ad_banner
އިންސާނާގެ މާތްކަމާއެވެ!!! (2)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

26 އޮކްޓޯބަރު 2026

(2026 އޮކްޓޫބަރު 23ގެ އަދަދާ ގުޅޭ)

ވިސްނުން ދެއްވުމުން މާތްކުރެއްވުން:

ﷲ U އިންސާނާއަށް ސިކުނޑިއާއި ވިސްނުމުގެ ބާރުދެއްވިއެވެ. ހޯދައި ބަލައި ދިރާސާކޮށް އުނގެނުމަށް ޓަކައެވެ. މި ބާރުގެ ސަބަބުން އޭނާ ތަކްލީފުވެރިއަކަށްވިއެވެ.މަސްއޫލުވެރި ޒިންމާދާރު މީހަކަށް ވިއެވެ. މި ސިކުނޑީގެ މަސައްކަތަށް ހުރަސްއަޅައިފަނިވި އެއްވެސް ކަމެއް ނުކުރުމަށް މާތް ﷲ އެންގެވިއެވެ. ((إِنَّ ‌شَرَّ ‌ٱلدَّوَاۤبِّ عِندَ ٱللَّهِ ٱلصُّمُّ ٱلۡبُكۡمُ ٱلَّذِینَ لَا یَعۡقِلُونَ [1]- ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّهގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)) މާތް ﷲ އާދަމުގެދަރިޔާ އެކަލާނގެ ޚަލީފާއެއްކަމުގައި ލެއްވީ މިހެންވެގެންނެވެ. މި ބިން އާރާސްތުކުރުމުގެ ވިސްނުމާއި ޤާބިލުކަން އޭނާގެ ކިބައިގައި ލައްވައިފައިވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذۡ قَالَ رَبُّكَ لِلۡمَلَٰۤئِكَةِ إِنِّی ‌جَاعِلࣱ ‌فِی ‌ٱلۡأَرۡضِ خَلِیفَةࣰۖ[2]  - ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكةންނަށް وحىކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! )) އަލްބަޔިޟާވީ ވިދާޅުވާ ގޮތުގައި މާތް ﷲ އާދަމުގެދަރީންނަށް ދެއްވި ޚާއްޞަ ނިޢުމަތްތަކުގެ ތެރޭގައި އޭނާ ބިމުގައި ﷲގެ ޚަލީފާއެއްކަމުގައި ލެއްވުން ވެއެވެ. މި އާޔަތުގައި އައިސްފައިވާ ޚަލީފާއަކީ އާދަމުގެފާނެވެ. އެކަލޭގެފާނު ޚަލީފާއެއްކަމުގައި ލެއްވީ މި ބިން އާރާސްތުކުރެއްވުމަށާއި ﷲގެ އަމުރުފުޅު މި ބިންމަތީގައި ތަންފީޒުކުރެއްވުމަށް ޓަކައެވެ. މާތް ﷲ އާދަމުގެފާނު ޚަލްޤުކުރެއްވުމުގެ ކުރީން އެކަލޭގެފާނަށް ޚަލީފާކަން ދެއްވައިފިއެވެ.[3] މި ބިމުގައި ޚަލީފާކަން އަދާކުރުމަށް ބޭނުންވާ މާއްދީ ތަނަވަސްކަން މާތް ﷲ އިންސާނާއަށް ދެއްވިއެވެ. މާތް  ﷲ Y ވަޙީކުރެއްވިއެވެ. ((أَلَمۡ تَرَوۡا۟ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِی ٱلسَّمَٰوَٰتِ وَمَا فِی ٱلۡأَرۡضِ ‌وَأَسۡبَغَ عَلَیۡكُمۡ نِعَمَهُۥ ظَٰهِرَةࣰ وَبَاطِنَةࣰۗ[4] - ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައި ވާހައި ތަކެއްޗެއް اللَّه ތިޔަބައިމީހުންނަށް ޓަކައި خدمة ތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެކަލާނގެ نعمة ތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ.)) އިންސާނާއަށް ތެދުމަގު ދެއްކެވުމަށް ޓަކައި ރަސޫލުބޭކަލުން ފޮނުއްވިއެވެ. ފޮތްތައް ބާވައިލެއްވިއެވެ. މީސްތަކުން ދެބަސްވާ މަސްއަލަތައް ޙައްލުކޮށްދެއްވުމަށް ޓަކައެވެ. މި ހުރިހައި ކަމަކީ ވެސް ހަމަ މި އިންސާނާއަށް ޓަކައި ލައްވައިފައިވާ މާތްކުރެއްވުންތަކެކެވެ.

ކުށުގެ ޙާލަތުގައްޔާއި ޢުޤޫބާތުގެ ޙާލަތުގައި މާތްކުރެއްވުން:

މި މާތްކުރެއްވުމުގެ މީޒާތަކުގެ ތެރޭގައި އިންސާނާ ކުށްކުރާއިރުގައި ވެސް އޭނާގެ އިންސާނީ ކަރާމަތަށް އިހާނެތިކޮށް ނުހިތުންވެއެވެ. އިސްލާމީ ޝަރީޢަތް ކުށްކުރުމާ ދެކޮޅު ހެދިޔަސް މި ކުށްކުރާ މީހާއަށް އިހާނެތިކޮށް ނުހިތުމަށް ގޮވައިލައެވެ. އޭނާއަށް އަދަބުދެވޭ އިރު އޭނާގެ މޫނުގައި ޖެހުމާ ދުރުހެލިވުމަށް ކައުރަސޫލާ އަމުރުކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((إِذَا قَاتَلَ أَحَدُكُمْ أَخَاهُ، فَلْيَجْتَنِبِ الْوَجْه [5] - ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަޚާއާ ތަޅައިފޮޅާނަމަ އޭނާގެ މޫނާ ދުރުހެލިވާހުށިކަމެވެ!)) ޙައްދު ޖަހާއިރުގައި ވެސް މި ކަންކަން ރިޢާޔަތްކުރަން އަންގަވައެވެ. ކައު ރަސޫލާ  r، ޙަދީސްކުރެއްވިއެވެ. ((إِذَا زَنَتْ أَمَةُ أَحَدِكُمْ، فَتَبَيَّنَ زِنَاهَا، فَلْيَجْلِدْهَا الْحَدَّ، وَلَا يُثَرِّبْ عَلَيْهَا[6]- ތިޔަބައިމީހުންކުރެ މީހެއްގެ އަޅު އަންހެނަކު ޒިނޭކޮށް އެކަން އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ފަހެ އޭނާގެ މައްޗަށް ޙައްދު ޤާއިމުކުރާށެވެ! އެ ކަމަށް ޓަކައި އޭނާއަށް މަލާމާތްކޮށް އެއްޗެހިނުކިޔާހުށިކަމެވެ.))

ރަސޫލާ rގެ އަރިހަށް ރާ ބުއިމީހަކު ގެނެވުމުން ޞަޙާބީން އޭނާއަށް ލަޢުނަތްލެއްވިއެވެ. އެ ހިނދު ރަސޫލާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((لَا تَلْعَنُوهُ، فَوَاللَّهِ مَا عَلِمْتُ إِلَّا أَنَّهُ يُحِبُّ اللَّهَ وَرَسُولَهُ [7] - ތިޔަބައިމީހުން އޭނާއަށް ލައުނަތްނުދޭށެވެ! މާތް ﷲ ގަންދެއްވައި ޙަދީސްކުރައްވަމެވެ. އޭނާގެ ފުށުން ނުބައިކަމެއް އެނގިވަޑައިގެންފައެއް ނުވެތެވެ. ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވުން މެނުވީއެވެ.)) މި މަތިވެރި ތަރުބަވީ މަންހަޖު ކުށާ ދެކޮޅުހަދައެވެ. އެކަމަކު އިހާނެތިކުރުމަކާ ނުލައެވެ. މި މަންހަޖު މީހާގެ ސުލޫކު ރަނގަޅުކުރަނީ އޭނާގެ ނަފުސިއްޔަތު ހަލާކުނުކޮށެވެ.

މަރުވުމަށް ފަހު ކަމޭހިތުން:

އިސްލާމީ ޝަރީޢަތް ދެކޭ ގޮތުގައި އިންސާނާގެ ކަރާމަތަކީ އޭނާގެ ދުންޔަވީ ޙަޔާތާ ގުޅިފައިވާ ކަމެއްނޫނެވެ. އޭނާ މަރުވުމަށް ފަހުގައި ވެސް މި ކަމޭހިތުން އޭނާގެ ހަށިގަނޑަށް ލިބިގެންވެއެވެ. ކައު ރަސޫލާ r ޙަދީސް ކުރެއްވިއެވެ. ((كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيًّا [8]– މައްޔިތާގެ ކަށިގަނޑެއް ބިންދައިލުމަކީ އޭނާ ދިރިހުރި ޙާލުގައި އޭނާގެ ކަށިގަނޑެއް ބިންދައިލުން ފަދަ ކަމެކެވެ.)) މައްޔިތުންނަށް ފުރައްސާރަކުރުން ނަހީކުރައްވައި ޙަދީސްކުރެއްވިއެވެ. ((لَا تَسُبُّوا الْأَمْوَاتَ، فَإِنَّهُمْ قَدْ أَفْضَوْا إِلَى مَا قَدَّمُوا[9]- ތިޔަބައިމީހުން މައްޔިތުންނަށް ފުރައްސާރަނުކުރާށެވެ! ހަމަކަށަވަރުން އެބައިމީހުންގެ ޢަމަލުތަކާއިގެން އެބައިމީހުން މިހާރު އެ ވަނީ ނެތިވެގޮސްފައެވެ.)) ކައުރަސޫލާގެ އަރިހުން  ސަންދޯކެއް ގެންދެވުނު ހިނދު އެކަލާނގެފާނު ތެދުވެވަޑައިގަތެވެ.((فقِيلَ له: إنَّها جِنازَةُ يَهُودِيٍّ، فَقالَ: أَليسَتْ نَفْسًا[10] - އެ ހިނދު ދެންނެވުނެވެ. އެއީ ޔަހޫދީއެއްގެ ޖަނާޒާއެކެވެ. ޙަދީސް ކުރެއްވިއެވެ. އެއީ ނަފުސެއް ނޫންހެއްޔެވެ؟)) މި ބަސްފުޅުން އެނގެނީ ދީން ތަފާތު ވިޔަސް އިންސާނާގެ ޙުރްމަތްތެރިކަން އޮންނާނެއެވެ.

ނިކަމެތީންނަށާއި މުހުތާދުވެރީންގެ ކަރާމަތް:

މުޖްތަމަޢެއްގެ ހަރުދަނާކަން އެނގެނީ އެ މުޖްތަމަޢުގައި އުޅޭ ފަޤީރުންނަށާއި ޔަތީމުންނަށާއި މުސްކުޅީންނަށާއި ބަލިމީހުންނަށާއި މުހުތާދުވެރީންނަށް އަޅައިލާ މިންވަރުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَأَمَّا ٱلۡیَتِیمَ فَلَا تَقۡهَرۡ ۝٩ وَأَمَّا ٱلسَّاۤئِلَ فَلَا ‌تَنۡهَرۡ[11] - ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށްނުލައްވާށެވެ! އަދި ދަންނާށެވެ! ފަހެ، ކަމަކަށް އެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!)) އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((السّاعِي على الأرْمَلَةِ والمِسْكِينِ كالْمُجاهِدِ في سَبيلِ اللَّهِ، أوْ كالَّذِي يَصُومُ النَّهارَ ويقومُ اللَّيْلَ [12]- ހުވަފަތް އަންހެނަކަށާއި ޔަތީމަކަށް އެހީވުމަށް ޓަކައި މަސައްކަތްކުރާ މީހާއަކީ ﷲގެ މަގުގައި ޖިހާދުކުރާ މީހަކާ އެއްފަދަ މީހެކެވެ. ނުވަތަ ދުވާލު ރޯދަހިފާ މީހަކާ އެއްފަދަ މީހެކެވެ. ނުވަތަ ރޭއަޅުކަން ކުރުމަށް ހޭލައި ހުންނަ މީހަކާ އެއް ފަދަ މީހެކެވެ.)) ޙަޤީޤީ އިޙްސާންތެރީންނަކީ މުހުތާދުވެރީންނަށް އަޅައިލާ މީހާއެވެ. އޭނާ އިހާނެތިނުކުރާ މީހާއެވެ.

ރަނގަޅު ކާބޯތަކެތި ޙަލާލުކޮށްދެއްވުމާއި ނުރަނގަޅު ތަކެތި ޙަރާމްކުރެއްވުން:

އިސްލާމީ ޝަރީޢަތަކީ އިންސާނާއަށް ކާބޯތަކެތީގައި ވެސް މާތްކޮށް ހިތައިފައިވާ ޝަރީޢަތެކެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((یُحِلُّ ‌لَهُمُ ٱلطَّیِّبَٰتِ وَیُحَرِّمُ عَلَیۡهِمُ ٱلۡخَبَٰۤئِثَ[13] - އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. )) މާތް ﷲ އިންސާނާއަށް ކެއިން ޙަރާމްކުރައްވައިފައިވަނީ އޭނާއަށް ގެއްލުން ހުރި އެއްޗެއްސެވެ. އޫރުމަހާއި މުޅަތަކެއްޗާއި ލެއާއި މަސްތުވާތަކެއްޗެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ކާބޯތަކެތި މާތްކުރެއްވިކުރެއްވުމަކީ އޭނާގެ ޙަޔާތް މާތްކުރެއްވުމުގެ ފިޔަވަޅެކެވެ. އެ ފަދަ ތަކެތީން އޭނާއަށް ގެއްލުން ލިބޭނެތީއެވެ. އޭނާގެ ހަށިގަނޑަށާއި ވިސްނުމަށާއި ދުޅަހެޔޮކަމަށް ގެއްލުން ލިބޭ އެއްޗެއްސާ ދުރުހެލިވެގެން މެނުވީ އޭނާގެ ކަރާމަތު ރައްކައުތެރިއެއްނުކުރެވޭނެތެވެ.

(ނުނިމޭ)

 

މަރުޖާ:

[1]  - الأنفال: 221

[2]  - البقرة: 30

[3]  - أنوار التنزيل وأسرار التأويل

[4]  - لقمان: 20

[5]  - أخرجه البخاري (2559)، ومسلم (2612)

[6]  - أخرجه البخاري (٢٢٣٤) ومسلم (١٧٠٣)  وأحمد (٢٤٤٠٦)  وأبو داود (٤٤٦٩) والدارقطني (١٨٨٨) 

[7]  -  أخرجه البخاري (6780)

[8]  - أخرجه أبو داود (٣٢٠٧) وابن ماجه (١٦١٦)، وأحمد (٢٤٧٣٩) و ابن حبان (٣١٦٧)

[9]  -  أخرجه البخاري (١٣٩٣)، و النسائي (١٩٣٦)، وأحمد (٢٥٤٧٠)، والدارمي (٢٥٥٣) و الترمذي (١٩٨٢)، وابن حبان (٣٠٢٢)

[10]  -  أخرجه البخاري (١٣١٢)، ومسلم (٩٦١)، والنسائي (١٩٢١) وأبو يعلى (١٤٣٧)

[11] - الضحى: 9 - 10

[12]  -  أخرجه البخاري (٥٣٥٣ )، ومسلم (٢٩٨٢)و الترمذي (١٩٦٩)، ومالك في الموطأ  (١٩١٥)، والبيهقي (١٢٧٨٩) والطبراني، المعجم الأوسط (٢/٥٠) و  ابن حبان (٤٢٤٥) وابن ماجه (١٧٥٣)

[13]  - الأعراف: 157

ކޮމެންޓު