ad_banner
އެމެރިކާ-އީރާނުގެ ހަނގުރާމަ: ކާމިޔާބު ލިބޭނީ ކޮން ގައުމަކަށް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

8 މޭ 2026

އެމެރިކާއާއި އީރާނުގެ މެދުގައި މިހާރު މި ހިނގާ ހަނގުރާމައަކީ ސަގާފީ ގޮތުން ހަނގުރާމައިގެ މައިދާނުގައި ކުރެވޭ ސީދާ ހަނގުރާމައަކަށް ވުރެ ބޮޑަށް، އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އަދި ނުސީދާ ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާވެފައިވާ ހަނގުރާމައެކެވެ. މި ކުރިމަތިލުން ފެށިފައިވަނީ ފެންނަ ފެނުމުގައި މި އަހަރު ފެބުރުވަރީ މަހު 28ގައިކަމަށް ވިޔަސް މި ހަނގުރާމައަކީ އީރާނުގެ އިސްލާމީ އިންގިލާބުގެ ފަހުން މެދުނުކެނޑި ހިނގަމުން އަންނަ ހަނގުރާމައެކެވެ.

އީރާނަށް ސީދާ އެމެރިކާއިންނާއި އދ. މެދުވެރިކޮށް ދަތިކުރުމުގެ އެކި ފިޔަވަޅުތައް އަޅައިފައި އޮންނަތާ ބައިގަރުނާ ކައިރިވަނީއެވެ. އަދިވެސް އީރާނު ދިރިދެމި އެބަ އޮތެވެ. އީރާނުގެ ވެރިކަން ބަދަލުކުރާން ކުރާ އެއްވެސް މަސައްކަތެއް އެމެރިކާއަކަށް ކާމިޔާބެއްނުކުރެވެއެވެ. އަދި އިގުތިސާދީ ގޮތުން އީރާނު އިނދަޖައްސައިލާން ކުރާ މަސައްކަތުން ވެސް އެމެރިކާ ބޭނުންވާ ނަތީޖާއެއް ހާސިލެއްނުކުރެވެއެވެ.

މިހާރު އީރާނުން ތެޔޮ ބޭރުކުރުން އެކީއެކަށް ހުއްޓުވާން އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން އެމެރިކާއިން އޮތަސް އެކި މަގުމަގުންނާއި ޕާކިސްތާނުގެ ތެރެއިން މިހާރުވެސް ތެޔޮ ބޭރުކުރެއެވެ. އެހެންކަމުން މި ފަދަ ހަނގުރާމައެއްގައި [ކާމިޔާބު] ލިބޭނީ ކޮން ގައުމަކަށްތޯ ބަލާ އިރު، އެއީ ހަމައެކަނި އަސްކަރީ ބާރުވެރިކަމުން ނިންމޭނެ ކަމެއް ނޫނެވެ. ހަނގުރާމަ ކާމިޔާބުކުރެވެނީ ހަމައެކަނި އަސްކަރީ ބާރުވެރިކަމުންކަމަށްވާ ނަމަ، ހަތަރު ދުވަހުން މަގުސަދު ހާސިލުކޮށްގެން ނިންމާނަމޭ ކިޔައިގެން އެމެރިކާއިން ފެށި މި ހަނގުރާމަ މިހާރު އޮތީހީ އެމެރިކާގެ މަގުސަދުހާސިލުކޮށްގެން އީރާނު ގިއްގަޅުވައިލައިގެން ނިމިފައެވެ. ނަމަވެސް މި ހަނގުރާމައިގެ ކާމިޔާބީ ބިނާވެފައިވާނީ ދެ ގައުމުގެ ކެތްތެރިކަމާއި، އިސްތިރާޖީ ރޭވުންތަކާއި، ބައިނަލްއަގުވާމީ މަސްރަހުގައި އޮތް ތާއީދުގެ މައްޗަށެވެ.

1. އަސްކަރީ ބާރުވެރިކަން: ކަނޑާ ފޮންޏާއި ހަގީގަތް

އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ލަޝްކަރެވެ. އެމެރިކާގެ ފަންނިއްޔާތާއި، ވައިގެ ބާރާއި، އަދި ކަނޑުގެ ބާރުވެރިކަމަކީ އީރާނަށް ސީދާ ކުރިމަތިލުމެއްގައި ހިފަހައްޓައިލެވޭނެ ބާރުތަކެއް ނޫނެވެ. ނަމަވެސް، އީރާނަކީ ނުރަސްމީ ހަނގުރާމައިގެ އުކުޅުތަކަށް ވަރަށް މޮޅު ގައުމެކެވެ. އީރާނުގެ މިސައިލް ޕުރޮގުރާމާއި، ޑްރޯނު ފަންނިއްޔާތާއި، އަދި އަވައްޓެރި ގައުމުތަކުގައި ތިބި އީރާނަށް ވަފާތެރި ހަނގުރާމަވެރި ޖަމާއަތްތަކަކީ އެމެރިކާގެ އަސްކަރީ ބާރުވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ސީދާ އަސްކަރީ ކުރިމަތިލުމެއްގައި އެމެރިކާއަށް ކުރި ލިބުނަސް، އެއީ އެމެރިކާއަށް ވެސް ބޮޑު ގެއްލުމަކާ ނުލައި ލިބޭނެ ކާމިޔާބީއެއް ނޫނެވެ.

2. އިގްތިސާދީ ހަނގުރާމަ: އެމެރިކާގެ އެންމެ ބާރުގަދަ ހަތިޔާރު

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އީރާނުގެ ތެލުގެ ވިޔަފާރިއާއި ބޭންކިން ނިޒާމު ހުއްޓުވައިލުމުން، އީރާނުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ކާމިޔާބީގެ ނަޒަރަކުން ބަލާއިރު، އެމެރިކާގެ ބޭނުމަކީ އީރާނު އިގުތިސާދީ ގޮތުން އިނދަޖައްސާލައި، ރައްޔިތުން ރުޅިއަރުވައިގެން މަގުތަކަށް ނެރެ، އެ ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމެވެ. ދެން އިޒުރޭލު އެދޭ ފަދައިން އީރާނުގެ ނިއުކުލިއަރު ޕުރޮގުރާމާއި ސަރަހައްދީ ސިޔާސަތުތައް ބަދަލުކުރުމެވެ. ނަމަވެސް، އީރާނުން ވަނީ މި ދަތިތަކާ އެކު ވެސް ވަކި މިންވަރެއްގައި ހިފެހެއްޓިފައިވާ ހަރުދަނާ އިގުތިސާދެއްގެ ދަށުން ދެމިއޮތުމުގެ ގާބިލުކަން ދައްކައިފައެވެ. އެހެންކަމުން، އިގުތިސާދީ ގޮތުން އެމެރިކާއަށް ކުރި ލިބުނަސް، އީރާނުގެ ސިޔާސަތު ބަދަލުކުރުވުމުގައި އަދި އެދެވޭ ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އަދި އީރާނުގެ ނިޔުކުލިއަރު ތަރައްގީކުރުމުގެ ޕްރޮގުރާމު ވެސް ހުއްޓުވައެއްނުލެވުނެވެ.

3. ސަރަހައްދީ ނުފޫޒާއި ނުސީދާ ހަނގުރާމަ

މި ކުރިމަތިލުމުގައި އީރާނަށް އޮތް އެންމެ ބޮޑު ފައިދާއަކީ މެދުއިރުމަތީގެ ބިމުގެ ހަގީގަތްތައް އެ މީހުންނަށް ވަރަށް ރަނގަޅަށް އެނގުމެވެ. އިރާގާއި ސޫރިއާއާއި، ލުބުނާނާއި ޔަމަނުގައި އީރާނުގެ ނުފޫޒު އޮތީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެމެރިކާއަކީ ބޭރުން އައިސް އުޅޭ ބާރަކަށް ވާއިރު، އީރާނަކީ އެ ސަރަހައްދުގެ ދާއިމީ ބާރެކެވެ. ހަނގުރާމަ ދިގުލައިގެންދާ ނަމަ، އެމެރިކާގެ ރައްޔިތުންނާއި ސިޔާސީ މަސްރަހުން ހަނގުރާމައަށް ކުރާ ތާއީދު ކުޑަވާނެއެވެ. އެމެރިކާ ސިފައިން ހަނގުރާމައިގައި މަރުވާ ވަރަކަށް ސިފައިންގެ ޢާއިލާތަކުން ސަރުކާރުދެކެ ނުރުހުންވާނެއެވެ.

އެމެރިކާ ސިފައިންގެ މީހަކު މަރުވުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށް ބަލައެވެ. އެ ކަމާ ޢާއިލާތަކުން ރޮއި ހިތާމަކުރެއެވެ.

މިއާ ޚިލާފަށް އީރާނުން ދެކެނީ މިއީ ގައުމުގެ ދިފާއުގައި ކުރާ ދާއިމީ މަސައްކަތެއްގެ ގޮތުގައެވެ. އަދި މިއީ އިސްލާމް ދީނަށް ޓަކައި ކާފަރުންނާ ދެކޮޅަށް ކުރާ މުޤައްދަސްހަނގުރާމައެއްކަމަށެވެ. އެހެންކަމުން އެ މީހުންނަށް ދެ ގޮތުގައި ވެސް އޮތީ ކާމިޔާބީއެވެ. ސިފައިންގެ މީހަކު މަރުވިޔަސް، އޭނާއަށް ޝަހީދެއްގެ ދަރަޖަ ލިބުނީތީ މަންމައާއި ޢައިލާއިން ޖަހަނީ ޝުކުރުގެ ސަޖިދައެވެ. ވީމާ، އެ މީހުން ޝަހީދުވެދާނެތީ ބިރެއްނުގަނެއެވެ. ކާފަރުންނާ ހަނގުރާމަކޮށްގެން ދަރިއަކު މަރުވުމަކީ އެ މީހުން ހިތާމަކުރާ ކަމެއްނޫނެވެ. ދަރިފުޅަށް ޝަހީދެއްގެ ދަރަޖަ ލިބުނީތީ އެ މީހުން އުފާކުރެއެވެ.

މި ސިޔާގަށް ބަލާ އިރު، ވަގުތުގެ ގޮތުންނާއި ސަރަހައްދީ ހަމަޖެހުމުގެ ގޮތުން އީރާނަށް "އިސްތިރާޖީ" ކާމިޔާބީއެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

4. ބައިނަލްއަގުވާމީ ތާއީދާއި އިއްތިހާދުތައް

އެމެރިކާއަށް މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ބާރަކީ އިސްރާއީލާއި ސައުދީ އަރަބިއްޔާއާއި އެކުވެރި ޢަރަބު އިމާރާތާއި ގަޠަރާއި ކުވައިތު ފަދަ ވަރުގަދަ ބައިވެރިންނެވެ. ނަމަވެސް، އީރާނުން ގެންދަނީ ރަޝިޔާއާއި ޗައިނާއާއި ޕާކިސްތާނާ އެކު އޮންނަ ގުޅުން ވަރުގަދަކުރަމުންނެވެ. އަދި މި ދެންނެވި މެދުއިރުމަތީގެ ގައުމުތަކަށް ވެސް، އީރާނުގެ ހަގީގީ ބާރު ފެނި، އީރާނާ ސީދާ ދެކޮޅުހަދާން މިހާރުވަނީ ޖެހިލުންވެފައެވެ. އަދި އެމެރިކާ ކަނޑާ ފޮންޏާ އެއްވަރަށް ބާރު ނުދެއްކޭތީ އެ މީހުންގެ އިތުބާރު އަންނަނީ ބައިނަލްއަގުވާމީ މަސްރަހުގައި ކުޑަވަމުންނެވެ.

ދުނިޔެ ބަދަލުވަމުންދާ ގޮތުން، ދުނިޔޭގެ ހަމައެކަނި ބޮޑުބާރު (ޔުނިޕޯލާރ)ގެ ގޮތުގައި ދެމިއޮތުގެ ފުރުސަތު ކުޑަވަމުންދާތީ، އީރާނާ ދެކޮޅަށް ކުރާ މި ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާނެ ގައުމެއް އިޒުރޭލު ނޫނީ ނެތެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އެހީތެރިކަން އީރާނަށް ލިބުމަކީ އެމެރިކާގެ ކާމިޔާބީއަށް ހުރަސްއެޅޭ ކަމެކެވެ.

ދުނިޔެ މިއަދު އޮތީ އެއްވަން ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައާ ދެމެދު އޮތް ޙާލަތެއްގައެވެ. ސަލާމަތީ ގޮތުން ހަމައެއްލަމައެއް ނެތެވެ. ބައެއް މުޙައްލިލުން ލަފާކުރާ ގޮތުގައި މުސްތަގުބަލުގައި ދުނިޔެ ފެންނާނީ ޗައިނާއާއި އެމެރިކާ ހަމަހަމަ ގޮތެއްގައި (ބައިޕޯލާރ ނިޒާމެއްގައި) ޙަރަކާތްތެރިވާ ތަނެއްގެ ގޮތުގައެވެ. ގިނަ މުޙައްލިލުން ލަފާކުރާ ގޮތުގައި ކުރިމަގުގައި ދުނިޔެ އޮންނާނީ އެމެރިކާއާއި ޗައިނާއާއި ރަޝިއާއާއި ޔޫރަޕު ހިމެނޭ ގޮތަށް ގިނަ ބާރުތައް ހިމެނޭ (މަލްޓި ޕޯލާރ) ނިޒާމެއްގެ ގޮތުގައެވެ.

ހަގީގީ ކާމިޔާބު  ލިބޭނީ ކޮން ބަޔަކަށް؟

މި ހަނގުރާމައިގައި "މޮޅުވާނެ" ގައުމެއް އަދި ލަފާކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ.

އެމެރިކާއަށް ކާމިޔާބު ލިބުނުކަމަށް ބެލޭނީ: އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި ގާއިމުކޮށް، އީރާނުގެ ނިއުކްލިއަރު ހަތިޔާރު އުފެއްދުން ހުއްޓުވައި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީ ހުއްޓުވައިލެވިއްޖެ ނަމައެވެ.

އީރާނަށް ކާމިޔާބު ލިބުނުކަމަށް ބެލޭނީ: އެމެރިކާގެ ސިފައިން މެދުއިރުމަތިން ބޭރުކޮށްލައި، އީރާނުގެ އިސްލާމީ ނިޒާމު ދަމަހައްޓައި، ސަރަހައްދީ ބާރެއްގެ ގޮތުގައި ދެމިއޮވެވިއްޖެ ނަމައެވެ.

ތަހުލީލީ ނަޒަރަކުން ބަލާއިރު، މި ހަނގުރާމައިގައި ދެ ގައުމަށްވެސް ލިބެނީ ބޮޑެތި ގެއްލުންތަކެކެވެ. އެމެރިކާއަށް މި ހަނގުރާމަ ވަނީ މާލީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑު ގެއްލުމަކަށް ވެފައެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ ގާތްގަނޑަކަށް ހުރިހައި މަސްލަހަތުތަކެއް ވަނީ ފަނާކޮށްލެވިފައެވެ. ޓުރަންޕުގެ މަގުބޫލުކަން މިހާރުވަނީ 62 އިންސައްތަ ދަށަށް ގޮސްފައެވެ. އެމެރިކާގައި ތެލާއި އަސާސީ ކާބޯތަކެތީގެ އަގު ވަނީ ދެ ގުނައަށް އިތުރުވެފައެވެ. ޓުރަންޕުގެ ސަރުކާރާ ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރުން ވަނީ އާންމުވެފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަކީ އެމެރިކާއިން ހެދި ގޯހެއްކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކޮށްފިއެވެ. ޓުރަންޕުގެ ކެބިނެޓުގެ ދިފާޢީ ވަޒީރު އިރުއިރުކޮޅާ ސެނެޓަށް ހާޒިރުކޮށް ސުވާލުކޮށް އޭނާގެ ނާގާބިލުކަން ވަނީ ހާމަކޮށްފައެވެ. ސިޔާސީ މަސްރަހުގައި އޮތީ ހަމަނުޖެހުމެވެ. އަސްކަރީ ދާއިރާގައި ވެސް ދެބަސްވުންތައް ދަނީ އިތުރުވަމުންނެވެ. މި ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިވާނެ ގައުމެއް ނުވިއެވެ.

އަނެއްކޮޅުން އީރާނުގެ ރައްޔިތުން ތިބީ އިގުތިސާދީ ގޮތުން ވަރަށް ބޮޑު ނިކަމެތިކަމެއްގައެވެ. ގައުމުގެ ވަރަށް ގިނަ ބިނާރު ވަނީ މި ހަނގުރާމައިގައި ފަނާވެފައެވެ. ގައުމުގެ އިސްވެރީންނާއި އަސްކަރީ ވެރީންނާއި ޢިލްމުވެރީންނާއި ސައެންސްވެރީންގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ނިޔުކުލިޔަރު މަރުކަޒުތަކުގެ ބައެއް ތަންތަނަށް ވަނީ ގެއްލުންލިބިފައެވެ.

އެހެންވީމާ މި ހަނގުރާމައިން ދެ ފަރާތަށް ވެސް ލިބުނީ ޞަރީޙަ ގެއްލުމެވެ. އެންމެ ބޮޑު [ކާމިޔާބީއެއް] ލިބޭނީ ހަނގުރާމަ ހުއްޓައިލައި ޑިޕްލޮމެޓިކު އުސޫލުން ދެ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތެއް ހޯދި ގައުމަކަށެވެ. އެހެން ނޫންނަމަ، މިއީ ދެ ގައުމުގެވެސް ގެއްލުން ބޮޑު ބޭކާރު ކުރިމަތިލުމެކެވެ. ނަމަވެސް އެމެރިކާގެ މަގުސަދުކަމުގައިވާ، އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމާއި އީރާނުގެ ނިޔުކުލިޔަރު ޕްރޮގްރާމު އެކީއެކަށް ހުއްޓުވުމުގެ މަގުސަދު ކާމިޔާބު ނުވެއްޖެ ނަމަ، އަދި އީރާނު އީރާނުގެ ގޮތުގައި މި ހަނގުރާމައަށް ފަހު ވެސް ދެމި އޮވެއްޖެ ނަމަ، ކާމިޔާބު ލިބުނީ އީރާނަށްކަމަށް ބެލެވިދާނެއެވެ. އަދި އެމެރިކާއަކީ ދުނިޔޭގައި ބޮޑު ބާރުގެ ގޮތުގައި އޮންނަ ޔުނިޕޯލާރ ނިޒާމަށް ނިމުން އަންނާނެއެވެ. އޭރުން ދުނިޔޭގައި އޮންނާނީ ދެ ބާރު ނުވަތަ ގިނަ ބާރު އެލުލެވޭ ނިޒާމެކެވެ. އެމެރިކާއަށް މި ހަނގުރާމައިގައި އެއީ ލިބޭނެ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

ކޮމެންޓު