Advertisement

ކީރިތި ރަސޫލާ (ﷺ)ގެ ސިޔަރަތުގެ ބައެއް މުހިންމު މަގުފާހަގަތަކުގެ މައްޗަށް އަވަސް ކަޅިއެއް

30 Oct 2023 | 18:24
މަސްޖިދުއްނަބަވީ (ފައިލް ފޮޓޯ)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސިޔަރަތު މަތީން ހަނދާންކޮށްލާން ގަސްތުކުރާ އިރު، އެ އާދަޔާ ޚިލާފު ސިޔަރަތުގެ މުހިންމު މަގުފާހަގަތައް ހިތަށް އާދެއެވެ. މި މައުޟޫއަކީ، އެ ކަމާ ބެހޭ ގޮތުން ކުޑަ ތަފުސީލެއް ލިޔާ ނަމަ ވެސް، އެތައްއެތައް ހާސް ސަފުހާއެއް ފުރައިލެވިދާނޭ މައުޟޫއެކެވެ. ނަމަވެސް، އަޅުގަނޑުމެން ކަހަލަ، ކިޔުންތެރިކަމުގެ އާދަ ވަރަށް ވެސް ކުޑަކޮށް އޮތް ތަނެއްގައި، ދިގުކޮށް ލިޔާންވެއްޖެ ނަމަ، ގިނަ ބަޔަކަށް، ލިޔުން ބަލައިލުން އޮންނާނީ ބޮޑު ބުރަކަމަކަށް ވެފައެވެ. އެހެންވެ، ކުރުކޮށް ނަމަވެސް، އެކަލޭގެފާނުގެ ސިޔަރަތުގެ މުހިންމު މަގުފާހަގަތަކުގެ މައްޗަށް އަލިއަޅުވައިލާން ގަސްތުކުރަމެވެ. އެންމެ ފުރަތަމަ، އެކަލޭގެފާނުގެ ސިޔަރަތުގެ ވަށަ ރޮނގެކެވެ.

ކީރިތި ރަސޫލާ (ﷺ)ގެ ސިޔަރަތަކީ އަޅުގަނޑުމެން އެހާ ބީރައްޓެހި ސިޔަރަތަކަށް ނުވާނެއެވެ. ކޮންމެ ރޯދަ މަހެއްގައި އެ މާތް ސިޔަރަތު، ދިވެހި ރޭޑިޔޯގެ ޒަރީއާއިން، އަޅުގަނޑުމެންނަށް އިއްވެމުންދާތާ ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެހެން ހީވެއެވެ. އާދޭހެވެ! މަރްހޫމު ސަލާހުއްދީނު ދިވެހި ބަހުން ލިޔުއްވި ކީރިތި ރަސޫލާ (ﷺ)ގެ ސިޔަރަތުގެ ވާހަކަތަކެވެ. އެހެންވެ، މި ވާހަކަތަކަކީ މުޅިން އާ ވާހަކަތަކަކަށް ނުވާނެއެވެ. ނަމަވެސް، ވާހަކަތަކުގެ ހުށަހަޅައިލުމާއި އަމާޒު، އާންމުކޮށް އިވޭ ސިޔަރަތުގެ ވާހަކަތަކާ ތަފާތުވުން އެކަށީގެން ވެއެވެ.

ކީރިތި ރަސޫލާ (ﷺ)ގެ ސިޔަރަތުގެ ވާހަކަ ދައްކާއިރު، އެ ސިޔަރަތު ދެބަޔަކަށް ބަހައިލެވިދާނެއެވެ. ފުރަތަމަ ބަޔަކީ ނަބަވީ ދައުވަތުގެ ކުރީ ދައުރެވެ. ދެވަނަ ބަޔަކީ ނަބަވީ ދައުރެވެ. ނަބަވީ މި ދައުރު ވެސް ދެ މަރުހަލާއަކަށް ބަހައިލެވިދާނެއެވެ. ނަބަވީ ދައުވަތުގެ މައްކީ މަރުހަލާއާއި ނަބަވީ ދައުވަތުގެ މަދަނީ މަރުހަލާއެވެ.

ކީރިތި ރަސޫލާ (ﷺ)ގެ ސިޔަރަތުގެ ނަބަވީ ދައުރުގެ ކުރިއަށް ނަޒަރު ހިންގައިލާ އިރު، ލިބޭން ހުރި މައުލޫމާތު ވަރަށް ވެސް ކުޑައެވެ. ފަހުގެ ނަބަވީ ދައުރާ އަޅައިބަލާ އިރުއެވެ. އެނގޭން އޮތް މިންވަރަކީ އެކަލޭގެފާނު އުފަންވެވަޑައިގަތީ 'އެތުގެ ހަނގުރާމައިގެ ހާދިސާ' ހިނގި އަހަރުއެވެ. އެ ކަން ހިނގީ މީލާދީ ސަނަތުން 570 ނުވަތަ 571 ވަނަ އަހަރުއެވެ. އެ އަހަރު، ޔަމަނުކަރައިން ގެފުޅު ތަޅައިލައި ނެތިކޮށްލާން، އެތްތަކެއްގެ މަތީ ލަޝްކަރެއް އައެވެ. ނަމަވެސް، އެ މީހުންގެ މަގުސަދު ހާސިލު ނުވެ، އެ މީހުން ހަލާކުވެދިޔައީއެވެ. ކީރިތި ގުރުއާނުގައި ފީލު ސޫރަތުގައި މި ހާދިސާއަށް އިޝާރަތްކުރެވިފައިވެއެވެ. ދެން އެނގެނީ އެކަލޭގެފާނު އުފަންވެ ވަޑައިގަތީ މައްކާގައިކަމެވެ. ގުރައިޝެއޭ ކިޔުނު ގަބީލާގެ ވަންހަތަކުގެ ތެރެއިން ހާޝިމުވަންހައިގެ ތެރެއަށެވެ. ހާޝިމު ވަންހައަކީ ގުރައިޝީ ގަބީލާގެ ބަނޑުތަކުގެ، އެބަހީ، ބައިތަކުގެ، ތެރެއިން، ބަނޑެކެވެ. ނުވަތަ ބައެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބުކަމާއި ބައްޕާފުޅަކީ ޢަބްދުލްމުއްޠަލިބުގެ ފުތް ޢަބްދުﷲ ކަމެވެ. އަދި، އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީން، ބައްޕާފުޅު އަވަހާރަވިކަމާއި އަދި މަންމާފުޅު ވެސް އެކަލޭގެފާނުގެ އުމުރުފުޅުން ހަ އަހަރުގައި އަވަހާރަވިކަމެވެ. އެކަލޭގެފާނު އެންމެ ތުއްޕުޅުއިރު ބެލެހެއްޓެވީ އެކަލޭގެފާނުގެ ކިރުމައިކަމަނާއިން ކަމުގައިވާ ޘުވައިބަތުގެފާނާއި ހަލީމަތުގެ ފާނެވެ. ދެން، އެއަށްފަހު އެކަލޭގެފާނުގެ މަންމާފުޅެވެ. އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވުމުން އެކަލޭގެފާނުގެ ކާފާފުޅެވެ. އެކަލޭގެފާނުގެ އުމުރުފުޅުން އަށް އަހަރުފުޅުގައި އެކަލޭގެފާނުގެ ކާފާފުޅު އަވަހާރަވުމުން، ބޮޑުފުޅުވަންދެން އެކަލޭފެފާނު ބެލެހެއްޓެވީ ބޮޑުބޭބޭފުޅު އަބޫ ޠާލިބެވެ.

އުމުރުފުޅުން ވަރަށް ހަގު އިރުއްސުރެން އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވާން ފެއްޓެވިއެވެ. އެންމެ ފުރަތަމަ، ބޮޑުބޭބޭފުޅަށް އެހީތެރިވެވަޑައިގެން ބަކަރި ހުއިހެއްޕެވުމުގައެވެ. ފަހުން ވިޔަފާރީގައި އެހީތެރިވެދެއްވުމުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ވިހީގެ އަހަރުތަކަށް އެޅުނުއިރު، މައްކާގައި އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ވިޔަފާރީގެ މައިދާނުގައި މަސައްކަތްކޮށްދެއްވާ ވަރަށް ވެސް ތެދުވެރި ބޭކަލެއްގެ ގޮތުގައެވެ. އަލްއަމީނުގެ ގޮތުގައެވެ. އެހެންވެ، މައްކާގެ މުއްސަނދި ބޭކަނބަލެއް ކަމުގައިވާ ޚަދީޖަތުގެފާނު އެ ކަމަނާފާނުގެ ވިޔަފާރީގައި އެހީތެރިވެދެއްވާން ކީރިތި ރަސޫލާ(ﷺ)ގެ އަރިހުން އެދިވަޑައިގަތެވެ. އަދި، އެކަލޭގެފާނު އެ ކަން ގަބޫލުފުޅުކުރައްވައި އެ ކަން ކޮށްދެއްވިއެވެ. މި ކަމުގެ ނަތީޖާއަކަށްވީ ޚަދީޖަތުގެފާނު ކީރިތި ރަސޫލާ(ﷺ)ގެ އަރިހުން ކައިވެނިފުޅަށް އެދިވަޑައިގަތުމެވެ. ދެން، އެ ދެ ބޭފުޅުން ކައިވެނިފުޅުކުރެއްވިއެވެ. ތާރީޚީ މަސްދަރުތައް ބުނާ ގޮތުން، އެއިރު އިތުރުއެކަލޭގެފާނުގެ އުމުރުފުޅުން ފަންސަވީސް އަހަރެވެ. ޚަދީޖަތުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރެވެ. ބައެއް އިލްމުވެރީންގެ ނަޒަރުގައި އެ ކަމަނާ އެއަށް ވުރެ ތަންކޮޅެއް ހަގުފުޅު ވެސް ވެދާނެއެވެ. އެ ކަމަނާއަށް ލިބިވަޑައިގަތް ދަރިކަލުންނާއި ދަރިކަނބަލުންގެ އަދަދުގެ މައްޗަށް ބަލައި، އަދި އާންމު ގޮތެއްގައި އަންހެނަކު ދަރިމައިވުމުގެ އުމުރަށް ވެސް ރިއާޔަތްކޮށް، އެ ކަމަނާގެ އެ އިރުގެ އުމުރުފުޅަކީ، 35 އަހަރުކަމުގައި ވެސް، މި ދެންނެވި އިލްމުވެރީން ލަފާކުރައްވައެވެ. ސުންނީ މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ކަމަނާފާނު، ކީރިތި ރަސޫލާ (ﷺ)އާ ކައިވެނިފުޅުބައްލަވައިގަތުމުގެ ކުރީން ދެކައިވެންޏެއް ކުރައްވައި، ބޭފުޅުން ލިބިވަޑައިގަތެވެ.

ކީރިތި ރަސޫލާ(ﷺ)ގެ ތުއްޕުޅުއިރާއި އަދި ޅަ ޒުވާންއިރުގެ ދުވަސްތަކަށް ބަލައިލާ އިރު، އެ ދުވަސްތަކަކީ އެއް ގޮތަކަށް ވެސް މުއްސަނދި ހަޔާތެއްގެ ދުވަސްވަރެކޭ ނުދެންނެވޭނެއެވެ. އެ ދުވަސްވަރު ސިފަކުރުން ގާތީ ފަގީރު ދުވަސްވަރެކޭ ދެނެނެވުމާއެވެ. ނަމަވެސް ޚަދީޖަތުގެފާނާއި ކައިވެނިފުޅުބައްލަވައިގެން، އެ ކަމަނާގެ މުދާ އިސްތިސްމާރުކުރައްވައި ވިޔަފާރިގެ މަސައްކަތްޕުޅުގައި އުޅުއްވުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނުގެ އާންމު ދިރިއުޅުއްވުން، މީހުންގެ އެހީއަށް ބޭނުންފުޅުނުވާ، ފުދިވަޑައިގެންފައިވާ ދިރިއުޅުއްވުމަކަށް ބަދަލުވުމެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގެ މި ދުވަސްވަރަށާއި އަދި އެކަލޭގެފާނުގެ މި ދުވަސްވަރުގެ މައީޝަތަށް ޟުޙާ ސޫރަގުގައި އިޝާރަތްކުރެވިފައި ވެއެވެ. ފަގީރު ހާލުކޮޅެއްގައި އުފަންވެ ބޮޑުފުޅުވުމާއި އަދި ފަހުން އެ ހާލަތު ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށެވެ.

މި ދެންނެވި ގޮތަށް އެ ކަލޭގެފާނުގެ މައީޝީ ހާލަތު ބަދަލުވުމުން، މައްކާގެ އާންމު ހާލަތާ މެދު ވިސްނައިވަޑައިގަތުވުމުގެ ފުރުސަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. މައްކާގެ ދީނީ ހާލަތުގެ މައްޗަށެވެ. އެ މީހުންގެ ދީނީ އިއުތިގާދުތަކާއި ދީނީ ރަސްމުތައް، އެބަހީ އެއިތުގާދުތަކާއި ގުޅިފައި އޮންނަ ދީނީ އަޅުކަމުގެ ކަންކަމުގެ މައްޗަށެވެ. މި ކަންކަމުން، އެމީހުންގެ ފަރުދީ އަޚުލާގަށް ކުޑަކޮށް ވެސް އަސަރުނުކުރާ ކަމުގެ މައްޗަށެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ މުއްސަނދިކަމެއް ހޯދުމުގެ ރޭހުގައި އަވަދި ނެތި އުޅެ މުޖުތަމައުގެ އެހެން ފަރުދުންނަށް އަޅައިނުލުމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާގެ ކުރީ ކޮޅުގެ ސޫރަތްތަކުގައި މި ކަންކަމަށް އިޝާރަތްކުރެވިފައި ވެއެވެ. މިސާލަކަށް، ތަކާޘުރު ސޫރަތާއި ޟުޙާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތާއި، އަދި މާޢޫން ސޫރަތަށް ބައްލަވައިލައްވާށެވެ. މައްކާގެ ފަރުދިއްޔަތުގެ މި ގޮތް ނިޔާކުރީ މައްކާގެ މުޖުތަމައު ގިންތިތަކަކަށް ބެހިފައި އޮތުމެވެ. ފައިސާވެރި މުދާވެރި، ލިބޭ ބަޔަކާއި ފަގީރު ނިކަމެތި ބަޔަކަށެވެ. މި ދެވަނަ ބައިގެ ތެރޭގައި އެއްވެސް ހައްގެއް ނެތް، އަޅުން ވެސް ހިމެނުނެވެ.

ޚަދީޖަތުގެފާނާ ކައިވެނިފުޅުބައްލަވައިގަތުމަށް ފަހު، އިތުރު އެކަލޭގެފާނުގެ މައީޝީ ހާލަތު ރަނގަޅުވުމުން، މައްކާގެ މި ދެންނެވި މައްސަލަތަކުގެ މައްޗަށް ވިސްނުމުގެ ފުން ނަޒަރެއް ހިންގަވައި އެ ކަންކަމަށް ހައްލެއް ހޯއްދެވުމާ ބެހޭ ގޮތުން މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އަދި، މުޖުތަމަޢާ އެކަހެރިވެވަޑައިގެން، މައްކާގެ ރަށްބޭރުގެ ފަރުބަދައަކަށް އަރައިވަޑައިގެން ގިނިކަންޏާ އިންނަވައި ތައައްމުލުކޮށް، ފިކުރުފުޅުކުރައްވާން ފެއްޓެވިއެވެ. ކީރިތި ޤުރުއާނުގެ އިންޝިރާޙު ސޫރަތުގައި މި ފިކުރުފުޅުކުރެއްވުމުގެ މަސައްކަތަށް އިޝާރަތްކުރެވިފައިވެއެވެ. އެ ސޫރަތުގައި އެކަލޭގެފާނުގެ މި ފިކުރުފުޅުކުރެއްވުމަކީ އެކަލޭގެފާނުގެ ބުރިކަށިފުޅު 'ބިންދާލި'ކަމެއް ކަމުގައި ސިފަކުރެވިފައި ވެއެވެ. އާދޭހެވެ! އެ ކަމުގެ ތެރެއަށް ވެދެވަޑައިގެން، އެ ކަމާއިގެން މަޝްޣޫލުވެވަޑައިގަތް ބޮޑުކަމުން އެ ކަލޭގެފާނަށް ކުރި އަސަރު ބަޔާންކޮށްދެއްވުމުގެ ގޮތުންނެވެ.

މަސްޖިދުއްނަބަވީގެ ކުޑަތައް (ފައިލް ފޮޓޯ)<br>

އެ ކަލޭގެފާނު ކަންބޮޑުވެވަޑައިގެން އެ ކަންކަމާ މެދު ފިކުރުފުޅުކުރެއްވި މައްސަލަތައް – މައްކާގެ މީސްތަކުންގެ ފަރުދީ ހަޔާތް އިސްލާހުކުރުމުގެ މައްސަލައާއި އަދި މައްކީ މުޖުތަމައު އަލުން ތަންޒީމުކުރާނޭ ގޮތުގެ މައްސަލަ – މި މައްސަލަތަކުގެ ހައްލު އައީ އިލާހީ ރިސާލަތެއްގެ ސިފައިގައެވެ. އާދޭހެވެ! ކީރިތި ގުރުއާނުގައެވެ. ކީރިތި ގުރުއާނުގެ ރިސާލަތުގެ ފެށުން އައީ ހިރާ ފަރުބަދައިގައި އެކަލޭގެ ފާނުގެ ތަހައްނުސުގެ އަމަލުގައި – ވިސްނައިވަޑައިގެން ފިކުރުފުޅުކުރައްވައި، ތައައްމަލު ކުރެއްވުމުގެ އަމަލުފުޅުގައި – އިންނަވަނިކޮށެވެ. އެއިރު އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅެވެ. އާދޭހެވެ! އެ ކަލޭގެފާނުގެ ސިޔަރަތުގެ ނަބަވީ ދައުރުގެ ފުރަތަމަ މަރުހަލާ ފެށުނީއެވެ.

އެ ކަލޭގެފާނުގެ ނަބަވީ މަރުހަލާ ފެށުނީ 'اقرأ'، (ކަލޭގެފާނު ކިޔުއްވާވިދާޅުވާށެވެ!) މި އިބާރާތުންނެވެ. އާދޭހެވެ! ކިޔުމާއި ކިޔެވުމަށް ބާރުއަޅަމުންނެވެ. ނޭނގޭ ކަންކަން އުނގެނުމަށް ބާރުއަޅަމުންނެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ، ވިސްނައި ފިކުރުކޮށް، ސިކުނޑީގެ ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. މައްކީ ސޫރަތްތަކުގައި އިންސާނުންގެ ނަފްސަށާއި އަދި އޭނާގެ ވަށައިގެންވާ ބިމުގެ ތަބީއީ މަންޒަރުތަކަށާއި، އުޑުގެ ފަލަކީ މަންޒަރުތަކަށް ވެސް ވިސްނައި ފިކުރުކުރާން ގޮވައިލެވިފައިވެއެވެ. މި ކަންކަމަކީ އެއްކައުވަންތަ އިލާހެއް ވޮޑިގެންވާކަން އިންސާނާގެ ސިކުނޑި މެދުވެރިކޮށް ދެނެގަނެވޭނޭ، ކަމަކަށްވާތީއެވެ. މިސާލަކަށް ނާޒިޢާތު ސޫރަތާއި ޢަބަސަ ސޫރަތާއި ޠާރިޤު ސޫރަތަށް ބައްލަވައިލައްވާށެވެ. މި ކަންކަމުގެ މައްޗަށް ނަޒަރު ހިންގުމަށް ގޮވައިލެވިފައިވާތަން ފެނިވަޑައިގަންނަވާނެއެވެ.

ނަބަވީ ދައުރުގެ މައްކީ މަރުހަލާގައި އިތުރުއެކަލޭގެފާނުގެ އަމާޒަކަށްވީ ފަރުދީ އިސްލާހެވެ. ވަކި ޚާއްސަ އަގުތަކެއްގެ މައްޗަށް ބިނާވި ފަރުދީ އިސްލާހެކެވެ. މި އަގުތަށް ޚުލާސާވެފައިވަނީ 'ތަޤުވާވެރިވުމުގެ' މަފްހޫމުގެތެރޭގައެވެ. މާތްކަލާނގެ ވޮޑިގެންވުމާއި އެކަލާނގެ އައްކައުވަންތަކަން ގަބޫލުކުރުމެވެ. އަދި، މިކަން ގަބޫލުކުރާ މީހާ (މުއުމިނާގެ) ނަފްސުގައި، މާތްކަލާނގެ މި ތަސައްވުރު، އެއްކައުވަންތަ ކަމުގެ ތަސައްވުރު، އަށަގަންނަވައި، އެ ގޮތުގެ މަތީގައި ނަފްސު ހޭލައްވައި، ރަނގަޅާއި ނުރަނގަޅެއް، ހެވާއި ނުބައެއް އޮތްކަން ދެނެގަނެ، ރަނގަޅުކަންތައް ކުރުންމަތީ ދެމިހުންނަށް މަސައްކަތްކޮށް، އޭނާގެ ނަފްސު އިސްލާހުކުރުމާއެވެ.

މި ގޮތުން، އެންމެ ފުރަތަމައިން ވެސް ކުރާންޖެހޭނޭ ކަންތައްތަކާއި ކޮށްގެން ނުވާނޭ ކަންތައްތަކެއް ކަނޑައަޅައިލެވުނެވެ. މާތްރަސްކަލާނގެއަށް އީމާންވެ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދޮގު ހެދުމާއި ވައްކަންކުރުން ފަދަ ކަންކަމުން، މުޅިން، ދުރުވުމެވެ. ޒިނޭފަދަ ފާޙިޝް އަމަލުތަކާ ގާތް ވެސް ނުވުމެވެ. ސިހުރު ހާހޫރައާ ދުރުވުމެވެ. އަދި، ކެރިފޯރުންތެރިކަން ހުރި ވަރަކުން ނިކަމެތިންނަށް އެހީވުމެވެ. ކުރު ގޮތަކަށް، ކީރިތި ޤުރުއާނުގެ އިބާރަތުން، ދަންނަވާ ނަމަ 'އިސްތިގާމާގެ' މީހަކަށް، އެބަހީ، 'ސީދަލަށް'، ނުވަތަ 'ތެދަށް' ހުންނަ މީހަކަށް ވުމެވެ. ހެޔޮލަފާ މީހަކަށް ވުމެވެ. އަޅުގަނޑުމެން މުސްލިމުން މިއަދު ވެސް، ކޮންމެ ދުވަހަކު މަދުވެން ސަތާރަ ފަހަރު، އެކަމަށް އެދި މާތްރަސްކަލާނގެ ހަޒުރަތުގައި ދަންނަވާ ކަންތައް، ('އަޅަމެނަށް ސީދާ މަގު ދައްކަވާފާނދޭވެ' މި ކަން) ހާސިލުވެ، މި ފަދަ ހެޔޮލަފާ މީހަކަށް ވުމެވެ.

ނަބަވީ މައްކީ ދައުރުގައި ފަރުދީ އިސްލާހުގެ މި މަސައްކަތްޕުޅުގައި ތޭރަ ވަރަކަށް އަހަރު އިތުރު އެކަލޭގެފާނު ދެމި ހުންނެވިއެވެ. ނަމަވެސް މާބޮޑު ކާމިޔާބެއް ލިބިވަޑައެއް ނުގަނެއެވެ. މައްކާގެ އަހުލުވެރީންގެ މަދު ބަޔަކު ފިޔަވައި، އެކަލޭގެފާނުގެ ދައުވަތާ އިދިކޮޅު ހެދިއެވެ. އަދި، އެކަލޭގެފާނަށާއި އަދި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ދަތި އުނދަގޫތައް މެދުވެރިކުރިއެވެ. މުސްލިމުންގެ ނިކަމެތީންނަށް ޖިސްމާނީ އަނިޔާކޮށް އަދި ބައެއް މުސްލިމުން މެރި ވެސް މެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން، ކީރިތި ރަސޫލާގެ އަޒުމަކަށް ކުޑަ ވެސް ގުނޑުމެއް ނާދެއެވެ. އަދި އެކަލޭގެފާނުންނަށް ތަބާވީ މީހުންގެ އީމާންކަމަކަށް އެއްވެސް ހީނަރުކަމެއް، ބަދަލެއް ނާދެއެވެ. ބިލާލުގެފާނަށް އަނިޔާކުރެވެމުން ދިޔައިރު، 'އަހަދް، އަހަދޭ؛ (އެކަލާނގެއީ އެއްކައުވަންތަ އިލާހޭ) ވިދާޅުވަމުން ގެންދެވި މަންޒަރު ހިތްޕުޅަށް ގެންނަވާށެވެ.

މައްކާގެ އަހުލުވެރިން އެކަލޭގެފާނުގެ ދައުވަތު ބަލައިނުގަންނާނޭކަން އެނގިވަޑައިގަތުމުން، ދެން އިތުރު ރަސޫލާ (ﷺ)ގެ ދައުވަތުގެ މަސައްކަތް އެހެން ދިމާއަކަށް އަމާޒުކުރެއްވިއެވެ. އެންމެ ފުރަތަމަ، މައްކާގެ ކައިރީ އޮންނަ ކުޑަ ރަށެއްކަމުގައިވާ ތާއިފުގެ އަހުލުވެރިންނަށެވެ. އެ ރަށުން ވެސް އެކަލޭގެފާނުގެ ދައުވަތަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައި ނުގަތުމުން، އެނބުރި މައްކާއަށް ވަޑައިގަތެވެ. އަދި، އެއަށްފަހު، ހައްޖު މޫސުމުގައި މައްކާއަށް އަންނަ އަރަބި އެހެން ގަބީލާތަކަށް ދައުވަތު ދެއްވާން ފެއްޓެވިއެވެ. މިތާ ހަނދާންކޮށްލާން ޖެހެނީ ހައްޖަކީ އިސްލާމް ދީނުގެ ކުރީން ވެސް ކުރެވެމުން އައި އަޅުކަމެއްކަމެވެ.

ހައްޖުގެ ދުވަސްވަރު މައްކާއަށް ޒިޔާރަތް ކުރި ޔަޘްރިބުގެ ބަޔަކާ ބައްދަލުވެވަޑައިގެން އެމީހުންނަށް ދައުވަތު ދެއްވިއެވެ. އަދި އެމީހުން އިސްލާން ދީން ގަބޫލުކޮށް، އެނބުރި މަދީނާއަށް ގޮސް، މަދީނާގައި އެ މީހުން އިސްލާން ދީނުގެ ދައުވަތުގެ މަސައްކަތްކުރިއެވެ. އަދި، މަދީނާގެ ބައެއް މީހުން އެ ދައުވަތު ގަބޫލުކޮށް އިސްލާންވިއެވެ. ދެން، ވިދިގެން އައި އަހަރުތަކުގައި ވެސް، ހައްޖު މޫސުމުގައި، މީގެ ތެރެއިން ބައެއް މީސްމީހުން މައްކާއަށް ދިޔައެވެ. އަދި، ޔަޘްތިބަށް ހިޖުރަކުރެއްވުމަށް، ކީރިތި ރަސޫލާއަށް ދައުވަތުއެރުވިއެވެ. ދެން، އެކަލޭގެފާނު އެ ދައުވަތު ގަބޫލުކުރައްވައި އެކަލޭގެފާނަށް ތަބާވި މީހުންނަށް ޔަޘްރިބަށް ހިޖުރަކުރެއްވުމަށް އެންގެވިއެވެ. އަދި އެއަށް ފަހު، އެކަލޭގެފާނުވެސް ޔަޘްރިބަށް ހިޖުރަކުރެއްވިއެވެ. ދެން ޔަޘްރިބު ވެގެން ދިޔައީ ކީރިތި ރަސޫލާގެ ރަށަށެވެ. އާދޭހެވެ! ޔަޘްރިބުގެ ނަން، މަދީނާގެ ނަމަށް ބަދަލުވެގެން ދިޔައީއެވެ. އަދި، މި ހިސާބުން ނަބަވީ މައްކީ މަރުހަލާ ނިމި ނަބަވީ މަދަނީ މަރުހަލާ ފެށުނީއެވެ.

ނަބަވީ މަރުހަލާގެ މަދަނީ ދައުރުގެ އަމާޒަކަށްވީ އިސްލާމީ މުޖުތަމައެއް ބިނާކުރުމެވެ. މި ކަމުގެ އަސާސަކަށް، ބިންގަލަކަށް، ދެ އަގެއް، ކަނޑައަޅައިލެވުނެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ ދެ އަގެވެ. މަދީނާގައި ގާއިމުކުރެވުނު އިސްލާމީ ފުރަތަމަ ދައުލަތުގެ ބިނާކުރެވުނީ މިދެ އަގުގެ މައްޗަށެވެ. މިސާލަކަށް، ޙުޖުރާތު ސޫރަތުގެ ފަހުބައިންނާއި މާއިދާ ސޫރަތުގެ އަށްވަނަ އާޔަތުން މި ކަން ފެންނާނެއެވެ.

މިތަނުގައި، ކުޑަކޮށް މަޑުޖައްސާލައި، މުހިންމު ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ކީރިތި ރަސޫލާ (ﷺ)ގެ ސިޔަރަތުގެ ވާހަކަދައްކާ އިރު ހަނދާންކޮށްލުން ވަރަށް ވެސް މުހިންމު ވާހަކައެކެވެ. އެއީ، ޙުޖުރާތު ސޫރަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއް ކަމުގައި ކަނޑައަޅައި ގޮވައިލި ގޮވައިލުމުގެ ވާހަކައެވެ. މިއީ ކީރިތި ގުރުއާނުގެ ތައުލީމާތުތަކުގެ ތެރެއިން، އެންމެ އަސްލީ، (އޮރިޖިނަލް)، އެބަހީ މުޅިން އަލަށް، ގޮވައިލައި އިއުލާނުކުރެވުނު ކުރެވުމެކެވެ.

މި ކަމުގެ އަމަލީ ސިފަ މަދީނާގެ ގާނޫނު އަސާސީއޭ ކިޔުމު ވަސީގާއިން، ރަސްމީ ލިޔުމުން ވެސް، ފެނިގެންދެއެވެ. ހުރިހާ ގަބީލާތަކުގެ މީހުންނަކީ ވެސް، އެއީ މުސްލިމުން ކަމުގައި ވިޔަސް، ނޫނީ މުސްލިމުން ނޫންކަމުގައި ވިޔަސް، އެއްކަހަލަ ހައްގުތަކެއް ލިބިފައިވާ ބައެއްކަން އެ ލިޔުމުގައި ވެއެވެ. ދީނީ މިނިވަންކަމެވެ. ގާނޫނުތައް ހިންގުމުގެ މިނިވަންކަމެވެ. މަސައްކަތްކޮށް ހެޔޮ ދިރިއުޅުމެއް ލިބުމުގެ މިނިވަންކަމެވެ. މިއާ ވިދިގެން ވަރަށް ބޮޑު މަސްއޫލިއްޔަތެއް ވެސް ކަނޑައެޅިފައި އޮތެވެ. މަދީނާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެންމެން އެކުގައި، އެބަހީ މުސްލިމުންނާއި ޣައިރު މުސްލިމުން އެކުގައި، މަދީނާ ދިފާއުކުރުމުގެ މަސްއޫލިއްޔަތެވެ. އަދި މިކަމުގެ ޚަރަދުގައި ވެސް އެންމެ އެކުގައި ހަމަހަމަ ގޮތެއްގައި ހިފުމެވެ.

މީގެ އިތުރަށް، ހަމަހަމަކަން އަމަލީ ސިފައެއްގައި ހިންގައިލުމުގެ ގޮތުން، ޒަކާތުގެ ތަފުސީލުތައް، މަދަނީ ދައުރުގައި ބަޔާންކުރެވި، މުޖުތަމައުން ފަގީރުކަމާއި މުހުތާދުކަން ނައްތައިލުމުގެ މަސައްކަތް ފެށުނެވެ. އަދި، ކީރިތި ރަސޫލާއަށް ފަހު ވެސް، ދެން އައި ފަނަރަވަރަކަށް އަހަރު ވަންދެން މި ކަން ތަރައްގީކުރެވުނެވެ. ޒަކާތް ނެގުމުގެ ތަކެތީގެ ދާއިރާ ފުޅާކޮށް، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ފެންޝަނުގެ ނިޒާމެއްގެ ބިންގާ ވެސް އެޅި، އަދި އުމަރުގެފާނުގެ ޚިލާފަތުގައި އެކަން އިތުރަށް ތަރައްގީކުރެވުނެވެ. އަދި، ބޭނުން ޖެހިއްޖެ ނަމަ، ޒަކާތުގެ ނިސާބަށް ބަދަލު ގެނައުމުގެ ޚިޔާލު ވެސް އުމަރުގެފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރަށް، ހަމަހަމަކަން ނިޔާކުރި އަނެއް ކަމަކީ އަދުލު އިންސާފުގެ ކަންކަން އެންމެންގެ ތެރޭގައި، އެއްވެސް މީހެއްގެ މޫނަށް ބެލުމެއް ނެތި، ހަމަހަމަ ގޮތެއްގައި، ހިންގައިލުމުވެ. މި ކަމުގެ އެންމެ ބޮޑު ހެކި އިތުރު އެކަލޭގެފާނުގެ ބަސްފުޅަކުން ފެނިގެންދެއެވެ. "ތިމަންގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ ވައްކަންކުރެއްވިޔަސް، އެ ކަމަނާގެ އަތްޕުޅު ވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ"، މި ބަސްފުޅުންނެވެ.

މަދީނާގައި އިސްލާމީ ދައުލަތެއް ގާއިކުރެއްވުމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގަތް އިރު، އެ ކަލޭގެފާނާ ވަރުގަދަ ދެ ގޮންޖެހުމެއް ކުރިމަތިވިއެވެ. މަދީނާގެ ތެރެއިން އައި ދާޚިލީ ގޮންޖެހުމަކާއި މަދީނާގެ ބޭރުންއައި ޚާރިޖީ ގޮންޖެހުމެކެވެ. މަދީނާގެ ތެރެއިން މަދީނާގައި އުޅުނު ޔަހޫދީ ގަބީލާތައް އެ މީހުންނާ ކުރެވުނު މުއާހަދާތަކާ ޚިލާފުވެ، މުސްލިމުންނާ ދެކޮޅުވެރިވެގަތެވެ. މި ކަމުގެ އަސްލު ގުޅެނީ މަދީނާގައި އޮތް މަދީނާގެ ޔަހޫދީންގެ ވިޔަފާރީގެ މަގާމާއެވެ. މި މަގާމު ގެއްލި މުސްލިމުންގެ އަތް މައްޗަށް މި ކަން ފުރޮޅިގެން ހިނގައިދާނެކަމުގެ ބިރު ހީވުމުން، މުސްލިމުންނާ ދެކޮޅުވެރިވެގަތީއެވެ. މިކަން ފެށުނީ ކީރިތި ރަސޫލާގެ ނިންމެވި ނިންމުމަކަށް އަމަލީ ސިފަ ގެންނަވާތަން ފެށުމުންނެވެ. ކުރީން ދެންނެވި، މަދީނާގެ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް އެއް ބަންދަކީ މުސްލިމުންނަކީ އިގުތިސާދީ ގޮތުން މިނިވަން ބަޔެއް ކަމުގައެވެ. އަދި އެހެންވެ، އެ މީހުންނަކީ، އެ މީހުންގެ މައީޝީ ކަންކަން ފުއްދުމުގައި އެހެން މީހުންގެ މައްޗަށް ބަރޯސާވާނޭ ބަޔަކަށް ނުވާނޭކަމެވެ. މި ކަމަށް އަމަލީ ސިފަ ގެންނެވުމުގެ ގޮތުން، އިޚާއުގެ މުއައްސަސާ ގާއިމުކުރެވުނެވެ. މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރިއްޔަ ބޭކަލުންނަކީ އަޚުންކަމުގައި ހައްދަވައި، މުޖުތަމައުގެ ފަގީރުކަމުގެ މައްސަލައިގެ މަސްއޫލިއްޔަތު އުފުލުން އެންމެންގެ މައްޗަށް ބައްސަވައިލެއްވިއެވެ. އަދި، ސަދަގާތް ދިނުމަށް އިތުރަށް ބާރުއެޅިގެން ދިޔައެވެ. މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، ޒަކާތުގެ ތަފުސީލުތައް ހަމަޖެހިދަންދެން މިކަން ކުރިއަށް ގެންދެވުނެވެ. މި ކަން ވެސް ކީރިތި ރަސޫލާގެ ބަސްފުޅަކުން ފެނިގެންދެއެވެ. 'ކަލޭމެންގެ އަތުގައި ކަދުރެއްގެ އެތިކޮޅެއް ބާކީ އޮތް ނަމަވެސް، އެއިން ސަދަގާތްކުރާށެވެ!'، މިބަސްފުޅުންނެވެ.

މީގެ އިތުރަށް، މުސްލިމުންގެ އަމިއްލަ ބާޒާރެއް ވެސް، މަދީނާގައި ގާއިމުކުރެވުނެވެ. މި ކަން ވެގެން ދިޔައީ ޔަހޫދީ ގަބީލާތަކުގެ ނުރުހުން ލިބުނު ކަމަކަށެވެ. އަދި، މަދީނާގެ ޔަހުދީ ގަބީލާތަކާއި މުސްލިމުންނާ ޖެހި އިދިކޮޅުވާން ދިމާވި މައިގަނޑު ސަބަބަށެވެ. މި ކަމަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެއްކޮޅުން، މަދީނާގެ ޔަހޫދީ ގަބީލާތަކަށް އިސްލާމް ދީނަށް ވަނުމަށް ދައުވަތު ދެވުނެވެ. އެ މީހުންގެ ފަރުދުންގެ އިގުތިސާދީ ހާލަތު، އޭރުން، އެމީހުން ހީކުރާ ގޮތަށް ބަދަލުނުވެ، ދެމިއޮންނާނެތީއެވެ. އަނެއްކޮޅުން، މައްކާގެ މުޝްރިކުންނާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް އެ މީހުން ރާވަމުންދާ ރޭވުންތަކުން، ސަލާމަތްވުމަށް މުސްލިމުން ހޭލުންތެރިކުރުވައި އަދި، ޔަހޫދީންގެ ތާރީޚުން އިބުރަތް ލިބިގަނެ، ދީނީ އަގުތަކުގައި ހިފަހައްޓައިގެން ތިބުމަށް މުސްލިމުންނަށް އިރުޝާދުދެވުނެވެ. މި ވާހަކަތައް، ބަޤަރާ ސޫރަތުގެ ސާޅީސްވަނަ އާޔަތުން ފެށިގެން ސަތޭކަ ސައުވީސްވަނަ އާޔަތާ ހަމައަށް ބަޔާންކުރެވިފައިވެއެވެ.

ކޮންމެއަކަސް، މަދީނާގެ ޔަހޫދީންގެ ފަރާތުން ކުރިމަތިވީ ގޮންޖެހުމާއި އިތުރު އެކަލޭގެފާނު ކުރިމަތިލެއްވިއެވެ. އެ މީހުންނާ ކުރެވުނު މުއާހަދާއާ ޚިލާފުވެ، މައްކާގެ މުޝްރިކުންނާ ބައިވެރިވެ، މުސްލިމުން ނެތިކޮށްލާން މަދީނާގެ ޔަހޫދީން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އާޚިރުގައި، އެ މީހުން ބަލިވެ، އެމީހުންގެ ދެ ގަބީލާއަކަށް މަދީނާއިން ބޭރުވާން ޖެހުނެވެ. އަދި، އެ މީހުންގެ ތިންވަނަ ގަބީލާއެއްގެ މީހުން، ހަނގުރާމައިގައި ބަލިވެ، އެ ދުވަސްވަރުގެ ހަނގުރާމައިގެ ގާނޫނާއި ގަވާއިދުތަކުގެ މަތީން، މަރަން ހުކުމްކޮށް މެރުނެވެ. މި ހަނގުރާމައަކީ ޚަންދަގު ހަނގުރާމައެވެ. އެމީހުން ތިބީ، މައްކާގެ މުޝްރިކުން ބޭރުން އައިސް މަދީނާއާ ހަމަލަދީ މަދީނާއަށް އަރައިގަތުމުން، މަދީނާގެ އެތެރެއިން މުސްލިމުންނާ ހަމަލާދޭށެވެ. ކޮންމެއަކަސް މައްކާގެ މުޝްރިކުންގެ ރޭވުން ނާކާމިޔާބުވެ، އެ މީހުން ބޭނުން ގޮތަކަށް ކަންތައް ނުވީއެވެ. އަދި، އެއަށް ފަހު، މައްކާގެ މުޝްރިކުންނާ ބައިވެރިވި މީހުން، ހިސާރުކުރެވި، ބަލިކުރެވި، އެމީހުންނަށް މަރުގެ އަދަބު ދެވުނީއެވެ.

ޚާރިޖީ ގޮން ޖެހުމަކަށްވީ ދެންމެ އިޝާރަތްކޮށްލި ފަދައިން، މައްކާގެ މުޝްރިކުންނެވެ. މައްކާގެ މުޝްރިކުންގެ ވެސް އެދުމަކަށްވީ މުސްލިމުން ނެތިކޮށްލުމެވެ. މި ގޮތުން މައިގަނޑު ހަތަރު ހަނގުރާމަ ކުރެވުނެވެ. އެންމެ ފުރަތަ މައިގަނޑު ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައެވެ. މި ހަނގުރާމައިގައި، މުސްލިމުނަށް ފުރިހަމަ ކާމިޔާބީއެއް ލިބުނެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން، އަރަބި ކަރައިގެ ބާރަކަށް މުސްލިމުން ވިއެވެ. ދެން، ވިދިގެން އައި އަހަރު، އުހުދު ހަނގުރާމަކުރެވުނެވެ. އެ ހަނގުރާމައިގައި ކޮންމެ ވެސް ވަރެއްގެ ނާކާމިޔާބީއަކާ މުސްލިމުން ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މައްކާގެ މުޝްރިކުންގެ ބޭނުން – މުސްލިމުން ނެތިކޮށްލުން – މި ކަން ހާސިލެއް ނުވެއެވެ. އުހުދު ހަނގުރާމައަށް ފަހު، ހިޖުރައިން ފަސްވަނަ އަހަރު، ޚަންދަގު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައި ވެސް މައްކާގެ މުޝްރިކުންނަށް ކާމިޔާބީއެއް ނުލިބެއެވެ.

މިހިސާބަށް އައިރު، މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، މުސްލިމުންގެ ބާރު ގަދަވެއްޖެއެވެ. މި ކަން ނިޔާކުރީ، ހިޖުރައިން ހަވަނަ އަހަރު، ސުލްހަވެރި ކަމުގައި، މުސްލިމުން މައްކާއަށް ޒިޔާރަތްކުރުމެވެ. އުމުރާ އަދާކުރުމުގެ ބޭނުމުގައެވެ. މައްކާއަކީ ހަރަމަށް ވެފައި، އެބަހީ އަރަބިންގެ އާދަކާދައިގެ މަތިން، ހަނގުރާމަ ކުރެވިގެންވާނޭ ތަނަކަށް ނުވެފައި، ކޮންމެ އަރަތްބަކަށް ވެސް، މައްކާއަށް ޒިޔާރަތްކުރުމުގެ ހައްގު ލިބިގެން ވެއެވެ. ނަމަވެސް، އުމުރާގެ މި ދަތުރު، ނިމުނީ އުމުރާ ނުކުރެވި، މައްކާގެ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ހުދުނާއެއްގެ (ޓްރޫސްއެއްގެ)، އެބަހީ ވަގުތީ ސުލްހައްގެ، އެއްބަސްވުމެއް އެއްބަސްވެވިގެންނެވެ. އާދޭހެވެ! ސުލްޙަލްޙުދައިބިއްޔާގެ ހުދުނާގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި މުސްލިމުންނާއި މައްކާގެ ގުރައިޝުނާ ދެމެދުގައި ހުދުނާގެ ދިހަ އަހަރު އޮތުމަށް އެއްބަސްވެވުނެވެ. އަދި، އެ އަހަރު (ހިޖުރީ ހަވަނަ އަހަރު)، އުމުރާ ނުކޮށް މުސްލިމުން މަދީނާއަށް އެނބުރި ގޮސް، ވިދިގެން އަންނަ އަހަރު، (ހިޖުރީ ގޮތުން ހަތް ވަނަ އަހަރު)، މުސްލިމުން ބޭނުން ނަމަ، އުމުރާއަށް އާދެވޭ ގޮތަށް ވެސް އެއްބަސްވެވުނެވެ. ކޮންމެއަކަސް، ސުލްހައިގެ އެއްބަސްވުމާ މައްކާގެ މުޝްރިކުން ޚިލާފުވިއެވެ. އެއީ މުސްލިމުންނާ އެކު ހިލްފީ އިއްތިހާދެއްގައިވި ގަބީލާއަކަށް ހަމަލާދިނުމަށް އެހެން ގަބީލާއަކަށް އެހީތެރިވުމުންނެވެ. މި ޚިލާފުވުމުގެ ނަތީޖާއަކަށްވީ މައްކާ ފަތަހަކުރެއްވުމަށް ކީރިތި ރަސޫލާ ނިންމެވުމެވެ. އަދި، ހިޖުރައިން އަށްވަނަ އަހަރު މި ކަމަށް އަމަލީ ސިފަގެނެވި، މައްކާ ފަތަހަކުރެވުނެވެ.

ނަބަވީ މަދަނީ މަރުހަލާގެ އެންމެ މުހިންމު ހާދިސާއެއްކަމަށް ފާހަގަވަނީ މައްކާ ފަތަހަކުރެއްވުމެވެ. މި ކަމުގެ މުހިންމުކަން ދެ ސޫރަތެއްގައި ފާހަގަކުރެވިފައިވެއެވެ. ނަޞްރު ސޫރަތާއި ފަތުޙު ސޫރަތުގައެވެ. މި ކަން މުހިންމު ވެގެން ދިޔައީ މައްކާއަކީ އަރަބިކަރައިގެ މައި މަރުކަޒަށް ވެފައި، މައްކާގެ އަހުލުވެރީން އިސްލާމްވުމުން، އަރަބިކަރައިގެ އެންމެންހެން އިސާލާމް ދީން ގަބޫލުކުރުމުންނެވެ. ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވާ ފަދައިންނެވެ. އަދި، މިކަން ވެގެން ދިޔައީ، ޢަބްދުﷲ އިބްނު ޢައްބާސްގެފާނު ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާގެ ރިސާލަތުގެ ނިމުމުގެ ފެށުމާއެވެ. އަދި، އިތުރު އެކަލޭގެފާނުގެ ދުނިޔަވީ ހަޔާތުގެ ނިމުން ގާތްވުމާ ވެސް މެއެވެ.

މައްކާ ފަތަހަވުމަށް ފަހު، އިތުރު ދެތިން ހާދިސާއެއް، އިތުރު އެކަލޭގެފާނުގެ ސިޔަރަތުން ފެނިގެންދެއެވެ. ޙުނައިނު ހަނގުރާމައާއި ތަބޫކު ހަނގުރާމައެވެ. ޙުނައިނު ހަނގުރާމަކުރެވުނީ މައްކާ ފަތަހަކުރެއްވުމަށް ފަހު، ހަމަ ހިޖުރައިން އަށްވަނަ އަހަރުއެވެ. އެ އަހަރު ޝައްވާލު މަހުއެވެ. އެ ހަނގުރާމަކުރެވުނީ މައްކާގެ ވަށައިގެން އުޅުނު މުސްލިމުންނާ އަދާވަތްތެރިވި ގަބީލާތަކާއެވެ. މި ހަނގުރާމަށް، އެ ހަނގުރާމައިގެ ނަންގަނެވި، ތައުބާ ސޫރަތުގައި އިޝާރަތް ކުރެވިފައިވެއެވެ.

ތަބޫކަކީ އަރަބިކަރައިގެ އުތުރު ހުޅަނގުގައި، އަގަބާގެ ޚަލީޖު ކައިރީ، މަދީނާއާ ގާތްގަނޑަކަށް އަށެއްކަ ސަތޭކަ ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަރަބި ގަބީލާއެއްކަމަށްވާ ޤަޟާޢަތުގެ ވަޒަނެވެ. އޭރު އެމީހުން އޮތީ ރޫމާނީންގެ ބާރުގެ ދަށުގައެވެ. އެ ހަނގުރާމައިގެ މައްސަލަ ކުރިމަތިވީ މި ހިސާބުގަނޑުން، ރޫމާނީންގެ ލަޝްކަރެއް މުސްލިމުންނާ ހަނގުރާމަކުރަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބުމުންނެވެ. ކޮންމެ އަކަސް، ތިރީހަކަށް ހާހުގެ ލަޝްކަރަކައިގެން، ހިޖުރައިން ނުވަވަނަ އަހަރު، ކީރިތ ރަސޫލާ(ﷺ) ތަބޫކަށް ވަޑައިގެން، އެ ހިސާބުގަނޑުގައި ކަންތައް އޮތް ގޮތް ބެއްލެވިއެވެ. ނަމަވެސް، ރޫމީންގެ ލަޝްކަރެއް ނައުމުން، އެ ހިސާބުގަނޑުގެ ގަބީލާތަކާއި މުއާހަދާތައް ކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތީއެވެ.

ދެން އޮތް މުހިންމު ދެ ހާދިސާއަކީ ނުވަވަނަ އަހަރު އަރަބިކަރައިގެ އެތަންމިތަނުން، މަދީނާއަށް ވަފްދުތައް އައުމާއި ހިޖުރައިން ދިހަވަނަ އަހަރުގެ އެކަލޭގެފާނު ކުރެއްވި ހައްޖު، (ހައްޖަތުލްވަދާޢު)ގެ ހާދިސާއެވެ.

ހިޖުރައިން ނުވަވަނަ އަހަރު، (އިސްލާމީ ތާރީޚުގައި ވަފްދުތަކުގެ އަހަރުގެ ނަމުން ނަންދެވިފައިވާ އަހަރު) ހިމެނިގެން ދިޔައީ ދެންމެ ދެންނެވި ފަދައިން، އަރަބިކަރައިގެ އެކި ދިމަދިމާއިން، އެކިއެކި ގަބީލާތައް މަދީނާއަށް ޒިޔާރަތްކޮށް، އިސްލާން ދީން ގަބޫލުކުރިކަން އިއުލާނުކޮށް ކީރިތި ރަސޫލާއަށް ބައިއަތުހިފި އަހަރުކަމުގައެވެ. އަދި، އެ ގަބީލާތަކުގެ މީހުންނަށް، އިސްލާމް ދީން އުނގަންނައިދެއްވުމުގެ ގޮތުން، އިލްމުވެރި އަސްހާބު ބޭކަލުން ފޮނުއްވިއެވެ. މި ފަދަ ބޭބޭކަލުންގެ ތެރެއިން އިސްލާމީ ތާރީޚުގައި މަޝްހޫރުވެފައިވަނީ ޔަމަނުކަރައަށް ފޮނުއްވުނު، މުޢާޛުގެފާނެވެ. މި ތަނުގައި ވެސް، އިސްލާމް ދީނުގައި އިލްމު އުނގެނުމަށް ދެވިފައިވާ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ. ދީނީ އިއުތިގާދުތަކާއި ދީނީ އަމަލުތައް ބިނާވާން ޖެހޭނީ އިލްމުވެރިކަމުގެ މައްޗަށެވެ. އުނގެނުމާއި ދެނެގަތުމުގެ މައްޗަށެވެ.

ކީރިތި ރަސޫލާގެ ސިޔަރަތުގައި އެންމެ ފަހުގެ މަގުފާހަގައަކަށް އޮތީ ހިޖުރައިން ދިހަވަނަ އަހަރުގައި އެ ކަލޭގެފާނު އަދާކުރެއްވި ހައްޖުގެ އަޅުކަމެވެ. މިއީ އެކަލޭގެފާނު ކުރެއްވި ހަމައެކަނި ހައްޖެވެ. މި ހައްޖުގައި ހިނގައި ދިޔަ މުހިންމު ކަންތައްތަކުގެ ތެރެއިން ދެ ކަމެއް ފާހަގަކޮށްލާން ބޭނުމެވެ. ފުރަތަމަ ކަމަކީ ހައްޖުގެ އަޅުކަމުގެ ރަސްމެވެ. އެ ކަން، އިސްލާމީ ގޮތަށް، އަދާކުރާނޭ ގޮތުގެ އަމަލީ ސިފައެވެ. މި ކަން ފުރިހަމަވުމުން، އިސްލާމް ދީނުގެ އަޅުކަންތައް ފުރިހަމަވެ، އިސްލާމްދީނުގެ ތައުލީމާތުތައް ފުރިހަމަވެގެން ދިޔައީއެވެ. އަދި މިކަން ފުރިހަމަވުމާއި ވިދިގެން، اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا، (މިއަދު، ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން، (އެބަހީ ތިޔަބައިމީހުން މާތްކަލާނގެއަށް ތަބާވެ، އެކަލާގެއާއި ގުޅުން އުފައްދައި، ކުއްތަންވާނޭ ގޮތް) ތިމަން ރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި، އެ ގޮތުން ތިމަންރަސްކަލާނގެ ނިއުމަތްތައް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރައްވައި، ދީނެއްގެ ގޮތުގައި، ތިމަންރަސްކަލާނގެއަށް (ތިޔަބައިމީހުންގެ ނަފުސު) ދީލައިލުން، ތިމަންރަސްކަލާނގެ ރުހިވޮޑިގަންފީމުއެވެ.)، މިއާޔަތް ބާވައިލެއްވުނެވެ. މިއާޔަތަށް ފަހު، ޝަރީއަތާ ބެހޭ އެއްވެސް އާޔަތެއް ބާވައެއްނުލެއްވެއެވެ.

ހައްޖުގައި ހިނގި ކަންތައްތަކުގެ ތެރެއިން ދެން ފާހަގަކޮށްލާން ޖެހޭ ހާދިސާއަކީ ހައްޖުގައި އެކަލޭގެފާނުން އުއްމަތާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކެވެ. އާދޭހެވެ! ހައްޖަތުލްވަދާޢުގެ ވަދާއީ ޚުތުބާއެވެ. އެ ޚުތުބާގައި، މުސްލިމުންނާ މުޚާތަބުކުރައްވައި މުހިންމު ކަންތައްތަކެއް ހަނދާންކޮށްދެއްވިއެވެ. ތަގުވާވެރިކަން މަތީ ދެމި ތިބުމަށެވެ. ފަރުދީ އިސްލާހުވުމުގެ މަގުގައި، ހުއްޓުމެއް ނެތި މަސައްކަތްކޮށް، މާތްރަސްކަލާނގެއަށް އީމާންވާ، ހެޔޮލަފާ ބައެއްގެ ގޮތުގައި ދެމިތިބުމަށެވެ. ތަޅާފޮޅައި ލޭ ނުއޮހުރުވަމަށެވެ. ޖާހިލީ ޒަމާނުގައި އެއްބަޔަކު އަނެއްބަޔަކާ މެދު އޮތް ދެކޮޅުވެރިކަމާއި އަދާވަތްތެރިކަން އަލުން ނުނެގުމަށެވެ. ރިބާގެ މުއާމަލާތު، އެ ބަހީ ދަރަނީގެ ގޮތުގައި ފައިސާދީ، މި ކަމުން ނާޖާއިޒު ފައިދާތައް ނަގައި މީހުން އަޅުވެތިކުރުމުގެ، މުއާމަލާތުތައް ނުކުރުމަށެވެ. އަނބީންގެ ހައްގުތައް އަދާކޮށް އެ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިސްލާމް ދީން ދޫކޮށް މުރުތައްދުވެ، ޖާހިލީ ޒާމާނުގައި ކަންތައް އޮތްފަދައިން އެއްބަޔަކު އަނެއްބަޔަކާ އަދާވަތްތެރިވެ ހަނގުރާމަނުކުރުމަށެވެ. އަދި، އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތް ފުރިހަމަކުރައްވައި، ނިންމެވި ވާހަކަ އިއުލާނުކުރައްވައި، "ދެން ތިމަންކަލޭގެފާނު ކަލޭމެންނާ މިހެން ބައްދުލުވެދާނެ ކަމެއް ނޭނގެއޭ ވިދާޅުވެ" އެކަލޭގެފާނަށް، މި ފަނާވަނިވި ދުނިޔޭ ދޫކުރެއްވުމުގެ ވަގުތު ޖެހިއްޖެކަމަށް ވެސް އިޝާރަތްކުރެއްވިއެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތެވެ. އަދި، ދެމަހެއްހާ ފަހުން އެކަލޭގެފާނު މިދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތެވެ. އެއީ ހިޖުރައިން އެގާރަވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ބާރަވަނަ ދުވަހެކެވެ. ހައްޖުވެވަޑައިގަތުމަށް ފަހު، ގާތްގަނޑަކަށް އަށްޑިހަ ދުވަސް ފަހުންނެވެ. އެ ކަލޭގެފާނު އަވަހާރުވުމުގެ ނުވަ ވަރަކަށް ދުވަސްކުރީން، ކީރިތި ޤުރުއާނުގެ އެންމެ ފަހު އާޔަތްކަމުގައިވާ ބަޤަރާ ސޫރަތުގެ ދުއިސައްތަ އެކާހި ވަނަ ބާވާލެއްވުނެވެ. އެއާޔަތުގައި އަދިވެސް އެއްފަހަރު، މާތްރަސްކަލާނގެއަށް އީމާންވެ، ހެޔޮ ގޮތުގައި ތިބުމަށް މުސްލިމުންނަށް ހަނދާންކޮށްދެވުނެވެ. واتقوا يوما ترجعون فيه إلى الله ثم توفى كل نفس ما كسبت وهم لا يظلمون (އެދުވަހަކުން، ތިޔަބައި މީހުން މާތްރަސްކަލާނގެ ހަޒުރަތަށް ގެންދެވޭނޭ ދުވަހަކަށް ބިރުވެތިވާ ހުށިކަމެވެ. އެދުވަހުން، އެއްވެސް ބަޔަކަށް އަނިޔާވެރިވުމެއް ނެތި، ކޮންމެ ނަފްސަކަށް ވެސް، އެ ނަފްސެއް ލިބިގެން ކަމެއް ފުރިހަމަކޮށް ދެވޭނެއެވެ.) މިއާޔަތެވެ. އާދެ، މި ހިސާބުން ކީރިތި ރަސޫލާގެ ސިޔަރަތު ނިމުނީއެވެ.

މިއަދާއި އަދި އެހެން ދުވަސްތަކުގައި ވެސް، އެކަލޭގެފާނު މަތީން އަޅުގަނޑުމެން ހަނދާންކުރާ އިރު، ހިތަށް ގެންނާން ޖެހެނީ ކޮން ކަމެއްތޯއެވެ؟ އެކަލޭގެފާނުގެ ރިސާލަތުގެ ވާހަކައެވެ. އެ ރިސާލަތު ބިނާވެފައި އޮތީ ދެ ކަމެއްގެ މައްޗަށެވެ. ހެޔޮލަފާ އަފުރާދުންތަކެއް އުފެއްދުމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައުއެއް އުފެއްދުމެވެ. އަޅުގަނޑުމެންގެ މުސްލިމު މުޖުތަމައުތަކަށް ބަލައިލާއިރު، އަދު ފެންނަނީ ކޮން ކަހަލަ މަންޒަރެއްތޯއެވެ؟ ހަމަ އެކަނި، ދީނުގެ ބޭރުފުށުގެ ކަންކަމަށް އިސްކަންދީ، ދީނުގެ ދީނީ ޖައުހަރު، އެތެރެ އިސްލާހުކުރުމުގެ މަސައްކަތް، ނެތެމުންދާ ތަނެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ގެއްލި، އެކަކު އަނެކަކަށް ވުރެ، ކޮންމެ ވެސް ސިފައެއްގައި، މޮޅުކަން ދައްކައި، ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަން ދެއްކަމުންދާ ތަނެވެ.

ކީރިތި ރަސޫލާގެ ސިޔަރަތަށް ނަޒަރު ހިންގައިލުމުން، މިއަދު ވެސް އަޅުގަނޑުމެންނަށް ފެންނަނީ، އަޚުލާގީ އަގުތަކެއްގެ މަތީގައި ފަރުދީ އިސްލާހުންވުން ހަގީގަތަކަށް ހަދައިލައި، ހެޔޮ މުޖުތަމައުއެއް ބިނާކުރާނޭ ގޮތުގެ އަގުހުރި މިސާލެކެވެ. އެ ކަލޭގެފާނަށް ހައްގު އިހުތިރާމު އަދާކޮށް، އެކަލޭގެފާނަށް ތަބާވާކަމުގެ ދައުވާ އަޅުގަނޑުމެން ކުރާ ނަމަ، މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ހަދާންވީ، އެ ކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްކެވި އިލާހީ ހިދާޔަތުގެ މަގުގެ އަލީގައި ފަރުދީ އިސްލާހުވުން ގެންނާނީ ކިހިނެއްކަމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މުޖުތަމާއެއް ބިނާކުރާނީ ކިހިނެއްކަމާ މެދު ވިސްނައި ފިކުރުކުރުމެވެ. އަދި، އެ ކަމަށް އަމަލީ ސިފައެއް ގެންނާނީ ކިހިނެއްކަން ބުނެދީ އެ ކަން ކުރުމުގެ މަސައްކަތް ފެށުމެވެ. މި ކަން ފެށޭން އަންނަނީ އަޅުގަނޑުމެންގެ ފިކުރު ތަރައްގީކުރެވިގެންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާ އިލްމީ އޮއިވަރެއް އުފައްދައިލައި، އިސްލާމީ ފިކުރީ ހަރަކާތެއް ފެށިގެންނެވެ. ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހު، ހަނދާން ކޮށްލާން ޖެހޭ މުހިންމު އެއްކަމަކީ މިއީއެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް