ad_banner
އިދާރީ ހިންގުމާއި މެނޭޖުމެންޓުގައި އެކި ވެރީންގެ ހަގީގީ ދައުރު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

6 މޭ 2026

އަޅުގަނޑަކީ އިގުތިޞާދީ އަދި މާލީ ދާއިރާގެ މީހެއް ނޫނެވެ. އެހެންކަމުން ވިޔަފާރި ކުންފުންޏަކުން ފައިދާ އުފައްދާނެ ގޮތާއި ވިޔަފާރިތައް ހިންގާނެ ގޮތުގެ މަޢުލޫމާތެއް، އެ ކަމުގެ ތަޖުރިބާއެއް އަޅުގަނޑުގެ ނުހުންނާނެކަމަށް އެންމެ ފުރަތަމަ ވެސް އިޢުތިރާފުވަމެވެ. ނަމަވެސް އިދާރީ ހިންގުމާއި މެނޭޖުމެންޓުގެ ދާއިރާއިން ކޮންމެވެސް އެއްޗެހިތަކެއް ދަސްކޮށްގެން ހިންގުމުގެ ދާއިރާގެ ތަޖުރިބާތަކެއް ދިގު މުއްދަތެއްގައި ކޮންމެވެސް ވަރަކަށް ލިބިފައިވާތީ، މެނޭޖުމެންޓާއި އިދާރިއްޔަތުގައި ހިމެނޭ އިސްވާރުންނާއި ޑިރެކްޓަރުންނާއި މެނޭޖަރުންގެ ދައުރާ ބެހޭ ގޮތުން އަޅުގަނޑުގެ ތަޖުރިބާ ހިއްސާކޮށްލާހިތްވީއެވެ. މި ތަޖުރިބާތަކުގެ އަލީގައި މިއަށް ވުރެ މާ މޮޅު ސިޔާސަތުތަކާއި ހަވާލަތާއި މަސްއޫލިއްޔަތުތަކެއް ކަނޑައަޅައި އަރުތަވެރި ގޮތަކަށް ތަންތަން ހިންގުމަށް މި ލިޔުމުން ކޮންމެވެސް ވަރެއްގެ އެހީއެއް ލިބިވަޑައިގެންފާނެކަމަށް ފެންނާތީއެވެ.

މިއީ ހަމައެކަނި ޚިޔާލެކެވެ. ލޯކަލް ކައުންސިލުތަކަށް އިންތިޚާބުކުރެވިފައިވާ ބޭފުޅުން މި މަހު 17ގައި ހުވައިކުރައްވައި މަގާމާ ޙަވާލުވެވަޑައިގަންނަވާނެތީ އެ ބޭފުޅުންގެ ފަސް އަހަރުގެ ދައުރު ކާމިޔާބުކަމާ އެކު ނިންމަވައިލައްވާން، މި ލިޔުމުން އެހީތެރިކަމެއް ލިބިވަޑައިގެންފާނެކަމަށް ފެންނާތީ މި ޝުޢޫރުތައް ފާޅުކޮށްލާ ހިތްވީއެވެ. ޢަމުދުން އަލަށް މި ދާއިރާއާ ގުޅިވަޑައިގަތް ބޭފުޅުންނަށް މި ލިޔުމުން ފައިދާއެއްކޮށްފާނެކަމުގެ އުންމީދުގައި މި މަގާލު ލިޔެލާހިތްވީއެވެ.

އާދޭހެވެ! އިސްވާރުންނާއި ޑިރެކްޓަރުންނާއި މެނޭޖަރުންނަކީ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުން ފެންނަ އެންމެ އިސް މުވައްޒަފުންނެވެ. ނުވަތަ ވެރީންނެވެ. ރަށްރަށުގެ ކައުންސިލްތަކަށް ބެލިޔަސް މި ތިން ވައްތަރުގެ އިސް ވެރީން ފެންނާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުންނަށް މި ފަދަ މީހުންގެ ދައުރު ވަކިކުރާކަށް ނޭނގެއެވެ. ރަށު ކައުންސިލެއްގެ ރައީސްގެ ދައުރާއި ނާއިބު ރައީސްގެ ދައުރާއި ސެކްރެޓަރީ ޖެނެރަލްގެ ދައުރަށް ބަލަމާތޯއެވެ!

ކައުންސިލުގެ ރައީސް ނުވަތަ މޭޔަރަކީ އިސްވާރު (ލީޑަރު)ކަމަށް ބަލަމާތޯއެވެ! ނާއިބު ރައީސް ނުވަތަ ޑެޕިޔުޓީ މޭޔަރަކީ [ޑިރެކްޓަރު]ކަމަށް ބަލަމާތޯއެވެ! ސެކްރެޓަރީ ޖެނެރަލަކީ އިދާރާގެ މެނޭޖަރުކަމަށް ބަލަމާތޯއެވެ! މި ގޮތަށް ބަލައިގެން މި ތިން [މަގާމު]ގެ ދައުރުގެ މައްޗަށް ބަލައިލަމާތޯއެވެ!

ރައީސް ނުވަތަ މޭޔަރު:

ރައީސް ނުވަތަ މޭޔަރުގެ ޒިންމާއަކީ މީހުންގެ ޝައުޤުވެރިކަން އުފެއްދުމާއި އެ ޙާލަތެއްގައި ދިމާވާ ކަންކަމާއި ކޮންޖެހުންތަކާ ކުރިމަތިލުމާއި، ތަސައްވުރެއް ކަނޑައެޅުމާއި، އޭނާ ކަނޑައަޅައިފައިވާ ތަޞައްވުރަށް ދަތުރުކުރުމަށް ހެޔޮ ގޮތުގައި ނުފޫޒުފޯރުވުމެވެ. އިސްވާރެއް ނަމަ ނުވަތަ ލީޑަރެއް ނަމަ، ރަސްމީ ގޮތެއްގައި އޭނާއާ މަސްއޫލިއްޔަތު ޙަވާލުވެފައި ނެތަސް މި ދެންނެވި އިސްނެގުން އޭނާގެ ފަރާތުން ފެންނާނެއެވެ.

ރަނގަޅު އިސްވާރެއް ނަމަ، އޭނާގެ ދިގު މުއްދަތުގެ ތަޞައްވުރު ކަނޑައެޅުއްވުމުގައި، އެ އިދާރާގައި ތިއްބެވި މުވައްޒަފުންނާއި އެހެން ވެރީންގެ ތެރެއިން ތަޖުރިބާކާރު ޤާބިލު ބޭފުޅުންނާ މަޝްވަރާކުރައްވައި ޚިޔާޅު ބަދަލުކުރެއްވުމަކީ ފައިދާކުރަނިވި ކަމަކަށް ވެދާނެއެވެ. އަދި މިއީ މުވައްޒަފުންގެ ރުހުން އިތުރުވެ، މުވައްޒަފުންގެ އިތުބާރު ޙާޞިކުރުމަށް ޓަކައި ގެންގުޅުއްވާން މުހިންމު ސުލޫކެއްކަމަށް ވެސް ފެނެއެވެ.

އިސްވާރުސަމާލުކަންދެއްވާން ޖެހޭ މުހިންމު އެހެން ކަމެއް ވެސްއޮވެއެވެ. ރަސްމީ ދައިރާއާއި އަމިއްލަ ޒާތީ ދިރިއުޅުން ވަކިކުރެއްވުމެވެ. ރަސްމީ ދާއިރާގައި ވަކި މީހަކު [އަރިސްކޮށް] ވަކި މީހަކު ދުރުކޮށްގެންނުވާނެއެވެ. އެއް މަގާމެއްގައި ތިއްބަވާ މުވައްޒަފުންނަށް ކަމޭ ހިއްތަވާން ވާނީ ހަމަ އެއް ދަރަޖައަކުންނެވެ. ރަސްމީ ކަންކަމުގައެވެ. ތަފާތުވާން ޖެހޭނީ ޒާތީ ދިރިއުޅުމުގައެވެ. އެހެންނޫނީ އިދާރާގައި މަސްލަހަތު ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ.

ނާއިބު ރައީސް ނުވަތަ ޑެޕިޔުޓީ މޭޔަރު:

މިއީ މެނޭޖުމެންޓެއްގައި ނަމަ ޑިރެކްޓަރެއްގެ ދައުރު އަދާކުރާ މަގާމެވެ. މި މަގާމުގައި ހުންނަ މީހެއްގެ ދައުރަކީ އިސްތިރާޖީ ގޮތެއްގައި ދިގު މުއްދަތުގެ އަމާޒަކަށް ވާސިލުވާނެ ގޮތް މެނޭޖަރަށް ބަޔާންކޮށްދިނުމެވެ. އަދި ގާނޫނީ، އިދާރީ، އިޖުރާއީ، އުސޫލީ ކަންކަން ހަމަމަގުގައި ހިފެހެއްޓުމާއި އަދި މެނޭޖަރުން (ސެކްރެޓަރީ ޖެނެރަލް)ގެ ދިގު މުއްދަތުގެ އަމާޒަށް ވާސިލުވުމަށް ޓަކައި ހަމަޖެހުމާ އެކު އެ ދިމާއަށް ވާސިލުވުމަށް މަސައްކަތްކުރޭތޯ ޖުމުލަ ގޮތެއްގައި މުރާގަބާކޮށް އޭނާއަށް އިރުޝާދުދީ އެހީތެރިވެދިނުމެވެ. މީގެ އިތުރަށް ރަސްމީ ހައިސިއްޔަތުން ރައީސަށް ނުވަތަ މޭޔަރަށް އޭނާ އެދިވަޑައިގަންނަވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އޭނާގެ މުހިންމު މަސްއޫލިއްޔަތެއްކަމަށް ހައްދަވާންވާނެއެވެ.

ސެކްރެޓަރީ ޖެނެރަލް (ނުވަތަ މެނޭޖަރު):

މީނާގެ ވާޖިބަކަށްވާނީ ކައުންސިލުން ކަނޑައަޅައި ފާސްކޮށްފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ޓަކައި އެކި ވެރީންނަށް އިންސާފުވެރިކަމާ އެކު މަސައްކަތްތައް ލިޔުމުން ހަވާލުކުރުމާއި ދުވަހުންދުވަހަށް ހިންގާ ކަންކަން ބެލެހެއްޓުމާއި ހުރިހައި މުވައްޒަފުން ވެސް، އުފެއްދުންތެރިކަމާ އެކު، ކައުންސިލުގެ ދުވަހީ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ގެންދާކަން ކަށަވަރުކުރުމެވެ.

މި ތިން ފަރާތުގެ ދައުރަށް ބަލާ އިރު:

މޭޔަރަކީ ނުވަތަ ކައުންސިލުގެ ރައީސަކީ ތަޞައްވުރީ ބޭފުޅަކަށްވާންޖެހެއެވެ. އުފެއްދުންތެރި އީޖާދީ ވިސްނުމުގެ ބޭފުޅަކަށް ވެސް ވާންޖެހޭނެއެވެ. އަދި މަސައްކަތަށް، އެހެން މީހުން ޝައުޤުވެރިކުރުވުމާ އެކު ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން އޭނާގެ ކިބައިން އިލްހާމު ލިބިގަންނަ ނަމޫނާ ޝަޚުޞިއްޔަތަކަށް ވާން ޖެހޭނެއެވެ. ގަވާއިދުތަކަށް އެންމެ ބޮޑަށް އިޙުތިރާމްކުރައްވާ އަދި ގަޑިއަށް ފަރުވާތެރި ވެރިއަކަށް އޭނާ ވެވަޑައިގަތުމަކީ އެހެން މެންބަރުންނާއި މުވައްޒަފުންނާއި ރައިތުންނަށް ހެޔޮ މަގު ދެއްކެވުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޑެޕިޔުޓީ މޭޔަރު ނުވަތަ ނާއިބު ރައީސަކީ ވަރަށް އިސްތިރާޖީ އަދި ހިންގުންތެރި ބޭފުޅަކަށްވުން މުހިންމެވެ. އަދި އޭނާ ވާންޖެހޭނީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ފަރާތުގެ ބައްދަލުވުންތަކާއި އިދާރީ ހިންގުމުގައި ޙަރަކާތެރިވާ ބޭފުޅަކަށެވެ. އެ ކަން އޮންނާނީ ވެސް އެހެންކަން އެނގެއެވެ. ކައުންސިލުގެ ޖަލްސާތަކުގައި ނާއިބު ރައީސް ނުވަތަ ޑެޕިޔުޓީ މޭޔަރު ވެސް ބައިވެރިވެވަޑައިގަންނަވާނެތާއެވެ.

އާދޭހެވެ! ކައުންސިލުން ކަނޑައަޅުއްވައިފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި ގާނޫނީ އަދި އިޖުރާއީ ނުވަތަ އުސޫލީ މައްސަލައެއް ދިމާނުވޭތޯއާއި، ކަންކަން ދަނީ ގާނޫނީ އިމުގެ ތެރެއިންތޯ ކަށަވަރުކުރުމަކީ ހަގީގަތުގައި މީނާގެ މުހިންމު ދައުރެކެވެ.

ސެކްރެޓަރީ ޖެނެރަލަކީ ހަގީގަތުގައި ހުރިހައި މުވައްޒަފުންގެ ސުޕަރވައިޒަރެވެ. އިދާރީ ހިންގުންތެރިޔާއެވެ. އަދި މުވައްޒިފުންގެ މުޅި ޓީމުގެ އިސްވާރެވެ. މުވައްޒިފުން ލައްވައި މަސައްކަތްކުރުވާ އިދާރީ ވެރިޔާއެވެ. މީނާގެ ހަގީގީ ދައުރަކީ ކައުންސިލުގެ ސިޔާސަތުތައް ބަރާބަރަށް ތަންފީޒުކުރުމެވެ. އެކި ސެކްޝަންތަކުގެ ވެރީންނާއި މަސައްކަތްތައް ޙަވާލުކުރައްވައި، ވެރީންގެ މަސައްކަތްތައް ސުޕަރވައިޒުކުރައްވައި، އެ ސެކްޝަންތަކުގެ މުވައްޒަފުން ލައްވައި ސެކްޝަންތަކުގެ ވެރީން ބަރާބަރަށް މަސައްކަތްކުރުވައި ނަތީޖާނެރޭތޯ ކަށަވަރުކުރުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެވެ.

ކައުންސިލުގެ މެންބަރުގެ ދައުރު:

ކުންފުންޏެއް ނަމަ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކައުންސިލުގެ މެންބަރުންގެ ދައުރު ވަރަށް އެއް ގޮތެވެ. މި ބޭފުޅުންގެ ޒިންމާއަކަށްވާނީ ކައުންސިލުގެ ޖަލްސާއަށް ހުށަހެޅޭ އެކި މައްސަލަތަކާއި އަދި ކަނޑައެޅޭ އެކި ސިޔާސަތުތައް ކަނޑައެޅުމުގައި ނިންމުންތައް ނިންމާ އިރު، ރައްޔިތުންގެ ވިންދާއި އިޙުސާސާއި ޝުޢޫރަށް ބައްލަވައިގެން އެ ރަށެއްގެ ކުރިއެރުމާއި ތަރައްގީއާއި ހަމަޖެހުމާއި އިޖުތިމާޢީ ލާބައަށް ވިސްނަވައިގެން އިޚުލާޞްތެރިކަމާ އެކު ޚިޔާލު ފާޅުކުރައްވައި އެ ފެނިވަޑައިގަންނަވާ ގޮތަކަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މާތް ﷲއަށް ޓަކައި ވޯޓުދެއްވުމެވެ.

މެންބަރުން ވޯޓުދެއްވާ އިރު އަޣުލަބިއްޔަތުން ނިންމި ގޮތަކީ އެ ބޭފުޅަކު ތާއީދުކުރެއްވި ގޮތަކަށް ނުވިޔަސް ކަމެއް ވަގި ގޮތަކަށް ނިމިއްޖެ ނަމަ، އެ ނިންމުމަށް އިޙުތިރާމްކުރެއްވުމަކީ ކައުންސިލުގެ މެންބަރުގެ ވާޖިބެކެވެ. މެންބަރުންގެ އަނެއް ޒިންމާއަކީ ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމުގައި އެ ބޭފުޅެއްގެ ގާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ރައީސާއި ނާއިބު ރައީސަށް އެހީތެރިވެދެއްވުމެވެ. އެ ބޭފުޅުން ސީދާ މަގުގައި ބޭއިތިއްބުމަށް ޓަކައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާ އެކު، ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް، ވަކިވަކީން އެކަހެރިކޮށް އެ ބޭފުޅުންނަށް އެރުވުމެވެ.

ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ. މިއީ އެއްވެސް ޙާލެއްގައި ގާނޫނީ ލިޔުމެއް ނޫނެވެ. މިއީ ހަމަ އެކަނި އަޅުގަނޑުގެ ދިގުމުއްދަތުގެ ތަޖުރިބާގެ އަލީގައި ހަމަ އެކަނި ފާޅުކޮށްފައިވާ އިޚުލާސްތެރި ޚިޔާލުތަކެކެވެ. މި މަގާލުގައި އަޅުގަނޑު ފާޅުކޮށްފައިވާ އެއްވެސް ޚިޔާލެއް އެއްވެސް ގާނޫނަކާ ތަޢާރުޒުވާ ނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުގެ ޚިޔާލަށް ޢަމަލުކުރައްވައިގެން ނުވާނެއެވެ. ނަމަވެސް ބައެއް ނުކުތާތައް ފަހަރެއްގައި ބޭނުންފުޅުހިއްޕެވިދާނެކަމުގެ އުންމީދުގައި ހުށަހަޅައިލީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަވާލަތު     ނ.    ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate

ނުފޫޒު      ނ.    މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި މަގާމާއި ދަރަޖައާއި ހައިސިއްޔަތުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު. influence

އަރުތަވެރި    ނއ.   (1) ލަނޑުދަނޑި ހާސިލުވެފައިވާ. (2) ކާމިޔާބު ނުވަތަ އަރުތަ ލިބިފައިވާ. successful

އިސްތިރާޖީ   ނ.    މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (written)

ކޮމެންޓު