ad_banner
އަމީރުލްޙައްޖުގެ މުހިންމު މަޤާމާއި ތާރީޚު (1)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

25 އޮކްޓޯބަރު 2026

އިސްލާމީ ސަޤާފަތާއި ތާރީޚުގައިވާ ގޮތުން، ފުރަތަމަ ހައްޖު ޤާފިލާ ފޮނުއްވީ މި އުންމަތުގެ ކައު ނަބިއްޔާ މުޙައްމަދުގެފާނުގެ ޒަމާނުގައެވެ. އެއީ މީލާދީން 630 ވަނަ އަހަރު (ހިޖުރައިން 9 ވަނަ އަހަރު) މަދީނާއިން ފެށިގެން މައްކާއަށް 300 ޙައްޖުވެރީން ގޮވައިގެން ވަޑައިގަތުމަށް އަބޫބަކުރުގެފާނަށް އެންގެވުމުންނެވެ.

އިސްލާމީ ތާރީޚުގައި ރިކޯޑުކޮށްފައިވާ ގޮތުން، ފުރަތަމަ ޙައްޖު ދަތުރުފުޅުގެ ވެރިއަކަށް ހުންނެވީ މީލާދީން 630 (ހިޖުރައިން 9)ގައި ސައްޔިދުނާ އަބޫބަކުރުގެފާނެވެ. ތާރީޚުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަދީނާއިން ފެށިގެން މައްކާއަށް 300 ޙައްޖުވެރީންގެ ޖަމާޢަތެއް ގެންދެވުމަށް މާތް ނަބިއްޔާ މުޙައްމަދުގެފާނު ވަނީ ސައްޔިދުނާ އަބޫބަކުރުގެފާނަށް އަންގަވައިފައެވެ. މި ޙައްޖަކީ އިސްލާމީ ފުރަތަމަ ޙައްޖުގެ ގޮތުގައި ބެލެވޭ، އަދި ކޮންމެ އަހަރަކު ކުރެވޭ ޙައްޖުގެ ސަޤާފަތުގެ ބިންގާ އެޅުނު ޙައްޖެވެ.

މި މަގާޅުގައި މި ބަލައިލަނީ ޝަރަފުވެރި މަޤާމެއްގެ ގޮތުން أمير الحجގެ މަގާމު އުފެދިގެން އައި ގޮތާއި ތާރީޚާއި އެ މަގާމުގެ މުހިންމުކަމާއި މަސްއޫލިއްޔަތުގެ މައްޗަށެވެ.

އަމީރުލްޙައްޖު (أمير الحج)ގެ މާނައަކީ 'ޙައްޖުގެ ވެރިޔާ'އެވެ. ގިނަ ވެރީންނަށް أمراء الحج، ކިޔައެވެ. މިއީ ހަތްވަނަ ޤަރުނުން ފެށިގެން 20ވަނަ ޤަރުނާ ހަމައަށް، ޖާރީވެގެން އައި މުސްލިމް ރަސްކަންތަކުން ކޮންމެ އަހަރަކު ބާއްވާ ޙައްޖު ޤާފިލާގެ ވެރިޔާއަށް ދެމުންދިޔަ މަޤާމާއި ޝަރަފުވެރި ލަގަބެވެ. ޢައްބާސީ ޚިލާފަތުގެ ދުވަސްވަރުން ފެށިގެން، މައިގަނޑު ދެ ޤާފިލާއެއް އޮތެވެ. އެއް ޤާފިލާ ފުރަނީ ދިމިޝްޤުންނެވެ. އަދި އަނެއް ޤާފިލާ ފުރަނީ މިޞްރުގެ ވެރިރަށް ޤާހިރާއިންނެވެ. މި ދެ ޤާފިލާއިން ކުރެ ކޮންމެ ޤާފިލާއަކަށް ވެސް އަމީރުލްޙައްޖެއް ކަނޑައަޅައިފައިވެއެވެ. އޭނާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ޤާފިލާއަށް ބޭނުންވާ ފައިސާއާއި ކާބޯތަކެއްޗާއި ސާމާނު ހަމަޖެއްސުމާއި، ހިޖާޒު ކަރައިގައިވާ މުސްލިމުންގެ މުޤައްދަސް ދެ ރަށްކަމަށްވާ މައްކާއާއި މަދީނާއަށް ދަތުރުކުރާ މަގުމަތީގައި ޤާފިލާ ރައްކާތެރިކުރުން ހިމެނެއެވެ.

މަޤާމުގެ މުހިންމުކަން

ތާރީޚު ޢިލްމުވެރިޔާ ތޯމަސް ފިލިޕު ބަޔާންކޮށްފައިވާ ގޮތުގައި، [އަމީރުލްޙައްޖުގެ މަޤާމަކީ އިންތިހާ ދަރަޖައިގެ މުހިންމުކަމެއް ލިބިގެންވާ މަޤާމެކެވެ.] އަދި މި މަޤާމުގެ ސަބަބުން ބޮޑެތި ސިޔާސީ ނުފޫޒުތަކާއި ދީނީ ގޮތުން ވަރަށް މަތީ ޤަދަރެއް ލިބިގެންވެއެވެ. އިސްލާމް ދީނުގައި ޙައްޖުގެ އަޅުކަމަށް ދީފައިވާ މަތިވެރި މަޤާމުގެ ސަބަބުން، ޤާފިލާއާއި ޙައްޖުވެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކަމާ ޙަވާލުވެ ތިބޭ މުސްލިމު ވެރީންގެ އިސް މަސްއޫލިއްޔަތެކެވެ. ބަދަވީން ނުވަތަ ރަށްފުށުގެ މީހުން (ބަދަވީ ހަނގުރާމަވެރީން) ޤާފިލާއަށް ގެއްލުމެއްދީފި ނަމަ ނުވަތަ ޙައްޖުވެރީންނަށް އަނިޔާއެއް ކޮށްފި ނަމަ، އެ ކަން ޤައުމަށްދާ ޙައްޖުވެރީން މެދުވެރިކޮށް މުޅި އިސްލާމީ އުންމަތަށް ވަރަށް އަވަހަށް އަންގައިދެވެއެވެ.

މުސްލިމް އުންމަތުގެ ވެރިޔާ، ނުވަތަ އެ މަޤާމަށް އުންމީދުކުރާ ވެރިއަކު، ޙައްޖުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ލާޒިމުވެއެވެ. އަދި ޙައްޖު ދަތުރު ކާމިޔާބުވުން ނުވަތަ ނާކާމިޔާބުވުން ބިނާވެގެންވަނީ ސީދާ އެ ވެރިޔެއްގެ އަބުރާއި ޤަދަރުގެ މައްޗަށެވެ. އެހެންކަމުން، ޤާބިލު އަދި ކާމިޔާބު ޙައްޖު ކޮމާންޑަރުން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.  ޢުޘްމާނީ ޚިލާފަތުގެ ޒަމާނުގައި، ޙައްޖު ކޮމާންޑަރުން (އުމަރާއުލް ޙައްޖު)ގެ މަސައްކަތް ކާމިޔާބުވުމުގެ މުހިންމުކަމުން، ޢުޘްމާނީ ދައުލަތުގެ އިދާރާތަކުން އަދަބު ލިބުމުން އާންމުކޮށް ސަލާމަތްވެގެންވެއެވެ.

ޒިންމާތައް

ޙައްޖު ޤާފިލާއަކަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ބަދަވީ ހަނގުރާމަވެރީންގެ ހަމަލާތަކެވެ. އަމީރުލްޙައްޖުގެ މަސްއޫލިއްޔަތަކީ، ޤާފިލާ ދަތުރުކުރާންޖެހޭ ސަރަޙައްދުތަކުގައިވާ ބަދަވީ ޤަބީލާތަކުގެ މީހުން ހަމަލާއެއްދީފި ނަމަ، އެ ކަމާ ކުރިމަތިލުމަށް ބޮޑު ލަޝްކަރެއްގެ ބާރު ހިންގުމެވެ. ނުވަތަ ހިޖާޒު ކަރައިގައިވާ މުސްލިމުންގެ މުޤައްދަސް ރަށްތަކަށް ދަތުރުކުރާއިރު ޤާފިލާ ހުރަސްކުރާންޖެހޭ ސަރަޙައްދުތަކުގެ ބަދަވީ ޤަބީލާތަކަށް ފައިސާދީގެން އެ މީހުންގެ ކިބައިން ރައްކާތެރިކަން ހޯދުމެވެ. މީގެ އިތުރަށް، ޤާފިލާއަށް ބޭނުންވާ ސާމާނު (ފެނާއި ކާބޯތަކެތި) ހޯދުމާއި، ދަތުރުފަތުރުކުރުމުގެ އިންތިޒާމުތައް (ސަވާރީ ހަމަޖެއްސުން ފަދަ ކަންކަން) ހަމަޖެއްސުމާއި، ޙައްޖަށް ޚަރަދުކުރާނެ ފައިސާ ހޯދުމަކީ ވެސް އަމީރުލްޙައްޖުގެ ޒިންމާއެކެވެ.

މި ފައިސާގެ ބޮޑު ބައެއް ލިބެނީ ޚާއްޞަކޮށް ޙައްޖަށް ކަނޑައަޅައިފައިވާ އެކި ސަހަރުތަކުގެ އާމްދަނީއިންނެވެ. އަދި ފައިސާގެ ބައެއް ލިބެނީ ވެރިކަމުގެ ފަރާތުން ނުވަތަ ޢުޘްމާނީ ރަސްރަސްކަލުން އުފައްދައިފައިވާ ބޮޑެތި ވަޤުފުތަކުންނެވެ. މި ވަޤުފުތަކުގެ މައިގަނޑު މަޤުޞަދަކީ މައްކާއާއި މަދީނާއަށް ޒިޔާރަތްކުރާ ޙައްޖުވެރީންނަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. ޤާހިރާގެ ކޮމާންޑަރުގެ ޒިންމާއަކަށްވީ ކަޢުބަތުﷲ ގެފުޅުގައި ކޮންމެ އަހަރަކު ލައްވާ ކަޅު ކުލައިގެ އުރަކޮޅު (ކިސްވާ) ތައްޔާރުކުރުމެވެ.

ސިންގަރް އަދި ފިލިޕް ބަޔާންކޮށްފައިވާ ގޮތުގައި، އަމީރުލްޙައްޖެއްގެ ކިބައިގައި ކަންކަން އިންތިޒާމުކުރުމުގެ (ނުވަތަ ލޮޖިސްޓިކްސްގެ) ޤާބިލުކަމާއި އަސްކަރީ ހުނަރު ހުންނާންޖެހެއެވެ. ޤާފިލާއަށް ބޭނުންވާ ސާމާނު ހޯދުމާއި ރައްކާތެރިކަމާ އެކު ދަތުރުކުރުން ކަށަވަރުކުރުމަށް ޓަކައި، އަމީރުލްޙައްޖު، އާންމުކޮށް ޢުޘްމާނީ ދައުލަތުގެ އޮފިޝަލުންނާއި އަދި ވަޠަނީ މުޖުތަމަޢުގެ އިސްވެރީންނާ ގުޅުން ބަދަހިކޮށްފައި އޮވެއެވެ. އަމީރުލްޙައްޖާ އެކު ތަފާތު މަޤާމުތަކުގެ އޮފިޝަލުން ބައިވެރިވެއެވެ. އޭގެތެރޭގައި ޤާފިލާގެ އަމަންއަމާންކަން ބެލެހެއްޓުމަށް ޓަކައި އިތުރު ރަސްކަންތަކުގެ ކޮމާންޑަރުންނާއި، އިމާމުންނާއި، މުއައްޛިނުންނާއި، އަދި ޤާޟީންނާއި ފަޤީހުން ފަދަ ދީނީ ޚިދުމަތްތެރީން ހިމެނެއެވެ. މި އެންމެންނަކީ ވެސް އާންމުކޮށް ޢިލްމުވެރި ޢަރަބީންނެވެ. މީގެ އިތުރަށް ޢަރަބި ސަހަރާގައި މަގު ދައްކާ މީހުންނާއި، ޑޮކްޓަރުންނާއި، ޙައްޖު ދަތުރުމަތީގައި ނިޔާވާ މީހުންގެ މުޢާމަލާތްތައް ބަލަހައްޓާ ޚާއްޞަ އޮފިޝަލަކާއި، މާލީ މުޢާމަލާތްތައް ހިނގައިތޯ ބަލަހައްޓާ ކަރާނީއެއް (މުޙްތަޞިބެއް) ވެސް ހިމެނެއެވެ.

ޙައްޖުގެ ތާރީޚު

އިސްލާމީ ސަޤާފަތާއި ތާރީޚުގައިވާ ގޮތުން، ފުރަތަމަ ޙައްޖު ޤާފިލާ ފޮނުއްވީ މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދުގެފާނުގެ ޒަމާނުގައެވެ. އެއީ މީލާދީން 630ވަނަ އަހަރު (ހިޖުރައިން ނުވަވަނަ އަހަރު) މަދީނާއިން ފެށިގެން މައްކާއަށް 300 ޙައްޖުވެރީން ގޮވައިގެން ވަޑައިގަތުމަށް އަބޫބަކުރުގެފާނަށް އެންގެވުމުންނެވެ. އިސްލާމީ ފުތޫޙާތާ އެކު، ފުޅާވަމުންދިޔަ އިސްލާމީ އުންމަތުގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޙައްޖުވެރީން ޖަމާވަމުންދިޔައެވެ. ޢައްބާސީ ޚިލާފަތުގެ ދަށުން، ދިމިޝްޤާއި ޤާހިރާއިން ދައުލަތުން ޚަރަދުކޮށްގެން ބާއްވާ އަހަރީ ޤާފިލާތަކުގެ ސަޤާފަތް ފެށިގެންދިޔައެވެ. އަދި ދުރު ސަރަޙައްދުތަކުން އަންނަ ޙައްޖުވެރީންގެ ޤާފިލާތައް އާންމުކޮށް މި ޤާފިލާތަކާ ގުޅެއެވެ.

ދަތުރު ފަށާ ތިންވަނަ މައިގަނޑު މަރުކަޒަކީ ކޫފާއެވެ. އެތަނުން ޢިރާޤާއި، އީރާނާއި، މެދުތެރޭ އޭޝިއާގެ ޙައްޖުވެރީން ޖަމާވެއެވެ. ދިމިޝްޤުން އެއްވަނީ ލެވަންޓް ސަރަޙައްދާއި، ފަހުގެ ޒަމާނުތަކުގައި އެނަޓޯލިއާ (ތުރުކީ) އިން އަންނަ ޙައްޖުވެރީންނެވެ. އަދި ޤާހިރާއިން އެއްވަނީ މިޞްރާއި، އެފުރިކާއާއި، މަޣުރިބާއި، އަލް-އަންދަލުސް (އިސްޕޭން)ގެ ޙައްޖުވެރީންނެވެ.

ފުރަތަމަ ޒަމާނުގެ ޢައްބާސީ ވެރީން ޙައްޖުގެ ރަމްޒީ މުހިންމުކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އަދި ޢައްބާސީ ވެރިކަމުގެ ފުރަތަމަ ޤަރުނުގައި ޤާފިލާތަކުގެ ވެރީންނަށް އާންމުކޮށް އައްޔަނުކުރަނީ ވެރިކަންކުރާ ޚާންދާނުގެ މެންބަރުންނެވެ. ޚަލީފާ ޙާރޫނުއްރަޝީދު (ވެރިކަންކުރެއްވީ މީލާދީން 786-809) ވަނީ އަމިއްލަފުޅަށް އެކި ފަހަރު މަތިން ޤާފިލާއާ ޙަވާލުވެވަޑައިގެން އިސް ވެރިއެއްގެ ގޮތުން ވަޑައިގެންފައެވެ.

އަމީރުލްޙައްޖުގެ މަޤާމު އުފެދުނު ވަކި އަހަރެއް ޔަޤީންކޮށް އެނގޭކަށް ނެތެވެ. ނަމަވެސް ބޮޑަށް ލަފާކުރެވޭ ގޮތުގައި އެއީ 978ވަނަ އަހަރެވެ. އެއީ މިޞްރުގެ ފާޠިމީ ދައުލަތުގެ ޚަލީފާ އަލް-ޢަޒީޒު (ވެރިކަންކުރެއްވީ 975-996)، ބާދިސް ބިން ޒިރީ އެ މަޤާމަށް އައްޔަންކުރެއްވި ހިސާބެވެ. ކޫފާ ޤާފިލާއަށް އެންމެ ފުރަތަމަ އައްޔަންކުރެވުނު އަމީރުލްޙައްޖަކަށް ވާނީ، 1157ވަނަ އަހަރު ސަލްޖޫކް ސުލްޠާން މުޙައްމަދު (ދެވަނަ) އައްޔަންކުރެއްވި ސަލްޖޫކް އަމީރު ޤައިމަޒެވެ.  އަދި ދިމިޝްޤު ޤާފިލާއަށް އެންމެ ފުރަތަމަ އައްޔަންކުރެވުނު އަމީރުލްޙައްޖަކަށް ވާނީ، ޞަލީބީންގެ އަތުން އަލުން ޤުދުސް ފަތަޙަކުރެއްވުމަށް ފަހު، ސުލްޠާން ޞަލާޙުއްދީން އައްޔަންކުރެއްވި ތުޤްތަކީން ބިން އައްޔޫބެވެ. (ނުނިމޭ)

 

ކޮމެންޓު