ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
21 އޮކްޓޯބަރު 2026
އަންދަލުސް (ނުވަތަ އައިބީރިއަން ޕެނިންސިއުލާ) މުސްލިމުންގެ އަތުން ބީވެގެން ދިޔައީ ކަނޑިއާއި، ބަޑި ނެތިގެނެއް ނޫނެވެ. އަދި، އަންދަލުސަށް ޓަކައި ހަނގުރާމަކުރާނެ މުޖާހިދުން ނެތިގެނެއް ވެސް ނޫނެވެ. އަންދަލުސް މުސްލިމުންނަށް ގެއްލުނީ އިސްލާމީ އުންމަތަށް ކުރިމަތިވި ނުރައްކާތެރި ތިން ވަބާއަކުންކަން އެނގޭހެއްޔެވެ؟ އަދި މިއަދު ވެސް އެ ތިން ވަބާގެ ވިހަ އަހުރެމެންގެ ނާރުތަކުގައި ދައުރުވެއެވެ.
އަހުރެމެންނަށް އެންމެ ބޮޑަށް ހީވެފައި އޮންނަނީ އަންދަލުސް އަހުރެމެންގެ އަތުން ފޭރިގަތީ ނަޞާރާއިންކަމަށެވެ. އެކަމަކު ތާރީޚުގެ ސަފުޙާތަކުން ދައްކާ ގޮތުގައި އަންދަލުސް މުސްލިމުންގެ އަތުން ބީވެގެން ދިޔައީ ބޭރުގެ ނުފޫޒަށް ވުރެ ބޮޑަށް، އެތެރޭގެ ނުފޫޒާއި، ބައިބައިވުންތަކުގެ ސަބަބުންނެވެ. 1492ވަނަ އަހަރު، ޣަރުނާޠާ ވެއްޓުނުކަމުގައިވީ ނަމަވެސް، އެ ވެއްޓުމުގެ ބިންގާ އެޅިފައިވަނީ އޭގެ ތިންސަތޭކަ އަހަރު ކުރީންނެވެ.
1. އަންދަލުސަށް ކުރިމަތިވި ފުރަތަމަ ވަބާއަކީ ބައިބައިވުމާއި، ކުދިކުދި، ވަކިވަކި ދައުލަތްތަކުގެ ވަބާއެވެ. އަންދަލުސް އޭގެ އެންމެ އުސް ކުންނުގައި އޮތް އިރު އެއީ އެއް ބިމެކެވެ. މުޅި އައިބީރިއަން ޕެނިންސިއުލާއެވެ. މިހާރުގެ އިސްޕޭނާއި، ޕޯޗްގަލް އެއްކޮށެވެ. ޢަބުދުއްރަޙުމާން އައްދާޚިލުން ފެށިގެން ޢަބުދުއްރަޙުމާން އައްނާޞިރާ ހަމައަށް އަންދަލުސްއަކީ މަރުކަޒީ ބާރެކެވެ. ޤުރުޠުބާއަކީ އެ ވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ސަހަރެވެ. ހަތަރު ލައްކަ ފޮތް ހިމެނޭ ކުތުބުޚާނާއެއް އެ ސަހަރުގައި ހުއްޓެވެ. އެކަމަކު، އެގާރަވަނަ ޤަރުނުގައި މެދުތެރޭގެ އަންދަލުސްގެ މަރުކަޒީ އިސްލާމީ ޚިލާފަތް ބަލިކަށިވެ، ބާވީހަށް ވުރެ ގިނަ ވަކިވަކި ދައުލަތްތަކަކަށް އަންދަލުސް ބައިބައިވެގެން ދިޔައެވެ. ތާރީޚުގައި އެ ދައުލަތްތަކަށް ކިޔަނީ [މަމްލޫކު އައް ޠަވާއިފު]އެވެ.
އެއަށް ފަހު، އެ ކުދިކުދި ދައުލަތްތަކުގެ ރަސްރަސްކަލުން އެކަކު އަނެކަކާ ދުޝްމަނުވިއެވެ. އިޝްބީލިއާ ނުވަތަ ސެވިލްގެ ރަސްގެފާނު ޤުރުޠުބާއަށް ހަމަލާދޭނެކަމަށާއި، ޤުރުޠުބާގެ ރަސްގެފާނު ޣަރުނާޠާއަށް ހަމަލާދޭނެކަމުގެ އިންޒާރުދީ ހެދިއެވެ. ކޮންމެ ރަސްކަލަކު ވެސް، އެ މީހެއްގެ ތަޚުތު ސަލާމަތްކުރުމަށް ޓަކައި ނަސްރާނީ ރަސްރަސްކަލުންގެ އެހީތެރިކަމަށް އެދޭން ފެށިއެވެ. ނަސްރާނީ ރަސްރަސްކަލުންނަށް ހަދިޔާބަދިޔާ ފޮނުވައި، ޝުކުރުއަދާކޮށް، އެ މީހުންގެ ލަޝްކަރުތަކާ ގުޅިގެން ތިމާމެންގެ މުސްލިމް އަޚުންނާ ދެކޮޅަށް ހަނގުރާމަކުރިއެވެ. މަދު ބަޔަކަށް އެނގޭ ހަގީގަތަކީ އަންދަލުސްގެ މުސްލިމުންގެ އެންމެ ބޮޑު އެއް މަރުކަޒުކަމަށްވާ ޠުލައިޠުލާ ނުވަތަ ޓޮލެޑޯ ސަހަރު ނަސްރާނީންނަށް ހިފުނީ އެ މީހުންގެ ބާރުގަދަކަމަކުންނެއްނޫނެވެ. އަދި ކިއެއްތަ، އިޝްބީލިއާގެ މުސްލިމް ރަސްގެފާނު އަލްމުޢުތަމިދު އިބްނި ޢައްބާސް، ނަސްރާނީ ރަސްގެފާނު އަލްފޮންސޯއަށް އެހީތެރިވުމުގެ ސަބަބުންނެވެ.
ޚުދު އަންދަލުސްގެ ނަސްރާނީ ތާރީޚު ޢިލްމުވެރީން ވެސް ލިޔެފައިވާ ގޮތުގައި އަންދަލުސްގެ ވަކިވަކި ރަސްރަސްކަލުން އެއްބައިވެ އެއްބައިވަންތަވި ނަމަ، ދުވަހަކު ވެސް ނަޞާރާއިންނަކަށް މުސްލިމުންގެ އަތުން އަންދަލުސް އަތެއްނުލެވުނީހެވެ. އެކަމަކު ކޮންމެ ރަސްކަލަކު ވެސް ހީކުރީ އޭނާގެ ކުޑަކުޑަ ދައުލަތަކީ މުޅި އަންދަލުސްކަމުގައެވެ. މިއަދު ވެސް އިސްލާމީ ޤައުމުތަކުން ޢަމަލުކުރަނީ ހަމަ އެ ފަދައިންނެވެ. ދީނާއި، ޤައުމާއި، މަޒުހަބާއި، ސިޔާސީ ފިކުރާއި، ވަކިވަކި ޖަމާޢަތްތަކުގެ ނަމުގައި އަހުރެމެން މި ތިބީ ބައިބައިވެފައެވެ. ކޮންމެ މީހަކު ވެސް ދެކެނީ އޭނާ ނަމާދުކުރާ މިސްކިތާއި، އޭނާ ނިސްބަތްވާ ކުޑަކުޑަ ޖަމާޢަތަކީ އަސްލު އިސްލާމްދީންކަމުގައެވެ.
2. އަންދަލުސަށް ކުރިމަތިވި ދެވަނަ ވަބާއަކީ ދުނިޔޭގެ އުފަލާއި، އަރާމަށް ހެއްލުމާއި، ޢިލްމާ ދުރުހެލިވުމެވެ. ފެށުމުގައި އަންދަލުސަކީ ޢިލްމުގެ މަރުކަޒެކެވެ. އިބްނު ރުޝްދު، އިބްނު ހަޒަމް، ޢައްބާސް އިބުނު ފިރުނާސް، އިބުނު ޢަރަބީ، މަސްލަމާ އަލްމަޖުރީޘީ، ޒަހުރާވީ ފަދަ ބޮޑެތި ޢިލްމުވެރީން އެ ތަނުން އުފަންވިއެވެ. އެކަމަކު 12ވަނަ ޤަރުނަށް ފަހު އެ ތަނުގެ ގަނޑުވަރުތައް ބަދަލުވިއެވެ. ގަނޑުވަރުތަކުގައި ޢިލްމާއި، ފޮތްތަކުގެ ބަދަލުގައި އޮތީ މިއުޒިކާއި ނެށުމެވެ. ރަސްރަސްކަލުންގެ ގާތުގައި ތިބި ޢިލްމުވެރީން ބޭރުކޮށް، އެ މީހުންގެ ބަދަލުގައި ޅެންވެރީންނާއި، ތިމާމެންނަށް ޚުޝާމަދުކޮށްދޭނޭ މީހުން ޖަމާކުރިއެވެ.
ޣަރުނާޠާގެ ފަހުގެ ފަންސާސް އަހަރުގެ ތާރީޚު ކިޔައިފި ނަމަ މީހަކު ހައިރާންވާނެއެވެ. އެއް ފަރާތުން ނަސްރާނީ ރަސްގެފާނު ފަރޑިނަންޑާއި، ރާނީ އިޒަބެލް ދިޔައީ ލަޝްކަރުތައް ތައްޔާރުކޮށް، ހަތިޔާރުތައް ޖަމާކޮށް، ޖާސޫސުން ފޮނުވަމުންނެވެ. އަނެއް ކޮޅުން ކޮންމެ ރެއަކު، ޣަރުނާޠާގެ އަލްހަމްބްރާ ގަނޑުވަރުގައި އޮތީ ޕާޓީތަކެވެ. އަންދަލުސްގެ ޖާސޫސަކު އޭނާގެ ރަސްގެފާނަށް ލިޔުނު ސިޓީއެއްގައި ބުނެފައިވެއެވެ. [ޣަރުނާޠާގެ ރަސްގެފާނަށް އޭނާގެ ލަޝްކަރުގައި އޮތީ ކިތައް އަސްކަމެއް ނޭނގޭނެއެވެ. އެކަމަކު އޭނާގެ ގަނޑުވަރުގައި ތިބީ ކިތައް ކަނީޒުންކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.]
މަދު ބަޔަކަށް އެނގޭ އަނެއް ޙަޤީޤަތަކީ ނަސާރާއިން ޣަރުނާޠާ ޙިޞާރުކޮށްގެން ތިބި ދުވަސްވަރު، އެ ސަހަރުން ކާބޯތަކެތި ހުސްވެ މުޖާހިދުންނާއި، ރައްޔިތުން ބަނޑަށް ޖެހުނެވެ. އެކަމަކު، ޝާހީ ޚަޒާނާގައި ތިން އަހަރު ދުވަހުގެ މުއްދަތަށް މުޖާހިދުންނާއި، ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭ ވަރަށް ޚާލިޞް ރަން ހުއްޓެވެ. އެކަމަކު، އެ ރަންތައް ރަސްގެފާނު ބޭނުންކުރީ އޭނާގެ އަނބީންގެ ގަހަނާއަށާއި، ގަނޑުވަރު ޒީނަތްތެރިކުރުމަށް ޓަކައެވެ. ޣަރުނާޠާ ހިމާޔަތްކުރުމަށް އެ ތަކެތި ބޭނުންކުރާން އޭނާ ދެކޮޅުހެދިއެވެ. އާޚިރުގައި އެ ހުރިހައި މުދަލެއް ޣަނީމާކުރީ ނަޞާރާއިންނެވެ.
މިއަދު ވެސް އިސްލާމީ ޤައުމުތަކުން ކަންތައްތައް އެ ކުރަނީ ހަމަ އެ ފަދައިންނެވެ. އަހުރެމެންގެ އަތުގައި ހުރިހާ ވަސީލަތްތަކެއް ހުރެމެ، އަހުރެމެން ބަލަހައްޓައިގެން ތިއްބައި އިޒުރޭލުން އެ ގެންދަނީ ފަލަސްޠީނާއި، ލުބުނާނާއި، ސީރިއާގެ އަޚުންނާއި، އުޚުތުން ކަތިލަމުންނެވެ. އަހުރެމެން މިއުޒިކާއި، ލަވަޔަށް މިލިއަނުން ޚަރަދުކުރާއިރު، އިސްލާމީ އުންމަތުގެ އެއް ބަޔަކު އެ ދަނީ ބަނޑަށް މަރުވަމުންނެވެ. އެ މީހުންނަށް އެހީގެ އަތެއް ދިއްކުރުން އަހުރެމެންނަށް ވެފައިވަނީ ބޮޑު ބުރައަކަށެވެ. އަހުރެމެން މި ވަނީ އިސްލާމްދީނުގެ އުސޫލުތަކާއި، ޢިލްމުވެރިކަން ދޫކޮށްލައިފައި، ދެއްކުންތެރިކަމާއި، މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައެވެ.
3. އަންދަލުސްއަށް ކުރިމަތިވި ތިންވަނަ ވަބާއަކީ ދުޝްމަނުންނަކީ އެކުވެރީންކަމުގައި ދެކި، މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ލޯމަރައިލައިގެން އީމާންވުމެވެ. އަންދަލުސްގެ މުސްލިމުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ނަޞްރާނީ ރަސްރަސްކަލުންގެ މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ލޯމަރައިލައިގެން އީމާންވުމެވެ. ޣަރުނާޠާގެ އެންމެ ފަހުގެ މުޢާހަދާގައި ބުނެފައިވަނީ މުސްލިމުންނަށް ދީނީ މިނިވަންކަމާއި، މިސްކިތްތަކަށް ޙިމާޔަތާއި، ރައްކާތެރިކަން ލިބިގެންވާކަމާއި، މުސްލިމުންނަށް ޢަރަބި ބަހުން ވާހަކަދެއްކުމުގެ މިނިވަންކަން ލިބިގެންވާކަމަށެވެ. ޣަރުނާޠާގެ އެންމެފަހުގެ ރަސްގެފާނު އަބޫ ޢަބްދު الله އެ މުޢާހަދާއަށް ހެއްލި، ޣަރުނާޠާގެ ތަޅުދަނޑި ނަޞާރާއިންނާ ޙަވާލުކުރިއެވެ. އެކަމަކު އެއްބަސްވުމަށް ހަތް އަހަރު ނުފުރެނީސް ހުރިހައި މިސްކިތްތަކެއް ފައްޅިތަކަށް ބަދަލުކުރެވުނެވެ. މުސްލިމުންނަށް ޢަރަބި ބަހުން ވާހަކަދެއްކުން މަނާކުރެވުނެވެ. މުސްލިމުންގެ ހުރިހައި ފޮތްތަކެއް އެއްކޮށް ބާބުއްރަމްލާ މައިދާނަށް ޖަމާކޮށް މުސްލިމުންގެ ކުރިމަތީގައި އަންދައިލެވުނެވެ. މިލިއަނަކަށް ވުރެ ގިނަ ފޮތްތައް އެ ދުވަހު އަންދައިލައިފައިވާކަމަށް ބުނެވެއެވެ. އޭގެ ތެރޭގައި، ބޭސްވެރިކަމާއި، ފަލަކީ ޢިލްމާއި، ފަލްސަފާގެ ޢިލްމުގެ އެތައް ހާސް ފޮތްތަކެއް ހިމެނެއެވެ.
ހަމައެފަދައިން، އޭގެ ކުރީން ވެސް ކުދިކުދި އެތައް އެއްބަސްވުންތަކެއް ހެދިފައިވެއެވެ. އިޝްބީލިއާގެ ރަސްގެފާނު، ނަޞާރާއިންނާ އެކު އެއްބަސްވުމެއް ޤާއިމުކޮށް، ޤުރުޠުބާ ފަތަޙަކުރާން އެހީތެރިވެދީފި ނަމަ ކޮންމެ އަހަރަކު ޖިޒީދޭނެކަމަށް އެއްބަސްވިއެވެ. އެކަމަކު، ނަޞާރާއިން ޤުރުޠުބާ ހިފުމަށް ފަހު ޖެހިގެން އައި އަހަރު އެ ސަހަރު އެއްކޮށް ސުންނާފަތިކޮށްލިއެވެ. އަހުރެމެން ކޮންމެ ފަހަރަކު ވެސް ދުޝްމަނުންގެ މަކަރުވެރި، ކެހިވެރި ރޭވުންތަކާ މެދު ދެކެނީ އެއީ އެމީހުންގެ އޯގާތެރިކަންކަމުގައެވެ.
މިއަދު ވެސް އަހުރެމެން ކަންތައްތައް މި ކުރަނީ ހަމަ އެފަދައިންނެވެ. އަހުރެމެން މިއަދު ވެސް ޤަބޫލުކުރާ ގޮތުގައި، އިސްލާމީ އުންމަތުގެ ވަސީލަތްތައް ފޭރިގަންނަ ޤައުމުތަކަކީ އަހުރެމެންގެ އެކުވެރީންނެވެ. އެ މީހުން އަހުރެމެންނަކަށް ދޯކާއެއްނުދޭނެއެވެ. އެ މީހުން ދައްކާ ހުރިހައި ވާހަކައެއް އަހުރެމެން ޤަބޫލުކޮށް، އަހުރެމެންގެ ސަގާފަތާއި، އަހުރެމެންގެ ބަހާއި، އަހުރެމެންގެ ހެދުންއަޅާ ގޮތްތައް މި ވަނީ ދޫކޮށްލައިފައެވެ. އެ މީހުން އަހުރެމެން ބަލައިގަނެ، ޤަބޫލުކުރާނެ ފަދަ ގޮތަކަށް، އެ މީހުން ފަދައިން ވާން އަހުރެމެން މި ގެންދަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު އަންދަލުސްގެ ތާރީޚުން އެނގޭ ގޮތުގައި، އެ ޤައުމެއްގެ ހުވިއްޔަތު (ވަންތުކަން) ދޫކޮށްލާ ޤައުމަކީ އެއްވެސް ބަޔަކު ބަލައިގަންނަ ޤައުމެއް ނޫނެވެ. އެއީ ނެތި ފަނާވެ، ތާރީޚުގެ ޞަފުޙާތަކުން ފޮހެވިވެގެންދާނޭ ޤައުމެކެވެ. އަންދަލުސްގެ އެންމެފަހުގެ ޢިލްމުވެރިޔާ އަބޫބަކުރު އައްޠަރުތޫޝީ ވިދާޅުވެފައި ވަނީ އަންދަލުސް ވެއްޓުނީ ޣަރުނާޠާގެ ތަޅުދަނޑި ޙަވާލުކުރި ދުވަހު ނޫންކަމަށާއި، އަހުރެމެން މުސްލިމުންނަކީ އެއްބައިވަންތަ ބަޔެއްކަން ހީކުރުން ހުއްޓައިލި ދުވަހުކަމަށެވެ. މިއަދު، އަހުރެމެންގެ އަތުގައި އަލްހަމްބްރާ ފަދަ ގަނޑުވަރެއް ނެތެވެ. އަދި ޤުރުޠުބާގައި ހުރި ފަދަ ކުތުބުޚާނާއެއް ނެތެވެ. އެކަމަކު، މިއަދު ވެސް އަހުރެމެންނަށް ދިމާވެފައި މި ވަނީ ހަމަ، އަންދަލުސްއަށް ކުރިމަތިވި ތިން ވަބާއެވެ. އެއީ ބައިބައިވުމާއި، ދުނިޔޭގެ އުފަލާއި، އަރާމަށް ހެއްލުމާއި، ލޯމަރައިލައިގެން ދުޝްމަނުންނަށް އިތުބާރުކުރުމެވެ.
އަންދަލުސް މުސްލިމުންގެ އަތުން ބީވެގެން ދިޔައީ، އެއް ދުވަހަކުން ދެ ދުވަހަކުން ނޫނެވެ. މަޑުމަޑުން ގެއްލިގެން ދިޔައީއެވެ. ފުރަތަމަ ހިތެވެ. ދެން ސިކުނޑިއެވެ. ދެން ބިމެވެ. މިއަދު މި ތިން ވަބާ، އަހުރެމެން ތަކުރާރުނުކޮށްފި ނަމަ މާދަމާގެ މުސްތަގުބަލު އަހުރެމެންނަށް ސަލާމަތް ކުރެވިދާނެއެވެ. އެހެން ނޫންނަމަ ތާރީޚު އަލުން އިޢާދަވާނެއެވެ. މިފަހަރު އަހުރެމެން ކަރުނައަޅައި ރޯނީ އަލްހަމްބްރާ ގެއްލިގެނެއް ނޫނެވެ. މި ފަހަރު އަހުރެމެން ކަރުނައަޅައި ރޯނީ އަލްޤުދުސް (މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު) ގެއްލިގެންނެވެ.
ބައެއް ލަފުޒުގެ މާނަ:
ހުވިއްޔަތު ނ. (1) ވަންތު. (2) މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާ. identity
ނަސްރާނީ ނއ. ޢީސާގެފާނުގެ ދީންކަމަށް ހަދައިގެން އުޅޭ ޣައިރުދީނަށް ދީނަށް ނިސްބަސްވާ. christian
ޣަރަޤުވުން މ. ގެނބޭ ގެނބުން. sink
ވަންތުކަން ނއނ. މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާކަން. identification