ad_banner
ޓުރަންޕުގެ ތާރީފާ އެކު ވެސް ޝީ ވަނީ ޓުރަންޕަށް އިންޒާރުދީފައެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 މޭ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު މިހާރު ޗައިނާއަށް ކުރަމުން ގެންދާ ދަތުރަކީ 2017ވަނަ އަހަރަށް ފަހު، އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރާ ފުރަތަމަ ދަތުރެވެ. 2026 މޭ 14އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ޓުރަންޕާއި ޝީ ޖިންޕިންގ ވަނީ ވެރިރަށް ބެއިޖިންގުގައި ހުންނަ ރައްޔިތުންގެ ބޮޑުމާލަން (ގްރޭޓް ހޯލް އޮފް ދަ ޕީޕަލް)ގައި ބައްދަލުކުރައްވައިފައެވެ. މިއަދު (ހުކުރު ދުވަހު) ރަސްމީ ވާހަކަތައް ފަށައިފައިވާ އިރު، ރަސްމީ ވާހަކަފުޅުތަކުގެ ކުރީން، [ގްރޭޓް ހޯލް އޮފް ދަ ޕީޕަލް]ގެ އިރުމަތީ ދޮރުގެ ބޭރުގައި އޮންނަ ހުސް މައިދާނުގައި ޓުރަންޕަށް މަރުޙަބާވިދާޅުވުމުގެ ޚާއްޞަ ރަސްމިއްޔާތެއް ވެސް ޗައިނާއިން ވަނީ ބާއްވައިފައެވެ.

މި ދަތުރުގައި، ޓުރަންޕު ވަނީ ޗައިނާގެ ރައީސް ޝީޖިންޕިންގއަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކައިފައެވެ. އޭނާ ވަނީ ޝީޖިންޕިންގއަކީ [ވަރަށް މޮޅު ވަރުގަދަ އިސްވާރެއް]ކަމަށް ސިފަކޮށް، އެމަނިކުފާނު ޗައިނާގައި ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތާރީފުކޮށްފައެވެ. ޝީޖިންޕިންގގެ ޝަޚުޞިއްޔަތާ ބެހޭ ގޮތުން ވާހަކަދައްކަމުން ޓުރަންޕު ބުނެފައިވަނީ، ޝީ ފަދަ ވަރުގަދަ އިސްވާރެއް ހޮލީވުޑް ފިލްމަކުން ވެސް ނުފެންނާނެކަމަށެވެ. އަދި ޝީޖިންޕިންގއަކީ އޭނާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ޓުރަންޕު ސިފަކުރިއެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށާއި، އެމެރިކާއާއި ޗައިނާގެ ގުޅުން ކުރިއަށް އޮތް ތާނގައި ކުރިއަށް ވުރެ މާ ބޮޑަށް ރަނގަޅުވާނެކަމަށް ވެސް ޓުރަންޕު ބުނެފައިވެއެވެ. އަދި ގާތްގަނޑަކަށް 1.5 ބިލިއަން މީހުންގެ އާބާދީއެއް އޮތް މިހައި ބޮޑު ގައުމެއް މިހައި ގިނަ ދުވަހު ނުހަނު ރަނގަޅަށް ހިންގަވައިފައިވާތީ، ޝީޖިންޕިންގއަށް ވަރަށް ބޮޑަށް އިޙުތިރާމު ކުރެވޭކަމަށާއި މި ކަމަށް ޓަކައި ތާރީފުކުރާކަމަށް ވެސް ޓުރަންޕު ބުންޏެވެ.

މީގެ އިތުރަށް އެމެރިކާއަކީ [ފަހަތަށް ދާ ގައުމެއް]ކަމަށް މީގެ ކުރީން ޗައިނާއިން ބުނެފައިވާ ބުނުމަކީ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ ވެރިކަމަށް އިޝާރާތްކޮށް ބުނެފައިވާ ބުނުމަކަށް ވާތީ، އެއީ އޭރަށް ބަލާއިރު، ހަމަ ސައްތަ އިން ސައްތަ ރަނގަޅު ވާހަކައެއް ކަމަށް ވެސް ޓުރަންޕު ވަނީ ބުނެފައެވެ.

މި ސަމިޓުގެ އެންމެ ބޮޑު ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިގުތިސާދީ އަދި ވިޔަފާރީގެ ނުތަނަވަސްކަން ކުޑަކުރުންކަމަށްވާތީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި [އާދަޔާ ޚިލާފު، މޮޅު، ބޭނުންތެރި] (ޓުރަންޕުގެ ބަހުރުވައިންނަމަ، ފެންޓާސްޓިކް) ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމުކުރެވިފައިވާކަމަށް ޓުރަންޕު ބުނެފައިވެއެވެ.

ވިޔަފާރީގެ ދާއިރާގައި ދެ ގައުމުން މިހާރު ވަނީ ގިނަ ކަންތައްތަކަކާ މެދު އެއްބަސްވެފައިކަމަށް ވެސް ޚަބަރު ލިބެއެވެ. މީގެ ތެރޭގައި ޗައިނާއިން އެމެރިކާގެ ބޯއިންގް ކުންފުނީގެ 200 ވަރަކަށް މަތީންދާބޯޓު ގަންނާން އެއްބަސްވުން ހިމެނޭކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަދި ވިޔަފާރީގެ މައްސަލަތައް ދާއިމީކޮށް ހައްލުކުރުމަށް ޚާއްޞަ ކޮމެޓީއެއް ([ބޯޑު އޮފް ޓްރޭޑް])ގެ ނަމުގައި، މުޅީން އާ މުއައްސަސާއެއްގެ ގޮތުގައި، އުފެއްދުމަށް މަޝްވަރާކުރަމުން ގެންދާކަމަށް ވެސް ޚަބަރުލިބިފައި ވެއެވެ.

އަދި ސިނާރުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ދެ ޤައުމުން ގުޅިގެން މަސައްކަތްތަކެއްކުރުމަށް ވެސް ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.

ޓުރަންޕުގެ ވަފުދުގައި ޓެސްލާގެ އީލޮން މަސްކާއި އެޕަލް ކުންފުނީގެ ޓިމް ކޫކް ފަދަ އެމެރިކާގެ ނުފޫޒުގަދަ ވިޔަފާރިވެރީން ހިމަނައިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މި ދަތުރުގައި އޭނާ ވިޔަފާރިއާއި އިގުތިސާދަށް ދީފައިވާ އިސްކަން ހާމަވާ ކަމެއްކަމަށް މުޙައްލިލުން ދެކެއެވެ.

މި ސަމިޓުގައި އަލިއަޅުވައިލެވޭ ބައިނަލްއަގުވާމީ މައްސަލަތަކަށް ބަލާ އިރު އެންމެ ކުރީގައި އުޅެނީ އީރާނު ހަނގުރާމައެވެ. ކުރީން ވެސް ލަފާކުރެވިފައިވާ ގޮތަށް، މި މައްސަލައިގައި ވާހަކަދައްކަމުން މިވަގުތު ހިނގަމުންދާ އީރާން ހަނގުރާމަ ހުއްޓުވުމުގައްޔާއި، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ޗައިނާގެ އެހީތެރިކަމަށް ޓުރަންޕު ވަނީ އެދިފައެވެ. ޓުރަންޕު ބޭމުންވަނީ އޭނާ ލަދުން ސަލާމަތްވާ ފަދަ ގޮތަކަށް މި މައްސަލަގަނޑުގެ ތެރެއިން އަވަހަށް ނުކުންނާށެވެ.

ބައިނަލްއަގުވާމީ އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި ޗައިނާއިން ބަލަނީ އެ ގައުމުން ވަކިވެގަނެގެން އުޅޭކަމަށް ޗައިނާއިން ގަބޫލުކުރާ ތައިވާނުގެ މައްސަލައެވެ. ރައީސް ޝީ ވަނީ ތައިވާނުގެ މައްސަލައަކީ ދެ ޤައުމުގެ ގުޅުމުގައި އޮތް އެންމެ ނާޒުކު ރަތް ރޮނގުކަމާއި، އެ ކަމުގައި އެމެރިކާއިން ފަރުވާތެރިވާންޖެހޭނެކަމަށް ވިދާޅުވެ އިންޒާރުދެއްވައިފައެވެ. ބައިނަލްއަގުވާމީ އެހެން ކޮންމެ މައްސަލައެއްގައި ވެސް ކޮންމެވެސް ވަރެއްގެ ދޫތަކެއް ދެވިދާނެކަމަށާއި ނަމަވެސް އެމެރިކާއިން ތައިވާނުގެ މައްސަލައިގެ ތެރެއަށް ވަދެއްޖެ ނަމަ، ހަމަނުޖެހުން ހިނގާނެކަމަށް ވިދާޅުވެ ޝީ ޖިންޕިންގ ވަނީ މި މައްސަލައަށް ޚަބަރުދާރުވެ ރައްކާތެރިވުމަށް ސީދާ އިންޒާރުދެއްވައިފައެވެ.

މި ސަމިޓުގެ ތެރެއިން ޓުރަންޕު ވަނީ މި އަހަރު ސެޕްޓެމްބަރު މަހު ރައީސް ޝީ ޖިންޕިންގ ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތުއަރުވައިފައެވެ.

މި ބައްދަލުވުމަކީ 2025ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ފެށުނު މައުމޫލު ހަނގުރާމައަށް ފަހު، ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުޙައްލިލުން ދެކެވަޑައިގަނެއެވެ. އެނގިވަޑައިގެންފައިވާނޭ ފަދައިން ޓުރަންޕުގެ މި ދަތުރަނީ މި ވޭތުވަމުންދާ ދަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރާ ފުރަތަމަ ދަތުރެވެ. އެހެންކަމުން މިއީ ތާރީޚީ ސަމިޓަކަށްވާނެކަމަށް މުޙައްލިލުން ބުނެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

އިސްވާރު    ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ leader

މައުމޫލު     ނ.    އިންޕޯޓު ޑިޔުޓީ. terrif

ދަހަރު      ނ.    ދިހަ އަހަރު decade

ސިނާރު     ނ.    ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު, އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. artifitial intelligence (AI)

ކޮމެންޓު