީ ޒިދުނާގެ އެއް މެސެޖެވެ. އަހަރެން އަޅައިވެސްނުލަމެވެ. ވައިބަރާއި ވަޓްއެޕުން ވެސް މެސެޖު ފޮނުވިއެވެ. އަހަރެން އަޅައިނުލައި ހުރީ އެއްޗެއް ބުނުމަށް ވުރެ ނުބުނުން ރަނގަޅުވާނެތީއެވެ.

އަދި އެއް މެސެޖުގައި ވަރަށް ހުތުރު ބަހުން ވެސް އެއްޗެހި ކިޔައިފައި އޮތެވެ. އެ ކަމާ އަހަރެން އަޅައެއްނުލަމެވެ. ޖާހިލުންނަށް އެއްޗެއް ބުނާމީހާ ވެސް ވާނީ ޖާހިލަކަށްތާއެވެ.

އާލިފު ނިދައި ހޭލިއިރު ހުރީ ހަމަޖެހިފައެވެ. މީހާ ތާޒާވެއްޖެއެވެ. ފެންވަރައިގެން ނިކުތުމުން އަހަރެން ކާން ހަދައިދިނުމުން އާޒު ގޮވައިގެން ގޮސް ކާން އިށީނެވެ. އާޒު ވެސް އޭނާ ބައްޕަ ކާންދޭން ފަށާއިރަށް މަޑުން އިނދެގެން ކާނެއެވެ.

[އާރާ ކޮބާ؟] މި ހަފުތާ ތެރޭގައި ފުރަތަމަ ފަހަރަށް ހަގު ދަރިފުޅުގެ ވާހަކަ އާލިފު އެހުމުން އަހަރެން ހައިރާނެއް ނުވެއެވެ. އާލިފަށް އަހަރެންގެ ކުދީން އެހައި މުހިންމެއް ނޫންކަން އެނގޭތީއެވެ.

[މަންމަ ގެންދިޔައީ އެކޮޓަރިއަށް ނިންދުވަން.] އޭރު އާޒު ކައިގެން އަނެއްކާ ވެސް ކުޅޭން ހިނގައްޖެއެވެ. ކާމޭޒު ކައިރީ އަހަރެމެން އެކަނިވުމުން އާލިފު ވާހަކަ ފެށިއެވެ.

[ކުދީން ގޮވައިގެން ވާނެ މިއަދު ހަވީރު ބޭރަށް ނިކުމެލާން. އަހަރެން ވެސް ޒިދުނާ ގޭގައި މާ ގިނަ ވަގުތު ހޭދަކުރެވޭ. އެހެންވެ މިއަދު ކޮންމެހެން ހަދައިފައި ވެސް ކުދީންނާ ޖީލާނާ އެކު، ވަގުތުކޮޅެއް ހޭދަކުރާން ބޭނުން. ހަވީރު ހަތަރުގަޑި ބަޔަށް ރެޑީވެގެން ތިބެއްޗޭ.] އެހެން ބުނެފައި އާލިފު ވަރަށް ހިނިއައިސް އިނދެގެން އޭނާގެ ހިތުން ވަރަށް މޮޅުވެފައި ދެއްކީ އަހަރެން އެންމެ ހިތްހަމަ ނުޖެހޭ ވާހަކަތަކެވެ.

[ޖީލާނަށް އެނގޭތަ. އަހަރެން މިހާރު ދަސްކޮށްފީން ނޫޑްލްސްއާ، ބަތް، ގަރުދިޔަ އެއްޗެހި ކައްކާން.] އަހަރެން ހިތަށް އެރިއެވެ. އާލިފަށް މަޖުބޫރުވީމާ ކައްކާނެތާއެވެ.

[އާލިފަށް އިސްތިރިކުރަން ވެސް އެނގޭ، މިހާރު އެއްޗެހި ވެސް ދޮވެވޭ ނޫންތަ. އަނބިމީހާ އަށް އެކަންކަން ދަސްކޮށްދޭނަމަ މާރަނގަޅުވާނެ.]

ޒިދުނާ ގޭގައި ބާޒާރުކުރަނީ އާލިފެވެ. ކައްކަނީ އާލިފެވެ. އެއްޗެހި ދޮވެ އިސްތިރިކުރަނީ އާލިފެވެ. ޒިދުނާއަށް މިހާރު ތެދުވެގެން މަޑުމަޑުން މަސައްކަތްކޮށްލެވޭނެއެވެ. އެކަމަކު ފީ ކުކުޅެއް ހާލީގައި އޮންނަހެން ޒިދުނާ އޮންނަނީ ހާއްޔަށް ވަދެއެވެ. ދެން ކަމަކީ އަހަރެންނާ އަހަރެންގެ ދަރީންނަށް އެއްޗެހި ކިޔުމެވެ. އޭނަޔަށް ސިހުރުހަދަނީ އަހަރެންކަމަށް ބުނުމުން ވެސް އާލިފު އެއްވެސް އެއްޗެއް އޭނަޔާ ދިމާއަށް ނުބުނެއެވެ. ކައްކާ ތެލި ދޮންނާން އާލިފު ހުންނަ ފޮޓާ ރައްޓެހީންނަށް ސްނެޕްކުރުމުން އެ މީހުން އަހަރެން ގާތު އެ ވާހަކަ ބުނެއެވެ. އޭނާ ދެކެ ލޯބީން ހުރިހައި ކަމެއް ކޮށްދޭ ވާހަކަ އެންމެންނަށް ދައްކަމުންދާ އިރު، ޒިދުނާ އަމިއްލައަށް ފަޟީޙަތްވާކަމެއް އޭނާއަކަށް ނޭނގެއެވެ. 

ހަވީރު ފަހެއް ޖަހައިފިއެވެ. އާލިފެއް ނައެވެ. އާޒު ބައްޕަ ނައިސްގެން ރޯންފަށައިފިއެވެ. އާޒު ގާތުގައި ވެސް ބައްޕަ ހަވީރު އަންނާނަމޭ ކިޔައިފައި ދިޔުމުން އެ އުމުރުގެ ކުދީން ކިހައި ބޮޑާހާކާނެހެއްޔެވެ؟ އެންމެ ފަހުން އަހަރެން ދެ ކުދީން ގޮވައިގެން ޓެކްސީއެއްގައި ރަށުގައި ބުރުޖަހާން ނުކުމެއްޖައީމެވެ. ރަށުގެ ތުނޑީ ސަރަހައްދަށް ގޮސް ކުދީން ކުޅޭން ދޮންވެލިގަނޑުމަތީގައި އިށީނދެލުމުން ނަސީބަކުން އާޒު ވެސް އިނެވެ.

ހައެއް ޖެހުމުން ގެއަށް ދާން ޓެކްސީއަށް އެރުމާ އެކު ޓެކްސީ ޑްރައިވަރު ކިޔައިދިން ގޮތުގައި އެ ޓެކްސީގައި ޒިދުނާއާއި އާލިފު ހޮސްޕިޓަލަށް ލައިފައި އަންނާތީ ލަސްވީއެވެ. އެހެން ވެސް އާލިފު ގުޅައިފައި ބުނެނުލީ ކީއްވެބާއެވެ؟ އެ ރޭ އާލިފު ރޭގަނޑު އައުމުން އަހަރެން ރުޅިގަނޑު ކޮންޓުރޯލުން ނައްޓައިފިއެވެ.

[އަހަރެން ގާތު ކޮންމެ އެއްޗެކޭ ކިޔައިފައި ދިޔަޔަސް، ދަރީންނަށް ދޮގުހަދައިގެންނެއް ނުވާނެ. އެ ކުދީންގެ ކުރިމަތީގައި ބައްޕައެއްގެ އަގު ވައްޓައިލަމުން ތިޔަ ދަނީ އަމިއްލައަށް. އަދި އަލަށް އަންހެނަކު ބަނޑުބޮޑުވެގެން އުޅޭ ކަހަލަ ގޮތަކަށް މި ފެންނަނީ. އާލިފު ވެސް މިހާރު ޓީނޭޖު ކުއްޖެކޭ އެއްގޮތް. އަނބިމީހާ ޖެހިހާ މަޅިއެއްގައި ބެދެމުން ތާކުންތާކުނުޖެހޭ ކަންކަމުގައި ވެސް ހާސްވެގެން ހީވަނީ އެހެންކަމެއްހެން. އެ ގޭގައި ނޯކަރަކަށް ވެގެން އުޅޭން އާލިފަށް ތިހިރީ ކިހިނެއްވެފައިބާއޭ އަހަރެން ހިތަށްއަރާ. ތިމާގެ އަގު ހިފެހެއްޓުމެއް ވެސް ނެތް. ބަދިގެއަށް ބޭނުންވާ ހިކަނދިފަތްކޮޅު ގަންނާން ވެސް ފިހާރަށް ތިޔަ ދަނީ އާލިފު. އަހަރެން ގޭގައި އެހެންތަ އާލިފު އުޅެނީ."

[އަސްލު ޖީލާން ތިޔަ ކިޔަނީ ހައްގު އެއްޗެހި. ނޭނގެ އަހަންނަށް ވެސް ވާ ގޮތެއް. އެ ގެއަށް ދާ އިރަށް އަހަރެން ހުންނަނީ ޒިދުނާ ބުނެފިއްޔާ ބުނި ކަމެއް ކުރާ ހިތުން. ޒިދުނާ ނުރުހުންވެގެން އެއްޗެކޭ ބުނާން އަހަރެން ބޭނުމެއް ނުވޭ. ރުޅިއަތުވެއްޖެއްޔާ އެއްޗެހި ހަލާކުކޮށް ހެދީމާ އަހަރެން ގަނެދޭން ވެސް ޖެހެނީ؟] އާލިފު ކުށް ގަބޫލުކުރާ ގޮތަކަށް ވާހަކަދެއްކިއެވެ. (ނުނިމޭ)

ކޮމެންޓު