އޒ. އިބްރާހީމް ރަޝީދު މޫސާ
23 އޮކްޓޯބަރު 2026
އިންސާނާގެ ޚާލިޤު ﷲ ތަޢާލާގެ ޙަޟުރަތުގައި އޭނާގެ މަތިވެރިކަން ހާދަ ބޮޑެވެ! ﷲ ޢައްޒަ ވަ ޖައްލަ އޭނާ އުފެއްދެވީ އެކަލާނގެ ޔަދުޤުދްރަތްފުޅުންނެވެ. އެކަލާނގެ އޭނާއަށް ފުރާނަ އެޅުއްވިއެވެ. އެކަލާނގެ މަލާއިކަތުންނަށް އޭނާއަށް އަދަބުތަޢުޡިމު އަދާކުރުމުގެ ގޮތުން ސަޖިދަކުރާން އަމުރުކުރެއްވިއެވެ. އޭނާ މި ބިމުގައި އެކަލާނގެ ޚަލީފާއެއްކަމުގައި ލެއްވިއެވެ. އަދި އުޑުތަކާއި ބިމާއި އެ ތަންތާނގައި ވާހައި އެއްޗެއް އޭނާގެ ޚިދްމަތުގައި ލެއްވިއެވެ. މާތް ﷲގެ މި މާތްކުރެއްވުމާ މެދު އަޅުގަނޑުމެން ނުވިސްނާނަންހެއްޔެވެ؟ މިއީ ﷲ ޖައްލަޖަލާލުހޫ އިންސާނުންގެ ތެރެއިން ވަކި މީހަކަށް ދެއްވި ނިޢުމަތްތަކެއް ނޫނެވެ. އެއީ ހުރިހައި އާދަމުގެދަރީންނަށް ދެއްވި ދާއިމީ މާތްކުރެއްވުންތަކެކެވެ. މިއިން އެއްވެސް ކަރާމަތަކުން އޭނާ މަޙުރޫމުކޮށްގެން ނުވާނެތެވެ. އެއިން އެއްވެސް ކަމެއް އުނިކޮށްގެން ވެސް ނުވާނެތެވެ.
މިއީ، ދީން ތަފާތު ވިޔަސް ނަސްލު ތަފާތު ވިޔަސް މަޤާމު ތަފާތު ވިޔަސް، ކޮންމެ އާދަމުގެދަރިއަކަށް މާތް ﷲ ޢައްޒަ ވަ ޖައްލަ ދެއްވައިފައިވާ މާތްކުރެއްވުމެކެވެ.
ﷲ ޢައްޒަ ވަ ޖައްލަ އިންސާނާ މަތިވެރިކުރެއްވިކުރެއްވުމަކީ ވަކި އުންމަތަކަށް ޚާއްޞަކުރެއްވި ކަމެއްނޫނެވެ. އެއީ ސަމާވީ ރިސާލަތުތަކުގައި އައިސްފައިވާ ގުޅިފައިވާ މަޤްޞަދުތަކުން މަޤްޞަދެކެވެ. މި ބިނާގައި ކޮންމެ ނަބީބޭކަލަކު ގައުބުރިއެއް ބޭއްވިއެވެ. މާތް ﷲ މި ބިނާ ފުރިހަމަކުރެއްވީ ޚާތިމުލްއަންބިޔާއި މުޙައްމަދު ބުނު ޢަބްދުﷲ މެދުވެރިކުރައްވައެވެ. މި ކަން ބަޔާންކޮށްދެއްވައި ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ مَثَلِي ومَثَلَ الأنْبِياءِ مِن قَبْلِي، كَمَثَلِ رَجُلٍ بَنى بَيْتًا فأحْسَنَهُ وأَجْمَلَهُ، إلّا مَوْضِعَ لَبِنَةٍ مِن زاوِيَةٍ، فَجَعَلَ النّاسُ يَطُوفُونَ به، ويَعْجَبُونَ له، ويقولونَ: هَلّا وُضِعَتْ هذِه اللَّبِنَةُ؟ قالَ: فأنا اللَّبِنَةُ، وأنا خاتِمُ النَّبيِّينَ [1] - ހަމަކަށަވަރުން ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުންގެ މިސާލީ ގެއެއް ބިނާކޮށް އެ ގެ ރީތިކޮށް ފުރިހަމަކުރި މީހެއްގެ މިސާލެވެ. މި ގޭގެ ކަނެއްގައި ބާއްވާންޖެހޭ ގައުބުރިއެއް މެނުވީ މަދުވެފައެއް ނުވެތެވެ. މީސްތަކުން އެ ގެ ވަށައިގެން ހިނގައި އެ ތާނގެ ރީތިކަމާ މެދު އަޖައިބުވެ އުޅުނެވެ. އެ މީހުން ބުންޏެވެ. އެ ތާނގައި އެ ގައުބުރި ބޭއްވުނު ނަމަ ހާދަ ފުރިހަމަވާނެ ނޫންހެއްޔެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ފަހެ ތިމަންކަލޭގެފާނަކީ އެ ގައުބުރިއެވެ. ތިމަންކަލޭގެފާނަކީ ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނެވެ.))
އަލްމުންނާވީ ވިދާޅުވިއެވެ. [ ﷲ ބާވައިލެއްވި ކުރީގެ ބައެއް ފޮތްތަކުގައި މާތް ﷲ ވަޙީކުރައްވައިފައެވެ. 'އޭ އާދަމުގެދަރިޔާއެވެ! ތިބާއަށް ޓަކައި ތިމަންރަސްކަލާނގެ އެއްޗެހިތައް ޚަލްޤުކުރެއްވީމެވެ. ތިމަންރަސްކަލާނގެ ތިބާ ޚަލްޤުކުރެއްވީ ތިމަންރަސްކަލާނގެ ޒާތުފުޅަށް ޓަކައެވެ. ކައުނުތަކަކީ ތިބާގެ ޚިދުމަތުގައި ލެއްވިފައިވާ އަޅުންތަކެކެވެ. ތިބާއަކީ ތިމަންރަސްކަލާނގެ ޙަޟުރަތަށް އަޅުވެތިކުރެވިފައިވާ އެއްޗެކެވެ.' ] ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أَنَا أَوْلَى النَّاسِ بِعِيسَى ابْنِ مَرْيَمَ فِي الدُّنْيَا وَالْآخِرَةِ، وَالْأَنْبِيَاءُ إِخْوَةٌ لِعَلَّاتٍ، أُمَّهَاتُهُمْ شَتَّى وَدِينُهُمْ وَاحِدٌ[2] - ދުނިޔެއާއި އާޚިރަތުގައި ވެސް ޢީސާ ބުނު މަރްޔަމުގެފާނަށް ނިސްބަތްވުން އެންމެ ޙައްޤުވެގެންވަނީ ތިމަންކަލޭގެފާނެވެ. ހުރިހައި ނަބީބޭކަލުންނަކީ އެއްބަފައި ބަޔެކެވެ. އެ ބޭކަލުންގެ މައިން ތަފާތެވެ. އެކަމަކު ދީނަކީ އެއް ދީނެކެވެ.)) މި ބަސްފުޅުން އެނގެނީ ނަބީބޭކަލުން ފޮނުއްވުމުގެ މަޤްޞަދަކީ އަޅުތަކުންނަށް ޙައްޤު ދީނަށް ގޮވައިލެއްވުމެވެ. އެ މީހުންނަށް އަޅުކަންކުރާންވީ ފަރާތް އަންގަވައިދެއްވުމެވެ.
ﷲގެ ޙަޟުރަތުގައި އަގުބޮޑު މަޚުލޫޤެއް
ކީރިތި ރަސޫލާގެ މި ޢަމަލުފުޅާއި ބަސްފުޅާމެދު ނިކަން ވިސްނައިލަމާތޯއެވެ. މާތްﷲ ރުއްސުންލެއްވި އަނަސު ބުނު މާލިކުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((أَنَّ رَجُلًا مِنْ أَهْلِ الْبَادِيَةِ يُقَالُ لَهُ زَاهِرُ بْنُ حَرَامٍ، كَانَ يُهْدِي إِلَى النَّبِيِّ صلى الله عليه وسلم الْهَدِيَّةَ، فَيُجَهِّزُهُ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَرَادَ أَنْ يَخْرُجَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ زَاهِرًا بَادِينَا، وَنَحْنُ حَاضِرُوه ، قَالَ: فَأَتَاهُ النَّبِيُّ صلى الله عليه وسلم وَهُوَ يَبِيعُ مَتَاعَهُ، فَاحْتَضَنَهُ مِنْ خَلْفِهِ وَالرَّجُلُ لَا يُبْصِرُهُ، فَقَالَ: أَرْسِلْنِي مَنْ هَذَا؟ فَالْتَفَتَ إِلَيْهِ، فَلَمَّا عَرَفَ أَنَّهُ النَّبِيُّ صلى الله عليه وسلم جَعَلَ يُلْزِقُ ظَهْرَهُ بِصَدْرِهِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ يَشْتَرِي هَذَا الْعَبْدَ؟ فَقَالَ زَاهِرٌ: تَجِدُنِي يَا رَسُولَ اللَّهِ كَاسِدًا، قَالَ: لَكِنَّكَ عِنْدَ اللَّهِ لَسْتَ بِكَاسِدٍ ، أَوْ قَالَ صلى الله عليه وسلم: بَلْ أَنْتَ عِنْدَ اللَّهِ غَالٍ[3] - ޒާހިރު ބުނު ޙަރާމު ނަމަކަށް ކިޔާ ރަށްފުށުގެ އަރަތްބަކީ ރަސޫލާއަށް އެއްޗެހި ވެދުމަށް ގެންނަވާ ޞަޙާބީއެކެވެ. އެކަލޭގެފާނު ފުރާވަޑައިގަންވާން ތައްޔާރުވެވަޑައިގަތުމުން ރަސޫލުﷲގެފާނު އެކަލޭގެފާނަށް ދަތުރު ތައްޔާރުކޮށްދެއްވައެވެ. ފަހެ، ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. ޒާހިރަކީ އަހުރެމެންގެ ބާދިޔާއިންނެވެ. އަހުރެމެންނަކީ އޭނާގެ ސަހަރީންނެވެ. އަނަސުގެފާނު ވިދާޅުވިއެވެ. އޭނާ އޭނާގެ މުދާތައް ވިއްކަމުން ނަބިއްޔާ rގެ އަރިހަށް އައެވެ. ފަހެ އެކަލޭގެފާނު އޭނާއަށް ނުފެންނަ ގޮތަށް އޭނާގެ ގައިގައި ބައްދައިލެއްވިއެވެ. އޭނާ ބުންޏެވެ. އަހުރެން ދޫކޮށްލާށެވެ. ތިޔައީ ކާކުހެއްޔެވެ؟ އޭނާއަށް އެއީ ނަބިއްޔާ rކަން އެނގުމުން އެކަލޭގެފާނުގެ މޭފުޅުމަތީގައި އޭނާގެ ބުރަކަށި ޖައްސައި ފިއްތައިލިއެވެ. އެ ހިނދު ރަސޫލުﷲ r ވިދާޅުވިއެވެ. މި އަޅު ގަންނާނީ ކާކުހެއްޔެވެ؟ އެ ހިނދު ޒާހިރު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ބާޒާރުގައި ނުހިނގާ މުދަލަކަށް (ކާސިދު މުދަލަކަށް) އަޅުގަނޑު ވީތޯއެވެ؟ ނަބިއްޔާ r ޙަދީސްކުރެއްވިއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲގެ ޙަޟުރަތުގައި ތިބާ ކާސިދެއް ނުވެތެވެ. ނުވަތަ އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. އަދި ކިއެއްހެއްޔެވެ؟ ތިބާއަކީ ﷲގެ ޙަޟުރަތުގައި އަގުބޮޑު އެއްޗެކެވެ.))
އިންސާނާ ޚިލްޤަތުގައި މާތްކުރެއްވުން
މާތް ﷲ އިންސާނާ ޚަލްޤުކުރެއްވީ އެކަލާނގެ ޔަދު ޤުދުރަތްފުޅުންނެވެ. އެއަށް ފަހު އެކަލާނގެ އޭނާއަށް ފުރާނައެޅުއްވިއެވެ. އަދި މި އިންސާނާއަށް އަދަބު ތަޢުޡީމު އަދާކުރުމަށް ޓަކައި މި އިންސާނާއަށް ސަޖިދަކުރުމަށް މާތް ﷲ މަލާއިކަތުންނަށް އަމުރުކުރެއްވިއެވެ. މި ކަމާ ދެކޮޅުހެދީ އިބިލީހެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ [4]- އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرةފުޅުން (އެއްވެސް واسطއަކާ ނުލައި) ހެއްދެވި މީހަކަށް سجدةކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟)) އިންސަނާ މާތްކުރެއްވިކަން މާތް ﷲ ވަނީ ޤުރްއާނުގައި އަންގަވައިފައެވެ. (( قَالَ أَرَأَيْتَكَ هَٰذَا الَّذِي كَرَّمْتَ عَلَيَّ [5] - އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާ މެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ ))
އެކަލާނގެ ވަޙީކުރެއްވިއެވެ. ((لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِیۤ أَحۡسَنِ تَقۡوِیمࣲ[6] - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورةގައި އިންސާނާ ހެއްދެވީމެވެ.)) އަބުއްސުޢޫދު ވިދާޅުވާ ގޮތުގައި އިސްކޮޅާ ގުޅޭ ގޮތަށް އޭނާއަށް ދިރުންދެއްވިއެވެ. އޭނާއަށް ވާހަކަދެއްކުމާއި އިވުމާއި ފެނުމާއި ވިސްނުންދެއްވިއެވެ.[7] މާތް ﷲ އިންސާނާ ބައްޓަންކުރެއްވި ގޮތް ބަޔާންކޮށްދެއްވައި ވަޙީކުރެއްވިއެވެ. ((وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡ[8] - އަދި އެކަލާނގެ ތިޔަބައިމީހުން صورةކުރައްވައި، ތިޔަބައިމީހުންގެ صورة ރީތިކުރެއްވިއެވެ.)) މާތް ﷲ އިންސާނާ ޞޫރަކުރެއްވީ އެންމެ ރިވެތި އެންމެ ފުރިހަމަ ގޮތުގައެވެ. މުފައްސިރުން ވިދާޅުވާ ގޮތުގައި މި އިންސާނާގެ ސޫރަ ރީތިކަމުން އޭނާ އެހެން ސިފައެއްގައި ވުޖޫދުވުމަކަށް ނޭދެތެވެ.[9] އަލްއަލޫސީ ވިދާޅުވިއެވެ. "އިންސާނާއަކީ މި ވުޖޫދުގައި ވާ އެންމެ އަޖައިބުވަނިވި ކޮޕީއެވެ. އިންސާނާގެ ހަށިގަނޑުން ފެންނަނީ އިންސާނާގެ ރިވެތި ސިފަތަކެކެވެ. މި ރީތިކަން އޮންނަނީ ދަރަޖަދަރަޖައަށެވެ. އިންސާނާއަށް މާތް ﷲ ދެއްވައިފައިވާ އާދަޔާޚިލާފު ދެ ކަމެއް ވެއެވެ. އެއީ އިންސާނާގެ ޚަލްޤުގެ ރިވެތިކަމާއި ބަސްމޮށުންތެރިކަމެވެ. [10] މިހެންވެ އިންސާނާގެ ގައިގައި ހުންނަ ޚަލްޤީ ކަންތައްތަކާ މެދު އޭނާއަށް މަލާމާތްކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އެއް ދުވަހަކު ޢާއިޝަތުގެފާނު ރަސޫލާގެ އަރިހުގައި އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައި ޞަފިއްޔަތުގެފާނުގެ އިސްކޮޅުފުޅުން ކުރުކަމަށް ވިދާޅުވެ މަލާމާތުގެ ބަސްފުޅެއް ވިދާޅުވިއެވެ. އެ ހިނދު ރަސޫލުﷲގެފާނު އެ ކަމާ ރުހިވަޑައިނުގެން ޙަދީސްކުރެއްވިއެވެ. ((قَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ[11] – ތިބާ ބަހެއް ބުނެފީމެވެ. އެ ބަސް ކަނޑުގެ ލޮނުގަނޑާ އެއްކުރެވުނު ނަމަ، އެ ކަނޑުގެ ފެންގަނޑުގެ ކުލައާއި ވަސް ބަދަލުވެގެންދާނެއެވެ.)) މީހެއްގެ ކުރުކަމަކީ، އޭނާގެ ހަމުގެ ކުލައަކީ، އޭނާގެ ލޮލުގެ ކަޅިރަވައަކީ އޭނާގެ ނޭފަތުގެ ފަތާކަމާއި އޮމާންކަމަކީ އޭނާއަށް މާތް ﷲ ދެއްވި ސިފަތަކެކެވެ. އޭނާ އަމިއްލައަށް ފިހާރައަކުން ގަތް ސިފަތަކެއްނޫނެވެ.
(ނުނިމޭ)
މަރުޖާ:
[1] - أخرجه البخاري (٣٥٣٥)، ومسلم (٢٢٨٦) وأبو عوانة (١٠١٠٨) وأحمد (٧٤٨٥) و ابن حبان (٦٤٠٥)
[2] - أخرجه البخاري (٣٤٤٢)، ومسلم (٢٣٦٥)، وأبو داود (٤٦٧٥)، وأحمد (١٠٩٨١) والحاكم (٤١٥٣)
[3] - أخرجه أحمد في ((المسند)) (٣/١٦١)، والبزار في ((المسند)) (٦٩٢٢)، وابن حبان (١٣/١٠٧) والبيهقي (٢١٢١٤) وعبد الرزاق (١٩٦٨٨)
[4] - ص: 75
[5] - لإسراء: 62
[6] - التين: ٤
[7] - إرشاد العقل السليم
[8] - غافر: 64
[9] - التفسير الوسيط
[10] - روح المعاني
[11] - أخرجه أبو داود (4875) والترمذي (2502)