އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
29 މޭ 2026
ޤިޔާމަތްދުވަހަކީ ތަފާތު މީހުންނަށް ތަފާތު ޙާލަތުތަކެއް ލިބިގެންވާ ދުވަހެކެވެ.
އޭގެ ތެރޭގައި އީމާންކަމުގެ އަހުލުވެރީން ވެއެވެ. އެހެން މީހުން ބިރުން ފިތްކެނޑިގެންދާ އިރު އެމީހުން ބިރެއްނުގަންނާނެތެވެ. އެހެން މީހުން ދެރަވެ ހިތާމަކުރާ އިރު އެމީހުން ދެރަވެ ހިތާމައެއް ނުކުރާނެތެވެ.އެމީހުންނަކީ ﷲގެ ޢިލްމުފުޅުގައި ބާއްޖަވެރިކަމުގައި އިސްވެގޮސްފައިވާ މީހުންނެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ. ((إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ ﴿١٠٢﴾ لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَٰٓئِكَةُ هَٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ[1] - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެ ބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ދަންނާށެވެ!) އެއުރެން ވަނީ، އެ ނަރަކަޔާ ދުރުކުރައްވާފައެވެ.އެއުރެންނަކަށް އެތާނގެ އަލިފާނުގެ އަޑެއް ވެސް ނީވޭނެތެވެ. އަދި އެއުރެން ހިތްއެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެއުރެން ދެމިތިބޭނެތެވެ. އެންމެބޮޑު ބިރުވެރިކަން (އެބަހީ: قيامة ދުވަހުގެ ބިރުވެރިކަން) އެއުރެންނަކަށް އެއްވެސް ހިތާމައެއް ނުދޭހުށްޓެވެ. އަދި ملائكةން އެއުރެންނާ ބައްދަލުކުރައްވާނެތެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވީ ދުވަހަކީ މިއެވެ.))
އެންމެ ބޮޑުބިރުވެރިކަން:
ވީމާ، ޤިޔާމަތްދުވަހަކީ އެންމެ ބޮޑުބިރުވެރިކަމުގެ ދުވަހެވެ. އެ ދުވަހު ބިރުނުގަންނާނެ ބަޔަކު ވެއެވެ. އެއީ އީމާންކަމާއި ތަޤުވާވެރިކަމުގެ އަހުލުވެރިންނެވެ. އެ ދުވަހު އެ މީހުންގެ ގާތަށް މަލާއިކަތްބޭކަލުން ވަޑައިގެން ހެޔޮޚަބަރުދެއްވާނެއެވެ. ތާޅަފިލި ފުމެލެވޭ ވަގުތު މީސްތަކުން ހާސްވެ ކަންބޮޑުވިޔަސް މުއުމިނުން ހާހެއް ނުވާނެތެވެ. ކަންބޮޑެއް ނުވާނެތެވެ. އެ ހިނދު މީސްތަކުން ކަށްވަޅުން ތެދުވާނެއެވެ. މާތް ﷲ ރަޙުމަތްލެއްވި ޙުމައިދު ބުނު ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. ((އެއް ދުވަހަކު އަހުރެން ޞާލިޙުގެ ދެ ބޭފުޅުން ޢަލީއާއި އަލްޙަސަނުގެ އަރިހަށް ދިޔައިމެވެ. އެ ތާނގައި އެ ބޭފުޅުންގެ އަރިހުގައި އިން މީހަކު ޤުރްއާން ކިޔަވަމުން ގޮސް (لا يَحْزُنُهُمُ الْفَزَعُ الأَكْبَرُ - މާނައީ – އެންމެ ބޮޑު ބިރުވެރިކަން (އެބަހީ: قيامة ދުވަހުގެ ބިރުވެރިކަން) އެއުރެންނަކަށް އެއްވެސް ހިތާމައެއް ނުދޭހުށްޓެވެ.) ކިޔެވުމުން ޢަލީގެފާނު އޭނާގެ ކޮއްކޯފުޅު އަލްޙަސަނާ ދިމާއަށް އެބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. ޙަސަނުގެފާނުގެ މޫނުފުޅުގެ ކުލަވަނީ ބަދަލުވެފައެވެ. އަދި ވިދާޅުވިއެވެ: އޭ ޙަސަނާއޭވެ! އެއީ ބިރުވެރިކަމުގެ މައްޗަށް ހުރި ބިރުވެރިކަމެކެވެ. އަހުރެން ޙަސަނުގެފާނު ކީރިތިކުރައްވާ ތަން ދުށީމެވެ. ކީރިތިފުޅުކުރައްވާ އަޑު ބޭރުވެދާނެތީ އެކަލޭގެފާނު އިންނެވީ ހެދުންކޮޅުގައި ދަތްޕުޅު އަޅުއްވައިގެންނެވެ. ކީރިތިފުޅުކުރެއްވުން ހުއްޓުނު އިރު، ތުންފަތްޕުޅު ވަނީ މޯޅިވެފައެވެ. ފެހިވެ ދޮންވެފައެވެ.))[2]
މި ބޮޑުބިރުވެރިކަމުން އަމާންކަން ލިބޭނީ އީމާންކަމާއި ތަޤުވާވެރިކަމުގެ އަހުލުވެރީންނަށެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ.((أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴿٦٣﴾ لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ [3]- ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ولىّންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައި ވެސް ނުމެވޭމެއެވެ. (62) އެއުރެންނަކީ إيمانވެ، تقوىވެރިވެ އުޅުނު މީހުންނެވެ. (63) ދުނިޔޭގެ حياةގައްޔާއި، آخرةގައި އެއުރެންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. اللَّهގެ كلمة ފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ.))
މާތްﷲ ތަޤްވާއާއި ޞާލިޙު އަމަލުތަކުގެ ސަބަބުން މުއުމިނުން ބޮޑު ބިރުވެރިކަމުންނާއި ހިތާމައިންނާއި ކާފިރުންގެ ގޮވެތިން ސަލާމަތްކޮށްދެއްވާނެއެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ. (( وَيَوْمَ ٱلْقِيَٰمَةِ تَرَى ٱلَّذِينَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ ﴿٦٠﴾ وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْا۟ بِمَفَازَتِهِمْ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمْ يَحْزَنُونَ [4]- اللَّهއަށް ދޮގުހެދި މީހުންގެ މޫނުތައް އަނދިރިވެގެންވާތީ، قيامة ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރީން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟ އަދި اللَّه، تقوى ވެރިވިމީހުން އެއުރެންގެ ކާމިޔާބީއާ އެކު ސަލާމަތްކުރައްވާހުށްޓެވެ! އެއުރެންނަކަށް އެއްވެސް ކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ވެސް އެއުރެން ނުވެއެވެ.))
ޤިޔާމަތްދުވަހުގެ ބޮޑުބިރުވެރިކަމުން އަމާންކަން ލިބުމުގެ ސަބަބުތައް
ޤިޔާމަތްދުވަހުގެ ބޮޑުބިރުވެރިކަމުން އަމާންކަން ލިބޭނީ އީމާންކަމުގެ ސަބަބުންނާއި ތަޤުވާވެރިކަމުގެ ޢަމަލުތަކުންނާއި ﷲގެ މަގުގައި ޖިހާދުކުރުމާއި ﷲގެ މަގުގައި ޝަހީދުވުން ފަދަ ޢަމަލުތަކުންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((للشَّهيدِ عندَ اللَّهِ ستُّ خصالٍ يُغفَرُ لَهُ في أوَّلِ دَفعةٍ من دمِهِ، ويَرى مقعدَهُ منَ الجنَّةِ، ويُجارُ من عذابِ القبرِ، ويأمنُ منَ الفزعِ الأَكْبرِ، ويُحلّى حُلَّةَ الإيمانِ، ويزوَّجُ منَ الحورِ العينِ ويُشفَّعُ في سبعينَ إنسانًا من أقاربِهِ - ﷲގެ ޙަޟްރަތުގައި ޝަހީދުންނަށް ޚާއްޞަ ހަ ކަމެއް ލިބިގެންވެއެވެ. އޭނާގެ ގައިން އޮހޮރޭ ފުރަތަމަ ލޭތިއްކާއެކު އޭނާއަށް ފާފަފުއްސަވާދެއްވުމާއި، ސުވަރުގެއިން އެނާއަށް ލިބިގެންވާ ގޮނޑި ދެއްކެވުމާއި،ކަށްވަޅުގެ ޢަޒާބުން ޙިމާޔަތްކުރެއްވުމާއި، އެންމެ ބޮޑުބިރުވެރިކަމުން އޭނާއަށް އަމާންކަން ދެއްވުމާއި، އިމާންކަމުގެ ލިބާހުން އޭނާ ފޭރާންކުރެއްވުމާއި ، ޙޫރުލްޢީނުންނާ ކާވެނިކޮށްދެއްވުމާއި ،އޭނާގެ ގާތްތިމާގެ މީހުންގެ ތެރެއިން 72 މީހަކަށް ޝާފާޢަތްލެއްވުމެވެ.))
ޤަދަރު އުފުއްލަވާ މީހުން
ޤިޔާމަތްދުވަހުން މާތް ﷲ ޢިއްޒަތްތެރިކުރައްވާ ބަޔަކު ވެއެވެ. އެ ބަޔެއްގެ ޤަދަރު އުފުއްލަވާ ބަޔަކުވެއެވެ. އެ ބަޔެއްގެ މަޤާމު އުފުއްލަވާ ބަޔަކު ވެއެވެ. ހަމައެފަދައިން އެ ދުވަހު މާތް ﷲ ނިކަމެތިކުރައްވާ ބަޔަކު ވެއެވެ. ދުނިޔެމަތީގައި ބޮޑާވެގެން އުޅުނު މީހުން މަޙުޝަރުކުރައްވާނީ ހިނިތަކެއް ފަދަ ނިކަމެތި ބަޔެއްގެ ގޮތުގައެވެ. ޤަދަރެއް ނެތް ބަޔެއްގެ ގޮތުގައެވެ.
ﷲގެ މަގުގައި ގައުމު ޙިމާޔަތްކުރުމުގައި ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގައި އުޅޭ މީހަކީ ޝަހީދެއް ފަދަ މީހެކެވެ. އެއީ ވަރަށް ބިރުވެރި ކަމެކެވެ. ކާފިރުން ކޮންމެ ވަގުތަކު ވެސް ޙަމަލާއެއްދީފާނެއެވެ. ދުނިޔޭގައި އޭނާ ތަޙައްމުލުކުރި ބިރުގެ ސަބަބުން މާތް ﷲ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްކޮށްދެއްވަނީއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( رباطُ شهرٍ خيرٌ من صيامِ دهرٍ ومن مات مرابطًا في سبيلِ اللهِ أَمِنَ من الفزعِ الأكبرِ وغُدِيَ عليه برزقِه وريحٍ من الجنةِ ويجري عليه أجرُ المجاهدِ حتى يبعثَه اللهُ عزَّ وجلَّ - އެއް އަހަރު ދުވަހު ރޯދަހިފުމަށް ވުރެ އެއްމަސް ދުވަހު ﷲގެމަގުގައި ޖިހާދު ކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ. ﷲގެ މަގުގައި ޖިހާދު ގައި އުޅެނިކޮށް މަރުވި މީހާއަށް ބޮޑުވެގެންވާ ބިރުވެރިކަމުން އަމާންކަން ލިބިގެންވެއެވެ. އޭނާއަށް ސުވަރުގެއިން ރިޒްޤާއި މީރުވަސް ލިބޭނެއެވެ.ﷲ ޢައްޒަ ވަ ޖައްލަ އޭނާ އަލުން ދިރުއްވައިފުމަށް ދާންދެން އޭނާއަށް މުޖާހިދެއްގެ ސަވާބާއި ޖަޒާ ދެއްވަވާނެއެވެ.))
ކައު ރަސޫލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. (( من صام يومًا في سبيلِ اللهِ جعل اللهُ بينهُ وبينَ النارِ خندقًا كما بينَ السماءِ والأرضِ - ﷲގެ މަގުގައި ރޯދައެއް ހިފި މީހާއާ ނަރަކައާ ދެމެދުގައި އުޑާ ބިމާ ދެމެދުގައިވާ މިންވަރުގެ ޚަންދަޤެއް މާތް ﷲ ލައްވަވާނެއެވެ. )) ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ޖިހާދުކުރަމުން ރޯދަހިފާ މީހާއަށް މާތްﷲ ދެއްވަވާ ޢިނާޔަތުގެ ވާހަކައެވެ. އަ
ނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ﷲގެ މަގުގައި ރޯދަހިފުމޭ ޙަދީސްކުރެއްވި ބަސްފުޅުގެ މުރާދަކީ ﷲގެ ވަޖްހުފުޅު އަދައިގެން ރޯދައެއް ހިފުމެވެ. ވަކި ތަނެއް ވަކި ވަގުތެއް ނެތެވެ. ﷲގެ އަޅާ އެކަލާނގެއަށް އިޚްލާޞްތެރިވި ވަރަކަށް ޤިޔާމަތްދުވަހުގެ ބޮޑުބިރުވެރިކަމުން އަމާންކަން ދެއްވާ މިންވަރު ބޮޑުވާނެއެވެ. އެމީހުންގެ އީމާންކަމުގެ ތެރެއަށް ޝިރުކުގެ ޢަމަލުތައް ނުވައްދާ މުވައްޙިދުންނަށް ފުރިހަމަ އަމާންކަން ދެއްވަވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ، ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ - އަދި ތިޔަބައިމީހުން (اللَّه އަށް) شريك ކުޅަ ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮން ފަދައަކުންހެއްޔެވެ؟
ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް حجّةއެއް ބާވައިލައްވައިފައި ނުވާ ތަކެތި، ތިޔަބައިމީހުން اللَّهއަށް شريك ކުޅަކަމާ މެދު، ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ، މި ދެބައިމީހުން ކުރެ (عذاب ން ސަލާމަތްވެ) އަމާންކަން ލިބުން حقކަން ބޮޑީ، ކޮން ބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެ ބަޔަކު) އެނގޭ ނަމަ (ނިކަން ބުނެދީބަލާށެވެ!) އެއުރެންނަކީ، إيمانވެ ތިބެ، އެއުރެންގެ إيمانކަމުގެ ތެރެއަށް (شركގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.)) ޝިރުކުގެ އެއްވެސް ކަމެއް އެ މީހުންގެ އީމާންކަމުގެ ތެރެއަށް ނުލާ މުސްލިމުންނަށް ބިރުވެރިކަމުންނާއި ޢަޒާބުންނާއި އަބާއްޖަވެރިކަމުން އަމާންކަން ދެއްވާނެތެވެ. އެ މީހުންނަކީ ޞިރާޠުމަގަށް ހިދާޔަތު ލިބިފައިވާ މީހުންނެވެ. (ނުނިމޭ)
މަރުޖާ: