އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
28 މޭ 2026
ސިޔާސަތު ކަނޑައަޅާ ބައްދަލުވުމެއްގެ ޚިޔާލީ ކުރެހުމެއް (ސިނާރީ ކުރެހުމެއް)
ދިވެހިބަހަކީ އަޅުގަނޑުމެންގެ މާދަރީ ބަހެވެ. ދިވެހީންގެ އަމިއްލަވަންތަކަމާއި، ޤައުމީ ހުވިއްޔަތުގެ އެންމެ ވަރުގަދަ ތަނބެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ރަމްޒެވެ. ނަމަވެސް، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފަންނިއްޔާތުގެ ކުރިއެރުމާ އެކު، މިއަދު އަޅުގަނޑުމެންގެ މާދަރީ ބަހަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ. މި ނުރައްކާތައް ކުޑަކޮށް، ބަސް ޙިމާޔަތްކުރުމަށް ޓަކައި މަސައްކަތްތަކެއްކުރާކަމަށް އަބަދު ވެސް އަޑުއިވެއެވެ. ކުރޭވެސް މެއެވެ. ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ފެންނަކަމަކަށް އަޅުގަނޑުމެން އާންމުންނަކަށް އަދި ފެންނާކަށް ނެތެވެ.
ދިވެހިބަސް ޙިމާޔަތްކޮށް ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ޓަކައި ކިތަންމެ ގިނަ މަސައްކަތްތަކެއް ދައުލަތާއި ރައްޔިތުން ކުރެއްވި ނަމަ ވެސް، މި މަސައްކަތްތައް ހިނގަނީ އިސްކަންދޭންޖެހޭ ތަރުތީބަށް ބަލައިގެންކަމަށް ގަބޫލުކުރާކަށް ފަސޭހައެއް ނޫނެވެ. ދިގު މުއްދަތަކަށް އަމާޒުކޮށްގެން މުހިންމު ކަންތައްތަކެއް ކުރައްވަމުން ގެންދެވި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް އަޅުގަނޑުމެން އާންމުންނަށް، ދުރުތިބީންނަށް، ނުފެންނަނީ، މިހާރުން މިހާރަށް ލަސްނުކޮށް އަޅާންޖެހޭ ފިޔަވަޅުތަކާ މެދު ސަމާލުކަން ނުދެވޭތީއެވެ. ވަގުތުން ވަގުތަށް އިސްކަންދީގެން އަޅާން ޖެހޭ ފިޔަވަޅުތައް އިހުމާލުކޮށްލެވި، ހަމައެކަނި ދުރުރާސްތާއަށް އަމާޒުކޮށްގެން މަސައްކަތްކުރެވޭތީއެވެ. ދުރު ރާސްތާއަށް އަމާޒުކޮށްގެން ފިޔަވަޅުތައް އަޅައަޅައި ތިއްބަސް، ކުރު ރާސްތާއަށް އަމާޒުކޮށްގެން މި ވަގުތު އަޅާންޖެހޭ ފިޔަވަޅުތައް އަޅާން އެއްވެސް ފަރާތަކުން ސަމާލުކަން ނުދޭތީއެވެ. ނުވަތަ ސަމާލުކަންދޭންޖެހޭ ކަންކަން ނޭނގޭތީއެވެ. ނަތީޖާއަކަށްވާނީ އަންނާން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާ އެކު، ދިވެހިބަސް ވާސިލުވުމަށް ހުރަސްއެޅޭ ގޮތްވުމެވެ.
މިއަދު، ތިމަންގެ ދަރިފުޅަށް ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކާކަށް ނޭނގޭނެޔޭ، ބުނެލުމަކީ ފަޚުރެއްކަމަށް ދެކޭ ބެލެނިވެރީން ބައިވަރު އެބަ ތިއްބެވެ. އަދި ތިމަންނައަށް ތިޔަ ވާހަކަ ދިވެހިބަހުން ބުނެދޭކަށް ނޭނގޭނެޔޭ ބުނުމަކީ މޮޅުކަމެއްކަމަށް، ފަޚުރެއްކަމަށް، ގަބޫލުކުރާ ދަރިވަރުންނާއި ޒުވާނުން އެބަ އުޅެއެވެ. މި ސަގާފަތުގެ ތެރެއިން އުފެދި ބޮޑުވާ ޖީލެއް މާދަމާގެ ޒުވާނުންނަށް ވާން ތައްޔާރުވަނީއެވެ. ދިވެހިބަހުގެ ޙިމާޔަތުގައި ވާހަކަދެއްކުމަކީ ކަޓު މީހުންގެ ކަމެއްކަމަށް ރާއްޖޭގެ ބޮޑު އާބާދީއެއް ގަބޫލުކުރާން ފަށައިފިއެވެ. ދަރީންގެ ތުއްތު ދުވަސްވަރު ދިވެހިބަސް ދަސްކޮށްދިނުމަކީ އެ ކުދީން އިނގިރޭސިއަށް ދަށްވާ ކަމެއްކަމަށް ދުށުމުގެ ކުށްހީ، ހީކުރާ ބެލެނިވެރީން މަދެއްނޫނެވެ.
އެންމެ ކުޑަމިނުން ދިވެހިބަހުން ސަތޭކައާ ހަމައަށް ގުނައިލާން، ހަފުތާގެ ދުވަސްތަކުގެ ނަންތައް ކިޔައިލާން، މާހައުލުން ފެންނަ އާންމު ތަކެތީގެ ނަންތައް ބުނެލާން އެނގޭ ކުދީން މިއަދު ކަންބޮޑުވާންޖެހޭ މިންވަރަކަށް މަދުވެއްޖެއެވެ. މިހިރި މިހިރީ ދިވެހިބަހަށް ހުރި ނުރައްކާތައް ހާމަވާ ވަރަށް ވަރުގަދަ ދަލީލުތަކެކެވެ.
ބަސް ހީނަރުވެ، އޭގެ އަސްލު ގެއްލިގެން ދިޔުމުގެ ބިރު ބޮޑުވެފައިވާ އިރު، ދިވެހިބަސް ޙިމާޔަތްކޮށް ކުރިއެރުވުމަށް ޓަކައި މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރާންޖެހިފައިވާ ކަމެކެވެ.
މި ނަޒަރުން ވިސްނާ އިރު، އެންމެ އަވަހަށް އަޅާންޖެހޭ މުހިންމު ފިޔަވަޅުތައްކަމަށް އަޅުގަނޑަށް ފެންނަ ކަންކަން ބަޔާންކޮށްލާނަމެވެ.
1. ޤާނޫނު ތަންފީޒުކުރުން:
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް އެބަ އޮތެވެ. މި ގާނޫނުގެ ކުރީން [ޤާނޫނުއަސާސީ]އެއް އެބަ އޮތެވެ. [އޮފިޝަލް ކަންތައް ޗެޕްޓަރ 2] ނަމަކަށް ކިޔާ ގާނޫނެއް ވެސް އެބަ އޮތެވެ. ނަމަވެސް ސިޔާސަތު ތަންފީޒުކުރައްވާ މުއައްސަސާތަކުން އެ ގާނޫނުތައް ތަންފީޒުނުކުރައްވާން ފާޑުފާޑުގެ ބަހަނާ ދައްކަވައި ގާނޫނު ތަންފީޒު ނުކުރާން އެ ތަންތާނގެ މުވައްޒަފުންނަށް އަންގަވަމުން އެބަ ގެންދަވައެވެ. މި ހިރީ ސީރިއަސް ކަންތަކެވެ. މި ގޮތަށް ގާނޫނާ ޚިލާފަށް ޢަމަލުކުރައްވާ ވެރީންނަށް ނަސޭހަތްދީ އިންޒާރުކޮށް، އިސްލާޙު ނުވެއްޖެ ނަމަ، އެ ފަދަ ވެރީން ވަޒީފާއިން އެކަހެރިކުރާން އެބަޖެހެއެވެ. އެހެނީ މިއީ ޤައުމިއްޔަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ. މި ފަދަ ބޭފުޅުން، ގާނޫނުގައި މި އޮންނަ [އިސްކަންދިނުން] މި ލަފުޒުގެ މާނައާ މެދު ވެސް ސުވާލު އުފައްދައި ނުރަނގަޅު ގޮތް ގޮތަށް މާނަ އެބަ ކުރައްވައެވެ. )ތިޔަ ބޭފުޅުންގެ މަޢުލޫމާތަށް ޓަކައި [އިސްކަންދިނުން] މި ލަފުޒުގެ މާނަ، މި މަގާލުގެ ތިރީގައި، ރަދީފުގައި އޮންނަ ގޮތަށް ބަޔާންކޮށްލާނަމެވެ.(
2. ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހިބަހަށް ދެވޭ އަހައްމިއްޔަތު އިތުރުކުރުން
ކުދީންގެ ހިތްތަކުގައި ބަހަށް ލޯބިޖެއްސޭނީ ތަޢުލީމީ ބިންގާ އެޅޭ ދުވަސްވަރުއެވެ. ޅަފަތުގައި ދެވޭ ތަޢުލީމުގައެވެ.
· ކިޔަވައިދޭ މާހައުލު: ތުއްތުކުދީންގެ ތަޢުލީމާއި ފަށާތަޢުލީމުގެ ކުލާސްތަކުގައި، މުޢާމަލާތްކުރުމާއި ކިޔަވައިދިނުމުގައި ދިވެހިބަހަކީ މައިބަހަށް ހަދައި، ދިވެހިބަހަށް އިސްކަންދޭންޖެހެއެވެ.
· މަންހަޖު މުރާޖަޢާކުރުން: [ދިވެހިބަސް] މި މާއްދާ ކިޔަވައިދޭ ގޮތް ޒަމާނީކޮށް، ކުދީން ފޫހިނުވާނެ ފަދަ ޝައުޤުވެރި ގޮތްގޮތަށް ފިލާވަޅުތައް ބައްޓަންކުރާންޖެހެއެވެ. އަދި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންގެ އޮއްޓަރު، (ކޮންޓެންޓު) މުއްސަނދިކުރާންޖެހެއެވެ. އަދި ދިވެހިބަސް ކިޔަވައިދޭ ގާބިލު މުދައްރިސުން އިހުމާލުކުރުމުގެ ބަދަލުގައި އެ ފަދަ ބޭފުޅުންނަށް މުސާރަ ބޮޑުކުރާންޖެހެއެވެ.
· އިތުރު ހަރަކާތްތައް: ސުކޫލުތަކުގައި ބަހުގެ މުބާރާތްތަކާއި، ބަހުސްކުރުމާއި ބައިތުބާޒީއާއި ވާހަކަދެއްކުމުގެ ހަރަކާތްތައް ފަދަ އަދަބީ ޙަރަކާތްތައް މާނަހުރި ގޮތެއްގައި އިތުރުކުރާންޖެހެއެވެ.
3. ފަންނިއްޔާތާއި ސުމޭކު މީޑިއާ، ދިވެހިބަހާ އަދިވެސް ބޮޑަށް ރައްޓެހިކުރުވުން:
މިއަދުގެ ޖީލަކީ ސުމޭކު ޖީލެކެވެ. ބަސް ދިރުވައި އާލާކޮށް ތަރައްގީކުރުމަށް ޓަކައި، ދިވެހިބަހުގެ ތެރެއަށް ފަންނިއްޔާތު ވައްދާންޖެހެއެވެ.
· އެޕުތަކާއި ގޭމުތައް: ކުޑަކުދީން ލޯބިކުރާ ކަހަލަ އަދި ޝައުގުވެރިވާ ފަދަ ގޮތަކަށް ދިވެހި ވާހަކަ އެޕުތަކާއި، މަޖާ ކާޓޫނާއި ތަޢުލީމީ ގޭމުތައް އުފައްދާންޖެހެއެވެ. ސިނާރުގެ މި ޒަމާނުގައި މިއީ މާ އުނދަގޫ ކަމެއްނޫނެވެ. މިސާލަކަށް 13 ވަރަކަށް އެޕިސޯޑުގެ ކުރު ވީޑީއޯ ސިލްސިލާއެއް ބައިލައްކައެއް ހައި ރުފިޔާއަށް އުފެއްދިދާނެއެވެ. މިއަށް ވުރެ މާ ގިނަ ޚަރަދު މިއަށްވުރެ މުހިންމުކަން ކުޑަ ކަންކަމަށް އަޅުގަނޑުމެން އެބަ ކުރަމުއެވެ.
· ސިނާރު (AI): ހޯދާނެ (ސަރޗް) އިންޖީނުތަކާއި، ސިނާރު އާލަތްތަކުގައި ފަރިތަކަމާ އެކު ދިވެހިބަސް ބޭނުންކުރެވޭނެ މަގު ފަހިކުރުމަށް ޓަކައި ދިވެހިބަހުގެ މޮޑެލުތައް ތަރައްޤީކުރާންޖެހެއެވެ.
4. ޢާންމު ދިރިއުޅުމުގައްޔާއި މީޑިއާތަކުގައި ބަހުގެ އަސްލު ހިފެހެއްޓުން
ޚަބަރު ފަތުރާ ވަސީލަތްތަކުންނާއި ޢާންމު މަންސަތަކުގައި ބޭނުންކުރާ ބަސްމަގަށް ސަމާލުވާންޖެހެއެވެ.
· ބަސް މަސްހުރިނުކުރުން: ވާހަކަދައްކާއިރު އިނގިރޭސި ބަހާއި ދިވެހިބަސް އެއްކޮށްގެން (މިކުސްކޮށްގެން) ވާހަކަދެއްކުމުގެ އާދަ ހުއްޓުވާންޖެހެއެވެ. މި ގޮތަށް މަސްހުނިކޮށް ވާހަކަދައްކާ މީހުންނަށް ނަސޭހަތްދީ އިސްލާހުކުރާން ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. މި ފަދަ ނަސޭހަތް ގަބޫލުނުކުރާ ނަމަ، އެއީ ދިވެހިބަހާއި ގައުމިއްޔަތަށް ހުރި ނުރައްކަލެއްކަމަށް ބަލައި، އޭނާގެ އަޑު މީޑިއާއިން ނީވޭ ގޮތަށް ފިޔަވަޅުއަޅާން ޖެހެއެވެ.
· މީޑިއާގެ ދައުރު: ޓީވީ، ރޭޑިއޯ އަދި ނޫސްތަކުން ދިވެހިބަހުގެ ގަވާއިދާއި ހަމަތަކަށް ފުރިހަމައަށް ބޯލަނބާންޖެހެއެވެ. ޚާއްޞަކޮށް ދައުލަތުގެ މީޑިއާއިން މި ކަމަށް ސަމާލުކަން ދޭން މަޖުބޫރުކުރާންޖެހެއެވެ. މި ކަމަށް ސަމާލުކަން ނުދޭ ނަމަ، އެ ތަންތާންގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާން ތިބި ބަޔަކު ބަދަލުކުރާން އެބަ ޖެހެއެވެ.
· ގަވާއިދަށް ހަޖޫޖަހައި އަމިއްލައަމިއްލައަށް ގަވާއިދުހެދުމުގެ ފުރުސަތު ނުދިނުން: ކޮންމެ ފަންނެއްގައި ވެސް އެ ކަމުގެ މާހިރުން ތިބެއެވެ. ދީނީ ކަންކަމުގައި ބަސްކިޔާ ތަން އަޅުގަނޑުމެން ފެންނަނީ ދީނީ ޢިލްމުވެރީންނެވެ. އެ ކަމާ ބެހޭ މުއައްސަސާތަކުންނެވެ. ޞިއްޙީ ކަންކަމުގައި ޑޮކްޓަރުންނާއި ހޮސްޕިޓަލުތަކުންނާއި ކަމާ ބެހޭ އިދާރާތަކުންނެވެ. ޝަރުޢީ ކަންކަމުގައި ފަނޑިޔާރުންނާއި ކޯޓުތަކުންނާއި އެ ކަމާ ބެހޭ އިދާރާތަކުންނެވެ. ޤާނޫނީ ކަންކަމުގައި ޤާނޫނީ ޢިލްމުވެރީންނާއި ބާރކައުންސިލާއި އެ ކަމާ ބެހޭ އިދާރާތަކުންނެވެ. ސަލާމަތީ ކަންކަމުގައި ފުލުހުންނާއި ސިފައިންނާއި އެ ކަމާ ބެހޭ އިދާރާތަކުންނެވެ. މޫސުމާ ބެހޭ ކަންކަމުގައި ނިމުތުވެރީންނާއި އެ ކަމާ ބެހޭ ވިދާރާތަކުންނެވެ. އެހެންކަމުން ބަހުގެ ކަންކަމުގައި ވެސް ބަހުގެ ޢިލްމުވެރީންނާއި ބަހާ ބެހޭ ވިދާރާތަކުންނާއި އިދާރާތަކުން އަންގާ އެންގުމަށް އިޙުތިރާމްކުރާން ޖެހެއެވެ. ގާނޫނުގައި ވެސް މި ވާހަކަ އޮވެއެވެ. އެހެންކަމުން ކޮންމެ މީހަކީ ހުރިހައި ދާއިރާއަކުން ފަހުބަސް ބުނާ މީހަކަށް ވުމުގެ ފުރުޞަތު ދެވިގެންނެއް ނުވާނެއެވެ.
5. ދައުލަތުގެ ފެންވަރުގައި ޤާނޫނީ ބާރުވެރިކަން ދިނުން
ދިވެހިބަސް ޙިމާޔަތްކުރުމަށް ޓަކައި، ހަދައިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރާންޖެހެއެވެ. މި ފަދަ ގާނޫނުތަކުގެ ތެރޭގައި، [ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]އާއި، ގާނޫނު ނަންބަރު 68/2ޖ. (އޮފިޝަލް ކަންތައް ޗެޕުޓަރ 2)އާއި ޤާނޫނު ނަންބަރު: 2011/9 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު) ފަދަ ގާނޫނުތައް ހިމެނެއެވެ. މި ގާނޫނުތައް އެކަނި ބަރާބަރަށް ތަންފީޒުކުރިޔަސް، ދިވެހިބަހަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
· ބޯޑުތަކާއި އިޝްތިހާރުތައް: މަގުމަތީގައި ހުންނަ ބޯޑުތަކާއި، މަގުމައްޗަށް ފެންނަ ގޮތަށް ހުންނަ ހުރިހައި ނަންބޯޑުތަކަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ ނަންތަކާއި، އިޝްތިހާރުތަކުގައި، ގާނޫނުގައިވާ ގޮތުގެ މަތީން ދިވެހިބަހަށް އިސްކަންދިނުން މަޖުބޫރުކުރާންޖެހެއެވެ. ގާނޫނު ތަންފީޒުކުރުމަށް ޓަކައެވެ.
· ރަސްމީ މުޢާމަލާތް: ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ ރަސްމީ ލިޔެކިޔުންތައް، ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތީން ދިވެހިބަހުން ބެހެއްޓުމަށް މަޖުބޫރުކުރާންޖެހެއެވެ.
· ހުރަސްއަޅާ ފަރާތްތައް އެކަހެރިކުރުން: ގާނޫނުތައް ތަންފީޒުނުކުރާން އެކި ބަހަނާ ދައްކާ ފަރާތްތައް ސިޔާސަތު ތަންފީޒުކުރުމުގައި އެއްފަރާތްކުރާންޖެހެއެވެ. އެހެނީ މި ފަދަ ފަރާތްތަކަކީ ގައުމިއްޔަތަށް ހުރި ނުރައްކަލެކެވެ.
6. ހޭލުންތެރިކަމުގެ ގައުމީ ކެންޕޭނެއް ހިންގުން:
ތުއްތުކުދީންގެ ޅަފަތުގައި މާދަރީބަސް އިހުމާލުކޮށްލައި ހަމައެކަނި އިނގިރޭސިބަހަށް އިސްކަންދިނުމަކީ ދަރިވަރުންގެ ކުރިއެރުމަށް ޓަކައި މުހިންމުކަމެއްކަމަށް ބެލެނިވެރީންނާއި އިސްކޫލުތަކުގެ ވެރީންނަށް ހީވެފައި އޮންނަ ކުށް ހީ ފިލުވައިލުމަށް ޓަކައި، މާދަރީބަހަށް ޅަފަތުގައި އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ދުނިޔޭގައި ކުރެވިފައިވާ ޢިލްމީ ދިރާސާތަކުގެ މައްޗަށް އާންމުންނާއި އިސްކޫލުތަކުގެ ވެރީންނާއި މުދައްރިސުންނާއި ދަރިވަރުން ހޭލުންތެރިކުމުމަށް ފުޅާ ދާއިރާއެއްގައި ގައުމީ ކެންޕޭނެއް ހިންގާން އެބަ ޖެހެއެވެ. އެހެނީ ޢަމަލުތައް ބިނާވާނީ ކޮންމެ މީހަކު ވެސް ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށެވެ.
· ގައުމީ މަހާސިންތާތަކެއް ބޭއްވުން: ދިވެހިބަހުގެ މަސްލަތުވެރީންނަށް ޚާއްޞަކޮށްގެން ގައުމީ ބޮޑު މަހާސިންތާއެއް ބޭއްވާން އެބަޖެހެއެވެ.
· ކުރު މެސެޖުތައް މުޖުތަމަޢަށް ފެންނާނެ ގޮތަށް ބައްޓަންކުރުން: ދިވެހިބަހަށް އިސްކަންދިނުމަކީ ލާޒިމު ކަމެއްކަން އަންގައިދޭ ކުރުމެސެޖުތައް އާންމުތަންތާނގައްޔާއި އިސްކޫލުތަކުގައި ހަރުކުރާން އެބަޖެހެއެވެ.
· ބަހުގެ ޢިލްމުވެރީންގެ ކުރު މެސެޖުތައް ޓީވީއާއި ރޭޑިއޯއިން އާންމުކުރުން: މާދަރީބަހާ މެދު ބަހުގެ ޢިލްމުވެރީންގެ ބުނުންތައް ރޭޑިއޯއާއި ޓީވީ ޚަބަރު ގަޑިތަކުގެ ކުރީންނާއި ޚަބަރާ ވިދިގެން އާންމުކޮށް ފޮނުވާން އެބަ ޖެހެއެވެ. ހެޔޮ ނަސޭހަތެއް އަބަދު ތަކުރަރުކުރާ ނަމަ، އެ ވާހަކައެއް ގަބޫކުރާން ފަސޭހަވާނެއެވެ. އާންމުންނަށް މި ހަގީގަތްތައް ގަބޫލުކުރެވިގެން ނޫނީ، މި ހަގީގަތާ އެއް ގޮތަށް އާންމުނެއް ޢަމަލެއްނުކުރާނެއެވެ.
އާދޭހެވެ! ދިވެހިބަސް ކުރިއެރުވުމަކީ ހަމައެކަނި ދިވެހިބަހުގެ އެކަޑެމީއަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢާއި ހުރިހައި ފަރުދުންގެ ފަރުދީ ޒިންމާއެކެވެ. މައިންބަފައިން ގޭތެރޭގައި ކުދީންނާ ދިވެހިބަހުން ވާހަކަދެއްކުމާއި، ޒުވާނުން މީސްމީޑިއާގައި ރީތި ދިވެހިބަސް ބޭނުންކުރުން އިތުރުކުރާންޖެހެއެވެ. މިއަދު އަޅުގަނޑުމެން އަޅާ ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން ނޫނީ، އަންނާން އޮތް ޖީލުތަކަށް ފަޚުރުވެރި ދިވެހިބަސް ފޯރުކޮށްދިނުމަކީ މުސްތަޙީލު ކަމަކަށް ވެދާނެއެވެ.
ދިވެހިބަހަކީ ހަމައެކަނި މުޢާމަލާތުކުރާ ވަސީލަތެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ތާރީޚާއި، ސަގާފަތާއި، ކާބަފައިންގެ ތަރިކައެވެ. އެއީ އަމާނާތެކެވެ. ބަސް ނެތިގެން ހިނގައްޖެ ނަމަ، ޤައުމިއްޔަތު ގެއްލިގެންދާނެއެވެ. ގައުމިއްޔަތު ނެތިދިޔުމަކީ އަބަދަށް ޓަކައި ދިވެހީންގެ ނެތިދިޔުމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު ތަންފީޒުކުރުމުގައި ބަހަނާދައްކާ ފަރާތްތައް، ބަސްބުނެވޭ މަގާމުތަކުން އެއްފަރާތްކުރާންޖެހެއެވެ. ދިވެހި ގައުމިއްޔަތަށް ޓަކައެވެ. ދިވެހިބަހުގެ ހައްގުގައެވެ.
ބައެއް ލަފުޒުގެ މާނަ:
ނިމުތުވެރިޔާ ނ. އެ މީހަކަށް ލިބިފައި ހުންނަ ނުވަތަ އެއްކުރެވުނު މަޢުލޫމާތަކަށް ބިނާކޮށް، ކަންކަން ކުރިއަށް ލަފާކުރާ މީހާ. forecaster
އިސްކަންދިނުން މ. ވަކި ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ކަމަކަށް ނުވަތަ މީހަކަށް އެންމެ މުހިންމުކަންދިނުން. prioratize
ވިދާރާ ނ. (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައްކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. academy
މީޑީއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާނަން. media
މުސްތަހީލު ނއ. (1) ވުން އެކަށީގެންނުވާ. (2) ހުރުން އެކަށީގެންނުވާ. impossible
ސަގާފަތް ނ. އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބަޔެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހައި ކަމަކާ ގުޅިފައިވާ އާދަކާދަ. culture
ސިނާރު ނ. ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި، ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު، އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. AI