Advertisement

މަޝްހޫރު ކުޅުންތެރީން (2): ކަރީމް މުޞްޠަފާ ބެންޒިމާ

.

ފަރަންސޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ކަރީމް ބެންޒީމާ ފަލަސްތީނަށް ތާއީދުކޮށް ޣައްޒާގެ ރައްޔިތުންނާ އެކު ހުރިކަމަށް މީސްމީޑިއާގައި ހާމަކުރުމާ ގުޅިގެން އޭނާއަށް ފިޔަވަޅުއަޅާން ފަރަންސޭސި ދާޚިލީ ވަޒީރު ދާދި ފަހުން ގޮވައިލައިފައި ވިޔަސް އޭނާގެ މަޤުބޫލުކަން ކުޑައެއް ނުވެއެވެ. އޭނާއަށް ތާއީދުކުރާ މީހުން މުޅި ދުނިޔޭގައި ވެސް ވީ އިތުރެވެ.

އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހާސިލް ކުރި ބެންޒީމާ މި މަހު 15ގައި އެކްސް ގައި ފަރަންސޭސި ބަހުން ކުރި މެސެޖެއްގައި ބުނެފައިވަނީ، "ދުއާތައް ވަނީ ޣަޒާގެ ރައްޔިތުންނާ އެކު" ކަމަށާއި، ކުޑަކުދީންނާއި އަންހެނުން ވަނީ އަނެއްކާ ވެސް ނުހައްގުން ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައި"ކަމަށެވެ.

މި މެސެޖާ ގުޅިގެން ފަރަންސޭސި ދާޚިލީ ވަޒީރު ޖެރާލްޑް ޑާމަނިން ވަނީ ބެންޒެމާއަކީ ޖިހާދީ މުސްލިމުންނާ ގުޅުން އޮންނަ މީހެއްކަމަށް ތުހުމަތުކޮށްފައެވެ.

"އަހަރެމެން ވާނީ މުސްލިމުންގެ 1100 މުއައްސަސާއެއް ބަންދުކޮށްފައި. އަދި ފާއިތުވި ދުވަސްތަކުގައި އަހަރެން ވަރަށް ޝައުގުވެރިވެއްޖެ މިސްޓަ ބެންޒެމާ އަށް. އޭނާއަކީ އަހަރެމެން އެންމެނަށް ވެސް އެނގޭ 'ހަނގުރާމަވެރި' މުސްލިމުންނާ ގުޅުން އޮންނަ މީހެއް ކަން،" ޓީވީ ބަސްދީގަތުމެއްގައި ޑާމަނިން ބުނެފައި ވެއެވެ.

ހަމަ އެއާ އެކު ފަރަންސޭސި ވިލާތުގެ ސެނެޓާ ވަލޭރީ ބޯޔާ ވަނީ ބެންޒީމާ އަތުން ފަރަންސޭސި ރައްޔިތުކަން އަތުލައި، ފަރަންސޭސި ފުޓުބޯޅަ މަޖައްލާއިން އޭނާއަށް ދީފައިވާ "ބެލޮންޑިއޯ އެވޯޑް" ވެސް އޭނާ އަތުން އަތުލާން އެ ގައުމުގެ ސަރުކާރަށް ގޮވައިލިއެވެ.

1987ވަނަ އަހަރު ޑިސެންބަރު މަހު 19ގައި ފަރަންސޭސި ވިލާތުގައި ދުނިޔޭގެ އަލިކަން ދުށް ކަރީމް މުޞްޠަފާ ބެންޒީމާއަކީ މިހާރު ސުޢޫދީ ޢަރަބިއްޔާގެ އެންމެ މަޤުބޫލު ލީގުކަމުގައިވާ އަލްއިއްތިޙާދުގެ ކުރިއަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާއަކީ އޭނާގެ ކިބައިގައިވާ ގޯލުޖެހުމުގެ ޚާއްޞަ ހުނަރުގެ ސަބަބުން އަބަދު ވެސް ކުރިއަށް ކުޅޭ އެންމެ މަޤުބޫލު ކުޅުންތެރީންގެ ތެރޭގައި ހިމެނިފައެވެ. އޭނާގެ މަޤުބޫލުކަން ދުވަހަކު ވެސް ފަނޑެއް ނުވެއެވެ.

އަލްޖީރިއާއާއި ފަރަންސޭސި ރައްޔިތުކަން އޮންނަ އުމުރުން 35އަހަރުގެ ފޯވާޑް ބެންޒީމާގެ ކުޅިވަރުގެ ކެރިއަރު ފެއްޓީ އޭނާގެ އުފަން ރަށަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ "އިލިމްޕިކް ލިޔޮނައިސް"އިން 2005ވަނަ އަހަރުގައެވެ. ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު އޭނާ ހޯދިއެވެ. 2008ވަނަ އަހަރު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާއަށް ލިބުނެވެ. އޭނާގެ ޓީމު ހިމެނުނީ ލީގުގެ އެންމެ މޮޅު ޓީމުކަމުގައެވެ. އަދި އެ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް އޭނާއަށް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ލީގުން އޭނާއަށް ކާމިޔާބުވި ހަތަރުވަނަ ޝަރަފު ކަމުގައިވާ "ކޮޕޭ ޑި ފްރާންސް"ގެ އެވޯޑް އޭނާއަށް ލިބުނެވެ. އޭނާގެ މައިންބަފައިންނަކީ އަލްޖީރިއާ ދަރިކޮޅުގެ ފަރަންސޭސި ރައްޔިތުންނެވެ.

2009ގައި އެންމެ ބޮޑު އަގެއްގައި އެހެން ކުލަބަކަށް ބަދަލުވި ކުޅުންތެރިޔާގެ ގޮތުގައި 35 މިލިޔަން ޕައުންޑްގެ ބޮޑު އަގަކަށް ރެއާލް މެޑްރިޑަށް އޭނާ ބަދަލުވިއެވެ.

ލަލީގާގައި ޖެހިޖެހިގެން އޭނާގެ ނަން ހަތަރު އަހަރު ވިދައިލިއެވެ. 2018ން 2022އާ ދެމެދު ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އޭނާ ހޯދައިފައިވެއެވެ.

ބެންޒީމާ ވަނީ ފަރަންސޭސި ގައުމީ ޓީމަށް 97 މެޗު ކުޅެދީ، 37 ގޯލު ޖަހައިދީފައެވެ. އަދި މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓައިލައިފައެވެ.

ރެއާލް މެޑްރިޑަށް 354 ގޯލު ޖަހައިދީ، އެޓީމާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ބެންޒީމާ ސައުދީ އަރަބިއްޔާގެ އަލްއިއްތިހާދަށް ބަދަލުވީ މިއަހަރުގެ ތެރޭގައެވެ.

_______________________________

Advertisement

ކޮމެންޓް