ad_banner
މާއްދީ ފައިދާއަށް ޓަކައި މީހުން ބަދުނާމުކުރުން - ފަހުން ހިތާމަކުރާންޖެހޭނެ ނުބައި ޢަމަލެއް.

އަބާ މުޙަންމަދު

12 މޭ 2026

ބައެއް މީހުން މީހުންގެ އަގު ވައްޓައިލުމަށް ޓަކައި ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. މި ގޮތަށް މީހުން ބަދުނާމުކުރާން ދައްކާ ވާހަކަތަކުން އެ ދައްކާވާހަކަތަކުގެ ހަގީގަތެއް ނެތްކަން ދޭހަވާ ވަރަށް ވާހަކަ ހަދައިލައެވެ. މިސާލަކަށް ދިވެހިރާއްޖެ އިސްލާންވީ ގޮތުގެ ވާހަކަދައްކާ އިރު، ކޮންމެ މަހަކު އެއް ފަހަރު ރީތި އަންހެންކުއްޖަކު ޤުރުބާންކުރާ އޭރުގެ ރަދުން އެ ކުއްޖާގެ ޢިއްފަތްތެރިކަން ފޭރިގަނެފައި ފަޟީޙަތްވެވަޑައިނުގަތުމަށް ޓަކައި ކުރާ ކަމެއްކަމަށް ބުނެ ދަރުމަވަންތަ ރަސްގެފާނުގެ އިސްތަށިފުޅުގައި މި ފަދަ ނުބައި އިލްޒާމެއް އަޅުވައެވެ. ނަމަވެސް އެ ޒަމާނަކީ ރަސްގެފާނަކު ބޭނުންފުޅު ވެއްޖެ ނަމަ، ހުރިހައި އެންމެންގެ ދަރީން ވެސް ރަސްގެފާނަށް ރުހުމުގައި ވެދުމަށް އަރުވާން ތައްޔާރަށް އޮތް ޒަމާނެއްކަމެއް މި ބުހުތާނު ދޮގު ހަދާ މީހުންނަކަށް ވިސްނައިލާކަށް ނޭނގުނެވެ. އެ ފަދަ ޒަމާނެއްގައި ރަސްގެފާނު އަންހެންކުއްޖަކާ އެއްވެސް ކަހަލަ ގުޅުމެއް ހިންގަވާން އަތިރިމަތީ ކައިރީގައި ހުންނަ ފައްޅިއަކަށްވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ނޫންކަން އެ ފަދަ މީހުންނަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ޙަސަދަވެރިކަމަކީ ހެޔޮ ވިސްނުން ނައްތައިލާ ކަމަކަށްވާތީއެވެ.

ހަމަ މި ފަދައިން ގައުމެއްގެ ބޮޑުވަޒީރަކު، ރަސްކަލަކު ނުވަތަ ރައީސަކު، މި ޒަމާނުގައި އެ ގައުމެއްގެ ރައްޔިތެއްކަމަށްވާ އަންހެންކުއްޖަކާ ހިތްޕުޅާ ވެގެން އަންހެންކުއްޖާ ގަބޫލުވޭތޯ ރޭގަނޑު ދަންވަރު، އެ ބޭފުޅެއްގެ އަނބިކަނބަލުން އަރިހު ރޭކުރައްވާން އޮންނަވައި ފުލުފުލުގައި އޭނާއަށް ފޯނުކުރެއްވި ވާހަކަ މީހަކު ބުނެފި ނަމަ، އެއީ ކަނޑައެޅިގެން ދޮގެއްކަން ސިކުނޑީގައި ތެތްކަމެއް ހުރި ކޮންމެ މީހަކަށް އެނގޭނެއެވެ. އެހެނީ އެއަށް ވުރެ މާ ސުމާޓު ގޮތްގޮތް އަޅުގަނޑުމެން ފަދަ އާދައިގެ މީހުންނަށް ވެސް ބޭނުންކުރެވޭން ހުންނަ އިރު، ގައުމެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް މި ފަދަ އެތައް ސަތޭކަ ގޮތެއް ފަހިވެފައި ހުންނާނެކަން ހަމަ ވިސްނޭ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ނަމަވެސް މީހަކާ މެދު ހަސަދަވެރިވެއްޖެ ނަމަ، މި ފަދަ ވާހަކަތައް ހަދާ މީހުންނަށް ހަމަ ވިސްނުމެއް ނާންނާނެތާއެވެ!

މިއީ ކޮން ޒަމާނެއްތޯއެވެ؟ ފަހު ޒަމާނުގެ ނަބިއްޔާ ސުވަރުގެވަޑައިގަތްތާ ވެސް ދޮޅު ގަރުނުވާން ކައިރިވީއެވެ. ވީމާ ރަސޫލު ޒަމާނުގައި މާތް ﷲ ފޮނުއްވި ރަސޫލަކާ ބެހޭ ގޮތުން މި ފަދަ ވާހަކަތައް ހެދި އިރު، އެ ފަދަ މީހުންނަށް ދެއްވާނެ ޢުޤޫބާތުގެ ވާހަކަ އޮތްތާ ބާއްވައިފައި އެ ފަދަ ވާހަތައް ﷲ ބޭޒާރުކުރައްވާނެކަން ވެސް ހަނދާނަކަށް ނައިތާއެވެ.

އަޅުގަނޑު މި އިޝާރާތްކޮށްލީ ހާމާނާއި ޤާރޫނުގެ ރޭވުމުގެ މަތީން، ފިރުޢައުނުގެ ގަނޑުވަރުގެ ބާނދީއަކު ލައްވައި ސައްޔިދުނާ މޫސާ ޢަލައިހިއްސަލާމުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި އެ ކަލޭގެފާނަށް ޤަޛުފުކުރި ހާދިސާއަށެވެ. އެހެންވީ އިރު، މި ޒަމާނުގައި، ގިނަ މީހުން މާއްދިއްޔަތަށް [ބޫތުކައިފައިވާ] ޒަމާނެއްގައި، ބަޔަކު ފައިސާކޮޅެއް ދީފި ނަމަ، މި ފަދަ ކޮންމެ ކަމެއް ވެސް ކޮންފާނެކަމަށް ގަބޫލުކުރާންޖެހެއެވެ. މި ދެންނެވި ނުބައި ތުހުމަތު އެޅުވި ބާނދީގެ ހިތަށް ފަހުން އީމާންތެރިކަން ވަދެ، މުސާގެފާހުގެ ކިބަފުޅުން މާފަށް އެދި، ތައުބާވެ، އީމާންވިއެއް ކަމަކު، ރަސޫލު ޒަމާނާ މިހައި ދުރު ޒަމާނެއްގައި މީހެއްގެ ހިތަށް އެ ފަދަ އީމާންތެރިކަމެއް ނުވަނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަޅުގަނޑުގެ ހަގީގީ ނުކުތާއަކީ، ރަސޫލު ޒަމާނުގައި އެކި ރަސޫލުންނާއި ނަބިއްޔުންގެ އިސްތަށިފުޅުގައި އެކި ފާޑުގެ ދޮގު ތުހުމަތު އަޅުގަވައި އެ ބޭބޭކަލުން ފަޟީޙަތްކުރާން މަސައްކަތް ކުރި އިރު، މި ޒަމާނުގައި ސިނާރުގެ އެހީގައި ކޮންމެ ވީޑިއޯއަކާއި އޯޑިއޯއަކާއި މަންޒަރެއް އުފެއްދޭ އިރު، މި ފަދަ ކޮންމެ ފަދަ ކަމެއް ވެސް ފައިސާއަށް ޓަކައި ކޮންފާނެޔޭ ދަންނަވައިލުމެވެ. އަޅުގަނޑުމެންގެ ގިނަ މީހުންގެ ހިތްތަކުން ރޫޙާނީ ބާރު ކުޑަވެ، މާއްދިއްޔަތަށް ވަނީ ހެއްލެވިފައެވެ. ރަސޫލު ޒަމާނުގައި ވެސް މި ފަދަ ކަންކަން ހިނގައިފައިވާތީ އެ ކަންކަމަށް ޚަބަރުދާރުވުމަށް އަންގަވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.  )يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ( - ([އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދު ބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.]) (سورة الحجرات: 6)

ހަގީގަތް ނުބަލައި އެ ޒަމާނުގައި ޚަބަރެއް ފަތުރައިލެވެނީ ދުލުންނެވެ. އެ ވާހަކަ މުޖުތަޢުގައި ރެކޯޑުކުރެވިފައި ނުހުންނާތީ އެ ވާހަކައެއް ތަކުރާރުނުކުރާ ނަމަ، އެ ވާހަކައެއް ފޭދިގެން ފޫދިގެން ހުލިވެގެން ހިނގައިދާނެއެވެ. ނަމަވެސް އެ ޒަމާނުގައި ވެސް އެ ކަމުގެ މައްޗަށް ހިތާމަކޮށް ތައުބާވާން ޖެހޭ އިރު، މި ޒަމާނުގައި މީސްމީޑިއާގައި ހިއްސާކޮށްލެވޭ ފޮޓޯއެއް، އަޑެއް، ވީޑިއޯއެއް ނުވަތަ ލިޔުމެއް ވިޔަސް ތާޒާކަންމަތީ އެތައް ޒަމާނަކަށް ދެނިގެންދާ އިރު، އެ ފަދަ ކަންކަމުގެ ނުބައިކަން އިތުރުވާނެ މިންވަރާ މެދު އޮތީ ޚިޔާލުކޮށްލުން ނޫންތޯއެވެ!

އަޅުގަނޑުމެންނަކީ ނޫސްވެރީންނީމުއެވެ. ނޫސްވެރިކަމުގެ ބޭނުމަކީ މުޖުތަމަޢުގައި ހިނގާ ކަންކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކޮށް މުޖުތަމަޢުގައި ސުލްޙަމަސަލަސްކަން ގާއިމުކޮށް މަސައްކަތްތެރިކަމާއި ތަރައްގީއަށް ހިތްވަރުދީ ދީނާއި ޤައުމުދެކެ ލޯބިވާ ޢިލްމީ، ޤާބިލު، ކަށަވެތި ޖީލެއް އުފެއްދުމަށް އެހީތެރިވެދިނުމެވެ. އެހެންނޫނީ ފިތުނަ އުފައްދާކަށް ނޫސްވެރިކަމެއް ބޭނުމެއް ނުވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ނަޒަރުން މި ހަގީގަތް ފިލައި ގޮސްފައިވާތީ، [ފަރަގު]ގެ ނޫސްވެރީންނާއި އަޅުގަނޑުގެ މި ނަސޭހަތް ގަބޫލުކުރާ އެންމެންނާއި ޚުދު އަޅުގަނޑުގެ އަމިއްލަ ނަފުސު މި ކަމުގެ މައްޗަށް ހެއިލައްވައިލުމަށް ޓަކައި މި ވާހަކަ ލިޔެލީއެވެ.

 

ދެ ލަފުޒެއްގެ މާނަ:

އިލްޒާމު      ނ.    (1) މީހެއްގެ ބޮލުގައި އަޅުވާ ބަދުނާމު. (2) ތުހުމަތު.    blame  

ސިނާރު      ނ.    ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް، ވިސްނުންތެރިކަމާއި، ވެށި ދެނެގަތުމާއި، ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު، އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. AI

ކޮމެންޓު