ޑރ. މޫސާ އަންވަރު ޙަސަން
22 އޮކްޓޯބަރު 2026
ޒަކާތަކީ މުދާ ތާހިރުކޮށް، އޭގައި ބަރަކާތްލައްވައި އިތުރުކޮށްދޭ އެއްޗެކެވެ. އަދި އެއީ ނަފްސު ތާހިރުކޮށް، އެކި ބަލިމަޑުކަމާއި ނުބައިކަމުން ނަފްސު ދުރުކޮށްދޭ ކަމެކެވެ. މުސްލިމެއްގެ އަޚުލާޤު އިޞްލާޙުކުރުމުގައި ޒަކާތުގެ ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. ނަފްސަށް ޖެހޭ އެންމެ ނުބައި ބަލިތައް ކަމުގައިވާ ދަހިވެތިކަމާއި، މުދާ ހިފެހެއްޓުމާއި، ބަޚީލުކަމުން އިންސާނާ ސަލާމަތްކޮށްދޭ އެންމެ މުހިންމު ސަބަބަކީ ޒަކާތެވެ. މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަން އުފައްދައި، ﷲގެ ކޯފާ ޙައްޤުވާ މި ފަދަ ނުބައި ސިފަތަކަށް ޒަކާތާއި ޞަދަޤާތުގެ ސަބަބުން މުލުން ފެށިގެން ޝިފާ ލިބެއެވެ. އެހެނީ، ޒަކާތް ދިނުމުގެ ސަބަބުން، މުދާ ހޭދަކުރުމަށް އިންސާނާ އާދަވެއެވެ. ﷲގެ ޢަޒާބަށް ބިރުން ނަމަވެސް މުދާ ހޭދަކުރާން ފެށުމުން، މަޑުމަޑުން އަމިއްލަ ނަފްސާ ހަނގުރާމަކޮށް، ހޭދަކުރާންޖެހޭ ދަނޑިވަޅުތަކުގައި ފަސްނުޖެހި ހޭދަކުރުމުގެ މަތިވެރި ސިފަ އިންސާނާގެ ކިބައިގައި އަށަގަނެއެވެ.
ޒަކާތުގެ ސަބަބުން މުއްސަނދީންގެ ނަފްސުގައިވާ ދަހިވެތިކަން ފިލުވައިދޭ ފަދައިން، އެ މުދާ ލިބޭ ފަޤީރުންގެ ހިތްތަކުގައިވާ ހަސަދަވެރިކަމާއި ނުރުހުންތެރިކަން ވެސް ފިލުވައިދެއެވެ. މުޖުތަމަޢެއްގައި ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެއްޖެނަމަ، އެ މުޖުތަމަޢެއް ބަރުބާދުވެގެންދާނެއެވެ. ނަމަވެސް، ފަޤީރުންނަށް އެހީތެރިވެ، އޯގާތެރިވުމުން އެމީހުންގެ ހިތްތަކުގައި ލޯތްބާއި ކުލުނު އުފެދެއެވެ. އަދި އެމީހުންނަށް ތަނަވަސްކަން ލިބޭ ދުވަހަކުން، އެހެން މީހުންނަށް އެހީތެރިވުމުގެ ރޫޙު އެމީހުންގެ ކިބައިގައި ހުރެއެވެ. އިސްލާމްދީނުގެ މަޤްޞަދަކީ މުއްސަނދީން ނައްތާލުމެއް ނޫނެވެ. އޭގެ ބަދަލުގައި، އިސްލާމްދީން އަބަދުވެސް އަމާޒު ހިފަނީ ފަޤީރުކަން ނައްތާލުމަށެވެ.
އިންސާނާ ބަޚީލުކަމުން ސަލާމަތްވެ، ހޭދަކުރުމަށް އާދަވެއްޖެނަމަ، އޭނާ "އިންސާނީ ދަހިވެތިކަމުގެ" ދަށު ދަރަޖައިން މަތިވެރި "ރައްބާނީ" ސިފަތަކާ ގާތްވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކުގެ ތެރޭގައި އެއްވެސް ބަދަލަކަށް އެދުމެއްނެތި ހެޔޮކަމާއި، ރަޙުމަތާއި، ދީލަތިކަން ފެތުރުން ހިމެނެއެވެ. އިންސާނާގެ ކުޅަދާނަކަން ހުރި މިންވަރަކުން މިފަދަ ސިފަތައް ލިބިގަތުމަކީ އިންސާނީ ފުރިހަމަކަމުގެ އެންމެ މަތީ ދަރަޖައެވެ. އިމާމް ރާޒީ ވިދާޅުވެފައިވެއެވެ. "އިންސާނާގެ ނަފްސުގައި ދެ ބާރެއްވެއެވެ. އެއީ ޢިލްމީ ބާރާއި ޢަމަލީ ބާރެވެ. ޢިލްމީ ބާރުގެ ފުރިހަމަކަން ވަނީ ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި މަތިވެރިކުރުމުގައެވެ. އަދި ޢަމަލީ ބާރުގެ ފުރިހަމަކަން ވަނީ ﷲގެ މަޚުލޫޤުންނަށް އޯގާތެރިވުމުގައެވެ. ﷲ ޒަކާތް ފަރުޟުކުރެއްވީ ފުރާނައަށް މި މަތިވެރިކަން ހޯދައިދިނުމަށެވެ. އެއީ މީސްތަކުންނަށް ހެޔޮ ފޯރުވައި، އުނދަގޫތަކުން އެމީހުން ސަލާމަތްކޮށްދޭ މީހަކަށް ވުމަށެވެ."
ޝައިޚު މުޙައްމަދު އަލްޣަޒާލީ ދެކެވަޑައިގަންނަވާ ގޮތުގައި، ޒަކާތަކީ ހަމައެކަނި ޖީބުން ނަގާ ޓެކުހެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހިތްތަކުގައި އޯގާތެރިކަމާއި ކުލުނު އުފައްދައި، މުޖުތަމަޢުގެ އެކި ފަންތީގެ މީހުންގެ މެދުގައި އެއްބާރުލުމާއި ގާތްކަން އިތުރުކޮށްދޭ ކަމެކެވެ. ޒަކާތްދިނުމުގެ މަޤްޞަދު ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. "تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا" މާނައީ: "އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!" އެހެންކަމުން، ނަފްސު އުނި ސިފަތަކުން ސަލާމަތްކޮށް، މުޖުތަމަޢު މަތިވެރި ދަރަޖައަކަށް ގެންދިއުމަކީ ޒަކާތުގެ އެންމެ މުހިންމު ޙިކުމަތެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޞަދަޤާތުގެ މާނަ ފުޅާކުރައްވައި ޙަދީޘްކުރައްވައިފައިވެއެވެ. "ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވުމަކީ ޞަދަޤާތެކެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ ޞަދަޤާތެކެވެ. މަގު އޮޅިފައިވާ މީހަކަށް މަގު ދައްކައިދިނުމަކީ ޞަދަޤާތެކެވެ. މަގުމަތީގައި ހުންނަ އުނދަގޫދޭ ތަކެތި (ކަށި، ކަށިގަނޑު ފަދަ ތަކެތި) އެއްފަރާތްކުރުމަކީ ޞަދަޤާތެކެވެ. ތިބާގެ ބާލިދީން އަޚާގެ ބާލިދީއަށް ފެން އަޅައިދިނުމަކީ ޞަދަޤާތެކެވެ. އަދި ލޯފަން މީހަކަށް މަގު ދައްކައިދިނުމަކީ ވެސް ޞަދަޤާތެކެވެ." ޖާހިލިއްޔަ ޒަމާނުގެ ދެކޮޅުވެރިކަމުގެ ތެރޭގައި އުޅުނު މީހުންނަށް އިސްލާމްދީން ދަސްކޮށްދިން މި މަތިވެރި އުޞޫލުތަކަކީ މުޖުތަމަޢު ބަދަލުކޮށްލި ކަންކަމެވެ.
ޒަކާތުގެ ސަބަބުން މުސްލިމުންނަށް ޢިއްފަތްތެރިކަމާއި އަމިއްލަ ނަފްސުގެ ޤަދަރު ހިފަހައްޓާން ދަސްވެއެވެ. ސަލާންޖެހުމުގެ ދަށު ދަރަޖައިން ސަލާމަތްވުމަށް ޓަކައި ހަލާލު މަސައްކަތްކުރުމުގެ ރޫޙު އުފެދެއެވެ. މީގެ އިތުރަށް، އެހެން މީހުންގެ އިޙްސާސްތައް ދަނެގަނެ، މުޖުތަމަޢުގެ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ ޙާލަތު ބަލައި، އެ މީހުންނަށް އެހީވުމުގެ މަތިވެރި އަޚުލާޤު މުސްލިމުންގެ ކިބައިގައި އަށަގަނެއެވެ.
ކީރިތި ޤުރްއާނުގައި މުސްލިމުންނަށް އަމުރުކުރައްވައިފައިވަނީ، ޞަދަޤާތްކުރާއިރު އެ މީހެއްގެ އަތުގައި ހުރި އެންމެ ރަނގަޅު، އެންމެ ފައިދާހުރި މުދަލުން ހޭދަކުރުމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ...) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ." މި އާޔަތް ބާވައިލެއްވުނު ސަބަބާ ބެހޭގޮތުން ބަރާއު ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. "މި އާޔަތް ބާވައިލެއްވުނީ އަހަރެމެން އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ބައެއް މީހުންނާ ބެހޭގޮތުންނެވެ. އަހަރެމެންނަކީ ކަދުރު ބަގީޗާތަކުގެ ވެރިންނެވެ. ބައެއް މީހުން މިސްކިތަށް ކަދުރު އިހާ ގެނެސް އެލުވައެވެ. ނަމަވެސް ބައެއް މީހުން ހެޔޮކަމަށް އެދުމެއް ނެތި، ހަލާކުވެފައި ހުންނަ ނުބައި ކަދުރު އިހާ ގެނެސް އެލުވަން ފެށިއެވެ. އެހިނދު މި އާޔަތް ބާވައިލެއްވުނެވެ."
ހަމައެފަދައިން، ޞަދަޤާތް ދިނުމަށްފަހު އެކަމުގެ މަތިން ކިޔައި، މީހުންނަށް އުނދަގޫ ނުކުރުމަށް ޤުރުއާން ދަސްކޮށްދެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (قَوْلٌ مَعْرُوفٌ وَمَغْفِرَةٌ خَيْرٌ مِنْ صَدَقَةٍ يَتْبَعُهَا أَذًى) މާނައީ:" އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ." ޞަދަޤާތް ދިނުމަށްފަހު އެމީހަކަށް ކުޑާމީސްކުރުން ނުވަތަ އެކަމުގެ މަތިން ކިޔައި އުނދަގޫކުރުމަކީ އެ ޞަދަޤާތުގެ ދަވާބު ކަނޑުވައިލާ ކަމެކެވެ. އެހެންކަމުން ﷲ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا لا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالأَذَى) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ!" ޞަދަޤާތް ދިނުމަށްފަހު އެކަމުގެ މަތިން ކިޔައި، މީހުންނަށް އުނދަގޫކުރުމުގެ ސަބަބުން ލިބޭ ފާފަ، އެ ޞަދަޤާތުން ލިބޭ ދަވާބަށްވުރެ ބޮޑުވެގެންވެއެވެ. ދެން އެކަލާނގެ ވަޙީކުރެއްވީ: (كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ) މާނައީ: "މީސްތަކުންނަށް ދެއްކުމަށް ޓަކައި އޭނާގެ މުދާ ހޭދަކުރާ މީހާ ފަދައިންނެވެ." އެބަހީ، މީސްތަކުންގެ މެދުގައި މަޝްހޫރުވުމަށް ނުވަތަ ތަޢުރީފު ހޯދުމަށް ޓަކައި ޞަދަޤާތްކުރާ މީހާގެ ޞަދަޤާތް ބާޠިލުވާ ފަދައިން، ކިޔައިދީ އުނދަގޫކުރާ މީހާގެ ޞަދަޤާތް ވެސް ބާޠިލުވެއެވެ.
އަޞްލަކީ، ޞަދަޤާތްކުރާ މީހާ، އެ ޞަދަޤާތް ޤަބޫލުކުރާ ފަޤީރަކީ އޭނާއަށް ހެޔޮކަމެއް ކޮށްދޭ މީހެއް ކަމުގައި ދެކުމެވެ. އެހެނީ، އެ ފަޤީރުމީހާ އެ ޞަދަޤާތް ޤަބޫލުކުރުމަކީ، މުދާވެރިޔާ ނަރަކައިން ސަލާމަތްވުމަށްޓަކައި އޮތް މަގެކެވެ. އެހެންކަމުން، ކުރާ ހެޔޮކަންތައް ކުޑަކޮށް ދެކުމާއި، އަވަސްކުރުމާއި، އަދި ސިއްރުކުރުމަކީ ހެޔޮކަން ފުރިހަމަވާ ކަންކަމެވެ.
މި އާޔަތުގެ ޢަމަލީ މިސާލެއްގެ ގޮތުން، عائشة رضى الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ކާއެއްޗެއް ގެނެވުނެވެ. އެކަލޭގެފާނު އެއެއް ނުފަރިއްކުޅުއްވައެވެ. އަދި އެ ކެއުން މަނައެއް ވެސް ނުކުރައްވައެވެ. އަހަރެން ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! މީތި މިސްކީނުންނަށް ކާންދެންތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. ތިޔަބައިމީހުން އަމިއްލައަށް ނުކާ ތަކެތި އެމީހުންނަށް ކާންނުދޭށެވެ." އެހެންކަމުން ﷲ ވަޙީކުރެއްވިއެވެ: "وَلَسْتُمْ بِآَخِذِيهِ إِلاّ أَنْ تُغْمِضُوا فِيهِ" މާނައީ: "ލޯމަރައިލައިގެން މެނުވީ، ތިޔަބައިމީހުން ވެސް އެ އެއްޗެއް ނުހިފާނެ ތަކެއްޗެވެ." އެބަހީ، ތިޔަބައިމީހުންނަށް މީހަކު އެފަދަ އެއްޗެއް ހަދިޔާއަކަށް ދީފިނަމަ، އެއީ އުނި އެއްޗެއްކަން އެނގިހުރެ މެނުވީ އެ ނުހިފާނެއެވެ. ﷲ އީ ތިޔަބައިމީހުންގެ އެހީތެރިކަމަށް ބޭނުންވެވޮޑިގެންވާ ކަލަކު ނޫނެވެ. އެހެންކަމުން ތިޔަބައިމީހުން ނުރުހޭ ތަކެތި ﷲ އަށްޓަކައި ހޭދަނުކުރާށެވެ.
އިބްނު ޖަރީރު ރިވާކުރައްވައިފައިވާ ގޮތުގައި، މި އާޔަތުގެ މާނައަކީ: މީހަކު އަނެކަކަށް ދަރަންޏެއް އަދާކުރާއިރު، އެ ދަރަނި އަދާކުރީ ނުބައި އެއްޗަކުން ނަމަ، އެމީހާގެ ޙައްޤު އުނިވެއްޖެ ކަމަށް ދެކިގެން މެނުވީ އެ ނުހިފާނެއެވެ. އެހެންކަމުން، ތިމާގެ އަމިއްލަ ނަފްސަށާއި އާއިލާއަށް ރަނގަޅު ތަކެތި ބަހައްޓާފައި، ﷲގެ މަގުގައި ނުބައި ތަކެތި ހޭދަކުރުމަކީ ﷲ އަށް ކުރެވޭ ބޭއަދަބީ ކަމެކެވެ. މެހެމާނަކަށް ވެސް ތިމާގެ މުދަލުން އެންމެ ނުބައި ތަކެތި ދީފި ނަމަ، އޭނާގެ ހިތުގައި ނުރުހުން އުފެދޭނެއެވެ.
(އެޑިޓަރުގެ ނޯޓު: މިއީ ޑރ. މޫސާ އަންވަރު ޙަސަން ކުރައްވައިފައިވާ ތަރުޖަމާއެކެވެ.)
مصدر: ޑރ. ދައްޙާމް އިބްރާހީމް އަލްހަސްނިޔާނީ، (عضو الاتحاد العالمي لعلماء المسلمين)
ލަފުޒެއްގެ މާނަ:
ޓެކުސް ނ. (1) އިހުގައި މީހުން އުފައްދާ ތަކެތީން ނުވަތަ ކުރާ މަސައްކަތުން ނުވަތަ މީހުންގެ ބޯބޯ މަތީން ސަރުކާރަށް ނަގާ ބައި. މީގެ ތެރޭގައި އިމްޕޯޓު ޑިއުޓީ ނުވަތަ އެކްސްޕޯޓު ޑިއުޓީ ހިމެނިގެނެއް ނުވެއެވެ. (2) ބޯބޯމަތީން ނުވަތަ ވަކި ކަމެއް ކުރާ ބަޔެއްގެ އަތުން ގަވާއިދެއްގެ މަތީން ސަރުކާރަށް ނަގާ އެއްޗެއް. (3) މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ އަގުގެ ގޮތުން ނޫން ގޮތަކުން މީހުންގެ އަތުން ސަރުކާރަށް ނެގޭ އެއްޗެހި. tax